Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އައްޑޫ އެކްސިޑެންޓުގައި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި

މަރަދޫފޭދޫ ލިންކު ރޯޑުގައި އެކްސިޑެންޓްވީ މީހާ - ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީ މަރަދޫފޭދޫގައި އިއްޔެ ހަވީރު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

އިއްޔެ ހިނގި އެކްސިޑެންޓުގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އިތުރު ފަރުވާ އަށް އެ މީހާ މާލެ ފޮނުވާލާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމީހާ އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށާއި އެމީހާގެ ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށެވެ.

އިއްޔެގެ އެކްސިޑެންޓުގައި އަނެއް ސައިކަލު ދުއްވަން އިނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެކްސިޑެންޓު ވުމާއެކު އޭނާ އެ ސަރަހައްދު ދޫކޮށް ގޮސްފައިވާއިރު އޭނާގެ އަތުގައި ލައިސެންސް ނޯންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އޭނާ ހޯދަމުންދަނިކޮށް ފެނިފައިވަނީ ލިބުނު އިތުރު އަނިޔާތަކަށް ފަރުވާ ހޯދުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންނެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.