Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބަންގްލަދޭޝް ލޭބަރުން ގެނައުން މަނާކޮށްފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް - ފޮޓޯ: އިމިގްރޭޝަން

ބަންގްލާދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން އެއް އަހަރު ދުވަހަށް އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮންމެ ގައުމަކުން ވެސް ރާއްޖެ ގެނެވޭނީ ތަމްރީނު ލިބިފައި ނުވާ 150،000 މަސައްކަތްތެރީން ކަމަށް ކަނޑައަޅާފައިވާ ކަމަށާއި މިހާރު ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންނާއެކު އެ އަދަދު އެ ގައުމަށް ހަމަވެފައިވާ ކަމަށެވެ.

"އެހެންވީމާ މިހާރު ކަންވެފައި އޮތް ގޮތުން ވެއްޖެއްޔާ ބަންގްލަދޭޝް އަށް އިތުރަށް މީހުން ވެއްދޭކަށް ނެތް މިވަގުތު. އެ ކޯޓާ އޮތީ ހަމަވެފައި" މިނިސްޓަރު ވިދާޅުވިއެވެ.

މި ނިންމުމަށް އަމަލުކުރަން ފަށަނީ މިއަދުން ފެށިގެން ކަމަށް ވާތީ މިއަދާ ހަމައަށް ކޯޓާއަށް އެދިފައިވާ ފަރާތްތަކަށް ފުރުސަތު އޮންނާނެ ކަމަށްވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. އަދި މިއީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އެކުލަވައިލެއްވި ޓާސްކުފޯހުގެ ނިންމުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ފައްޔާޒު ވަނީ މި ނިންމުމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރެއް ކުރާނަމަ ހަ މަސް ފަހުން ނިންމުން މުރާޖައާ ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

"ހަމަސް ތެރޭގައި އިގްތިސާދަށް އޭގެ ސަބަބުން އަންނަ ބަދަލުތަކާއި ގޮންޖެހުންތަކެއް ހުރިއްޔާ އަޅުގަނޑުމެން ޓާސްކުފޯހުން މި ނިންމުން އަލުން ރިވިއުކުރާނަން" ފައްޔާޒު ވިދާޅުވިއެވެ.