Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

ޤައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކަށް ބީއެމްއެލް

ރާއްޖޭގެ ކުޅިވަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ޓެނިސް އެސޯސިއޭޝަންއާއެކު ސްޕޮންސަރޝިޕް އެގްރިމަންޓެއްގައި މިއަދު ސޮއި ކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ. އަދި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރުއެވެ.

ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖްރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް 3 އަހަރު ޤައުމީ ޓެނިސް ޗެންޕިއަންޝިޕް މިހާރަށްވުރެ ފުރިހަމަކޮށް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މިއީ މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް ހަރަކާތްވެސްމެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއީ ބޭންކަށް ވަރަށް މުހިންމު އަދި ޚާއްސަ ސްޕޮންސަރޝިޕެއް ކަމަށާއި އެގޮތުން މި އަހަރަކީ ޤައުމީ ޓެނިސް ޗެންޕިއަންޝިޕް ބާއްވަމުން އަންނަތާ 50 އަހަރު ފުރޭ އަހަރަށް ވުމާއެކު ވެސް މި ސްޕޮންސަރޝިޕް އިތުރަށް ޚާއްސަ ވެގެންދާ ކަމަށެވެ.

"މި ކުޅިވަރު މަގުބޫލު ވެގެންދާއިރު، އެސޯސިއޭޝަނުން ތަމްރީނު ކުރަމުންމިދަނީ ޒުވާން މޮޅެތި ކުޅުންތެރިންކަން ފާހަގަކޮށްލެވޭ. އަދި އެސޯސިއޭޝަންއަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މި ގޮތުން ބީއެމްއެލް އަކީ ޤައުމީ ފުޓްބޯޅަޓީމް ތަކުގެ އޮފިޝަލް ސްޕޮންސަރ އެވެ. އަދި ބާސްކެޓްބޯލް އެސޯސިއޭޝަން ގެ ޔޫތް ޑިވެލޮޕްމަންޓް ޕާރޓްނަރގެ އިތުރުން ސުވިމިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ގެ ނޭޝަންވައިޑް ޕާރޓްނަރ އަކީވެސް ބީއެމްއެލްއެވެ.