Last Updated: April 25, 09:40
Thursday, April 25, 2024
ރިޕޯޓް

މަގު "ވޯތު" ތަ ސައިކަލަށް؟

ގަނބައިގެން ގޮސްފައިވާ ސައިކަލު: ފޮޓޯ - ފޭސްބުކް

ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކުރާ ކޮންމެ ސައިކަލެއް ދުއްވެނީ ރޯޑު ވޯދިނެސް ފީއެއް ސަރުކާރަށް ދެއްކުމަށް ފަހުގައެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި މި ފީއަކީ ރައްޔިތުން އަބަދުވެސް ދައްކަން ދެކޮޅު ހަދާ ފީއެކެވެ. ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. ރޯޑު ވޯދިނެސް ފީއެއް ނަގާއިރު އުޅަނދުތަކުގެ ވެރިން އަބަދުވެސް ކުރާ ސުވާލަކީ އުޅަނދު ދުއްވަން މަގު "ވޯތު" ހެއްޔެވެ؟

މިއަދުވެސް ފުވައްމުލަކު ސިޓީއިން ވަނީ މިފަދަ މަންޒަރެއް ފެނިގެން ގޮސްފައެވެ. އެތެރެ މަގެއްގައި ވިއްސާރަވުމުގެ ސަބަބުން ވަޅުގަނޑު ހެދިފައިވަނިކޮށް ސައިކަލެއް ވަނީ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ގަނބައިގެން ގޮސް ވަޅުގަނޑު ތެރޭ ހަރުލާފައެވެ.

ދުއްވަން ހުރި މީހާގެ އިތުރުން ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ރަށުގެ ބޭރު މަގުތަކުގައި ތާރު އަޅާ ރަނގަޅު ފެންވަރަކަށް ހަދާފައިވި ނަމަވެސް އެތެރެ މަގުތަކުގެ ހާލު މީގެ ފަންސާސް އަހަރާ މިއަދާ އެއްވެސް ތަފާތެއް ނެތެވެ.

މިއީ ފުވައްމުލައް ނުވަތަ އައްޑޫގެ އެކަނި ހާލަތެއް ނޫނެވެ. އާބާދީ ބޮޑު އެތައް ރަށެއް، އުޅަނދުތައް އެހާމެ ގިނަވެފައިވި ނަމަވެސް މަގުގެ ހާލަތަށް ބަދަލެއް ނާދެއެވެ. ހިނގާ އުޅޭ މީހުންނަށް ވުރެ ވިއްސާރަ ވެއްޖެނަމަ އުޅަނދުތަކުގައި ދަތުރުކުރަން ދަތިވާތަން ފެނިގެން ދެއެވެ. އެހެންކަމުން ހަމަ ހަގީގަތުގައި ވެސް ދުއްވަން ހުރި ރޯޑުތައް އުޅަނދުތަކަށް ވޯތު ހޭ މިއީ ކޮށްލުން ރަނގަޅު ސުވާލެކެވެ.