Last Updated: May 9, 02:20
Wednesday, May 8, 2024
ކުޅިވަރު

ޑޯޓްމަންޑާއި ދެކޮޅަށް ކުޅެން މެސީ ފިޓުވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިރޭ ބްރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް ކުޅޭ މެޗަށް ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ފިޓުވެއްޖެއެވެ.

ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ސީޒަނުގައި ބާސާ އިން ކުޅުނު އެއްވެސް މެޗެއްގައި މެސީ ކުޅެފައިނުވާއިރު މިރޭގެ މެޗުގެ ކުރިން ބާސާ އިން ބޭއްވި ދެ ފަރިތަކުރުންތަކުގައި ވެސް މެސީ ބައިވެރިވެފައިވެއެވެ. އެއާއެކު މިރޭގެ މެޗަށް ނެގި ސްކޮޑުގައި ވެސް މެސީ ހިމަނާފައިވެއެވެ.

މިރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން މެސީ ކުޅޭނެ ކަމުގެ ޔަގީންކަމެއް ނެތްއިރު އޭނާއާ ނުލައި ބާސާ އިން ސްޕެނިޝް ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ކާމިޔާބު ކުރެވިފައިވަނީ އެންމެ ދެ މެޗެވެ.

މެސީގެ އިތުރުން އެންމެފަހުން ބާސާ އިން ކުޅުނު ދެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އުމުރުން 16 އަހަރުގެ އަންސޫ ފާޓީ ވެސް މިރޭގެ މެޗަށް ނެގި ސްކޮޑުގައި ހިމަނާފައިވެއެވެ. ފާޓީ ވަނީ އެންމެފަހުން ކުޅުނު ދެ މެޗުގައި ދެ ގޯލު ކާމިޔާބުކޮށް އެސިސްޓެއް ހަދާފައެވެ.

ބާސާ އާއި ޑޯޓްމަންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.