ދުވަސްކޮޅެއްފަހުން ޒީޝާންގެ ކޯސްވެސް ފެށިއްޖެއެވެ. ފުރަތަމަކޮޅު އޭނާ ކުލާހަށް ދިޔައީ ދާހިތަކުން ނޫނެވެ. އާބަޔަކާ ކުރިމަތިލައި އާކަންތައް ތަކެއް ތަޖުރިބާކުރަން ޖެހޭތީއެވެ. ކުލާހުގައި ތިބީ ގިނައިން އޭނާއަށް އާމޫނުތަކަކަށް ވީނަމަވެސް، ކުރިންދެކެފަރިތަ ކުދިންވެސް ތިއްބެވެ. އޭނާއާ އެއްދުވަސްވަރެއްގައި ސުކޫލު ނިންމި ދެތިން ކުއްޖަކުވެސް އުޅެއެވެ. ހުރިހާކުދިންނަކީވެސް ގާތްގަނޑަކަށް އޭނާއާ ދާދި އެއްއުމުރުގެ ކުދިންކަމަށްވީތީ އެމީހުނާ އެކުވެރިވާކަށް ގިނަދުވަހެއްވެސް ނުނެގިއެވެ. ދެޖިންސްގެ ކުދިން އެކުގައި ދިޔަނަމަވެސް، އޭނާ ބަލަނީ ވީހާވެސް ބޮޑަށް ފިރިހެންކުދިންނާ ދުރުގައި އުޅެވޭތޯއެވެ. ލާނެތް ކުއްޖަކު އޭނާއާ ސަމާސާއެއްކުރި ނަމަވެސް އޭނާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލަނީއެވެ.
ކުލާސްފެށުމުގެ ހަފްތާއެއްހައި ދުވަސްކުރިން ޒީޝާން ސައިކަލު ދުއްވުމުގެ ލައިސަންސް ނެގިއެވެ. އޭނާގެ ބައްޕަ އޭނާއަށް ސްކޫޓީއެއް ހޯދާފައި ހުންނަތާވެސް ގާތްގަނޑަކަށް އަހަރުވީއެވެ. އޭނާއަށް ކުރިންވެސް ސައިކަލު ދުއްވަން އެނގުނު ނަމަވެސް، އޭނާއަކީ އާއްމުކޮށް ބޭރަށް ގޮސްއުޅޭ ކުއްޖަކަށް ނުވާތީ ލައިސެންސް ނެގުންވެސް މާ މުހިއްމުކަމަކަށް ނުވީއެވެ. ނަމަވެސް މިހާރު އޭގެ ބޭނުންވެސް ޖެހުނީއެވެ. ދެރެއަކު ޒައިކްވެސް އޭނާ ގެންގޮސްދޭން އުޅުމުންވެސް އޭނާ އެކަމުން މަނާވެގަތެވެ. އެހެންކަމުން ޒައިކްވެސް ފަހުން ނާހައެވެ. އެހެންނަމަވެސް ކޯސްދާގޮތާބެހޭގޮތުން ސުވާލުކޮށްލާ ހަދައެވެ. ކޯހަށްދާން ފެށުމުން ޒީޝާން ހުންނަނީ ވަރަށް ހަމަޖެހިފައެވެ. އެހެންކަމުން ޒައިކްވެސް ހުންނަނީ ހިތްހަމަޖެހިފައެވެ.
ދުނިޔެއިން ދުވަހެއް އުމުރުން ދުވަހެއް ވޭތުވެގެން ދެއެވެ. ޒީޝާންއާއި ޒައިކްގެ ކައިވެންޏަށް ހަތަރުމަސް ވެއްޖެއެވެ. ނަމަވެސް އެދެމެދުގައި އަދިވެސްވަނީ ބީރައްޓެހި ކަމެވެ. ކޮންމެވެސް ވަރަކަށް ދެމީހުންގެ މެދުގައި ވާހަކަ ދެކެވުނު ނަމަވެސް، ދެމަފިރިއެއްގެ މެދުގައި ހިނގާނެ ފަދަ އެއްވެސް މުއާމަލާތެއް ނުހިނގައެވެ. ޒީޝާން ނުރުހުންވެދާނެތީ އެފަދަ މުއާމަލާތެއް ކުރާކަށްވެސް ޒައިކްއަކަށް ނުކެރެއެވެ. ބަހަނާއެއް ދައްކައިގެން ޒީޝާންގެ އަތުގައި ހިފާލިޔަސް އެއަށްވުރެ އަވަހަށް އަތްދަމައިގެންފައި އޭނާގެ ކުރިމަތިން ފިލައެވެ. ބައެއްފަހަރު ޒައިކްގެ އަމަލުތައް ހުންނަގޮތުން ޒީޝާންގެ ހިތުގައި ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. އެއްގެއެއްގައި އަމުދުން އެއްކޮޓަރިއެއްގައި އުޅެންޖެހިފައިވާއިރު ޒައިކްއާ ފިލައިގެންވެސް އުމުރު ދުވަހު އުޅޭނީ ކިހިނެއް ހެއްޔެވެ؟
އެގޮތުގައި ދުވަސްތައް ހޭދަވަމުން ގޮސް ކޯހުގެ ފުރަތަމަ ދެ މޮޑިއުލްނިމިއްޖެއެވެ. މިރެއަކީ، ބަންދު ދެދުވަހަފަށްފަހު އާމޮޑިއުލް އެއް ކިޔަވަން ފެށޭ ރެއެވެ. އެހެންކަމުން ޒީޝާން މިރެއަށް ރަނގަޅަށް ތައްޔާރުވިއެވެ. އަދި ގަޑިޖެހުމުގެ ފަނަރަ މިނެޓްކުރިން އޭނާ ގެއިން ނުކުތެވެ. އޭނާއަށް ދެވުނުއިރު އޭނާގެ އެކުވެރިންގެ ތެރެއިން ފައިހާއާއި އަރީޝާވެސް ތިއްބެވެ.
" ހާދަ އަވަހަކަށް މިރޭއައީ" އެކުދިން ފެނުމުން ޒީޝާން ބުނެލިއެވެ.
" އަންނަން ވާނެއްނު….މިރޭ އަންނަނީ އާމީހެކޯ ކިޔަވައިދޭން…ނޭނގެ ވިއްޔަ ކިހާވަރެއްގެ މީހެއްކަންވެސް….އެހެންވީމަ ގަޑިނުޖެހިވޭތޯ ބަލަންވާނެއްނު" ފައިހާ ބުންޏެވެ.
" ކޮންމެ މީހަކު ކިޔަވައިދިނަސް ދިވެހިބަހުން ކިޔައިވައިދެންޏާ މަށަށް އެންމެ ރަނގަޅު…އެހެންނޫނީ މަވާނީ ފެއިލް…." ޒީޝާން އޭނަގެ ވިސްނުން ހާމަކުރިއެވެ.
" ޒީހަމަ އެހާ ފޫހިވޭތަ އިނގިރޭސި ބަސްދެކެ…ދެން ސުކޫލުގަ އުޅުއިރު އިނގިރޭސި ގަޑީގަ ހެދީ ކިހިނެއް؟.." އެހެން ކުއްޖަކު ސުވާލުކޮށްލިއެވެ.
" އަސްލު ގްރޭޑް އަށަކާ ހަމައަށް ކިޔެވިން ހަމަ ރަނގަޅަށް….ނުވަޔަކަށް ދިޔަފަހުން އައިމީހެއްގެ ސަބަބުން ފޫހިވީ…ވަރަށް ހަރުކަށި މީހާގަނޑެއް އެއީ…ގިނަ ދުވަސް ދުވަހު އަހަރެން ހުންނާނި ގަޑި ނިމެންދެން ފާޚާނާގަ…ނޫނީ ކުލާހުގަ އިނަސް ނިދޭނެ" އިނގިރޭސި މުދައްރިސް މަތިން ހަނދާންވެފައި ފޫހިރާގަކަށް ޒީޝާން ބުންޏެވެ.
" އަނެއްކާ އެއްކަލަ ތޯމަސް ސަރ ގެ ވާހަކަތަ ތިދައްކަނީ؟…އެއީ ވަރަށް ފޫހިމީހެއް….މަވެސް ހާދަ ފޫހިވެޔޭ އެމީހާދެކެ.." އަރީޝާ ބުނެލިއެވެ.
" އޭނަ އަދިވެސް އެބައުޅޭތަ؟…މަހީކުރީ މިހާރު އޭނަ ފޮނުވާލީކަމަށް….އޭރު އެކަހަލަ ވާހަކައެއް ދެއްކީމަ މިހެން މިބުނީ…." ޒީޝާން އެހިއެވެ.
" ހޫމް…އޭނަ އެބައުޅޭ….އެއީ ޕްރިންސިޕަލަށް ބަލަދުއަރާ މީހެއްވީމަ ކަންނޭނގެ ކުދިން އެވަރަށް މައްސަލަ ޖައްސާއިރުވެސް ފޮނުވާނުލަން އެބަހައްޓަނީ" ފޫހިވެފައި ފައިހާ ބުނެލި ޖުމްލައިން ބޭއިޚްތިޔާރުގައި ޒީޝާންއަށް ހެވުނެވެ.
" ޒީކޮންއިރަކުތަ އޯލެވެލް ހެދީ؟…" އަރީޝާ އެހިއެވެ.
" ދެހާސް ސޯޅާގަ…." ޒީޝާން ޖަވާބުދިނެވެ.
" ފައިގެ ދޮންތަމެންނާއެކުދޯ…އެނގޭތަ ނައިފާ؟…" ފައިހާ އެހިއެވެ.
" އާނ..އެނގޭ…ކުލާސްމޭޓެއް އެއީ…." ޒީޝާން ޖަވާބުދިނެވެ.
ދެން އެކުދިންގެ މެދުގައި ކުރިޔަށް ދިޔައީ ސުކޫލުގައި އުޅުނުއިރު ހިނގާފައިހުރި އެކިއެކި ހާދިސާތަކުގެ ވާހަކައެވެ. ދޭތެރެ ދޭތެރެއިން ޒައިކްގެ ނަންވެސް އާދެއެވެ. ޒައިކްގެ ދެކެ އެކުދިން ޖެހިލުންވާވަރާއި އޭނާއާ ފިލަން ބައެއްފަހަރު އެކުދިން ކޮށްފައިހުރި މޮޔަކަންކަން ކިޔައިދިނުމުން ޒީޝާންއަށް ހެވެއެވެ. އެމީހުން ޒައިކްގެ ވާހަކަ އެވަރަށް ދައްކަނީ ޒީޝާންއަކީ ޒައިކްގެ ކާކުކަން ނޭނގޭތީއެވެ. ޒީޝާންގެ ޒާތީ ދިރިއުޅުމުގެ އެއްވެސް ކަމެއް އޭނާ އެކުދިންނާ ހިއްސާއެއް ނުކުރެއެވެ. ކުޑަމިނުން އޭނާއުޅެނީ ކައިވެނިކޮށްގެންކަންވެސް އެކުލާހުގައި އުޅޭ އެއްވެސް ކުއްޖަކަށް ނޭނގެއެވެ. އެކަން އެގޮތަށް ސިއްރުވެފައި އޮތީ ގެކައިރި އަވަށްޓެރި ކުށްޖަކުވެސް އެތާނގައި ނެތީތީއެވެ. އެއީވެސް ނަސީބެކޭ އޭނާގެ ހިތަށްއެރިއެވެ.
އެކުދިން ވާހަކަގައި ބޭރުގައި ތިއްބައި ތުނިތުނިކޮށް ވޭރޭވެހެން ފެށުމުން ހުރިހާކުދިންވެސް ކުލާހަށް ވަނެވެ. އިރުކޮޅެއްނުވެ ވާރޭވެސް ބޯކޮށްލައިފިއެވެ.
" މިރޭ…އަމީން ސަރ ހާދަލަސްވެއްޖޭ….މިތާއުޅޭ އެޑްމިން ކުއްޖާވެސް ނޫޅޭ ރެއެއްތަ؟…" މީހެއްގެ ހިލަމެއްނުވެ ގިނައިރުވާން ފެށުމުން އެތަނުން ކުއްޖަކު ބުންޏެވެ.
" މިރޭ އަންނާނީ އާމީހެއްކަން ޝާފީއަށް ނޭނގޭތަ؟…އެމީހަކަށް މަގުއޮޅީކަމަށްވެސް ވެދާނެ…" ފައިހާ ރައްދުދިނެވެ.
އިންތިޒާރު ދިގުލާދާތީ ހުރިހާކުދިން ޝަކުވާކުރަން ފެށިއެވެ. އެވަގުތު ޒީޝާންއަށް ފޯނެއް އައުމުން އޭނާ ކުލާހުން ނުކުތުމަށް ހިނގައިގަތެވެ. ދޮރުން ބޭރަށްއެޅި ފުރަތަމަ ފިޔަވަޅާއެކު، އެތެރެއަށް ވަންނަން ވަރަށްބާރަށް އައިމީހެއްގެ ގައިގާ އޭނާ ލައިގަތެވެ. އެއްވެސް ހުރަހެއްނެތި އޭނާގެ މޫނުގޮސް ޖެހުނީ އެމީހެއްގެ މޭގައެވެ. ސިހިފައި އޭނާގެ އަނގައިން އަޑެއްލައްވާލެވުނު ނަމަވެސް، އެވަގުތު އޭނާގެ ނޭފަތުގައި ޖެހުނު މީރުވަހެއްގެ ސަބަބުން އޭނާގެ ހިއްސުތަކަށްވެސް އެނގުން ވެލައިގެން ދިޔައެވެ. އޭނާގެ އަތުގައިވާ ފޯނުވެސް ދޫވެގެން ބިއްމައްޗަށް ވެއްޓިއްޖެވެ.
" ސޮރީ!…" ޒީޝަން އަށް އެމީހަކު މާފަށް އެދެމުން ގުދުވެ ޒީޝާންގެ ފޯނު ނަގާފައި އޭނާއަށް ދިއްކޮށްލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ.
" ޒީ؟" ހައިރާންވެފައި ޒުވާނާ ބުނެލިއެވެ.
ޒަލް؟" ޒީޝާންވެސް ހަމަ އެރާގުގައި ބުނެލިއެވެ.
ދެމީހުންނަށް ހިނދުކޮޅަކަށް އެކަކު އަނެކެއްގެ މޫނަށް ބަލަން ތިބެވުނެވެ. މިފަދަ ކުއްލިގޮތަކަށް ޒަލަފްއާ ބައްދަލުވެދާނެ ކަމަކަށް ޒީޝާންއަށް ހީކުރެވިފައެއް ނެތެވެ. އަދި ޒަލަފްވެސް މިރޭ މިތަނުން ޒީޝާން ފެނިދާނެ ކަމަކަށް ހިއެއް ނުކުރެއެވެ. އެހާގާތުން ޒަލަފްގެ ރީތި މޫނު ފެނުމުން ޒީޝާންއަށް ހަރަކާތް ހުއްޓިފައި ބަލަން ހުރެވުނެވެ. ކޮންމެވެސް ވަރަކަށް ތެމިފައިވާ އޭނާގެ އިސްތަށިގަނޑާއި މޫނުގައި ހަރުލާފައި ފެންތިކިތައް ބޮކިއަލީގައި މުތީތަކެއްފަދައިން ވިދަމުން ދިއުމުން އެމޫނުގެ އުޖާލާކަން އިތުރުކޮށްދީފައިވެއެވެ. ސީދާ ޒީޝާންގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރުމުން، އެފުން ދެލޮލުގެ ތެރެއަށް ހިނދުކޮޅެއްގެ ތެރޭގައި ޒީޝާން ގެނބިގެން ދިޔައެވެ.
ޒަލަފްގެ ހާލަކީތޯއެވެ. އެތައް ދުވަހެއްފަހުން ޒީޝާންގެ މައުސޫމު މޫނު ފެނުމުން އޭނާގެ ހިތުގައިވެސް ޖަޒްބާތުތައް އުތުރި އަރައިގަތެވެ. އޭނާގެ ދެއަތުގެ ތެރޭގައި އެމަޑުހަށިގަނޑު ބޮނޑިކޮށްލުމަށްފަހު މަލެއްފަދަ ދެތުންފަތުގައި ބޮސްދިނުމަށް ހިތްއެދުނެވެ. އެތައް ދުވަހަކުއްސުރެ ހިތުގައި ފޮރުވައިގެން އުޅޭ އުދާސްތައް ޒީޝާންގެ ކުރިމައްޗަށް ބަންޑުންކޮށްލަން ބޭނުންވިއެވެ.
ނަޒަރުގެ ބަސްމޮށުންތެރިކަމުން ހިތުގެ އުދާސްތައް ހާމަކުރަމުން ދަނިކޮށް، ކުއްލިއަކަށް ޒީޝާންގެ ފޯނު ރިންގްވުމާއެކު ދެމީހުނަށްވެސް ސިހުން ލިބުނެވެ. އެއާއެކު ޒީޝާން އަވަސް އަވަހަށް ކުލާސްތެރެއަށް ވަނެވެ. ޒަލަފްވެސް އިރުކޮޅަކު މަޑުކޮށްލުމަށްފަހު، އޭނާގެ ބޮލުން ފެންފޮޅަމުން އެތެރެއަށް ވަނެވެ. އޭނާ ހިނގާފައި އައިސް އެންމެނާ ކުރިމަތިލައިގެން ހުއްޓުމުން އެންމެންވެސް ބަލަންތިބީ ސުވާލުގެ ނަޒަރަކުންނެވެ. އެކުދިން ފުރަތަމަ ހީކުރީ އެއީ ކުލާހަށް އަލަށް ގުޅުނު ކުއްޖެއްކަމަށެވެ.
" ހެލޯ!" އެންމެން ބަލަން ތިބުމުން ކުޑަކޮށް ހީލާފައި ޒަލަފް ބުނެލިއެވެ. އޭނާގެ ނަޒަރު ވަކިން ޒީޝާންއާ ދިމާއަށް ހުއްޓުނެވެ. އޭރު ޒީޝާންއިނީ އިސްޖަހައިގެންނެވެ. އޭނާއާ ދިމާ ބަލާލަންވެސް ބޭނުން ނުވާ ކަހަލައެވެ.
" ކޮބާ އެންމެން ހަމަވީތަ؟…..އަހަރެން އެކަނިދޯ ގަޑިޖެހުނީ؟…ވާރެވެހޭތީ ކުޑަކޮށް ލަސްވީ…" ޒަލަފް އޮޅުން ފިލުވައިދިނެވެ.
" ތީ އަލަށް އައި ސަރތަ؟…" އެތަނުން އަންހެން ކުއްޖަކަށް ނީނދެވިގެން އަހާލިއެވެ.
" ޔާ!…ސޮރީ އަދި ތަޢާރަފެއްވެސް ނުދެވޭ ދޯ….އަހަރެންގެ ނަމަކީ ޒަލަފް….ރައްޓެހިން ކިޔާގޮތުންނަމަ ޒަލް…އެންމެ ރަނގަޅު ތިކުދިންވެސް ޒަލްކިޔަސް…." ޒަލަފް ތަޢާރަފުވެލިއެވެ.
ޒަލަފް ކިޔަވައިދޭން އައި ވާހަކަ ބުނުމުން ޒީޝާން ހައިރާންވިއެވެ. ޒަލަފްއަކީ އައިސީޓީއަށް މޮޅުމީހެއްކަމެއް އޭނާއަށް އެނގިފައެއްނެތެވެ. އޭނާއަށް ނޭނގޭ ކިތަންމެ ކަމެއް ޒަލަފްގެ ހުންނާނެއޭ އޭނާގެ ހިތަށްއެރިއެވެ. ޒަލަފް އޭނާއަށް އޮޅުވާލާފައިވަނީ ކިތައްކަންތައް ބާއެވެ.
އިސްދަށަށް ޖަހައިގެން ޒަލަފްއާމެދު ވިސްނަން އިން ނަމަވެސް ޒަލަފްގެ ފިރިހެންވަންތަ އަޑު އިވުމުން ޒީޝާންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޒަލަފްއާ ދުރުގައި ހުރުމަށް ހިތާހިތުން އަޒުމް ކަނޑައަޅައިގެން ހުރިނަމަވެސް ކުރިމައްޗަށް އައުމުން މިހާރުވެސް އޭނާ އެއިނީ ފިނޑިވެފައެވެ.
" ސަރ ތަ ދެން ކިޔަވައިދޭނީ އެއްކޮށްވެސް؟…" އެހެން ކުއްޖަކު އަހާލިއެވެ.
" ނޫނޭ…އަމީން ސަރ އަންނަންދެން އަޅުގަނޑު ކިޔަވައިދޭނީ…" ޒަލަފް އޮޅުން ފިލުވައިދިނެވެ.
ޒަލަފް އެކުދިންނާ ބައްދަލުވި ފުރަތަމަ ރޭކަމަށްވުމުން އޭނާ ހުރިހާ ކުދިންގެވެސް ތަޢާރަފަށް އެދުނެވެ. ފަހަރަކު ކުއްޖަކު ތަޢާރަފްވަމުން ގޮސް ޒީޝާންއާ ހަމައަށް އައުމުން އޭނާގެ ހިތްއަވަސްވެގެން ދިޔައެވެ. އެހެން ހުރިހާކުދިން ހިނިތުންވުމަކާއެކު ޒަލަފްއަށް ތަޢާރަފްވީ ނަމަވެސް، ޒީޝާން ވާހަކަދެއްކީ އިސްއުފުލާ ބަލާވެސްނުލާ އެއިންގޮތަށް އިނދެއެވެ. އޭނާއަށް ޒަލަފްއާ ހަތަރުކަޅި ހަމަކުރުންވީ ނުހަނު އުނދަގޫ ކަމަކަށެވެ. އޭނާ އިނީ ހަމަ އެވަގުތުވެސް އެތަނުން ދާން ބޭނުންވެފައެވެ. ޚުދު ޒަލަފްއަށްވެސް އެކަން އިހްސާސް ކުރެވުނެވެ.
" މާދަމާ ރޭ އަހަރެމެންނަށް އާ ލެސަންއެއް ފެށޭވަރުވާނީ….ކޮންމެ ކުއްޖަކުވެސް ކޮންމެވެސް ވަރަކަށް މޮޑިއުލްއާބެހޭ ޓިއުޓޯރިއަލްއެއް ބަލާލައިގެން ކުލާހަށް އަންނާތި….އޭރުން ވަރަށް ފަސޭހަވާނެ….ވިއްސާރަވީމަޔާއެކު މިރޭ ދެން ނިންމާލާނީ ދޯ…." ކުދިންނާ މުޚާތަބުކޮށް ޒަލަފް ބުނެލިއެވެ. ޒަލަފްއަށް ކުލާހަށް އާދެވުނުލެއް ލަސްކަމާއެކު، ކުދިންގެ ތަޢާރަފް ނިމުނުއިރު، ގަޑީގެ ބޮޑުބައިވަނީ ގޮސްފައެވެ. އެހެންކަމުން އޭނާ ގަސްތުކުރީ ކިޔަވައިދިނުން ޖެހިގެން އަންނަރެޔަށް ފަސްކުރުމަށްފަހު ކުލާސް ކުރުކޮށްލުމަށެވެ.
ކުލާސް ނިމުނުކަން ޔަޤީންވުމުން އެންމެ ފުރަތަމަ ކުލާހުން ނުކުތުމަށް އުޅެގަތީ ޒީޝާންއެވެ. އޭނާ އަވަސް އަރުވާލާފައި ތެދުވި ވަގުތު ގޮނޑީގައި ދަބަހުގެ ވާގަނޑު އަޅައިގެންފައި ދަބަސް ދޫވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. އޭނާ އަވަސް އަވަހަށް ގުދުވެ ދަބަސް ނަގައިގެން ހިނގައިގަތެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް ގެޔަށް ދިއުމަށެވެ. ނަމަވެސް އޭރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. މިރޭ ތެމިގެން ދާންޖެހުނު ނަމަވެސް މަޑުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. އޭނާ ދުވެފައި ބޭރަށް ނުކުމެ، ސްކޫޓަރގެ ތަޅުދަނޑި ނަގަން ދަބަހަށް އަތްކޮށްޕާލިއެވެ. ނަމަވެސް ތަޅުދަނޑީގައި އަތްޖެހޭގޮތެއް ނުވިއެވެ.
" އާހް!…ދެން ތަޅުދަނޑި ގަނޑުވެސް ފެންނާކަށް ނޫޅޭނެ…" ޒީޝާން ތެމެން ފެށުމުން ރުޅިގަދަވެފައި ބުންޏެވެ.
" ޒީ…ކިހިނެއްވީ؟…" ސައިކަލު ސްޓާރޓްކުރަމުން އަރީޝާ އެހިއެވެ.
" ތަޅުދަނޑި ނުފެނިގެން….ކަލޭމެންދޭ…އަހަރެން އެބައަންނަން…" ކުލާސްތެރެއަށް ތަޅުދަނޑި ވެއްޓުނީކަމުގައި ޔަޤީންކޮށްފައި ޒީޝާން އެނބުރި ކުލާސްރޫމަށް ވަނެވެ. އޭރު ހުރިހާކުދިން ބޭރަށް ނުކުމެއްޖެއެވެ. ޒަލަފްވެސް އޭނާގެ ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިންދައި މީހަކު ވަތްހެން ހީވެގެން ބަލާލިއިރު، ޒީޝާން ހަލުވިކަމާއެކު އެތެރަށް ވަންނަނީއެވެ. އަދި އޭނާއާ ދިމާ ބަލާވެސްނުލާ ގޮސް ޒީޝާން އިން ގޮނޑި ކައިރިއަށް ހުއްޓި ތަޅުދަނޑި ހޯދަން ފެށިއެވެ.
" އެއްޗެއް ގެއްލުނީތަ؟…" ޒީޝާން ފަރާތް ފަރާތް ބަލަން ފެށުމުން ނީނދެވިގެން ޒަލަފް އެހިއެވެ. ނަމަވެސް ޒީޝާން ޖަވާބެއްވެސް ނުދީ އޭނާގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ. ޒަލަފް އިރުކޮޅަކު ބަލަން އިނުމަށްފަހު، އިންތަނުން ތެދުވެ ޒީޝާންއާ ދިމާއަށް ހިނގައިގަތެވެ.
" ގެއްލުނު އެއްޗެއް ބުނަނިކޮށް ހޯދަން އަހަރެންނަށްވެސް އެހީވެވިދާނެ…." ޒީޝާންގެ ގާތަށް ހުއްޓެމުން ޒަލަފް ބުނެލިއެވެ. ދެންވެސް ޒީޝާން އަނގައި ނުބުނެ، ގުދަށް އޮވެގެން ފަހަރަކު ގޮނޑިއެއްގެ ދަށް ބަލަންފެށިއެވެ. އެވަރުންވެސް އޭނާގެ ލޮލުގައި ތަޅުދަނޑި އަޅައެއްނުގަތެވެ. އެއަށްވުރެބޮޑަށް އޭނާއަށް ވިސްނެމުން ދިޔައީ ޒަލަފް އެތާ ހުރުމުންނެވެ. ޒަލަފްވެސް އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ދަނިކޮށް އޭނާއަށް ޒީޝާންގެ ތަޅުދަނޑި ފެނިއްޖެއެވެ. ޒަލަފް ހީލަމުން ގޮސް ސިއްރު ސިއްރުން ތަޅުދަނޑި ނަގައި ޖީބަށްލިއެވެ.
ޒީޝާން ފަހަރަކު ތަނެއް ހޯދަމުން ގޮސް މުޅި ކުލާސް ހޯދުނުއިރުވެސް އޭނާއަށް ތަޅުދަނޑި ފެންނަގޮތެއް ނުވިއެވެ. މިހާރު އޭނާހުރީ ނުހަނު ކަންބޮޑުވެފައެވެ. ތަޅުދަނޑި ނުފެނިއްޖެނަމަ އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ގެޔަށް ދާނީވެސް ކިހިނެއް ހެއްޔެވެ؟ ވާރޭވެސް ދިޔައީ ހިނދެއް ހިނދަކަށް ބޯކުރަމުންނެވެ. އެންމެފަހުން ގޮތް ހުސްވެގެން ހުރެ ކުލާހުން ނުކުތުމަށް އޭނާ ހިނގައިގަތެވެ.
" މިތަ ތިހޯދަނީ؟…" ޒަލަފް ފަސްދީ ހިނގައިގަތުމުން، އޭނާ ބުނެލިއެވެ. ޒީޝާން ޖެހިލުންވެހުރެ ފަހަތް ބަލާލިއިރު، ޒަލަފް އޭނާގެ ތަޅުދަނޑި ހިފައިގެން ހުއްޓެވެ. މިއޮއްހުރިހާއިރު، އޭނާ ތަޅުދަނޑި ހޯދިއިރުވެސް އަޅާނުލައި ޒަލަފްހުރީތީ އޭނާގެ ގާތަށް ރުޅިއައެވެ. އޭނާ ބާރުބާރަށް ގޮސް ތަޅުދަނޑި ޒަލަފް އަތުން ޖަހައިގަތުމަށް ގަސްތުކުރިއެވެ. ނަމަވެސް އެއަށްވުރެ ޒަލަފް ހުޝިޔާރެވެ.
" ޒީ…އަދިވެސް ރުޅި އައިސްފަތަ ތިހުރީ؟…" ޒީޝާންގެ ގާތަށް ޖެހިލަމުން މަޑުމައިތިރިކަމާއެކީ ޒަލަފް އަހާލިއެވެ.
" ތަޅުދަނޑި ގެނޭ…." ޒީޝާން ރުޅި އައިސްފައި އަމުރުކޮށްލިއެވެ.
" ރީތިކޮށް ބުނިއިރަކުން ލިބޭނީ؟…" ޒީޝާން ރުޅިއައިސްފައި ހުރީތީ ޒަލަފް ގަދަކޮށްލިއެވެ.
" މިބުނީނު ތަޅުދަނޑި ދޭށޭ…" ކުރިޔަށްވުރެ ބާރަށް ޒީޝާން ބުންޏެވެ.
" ޒީ…އަހަރެންނާ ވާހަކަ އިހަށް މަޑުކޮށްލަބަލަ!…އަހަރެން ބޭނުން ޒީއާ ވާހަކަދައްކަން….އަހަރެން ބޭނުން ޒީއަށް އަހަރެންގެ ހަޤީޤަތް އޮޅުން ފިލުވައިދޭން…" ޒަލަފް އަސަރާއެކު ބުނުމުން ހިނދުކޮޅަކަށް ޒީޝާންއަށް ޒަލަފްގެ މޫނަށް ބަލާލެވުނެވެ.
އެމޫނުން ހިތާމައިގެ އަސަރު ފާޅުވިހެން އޭނާއަށް ހީވިއެވެ. ނަމަވެސް ދެވަނަ ފަހަރަށް އޭނާ ޒަލަފްގެ މަޅީގައި ޖެހޭކަށް ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ކުއްލިއަކަށް ޒަލަފް އަތުން ތަޅުދަނޑި ޖަހައިގެންފައި ހަލުވިކަމާއެކު ބޭރަށް ހިނގައިގަތެވެ. ނަމަވެސް ޒަލަފް އެއަށްވުރެ އަވަހަށް ގޮސް ދޮރުލެއްޕިއެވެ. ޒަލަފްގެ އެހަރަކާތުން ޒީޝާންއަށް ވަގުތުން ހުރި ފިޔަވަޅުމަތީގައި ހުއްޓެވުނެވެ. އަދި ސިހުން އެކުލެވިގެންވާ ނަޒަރަކުން ޒަލަފްގެ މޫނަށް ބަލާލެވުނެވެ.
ނުނިމޭ