Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ނިއުޔޯކްގެ މިލިއަނަށްވުރެ ގިނަ ކިޔަވާ ކުދިންނަށް މޫސުމީ ހަޅުތާލުގައި ބައިވެރިވާން ހުއްދަ ދީފި

getty

އެމެރިކާގެ ނިއު ޔޯކް އަދި މުޅި ދުނިޔޭގައި ވެސް މާދަމާ ބާއްވާ މޫސުމީ ހަޅުތާލުގައި ބައިވެރިވުމަށް ނިއުޔޯކް ސިޓީގެ 1.1 މިލިއަން ކިޔަވާ ކުދިންނަށް ނިއުޔޯކް ޕަބްލިކް ސްކޫލްސް އިން ހުއްދަ ދީފިއެވެ. ނަމަވެސް ޕަބްލިކް ސްކޫލްސް ޑިޕާޓްމެންޓުން ބުނެފައިވަނީ ދަރިވަރުންގެ ބެލެނިވެރިންގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

ދުނިޔެއަށް މޫސުމީ ބަދަލުތަކުން ކުރިމަތިވަމުން އަންނަ ނޭދެވޭ އަސަރުތަކަށް، ގައުމުތަކުގެ ވެރިން އެދެވޭ ގޮތުގައި މަސައްކަތް ކުރުމަށް ބާރު އެޅުމުގެ ގޮތުން މިހަޅުތާލުގައި އިސް ނަގައިގެން ބައިވެރިވާނީ ސްކޫލް ކުދިންނެވެ. ސަބަބަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެބޮޑަށް ކުރާނެ ބަޔަކީ މުސްތަގުބަލުގައި އެ ކުދިންނަށް ކަމަށްވާތީއެވެ.

ހަޅުތާލު އިންތިޒާމް ކުރުމަށް ގޮވާލާފައިވަނީ 16 އަހަރުގެ ގްރެޓާ ތަންބާގްއެވެ. ގްރެޓާ ވަނީ ހޯމަ ދުވަހު ބާއްވާ ޔޫއެން ކްލައިމެޓް އެކްޝަން ސަމިޓްގައި ބައިވެރިވުމަށް ނިއުޔޯކްއަށް ޔޮޓެއްގައި 15 ދުވަހުގެ ދަތުރެއް ކުރުމަށް ފަހު އައުމުން ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދާފައެވެ. ސަމިޓްގައި ގްރެޓާ ތަގުރީރު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަކަށް ދިވެހި ރާއްޖެވެސް ވެފައިވާއިރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި ހުކުރު ދުވަހު ބާއްވާ މިހަޅުތާލުގައި ދިވެހި ކިޔަވާ ކުދިން އިސް ނަގައި ބައިވެރިވުން މުހިންމެވެ.