Last Updated: April 26, 11:19
Friday, April 26, 2024
ކުޅިވަރު

ޔުނައިޓެޑްގެ ކޮންޓްރެކްޓް ޑެހެއާ އާކޮށްފި

މެންޗެސްޓަރ ޔުނައިޓެޑާއެކު ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.

އުމުރުން 28 އަހަރުގެ ޑެހެއާ ކޮންޓްރެކްޓް އާކޮށްފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކްލަބުގައި ހުރުމަށެވެ. އަދި އެ މުއްދަތު ހަމަވުމުން ކޮންޓްރެކްޓް އިތުރު އެއް އަހަރަށް ދިގު ދިންމާލުމުގެ ފުރުސަތު ޔުނައިޓެޑަށް އޮންނާނެއެވެ.

ކޮންޓްރެކްޓް އާކުރުމަށްފަހު ސްޕެއިން އަށް އުފަން ޑެހެއާ ބުނީ ޔުނައިޓެޑާ އެކު ކެރިއަރު ކުރިއަށްގެންދަން ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށާއި ސަޕޯޓަރުން ދެމުން އަންނަ ސަޕޯޓުގެ ބަދަލު ކާމިޔާބީތަކާއެކު ރައްދުކުރަން ބޭނުންވާ ކަމަށެވެ.

"ކުރިމަގާ މެދު މިހާރު މިއޮތީ ގޮތެއް ނިންމިފައި. މިހާރު ބޭނުންވަނީ މި ކްލަބާއެކު ކާމިޔާބީތައް ހޯދަން. މި ކްލަބަށް އަލުން ކާމިޔާބީތައް ހޯދަން ފެށޭނެ ކަމަށް ގަބޫލުކުރަން" ޑެހެއާ ބުންޏެވެ.

2011 ވަނަ އަހަރު އެތްލެޓިކޯ މެޑްރިޑުން 19 މިލިއަން ޕައުންޑުގެ އަގަކަށް ޔުނައިޓެޑާ ގުޅުނު ޑެހެއާ ވަނީ މިހާތަނަށް އެ ކްލަބަށް 367 މެޗު ކުޅެދީފައެވެ. އޭނާ ޔުނައިޓެޑާ އެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕްގެ އިތުރުން ޔޫރޮޕާ ލީގެއް ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑްގެ ކޮންޓްރެކްޓް ޑެހެއާ އާކުރިއިރު ދާދިފަހުން އެ ކްލަބުގެ ފޯވާޑް މާކަސް ރަޝްފޯޑު ވެސް ވަނީ ހަތަރު އަހަރުގެ މުއްދަތަކަށް އެ ކްލަބުގެ ކޮންޓްރެކްޓް އާކޮށްފައެވެ.