Last Updated: June 7, 14:01
Sunday, June 7, 2020
ރިޕޯޓް

ޓެރަރިޒަމް ގާނޫނު: ފުލުހުންގެ މުއައްސަސާ އިސްލާހު ނުކޮށް އިތުރު ބާރުތައް ދެނީ!

ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ޤާނޫނުތަކުން ދީފައިވާ ބާރުތަކަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދެވިފައިވާ ބާރުތަކެކެވެ. އަދި އިތުރު ބާރުތަކެއް ދޭކަމުގައިވާނަމަ އެ ދެވޭ ބާރެއް ދިނުމުގެ މައިގަނޑު މަޤްސަދަކަށްވާނީ ވެސް ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމެވެ.

ނަމަވެސް ރައްޔިތުންގެ ހައްޤުތައް ހަނި ކުރެވޭ ގޮތަށް އެއްވެސް ބަޔަކަށް ބާރުތައް ދިނުމުގައި ސަމާލުވާންވީ ވަރަށް ގިނަ ކަންކަން ހުންނާނެއެވެ. ޒިންމާ ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތި ހިފެހެއްޓުމެއް ނެތް ބާރުތައް ދިނުމަކީ ނުރަނގަޅު ނަތީޖާތައް ނިކުމެދާނެ ކަމެކެވެ. ވޭތުވެދިޔަ މާޒީގައިވެސް އަޅުގަނޑުމެންގެ ރާއްޖޭގައި އެފަދަ ތަޖުރިބާތައް ކުރެވިފައި އެބަހުއްޓެވެ.

ޓެރެރިޒަމްގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ސަރުކާރުން އިހަށް ދުވަހު މިވަނީ ވަރަށް ތަފްސީލުކޮށް ހާމަކޮށްފައެވެ. އެއާއެކު ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަލާމަތީ ބާރުތަކަށް އިތުރު ބާރުތަކެއް ލިބޭގޮތަށް ގިނަ އިސްލާހު ތަކެއް ވެސް ސަރުކާރުން މިވަނީ ހުށަހަޅާފައެވެ.

ސަރުކާރުން ހުށަހެޅި މުހިންމު އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ޓެރެރިޒަމްގެ ތުހުމަތުވާ މީހުން ކޯޓު އަމުރެއް ނެތި 48 ގަޑިއިރު ވަންދެން ބަންދުކުރުން ހިމެނެއެވެ. ނަމަވެސް މިއީ ރާއްޖޭގައި ޓެރެރިޒަމް މަނާކުރުމަށް ކިހާ މުހިންމު ކަމެއް ތޯ ސުވާލު އުފެދެއެވެ. ނޫނީ ޓެރެރިޒަމްގެ ކުށްތައް ހުއްޓުވުމަށް މިއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްތޯ ސުވާލުއުފެދެއެވެ.

އެންމެ ފުރަތަމަ މިހާރު ކަން ހިނގާ އުސޫލު ބަލަމާ ހިނގާށެވެ. މިހާރުވެސް ހެދިފައިހުރި ޤާނޫނުތަކުން ކޯޓު އަމުރެއް ނެތި ކުށުގެ ވެށިން މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިފައި އެބައޮތެވެ. އެހެންކަމުން ޓެރެރިޒަމްގެ އަމަލެއް ހިންގުމަށް މަސައްކަތްކުރާ މީހާވެސް ކުށުގެ ވެށިން ފުލުހުންނަށް ކޯޓު އަމުރެއް ނެތި ހައްޔަރުކުރެވޭނެ މަގު އެއޮތީ ފެންނާށެވެ.

ދެން އޮތީ ކުށުގެ ވެށިން ބޭރުގައި ޓެރެރިޒަމްގެ ތުހުމަތުވާ މީހާއެވެ. މީހެއްގެ މައްޗަށް މިފަދަ ކުށެއް ތުހުމަތުވާނީ ސަބަބުތަކެއް ހުރެގެންނެވެ. އޭގެ ތެރޭގައި ތުހުމަތުވާ ކަމަކަށް ބާރުލިބޭ މައުލޫމާތުތަކެއް ހިމެނޭނެކަމަށް ބެލެވެއެވެ. ނުވަތަ އެ މީހަކު އެފަދަ ކުށެއް ކުރަންއުޅޭ ކަމަށް ލިބިފައިވަ ހެކިތައް ސަލާމަތީ ބާރުތަކަށް ލިބިފައިވާނެ ކަމަށް ބެލެވެއެވެ. އެއީ އެކަށީގެންވާ މައުލޫމާތެއް ނުވަތަ އެފަދަ ސަބަބުތަކެއްނެތި މީހެއްގެ މައްޗަށް މިހާ މަތީ ދަރަޖައިގެ ކުށެއްގެ ތުހުމަތު ކުރެވިދާނެކަމަށް ގަބޫލުނުކުރެވޭތީއެވެ. އެފަދަ ހާލަތުގައި މިހާރުވެސް އަމަލު ކުރަމުންދާ ގޮތަށް ކޯޓު އަމުރު ހޯދުމުގައި އެއްވެސް ހުރަހެއް އޮތްކަމަކަށް ނުފެނެއެވެ.

ބައެއް ޤާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރުވެސް ރާއްޖޭގައި އަމަލުކުރާ ޓެރެރިޒަމްގެ ޤާނޫނަކީ ދުނިޔޭގެ ގައުމުތަކުގައި ހެދިފައިވާ މިފަދަ ޤާނޫނުތަކާ އަޅާބަލާއިރު ހަރުކަށި ޤާނޫނެކެވެ. އެހެންކަމުން ސަލާމަތީ ބާރުތަކަށް އިތުރު ބާރުތައް ދިނުމަކީ ބޭނުންކަމެއް ނޫނެވެ.
މީގެ އިތުރުން ސަލާމަތީ ބާރުތަކަށް ރައްޔިތުންގެ ހައްޤުތައް ހިފެހެއްޓޭގޮތަށް އިތުރު ބާރުތަކެއް ދެވޭއިރު މާޒީގައި ލިބިފައިވާ ބާރުގެ ބޭނުން ހިފާފައިވަނީ ކިހިނެއްތޯ ބެލުމަކީވެސް މުހިންމު ކަމެކެވެ.

ދިވެހި ފުލުހުންގެ މައްޗަށް މިހާރުވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު އެފަދަ ކަމަކާއި ގުޅިގެން މިހާތަނަށް ފިޔަވަޅޭއް އަޅާފައިނުވެއެވެ. އެހެން ކަމުން އިތުރު ބާރުތަކެއް ދިނުމަކީ ރައްޔިތުން އިތުރު ނުރައްކަލަކަށް ހުށަހެޅިދާނެ ކަމެއް ކަމަށްބުނ ގިނަބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އަދި ރާއްޖޭގެ ސިޔާސީ ލީޑަރުންގެ މައްޗަށް އެންމެ ގިނައިން ކުރެވުނު އެއް ދައުވާއަކީ ޓެރެރިޒަމްގެ ދައުވާއަށްވާއިރު ޓެރެރިޒަމްގެ ކުށުގައި މީހުން ބެދޭނެގޮތް ފަސޭހަ ކުރުމަކީވެސް އެފަދަ ކުށްތަކުން ކުރިމަތިވާ ނުރައްކަލަށް އޮތް ހައްލެއް ކަމަށްވެސް ނުފެނެއެވެ.

ޤާނޫނަށް ބަދަލު ނުގެނެސް ތަރައްޤީކުރަންވީ ސަލާމަތީ ބާރުތަކުގެ ވަސީލަތްތަކެވެ. ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ގިނަކޮށް އިތުރަށް މަސައްކަތް ފުޅާކުރަންވީއެވެ. ކުށް ކަނޑައެޅެން އޮތް މަގު ޤާނޫނުން ފަސޭހަކުރުމަކީ ހައްޤުނޫން އަދަބެއް ބަޔަކަށް ދިނުމަށް ލިބިގެންދާނެ ފުރުސަތަކެވެ.