Last Updated: April 16, 20:04
Tuesday, April 16, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ނުވަވަނަ ބައި)

" ޒީ…އަހަރެންނާ ވާހަކަ ދައްކާލަން އިހަށް މަޑުކޮށްލަބަލަ!…އަހަރެން ބޭނުން ޒީއާ ވާހަކަދައްކަން….އަހަރެން ބޭނުން ޒީއަށް އަހަރެންގެ ހަޤީޤަތް އޮޅުން ފިލުވައިދޭން…" ޒަލަފް އަސަރާއެކު ބުނުމުން ހިނދުކޮޅަކަށް ޒީޝާންއަށް ޒަލަފްގެ މޫނަށް ބަލާލެވުނެވެ. އެމޫނުން ހިތާމައިގެ އަސަރު ފާޅުވިހެން އޭނާއަށް ހީވިއެވެ. ނަމަވެސް ދެވަނަ ފަހަރަށް އޭނާ ޒަލަފްގެ މަޅީގައި ޖެހޭކަށް ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ކުއްލިއަކަށް ޒަލަފް އަތުން ތަޅުދަނޑި ޖަހައިގެންފައި ހަލުވިކަމާއެކު ބޭރަށް ހިނގައިގަތެވެ. ނަމަވެސް ޒަލަފް އެއަށްވުރެ އަވަހަށް ގޮސް ދޮރުލެއްޕިއެވެ. ޒަލަފްގެ އެހަރަކާތުން ޒީޝާންއަށް ވަގުތުން ހުރި ފިޔަވަޅުމަތީގައި ހުއްޓެވުނެވެ. އަދި ސިހުން އެކުލެވިގެންވާ ނަޒަރަކުން ޒަލަފްގެ މޫނަށް ބަލާލެވުނެވެ.

ވަގުތާއި ހާލަތުގެ ގޮތުން ހިތުގައި ބިރުވެރިކަމެއްވެސް އުފެދިއްޖެއެވެ. ރޭގެ ފިނިކަމާއި އޭސީގެ ފިނިކަން އެކުވެގެން އިސާހިތަކު މުޅިމީހާވެސް ފިނިވެއްޖެއެވެ. ޒަލަފް އައިސް ގާތަށް ހުއްޓުމުން ގައިގެ ހުރިހާ ލޯލިތައްވެސް ކޮޅަށް ޖެހިގެން ދިޔައެވެ. މިފަދަ ނާޒްކް ދަނޑިވަޅެއްގައި ޒަލަފް އޭނާގެ ކިބައިން ނާޖާއިޒް ފައިދާއެއް ނަގަން އުޅެފިނަމަ ޚުދު އޭނާގެ އަމިއްލަ ނަފްސްވެސް އެކަމުގައި ބެހިގެން ހިނގައިދާނެ ކަމުގެ ބިރު ޒީޝާންގެ ހިތުގައި އުފެދުނެވެ. ޒަލަފް ގާތްކަން ވީވަރަކަށް އޭނާގެ ހިތުގެ ތެޅުންވެސް އަވަސްވަމުން ދިޔައެވެ. ހަދާނެ ގޮތް ހުސްވެފައި ހުއްޓައި ކުއްލިއަކަށް އޭނާގެ ފޯނުރިންގްވިއެވެ. ޒީޝާން ބަލާލިއިރު ގުޅަނީ ޒައިކްއެވެ. އޭނާ އަވަސް އަވަހަށް ފޯނުނެގިއެވެ. އެހާ އަވަހަށް މީގެކުރިން ދުވަހަކުވެސް އޭނާ ޒައިކް ގުޅައިގެން ފޯނު ނުނަގައެވެ.

" ހެލޯ….ޒީޝާން…އަދިވެސް ނުނިމެނީތަ؟…" ކަންބޮޑުވެފައި ޒައިކް އަހާލިއެވެ.

" ނޫން ނިމިއްޖެ…ވާރެވެހޭތީ ނުދެވިފަ މިހުރީ؟…ކޯޓް ގެނެސްދެވިދާނެތަ؟" ޒަލަފްގެ ކިބައިން ސަލާމަތްވުމަށް އޭނާއަށް ފެނުނު އެންމެ ރަނގަޅުގޮތަކީ ޒައިކް ގެނައުން ކަމުގައި ޒީޝާންއަށް ވިސްނުނެވެ.

" އޯކޭ މިދަނީ…" ޒައިކް ޖަވާބުދިނެވެ.

" ޒީ ޕްލީޒް މަޑުކޮށްބަލަ!…." ޒީޝާން ފޯނު ބޭއްވުމާއެކު، ޒީޝާންގެ ގާތަށް ޖެހިލަމުން އާދޭހާއެކު ޒަލަފް ބުނެލިއެވެ.

" އަހަރެންގެ ފިރިމީހާ އެބައާދޭ…އަހަރެން ދިޔަދީ…." ޒަލަފްއާ ދުރަށް ޖެހިލަމުން ޒީޝާން ބުނެލިއެވެ.

" އޯހް….ސޮރީ…އަހަރެން ހަނދާން ނެތުނީ ތީ މިހާރު މީހެއްގެ އަނތްބެއްކަން….އަވަހަށްދޭ…." ދޮރުމަތިން އެއްކައިރިވެލާފައި ތަން ދައްކަމުން ޒަލަފް ބުނެލިއެވެ. ޒީޝާން އެންމެ ހިނދުކޮޅަކުވެސް މަޑުކޮށްލުމެއްނެތި އަވަސް އަވަހަށް ކުލާހުން ބޭރަށް ނުކުތްއިރު، މާޔޫސީ ނަޒަރަކުން އެމަންޒަރު ބަލަން ޒަލަފް ހުއްޓެވެ. ޒީޝާންގެ ފިރިމީހާ ބަލާލަންދާން ހިތަށްއަރާފައިވެސް އޭނާ އެޚިޔާލު ދޫކޮށްލީ، ޒީޝާންގެ ފިރިމީހާއަށް އޭނާ ފެންނަން ބޭނުން ނުވާތީއެވެ.
*****
މެންދަމުގެ ވަގުތެވެ. ޒީޝާންގެ ލޮލަށް މިރޭ އެއްގޮތަކަށްވެސް ނިންޖެއް ނައެވެ. ޒަލަފް ފެނުނީއްސުރެ އޭނާގެ ހިތަށް އުނދަގޫވަނީއެވެ. ޒަލަފްގެ މޫނުމަތިން ފެނުނު މާޔޫސީގެ އަސަރުން އޭނާގެ ހިތަށް ތަދުވަނީއެވެ. ޒަލަފް ދައްކަން އުޅޭ ވާހަކައެއް އަޑުއެހުމަށްވެސް ހިތްއެދެނީއެވެ. އޭނާ ހީކުރީ ޒަލަފް ފެނުނަސް އޭނާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގައެވެ. ނަމަވެސް އެހާ ދުވަހަށްފަހުވެސް ޒަލަފް ފެނުމުން އޭނާއަށް އަސަރުކޮށްފިއެވެ. ދެމީހުން އެކުގައި ހޭދަކުރި މަދު ދުވަސްކޮޅުގެ ފޮނި ފޮނި ހަނދާންތައްވެސް ހިތަށް އަންނަން ފަށައިފިއެވެ.

" ނޫން…ނޫން…އަހަރެން ޒަލަފްއާމެދު ވިސްނައިގެން ނުވާނެ….މިއީ ގޯހެއް…އަހަރެންނަކީ މިހާރު ޒައިކްގެ މީހެއް…ވީއިރު އެހެންމީހަކާމެދު މިގޮތަށް އަހަރެންނަށް އޮތީ ކޮން ހައްޤެއް….އަމުދުން އަހަރެންނަށް މަކަރުހަދާ އޮޅުވާލި މީހަކާމެދު އަހަރެން ވިސްނަންވީވެސް ކީއްކުރަން…" ޒީޝާން އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ އުޅުނެވެ.

ނަމަވެސް މިހާރު ކަންތައްވެފައިވާ ގޮތުން ޒީޝާންއަށް ކޮންމެ ރެއަކު ޒަލަފްއާ ކުރިމަތިލާން އެބަޖެހެއެވެ. ޒަލަފްގެ ސޫރަ ފެންނަހާ ހިނދަކު އެހަނދާންތަކާ ދުރަށް ދެވޭކަށްވެސް ނެތެވެ. ހަމައެހެންމެ އޭނާއަށް ކިޔެވުން ދޫކޮށްލާކަށްވެސް ބޭނުމެއް ނުވެއެވެ.
އަނެއްކޮޅުން ޒަލަފް ލޮލަށްވެސް ނިދިނައިސް ވިސްނެމުން ދިޔައީ ޒީޝާންއާ މެދުގައެވެ. ޒީޝާންގެ ކައިވެނީގެ ޚަބަރު ލިބުނުފަހުން އޭނާ ހުރީ ޒީޝާންގެ ފަރާތުން މާފަށްއެދި، އެހަނދާންތަކާއި ދުރަށް ދިއުމަށް ވިސްނައިގެންނެވެ. ނަމަވެސް އެއީ އޭނަ ހީކުރިހާ ފަސޭހަކަމެއް ނޫނެވެ. ޒީޝާންއާ އެކީ ހޭދަކުރެވުނު އުފާވެރި ހަނދާންތަކަކީ އެހާފަސޭހައިން އޭނާގެ ހިތުން ފުހެވިގެންދާނެ ކަމެއް ނޫނެވެ. ޒީޝާން ކައިވެނިކުރިކަން އޭނާއަށް އެނގިފައި އޮތްނަމަވެސް، މިރޭ ޒީޝާން ފެނުމުން އެއީ މީހެއްގެ އަނތްބެއްކަން އޭނާ ހަނދާން ނެތުނެވެ. ޒީޝާންއާ ގާތްވުމަށް ހިތްއެދުނެވެ.

" ޒީ…އަހަރެންނަށް ޒީ ހާސިލް ނުކުރެވުނު ނަމަވެސް، ކުޑަމިނުން ޒީގެ މާފް އަހަރެން ބޭނުން….ޒީ ތިގޮތަށް ނުރުހިފަ ހުރީ ހާދަ ހިތަށް ތަދުވެޔޭ…" ޒީޝާންގެ ނުރުހުންވެފައިވާ މޫނު ހިތަށް ސިފަވުމުން ވޭނީ އާހެއް ޒަލަފްއަށް ބޭރުކޮށްލެވުނެވެ. އެގޮތުގައި އޭނާއަށް ވިސްނަން އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.
*****
ޖެހިގެންއައި ރޭ ކުލާހަށްދާންވީ ވަގުތު ޖެހުނުއިރު، ޒީޝާންހުރީ ހިތްއަވަސްވެފައެވެ. ޒަލަފްއާ ކުރިމަތިލާން ޖެހޭނެއޭ ހިތަށްއެރިޔަސް އޭނާގެ އަތްފައި ފިނިވެއެވެ. ޒަލަފްގެ ކޮށްފާނެ ކަމަކަށްޓަކައި އޭނާ ޖެހިލުންވެއެވެ. ޒަލަފްގެ ސަބަބުން ކުލާސްތެރޭގައި އޭނާ ބަދުނާމުވާކަށް އޭނާ ނޭދެއެވެ. އޭނާއާއި ޒަލަފްގެ މެދުގައި ކުރިން ގުޅުމެއް އޮންނަކަން އެއްވެސް މީހަކަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ކަންބޮޑުވެފައި ހުރެގެންވެސް އޭނާ ކުލާހަށް ދިއުމަށް ނުކުތެވެ. ހަމަ އެވަގުތު ޒައިކްވެސް އައިސް ގެޔަށްވަނެވެ.

" މިރޭވެސް ވާރެވެހެންޏާ ލަސްނުކޮށް ގުޅައްޗޭ!…." ޒީޝާން ފެނުމުން ހުއްޓިލާފައި ޒައިކް ބުނެލިއެވެ.

" މިރޭ ކޯޓް ހިފައިގެން މިދަނީ.." ޒީޝާން ބުނެލިއެވެ.

" އޯހ…އޯކޭ…" ޒީޝާން އޭނާގެ އެހީއަށް އެދެންވެސް ބޭނުންނުވަނީ އޭ ހިތަށް އެރުމުން ދެރަވި ނަމަވެސް ޒައިކް ހީލަމުން ބުނެލިއެވެ.

މިރޭ ޒީޝާންއަށްއާއި އޭނާގެ އެކުރިވެރިން ގޮސް ކުލާހަށް ވަތްއިރު، ޒަލަފް ހުއްޓެވެ. އެންމެނަށްވުރެ ކުރިން އޭނާ އައީއޭ ޒީޝާންގެ ހިތަށްއެރިއެވެ. ޒީޝާން ވަނުމުންވެސް ޒަލަފް ވަކިން ޒީޝާންއަށް ޚާއްކަމެއް ނުދީ އާދައިގެ ގޮތަކަށް ހުރިހާކުދިންނަށްވެސް ހިނިތުންވެލިއެވެ.

" މިރޭ ސަރ އަވަހަށް އައީދޯ…" އަރީޝާ ބުނެލިއެވެ.

" އާނ….ކޮންމެރެޔަކު ގަޑިޖެހޭކަށް ނުވާނެއްނު…." ޒަލަފް ހީލަމުން ބުނެލިއެވެ.

ހުރިހާކުދިން ހަމަވުމުން ޒަލަފް ވަރަށް ސީރިއަސްކަމާއެކު ކިޔަވައިދޭން ފެށިއެވެ. އިރު އިރުކޮޅުން ކުދިން ކުރަމުންދާ ސުވާލުތަކަށްވެސް ވަކިވަކިން އޭނާ ޖަވާބުދެއެވެ. ރަނގަޅަށް ފިލާވަޅު އޮޅުންފިލުވައިދީފައި އިރުޝާދުދިނުމަށްފަހު މަސައްކަތް ހަވާލުކުރުމުންވެސް ހަދަން ނޭނގިގެން ކަމަށްބުނެ އަންހެން ކުދިން، ގޮވަން ފެށިއެވެ. ޒަލަފް ފަހަރަކު ކުއްޖެއްގެ ގާތަށް ގޮސް ވަރަށް ގަޔާވެގެން ފިލާވަޅު ބުނެދޭ މަންޒަރު ފެނުމުން ޒީޝާންއަށް ބޭއިޚްތިޔާރުގައި ދަތްކުނޑި ވިކާލެވުނެވެ. އޭނާފަދަ ގަމާރު މީހަކަށް އެފިލާވަޅު ހަދަން އެނގުނުއިރު، އެހެންކުދިންނަށްވެސް ނޭނގިއެއް ނުހުންނާނެކަން އޭނާއަށް އެނގެއެވެ. ވީއިރު އެކުދިން ޒަލަފްއަށް އެގޮވަނީ އެމީހުންގެ ގާތަށް ޒަލަފް ގެންދިއުމަށް ނޫން އެހެން ކޮން ބޭނުމެއްގައި ހެއްޔެވެ؟ އަލަށް ފިރިހެނަކު ފެންއިރަށް އެހައި ހޭބަލި ވާންޖެހޭބާއޭ އޭނާގެ ހިތަށްއެރިއެވެ. ހިތާހިތުން އެހެންކުދިންނަށް އެތިވަރު ގޮވަމުން ދިޔައިރު، އިރު އިރުކޮޅުން އޭނާގެ ނަޒަރު ޒަލަފަށް ހުއްޓެއެވެ. ޚުދު އޭނާގެ ގާތަށް ޒަލަފް އައުމަށް އޭނާގެ ހިތްވެސް އެދެމުން ދެއެވެ. ނަމަވެސް ޒަލަފް މިރޭ ހަމަ އެންމެ ފަހަރަކު އޭނާއާ ދިމާ ބަލާވެސް ނުލައެވެ. އެއީވެސް ނަސީބެކޭ އޭނާގެ ހިތަށްއެރިއެވެ. ނޫންނަމަ އޭނާގެ މޫނަށް އަރަމުންދިޔަ ނުރުހުމުގެ ކުލަތައް ޒަލަފްއަށް ފެންނާނެކަން ގައިމެވެ.

އެގޮތުގައި ކުލާސް ނިމިގެން ދިޔައިރުވެސް ހަމަ އެންމެ ފަހަރަކުވެސް ޒަލަފް އޭނާގެ ގާތަކަށް ނާދެއެވެ. އޭނާއަށް އެނގޭތޯ ނުވަތަ ނޫންތޯވެސް ބަލައެއް ނުލައެވެ. ޚުދު އޭނާވެސް ޒަލަފްއަށް ގޮވާކަށް ބޭނުމެއް ނުވެއެވެ. ތަންކޮޅެއް އޮޅުން އެރުމުންވެސް އޭނާ ސުވާލުކުރީ ގާތުގައި އިން ކުއްޖަކާއެވެ. ޒަލަފް އޭނާއަށް ސަމާލުކަމެއް ނުދޭވަރަށް އޭނާ ކޮންމެހެން ދޭން ޖެހޭ ހެއްޔެވެ؟ އެއީ މިހާރު އޭނާއަށް އެއްވެސް ގުޅުމެއްހުރި މީހެއް ނޫނެވެ. އޭނާގެ ބަދުނަސީބުކަމުން، ވަގުތީގޮތުން ނަމަވެސް އޭނާގެ މުދައްރިސަކަށް ވީއެވެ. ނޫންނަމަ ދުވަހަކުވެސް ޒަލަފްގެ ކުރިމައްޗަށް އަރާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ހިތާހިތުން ޒަލަފްދެކެ ރުޅިއައިސްގެން އިންނަމަވެސް އޭނާގެ، ހިތުގެ ކަނަކުން އަދިވެސް އެއިންސާނާއަށްޓަކައި އިހުސާސްތަކެއް ފޮރުވިފައިވެއެވެ. ނޫންނަމަ ޒަލަފް އެހެން އަންހެންކުދިންނާ ހެވިފައި ވާހަކަދައްކާ މަންޒަރު ފެނުމުން އޭނާ ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟

ދުވަސްތައް އެގޮތުގައި ވޭތުވެގެން ދެއެވެ. ޒީޝާންއާއި ޒައިކްގެ ކައިވެންޏަށް ދުވަސްތައް އިތުރުވަމުން ދިޔަނަމަވެސް، ދެމީހުންގެ މެދުގައި އޮތް ދުރުހިލޭކަމަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އަނެއްކޮޅުން ޒަލަފްއާ ޒީޝާންވެސް ކޮންމެރެޔަކު ކުލާސް ބައްދަލުވީނަމަވެސް، އެދެމެދުގައިވެސްވަނީ ބީރައްޓެހިކަމުގެ ފާރެއް ލެވިފައެވެ. ޒީޝާން ހީކުރިގޮތާއި ޚިލާފަށް ޒަލަފް އޭނާއާ ގާތްވާކަށްވެސް މަސައްކަތެއް ނުކުރެއެވެ. އޭނާއާމެދު ކަންތައްކުރަނީ ހަމަ އެހެން ކުދިންނާވެސް ކަންތައްކުރާ އުސޫލުންނެވެ. އެކަމުގެ ސަބަބުން ޒީޝާންގެ ހިތަށް ތަދުވީނަމަވެސް، އެއީ އެންމެ ރަނގަޅު ގޮތްކަމުގައި އޭނާވެސް ގަބޫލުކުރިއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާދައިގެމަތިން އޭނާ ޒީކްގޮވައިގެން ގެޔަށް ދިޔައެވެ. ޝިޔާގެ ޚަބަރެއްނުވާތާ ދުވަސްކޮޅެއްވުމުން އޭނާ ޝިޔާއަށް ގުޅާފައި އެގެއަށް އައުމަށް އެދުނެވެ. ގިނަ ބަހަނާތަކެއް ނުދައްކައި ޝިޔާވެސް އައެވެ. އަދި އޭނާގެ ގާތުގައި ވާހަކައެއް ބުނަން ބޭނުންވާ ކަމުގައި ބުންޏެވެ.

" ޒީ…އަހަރެންނަކަށް ނޭނގެ އަހަރެންނަށް މިކުރެވެނީ ރަނގަޅުކަމެއް ކަމެއް ނުވަތަ ނޫންކަމެއްވެސް….އެކަމު އަހަރެން މިވާހަކަ ނުބުނެ ހުރުމަކީ ދަތިކަމަކަށްވީމަ، ވަރަށް ވިސްނުމަށްފަހު ބުނަން ގަސްތުކުރީ…" ޝިޔާގެ ވާހަކަތައް ހުރިގޮތުން ޒީޝާންގެ ހިތުގައި ބިރުވެރިކަމެއްވެސް އުފެދުނެވެ.

" ޝިޔާ….އަހަރެން ނުތަޅުވާ ތިބުނަން އުޅޭ ވާހަކައެއް ބުނެބަލަ!….އަހަރެން މިހުރީ ސަމާސާކުރާ މޫޑެއްގައެއްނޫން…" ޝިޔާ އޭނާއާ ސަމާސާއެއް ކުރަން އުޅެނީކަމުގައި ހީވެގެން ޒީޝާން އަވަސް އަވަހަށް ބުނެލިއެވެ.

" އަހަރެން މިކުރަނީ ސަމާސާއެއް ނޫނޭ ޒީ….ހަމަ ހަޤީގަތުގަވެސް ވަރަށް ބޮޑު ވާހަކައެއް ބުނަން މިއުޅެނީ…..ކުރީފަހަރުހެން މިފަހަރުވެސް އަހަރެން ބުނަން މިއުޅެނީ ޒަލަފްއާ ގުޅުންހުރި ވާހަކައެއް….އެހެންވެ އަހަރެން ޖެހިލުންވަނީ…." ޝިޔާ އޮޅުން ފިލުވައިދިނެވެ. އެވަގުތު ޒީޝާންގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. އަނެއްކާ ޒަލަފް އޭނާއަށް ކިޔައިވައިދޭން އަންނަކަން ޝިޔާއަށް އެނގުނީބާއޭ ހިތަށްއެރިއެވެ.

" އަހަރެން ބޭނުމެއްނޫން އޭނަގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް….އެހެންނޫނަސް ދެން އިތުރަށް ދައްކަންވެސް އޮތީ ކޮން ވާހަކައެއް…." ޒަލަފްގެ ނަން އަޑުއިވުމުން ހިތް ތެޅި، ބިރުގަތްނަމަވެސް އަވަސް އަވަހަށް އޭނާ ބުންޏެވެ.
" ނޫނޭ ޒީ….މިއީވެސް ހަމަ ޒީއަށް އެނގެންޖެހޭ އެއްޗެއް….އެނގޭތަ؟…ސާރާ އެދުވަހު ޒަލަފްއޭ ކިޔައިގެން ދެއްކީ ތެދުވާހަކަތަކެއްނޫން….އޭނަ އަހަރެމެންނަށް ވަރަށްބޮޑަށް އޮޅުވާލާފައޮތީ….އެންމެ ކަމެއް ފިޔަވާ ޒަލަފްއޭ ކިޔައިގެން އޭނަ ހެދީ ހުސްދޮގު…." ޝިޔާގެ ވާހަކަތައް އަޑުއިވިފައި ޒީޝާން ބަލާލީ ހައިރާންކަމުގެ ނަޒަރަކުންނެވެ.

" ހުސްދޮގޭ!…ކިހިނެއް ޝިޔާއަށް އެނގުނީ އޭނަހެދީ ދޮގުކަމެއް؟….އޭނަ ބުނީތަ އެހެން؟…" ޒީޝާން އޮޅުންފިލުވަން ބޭނުންވިއެވެ.

" ނޫން…އޭގެފަހުން އޭނައަކާ ދިމައެއްނުވޭ….ފޯނުކުރިޔަސް ފޯނެއްވެސް ނުނަގާ….އެހެން އުޅެނިކޮށް ކުރިން ދުވަހަކު އޭނަގެ ދައްތަ ޝާއިރާ އަހަރެންނާ ދިމާވީ ހޮސްޕިޓަލުން…..އޭނަގާތު ސާރާގެ ވާހަކަ އެހީމަ ފުރަތަމަވެސް އައީރުޅި…ބުނީ އަހަރެންގާތު އޭނަގެ ވާހަކަ ނާހާށޯ….ދެން އަހަރެން ވަރަށް ސުވާލުކުރީމަ އޭނަ ސާރާގެ ހަޤީޤަތް ކިޔާދިނީ….ޒަލަފް އެރަށަށް ގޮސް ފުރަތަމަ ރައްޓެހިވީ ސާރާއާ ކަމަށްވަނީ…އޭރުވެސް ސާރާއުޅެނީ ކުއްޖަކާ ރައްޓެހިވެގެން….ދެން ޒަލަފަށް އެކަން އެނގިގެން އޭނަ ރުޅިވީ…އެކަމު ފަހުންވެސް ސާރާ އޭނަގެ ފަހަތުން އުޅުނު….ކައިވެނިކޮށްގެން ހުރެވެސް އޭނަ ޒަލަފްއާ ގުޅުން ބާއްވަން ބޭނުންވި….އެކަމާ ޒަލަފްގެ ބޮޑުދައިތަމެންވެސް ރުޅިއައިސްގެން ސާރާއަށް އެގެއަށް ވަނުންވެސް މަނާކުރި….އެކަމު އެވަރުންވެސް އޭނަ މަދުމަދުން އެގެއަށް ގޮސް އުޅޭ….އެންމެފަހުން ޒަލަފަށް އުނދަގޫވެގެން ސާރާގެ ފިރިމީހާއަށް ގުޅާފަ ބުނީމަ، އޭނަ ރަށަށް އައިސް ވަރަށް ކަންތައް ހިންގާލިކަމަށްވަނީ….މިހާރު ސާރާހުރީ ވަރިކޮށްއޭވެސް ބުނި…." ޝިޔާ ކުރުގޮތަކަށް ސާރާގެ ވާހަކަ ޒީޝާންއަށް ކިޔައިދިނެވެ.

" ތީގެ މާނައަކީ ސާރާހެދީ ހުސްދޮގޭތަ؟….ޒަލަފް ކުރިން ކައިވެންޏެއްވެސް ނުކުރޭތަ؟…އަދި ދަރިޔަކުވެސް ނެތްތަ؟…" ޝައުޤުވެރިކަމާއެކު ޒީޝާން އަހާލިއެވެ.

" ނޫން…އޭނަކުރިން މީހަކާ އިންކަމަށްވަނީ….އެކަމު ދަރިޔަކު ނުހުރޭ….ވަރިވީ ކީއްވެގެން ކަމެއް ނޭނގޭ….ޝާއިރާއާ ދިމާވިފަހުން، ޒަލަފްވެސް ހޮސްޕިޓަލުން އަހަރެންނާ ދިމާވި….އަދި ވަރަށް އާދޭސްކޮށްފަ ބުނި ޒީއަށް ހަޤީޤަތް ކިޔަދޭން ބޭނުމޭ….ހަމަ އެންމެ ފަހަރަކު ބައްދަލުވާނެގޮތެއް ހަދާދޭށޭ….އެކަމު އަހަރެން ބުނިން ޒީ ކައިވެނިކުރި ވާހަކަ…..އެހެންބުނީމަ ބުނީމަ އަހަރެންނަށް ނަމްބަރ ދީފަބުނީ ޒީގާތު ބުނެދޭށޭ ހަމަ އެންމެ ފަހަރަކު ގުޅާށޭ….ތިމަންނަ ބޭނުމީ ހަމައެކަނި ހަޤީޤަތް ކިޔާދޭށޭ…އޭގެފަހުން ޒީއަށް އުނދަގުލެއް ނުކުރާނަމޭ " ޝިޔާ އިތުރަށް އޮޅުން ފިލުވައިދިނެވެ.

" ކީއްވެ މިހުރިހާ ދުވަހު ތި ވާހަކަ ނުބުނެހުރެފަ ކުއްލިއަކަށް ތިބުނީ؟.." ޝަކުވާގެ ރާގެއްގައި ޒީޝާން ބުންޏެވެ.

" އަހަރެން އެނގުނުތާ އަދި މާގިނަ ދުވަހެއް ނުވޭ….ހަޤީޤަތުގަ ބުނާކަށް އަހަރެން ބޭނުމެއްވެސް ނޫން…އެކަމު ކުރިން ދުވަހަކު އަނެއްކާ މިރަށުން ޒަލަފް ދިމާވެގެން ވަރަކަށް އާދޭސްކުރީމަ މިބުނީވެސް…" ޝިޔާ ބުނެލިއެވެ.
އެވަގުތު ޒަލަފްއާ އޭނާއަށް ކޮންމެ ރެއަކު ދިމާވާ ވާހަކަވެސް ބުނަން ހިތަށްއެރިއެވެ. ނަމަވެސް އޭރުން ޝިޔާ، އޭނާ ކުލާހަށް ދިއުންވެސް ހުއްޓުވާނެކަން އެނގޭތީ ގަސްތުގައި އެކަން ސިއްރުކުރިއެވެ. އެންމެގާތް އެކުވެރިޔާއަށްވެސް ބައެއްކަންކަން އެނގުން މުހިއްމުނޫން ކަމުގައި އޭނާއަށް ވިސްނުނެވެ.

އެރޭ ޒީޝާންގެ ލޮލަކަށް ނިންޖެއް ނައެވެ. ޒަލަފްގެ ހަޤީޤަތް އެނގުމުން އޭނާ ދެރަވިއެވެ. މިއޮއްހުރިހާ ދުވަހު އޭނާއަށް ޒަލަފްއާމެދު ކުރެވުނީ ކުށްހީއެކެވެ. ޒަލަފް އޭނާއާ ވާހަކަދައްކަން ކިހާ މަސައްކަތެއްކުރި ހެއްޔެވެ؟ އޭނާއަށް ވިސްނާނުލައި ޒައިކްއާ ކައިވެނިކުރަން އަވަސްވެ ގަނެވުނީއެވެ.

ދެލޯމަރައިގެން އޮއްވައިވެސް އޭނާގެ އެސްފިޔަތަކުފެ ތެރެއިން ކަރުތައް ފޫދިގެން ކޯތާފަތް މައްޗަށް އޮހެންފެށުމުން، އޭނާ އަވަސް އަވަހަށް ކަރުނަތައް ފުހެލިއެވެ. އޭނާގެ ހިތުގައި އުދާސްތައް ހިނގާވަރުން ނުނިދިގެން އުޅޭއިރު، ހަމަ އެ އެކޮޓަރީގައި އަރާމުކޮށް ނިދާފައި ޒައިކް އޮތެވެ. އެމަންޒަރު ފެނުމުން އޭނާ އިތުރަށް ދެރަވެ ރުޅިވެސް އައެވެ.

އަމިއްލަ ނަފްސުގެ ނިކަމެތިކަމާއި މޮޔަކަމުގެ ސަބަބުން އޭނާއަށް މަޅިއެއްގައި ބަދެވުނު ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. އޭނާގެ އުމުރުގެ އެހެންކުދިން ލޯބިވެރިންނާއި އެކުވެރިންނާއެކު ހީހީފައި މަޖާކުރަމުންދާއިރު، އޭނާ ކޮއްޓެއްގައި ގައިދުވެފައި ދުނިޔޭގެ ހުރިހާ އުފަލަކުން މަހުރޫމުވެފައިވާ ކަމުގައި ހީކުރެވެން ފެށިއެވެ. ޝިޔާ އޭނާގެ ކުލާސްކުދިންނާއި އެކީގައި މަސައްކަތްކުރާކުދިންނާއެކުގައި އުޅޭ މަޖާގޮތް ކިޔައިދޭ ހަނދާންވުމުން އޭނާއަށް ވަކިންބޮޑަށް އެކަން އިހުސާސް ކުރެވުނެވެ. އޭނާގެ އުމުރުގެ އެހެންކުދިންނާއި އޭނާއާ އަޅާކިޔާލުމުން ޚުދު އޭނާ ލަދުގަންނަގޮތްވިއެވެ.

" ހުރިހާކަމެއްވެސް މިވީ މިމީހާ ގަނޑަކާހެދި….މީނަ ޖެހޭތަ ލައިނުގަނެގެން އިންނަން އަހަން….މީނަގެ ދަރިބަލާނެ އާޔާއެއް ހޯދަންތަ އަހަރެންނާ އިނީ….ޝިޔާ ބުނިހެން، އެވަރަށް ހުވަފެން ދެކެފަވެސް އިންނަން މިޖެހުނީ ހީކުރިގޮތާ ދިމާ އިދިކޮޅު މީހަކާ….އިންޑިއާ މީހަކަށް ނުވީމަ ކޮންތާކު މިޖެހުނީ….އަހަރެންގެ މޮޔަކަމުން އެހާއަވަހަށް ކައިވެނިކުރެވުނީ….ޒަލްދެކެ އައިރުޅިން އާނއެކޭ ބުނެވުނީ….ދެން ކުރާނީ ކީއް….އޭނަވެސް މިހާރު އަހަރެން ބޭނުމެއްނޫން…." ޒީޝާން ވިސްނިވަރަކަށް އޭނާގެ ހިތަށް ގޯސް ޚިޔާލުތައް ވެރިވެ، ހިތްމާޔޫސްކުރަމުން ދިޔައެވެ. ބައެއްފަހަރު ދެރަވެގެން ރޮވެއެވެ. އަނެބައި ފަހަރު ރުޅިއައިސްގެން ދަތްކުނޑި ވިކާލެވެއެވެ.

އުމުރުން އެންމެ ނަވާރަ އަހަރުގައި އޭނާއެހުރީ އޭނާއާ ނުގުޅޭ އުމުރެއްގެ މީހަކާ ކައިވެނިކޮށް، ދެއަހަރުގެ ކުއްޖެއްގެ ދޮންމަންމައަށް ވެފައެވެ. އޭނާ އެކައިވެނި ނުކުރިނަމަ އޭނާގެ ޙަޔާތް އެނޫންގޮތަކަށް ބަދަލުވީސްކަންނޭނގެއެވެ. މިހުރިހާ ޚިޔާލުތަކެއް ހިތުގައި ހިނގަން ފެށުމުން ކުރިޔަށްވުރެވެސް ބޮޑަށް އޭނާ ޒައިކްދެކެ ރުޅިއައެވެ.

އަނެއްދުވަހުގެ އިރުއެރިއިރު ޒީޝާންގެ މިޒާޖާއި ވިސްނުމަށްވެސް ވަނީ ބަދަލުއައިސްފައެވެ. އޭނާގެ ހިތުގައި ޒަލަފްއަށްޓަކައި އުފެދުނު ކިލަނބުކަން ނެތިގޮސްފިއެވެ. އެއީ ގޯސްކަމެއްކަން އެނގޭއިރުވެސް ޒަލަފް ދުށުމަށް ހިތްއެދެން ފަށައިފިއެވެ. ޒަލަފް ފެންނާނެ އިރަކަށް އިންތިޒާރު ކުރެވެން ފަށައިފިއެވެ. ކުލާސްތެރެއިން ޒަލަފް ފެނުމުން އޭނާއަށް ބެލެނީވެސް ތަފާތު ގޮތަކަށެވެ. ޚުދު ޒަލަފްއަށްވެސް އެކަން އެކަން އިހްސާސްކުރެވުނީ ކަންނޭނގެއެވެ. ޒަލަފްވެސް ސިއްރު ސިއްރުން އޭނާއާ ދިމާބަލައެވެ. ސިއްރު ސިއްރުން ދެމީހުން ބަލަމުންދަނިކޮށް، ހަތަރުކަޅި ބައްދަލުވީ ވަގުތު ޒީޝާންގެ ތުންފަތަށް ވެރިވީ ރަކި ހިނިތުންވުން ފެނިފައި ޒަލަފްގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. އެހިނިތުންވުމުގެ މާނަ ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ. ނަމަވެސް ހިތްބުނަނީ ޝިޔާގެ ފަރާތުން ޒީޝާންއަށް ހަޤީޤަތް އެނގުމުން އޭނާއާމެދުގައި އޮތް ނުރުހުން ފިލާދިޔައީ ކަމުގައެވެ. ނޫންނަމަ އެފަދަގޮތަކަށް ޒީޝާން ހީނުލާނެއެވެ.

ހަމަ އެރޭ، ކުލާސް ރެޖިސްޓަރ އިން ޒީޝާންގެ ނަމްބަރ ހޯދައިގެން ޒަލަފް ޒީޝާންއަށް ވައިބަރއިން މެސެޖްކުރިއެވެ. ޒީޝާން މެސެޖްބެލިކަން ޔަޤީންވުމުން ޖަވާބެއްދޭނެ ކަމުގެ އިންތިޒާރުގައި ޒަލަފް އެތައް ވަގުތެއް ހޭދަކުރިއެވެ. ނަމަވެސް ޒީޝާންގެ ފަރާތުން އެއްވެސް ޖަވާބެއްނައެވެ. ޚުދު ޒީޝާންއޮތީ ޒަލަފްއާ ވާހަކަދައްކާނެތޯ ނުވަތަ ނޫންތޯ ނިންމަން ނޭނގިފައެވެ. ކިތަންމެ ހިތް އެދުނު ނަމަވެސް އޭނާއަކީ މީހެއްގެ އަނތްބެކޭ ހިތަށްއެރުމުން ޖެހިލުންވަނީއެވެ.

" އަހަރެންނަކީ މީހެއްގެ އަނތްބެއްކަން އަނެއްކާވެސް ހަނދާން ނެތުނީތަ؟…" ވިސްނަން އޮތުމަށްފަހު ޒީޝާން ލިޔެލިއެވެ.

" މިރޭ ހީލިގޮތުން ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނެތުނު…އެކަމަށްޓަކާ މާފަށް އެދެން….އެކަމު އެހީލުމުގެ މާނަ ނުވިސްނިގެން މި މެސެޖްކުރީ…." ޒަލަފް އޭނާގެ ހިތުގައިވާގޮތަށް ބުނެލިއެވެ.

" ހިނިތުންވުމަކީ ޞަދަޤާތެއްކަމަށް މީހުންބުނޭ….އެހެންވީމަ އެގޮތަށް ހީކޮށްލާ…" ޒީޝާން ޖަވާބު ލިޔެލިއެވެ.

" އެހެންވިއްޔާ ވަރަށްބޮޑަށް ޝުކުރިއްޔާ….އަހަރެންނަށް މާފުކޮށް ހިތްސާފުކޮށްފައިވާނަމަ ވަރަށް އުފާވާނެ….އެގޮތަށް އުއްމީދުކުރަނީވެސް…" ޒަލަފް އޮޅުންފިލުވަން ބޭނުންވިއެވެ.

" އަހަރެން މާފުކުރިޔަސް އަދި ނުކުރިޔަސް ފަރަޤަކީ ކޮބާ؟…މިހާރު އަހަރެންނަކީ މީހެއްގެ އަނތްބެއް….އެހަޤީޤަތް ބަދަލެއްނުވާނެ…" ޒަލަފް ބުނާއެއްޗެއް ބަލާލުމަށްޓަކައި ޒީޝާން ބުނެލިއެވެ.

" ތިކަން އެނގޭ….އެކަމު ޒީ އަހަރެންނަށް މާފްކުރީތީ އަހަރެން ވަރަށް އުފާކުރަން….ހިތުން ބޮޑު ބުރައެއް ލުއިވެގެން ހިނގައްޖެ….ޒީ ކަންތައްކުރިގޮތާމެދު އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް….ޒީއަށް އުފާވެރި ދިރިއުޅުމަކަށް އެދެން…" ހިތަށްތަދުވީނަމަވެސް ޒަލަފްބެލީ ކެރިގެން ހަޤީޤަތާ ކުރިމަތިލުމަށެވެ.

ޒަލަފްގެ ޖަވާބުހުރިގޮތުން ޒީޝާން އިތުރަށް ދެރަވިއެވެ. ޒަލަފް އެހާފަސޭހައިން ދެރަޤަބޫލުކުރީ ބާއޭ ހިތަށްއެރިއެވެ. އޭނާ އެހެންމީހަކާ ކައިވެނިކުރުމުންވެސް ޒަލަފްއަށް އެއްވެސް ފަރަޤެއް ހަމަ ނެތީ ހެއްޔެވެ؟ ކުޑަމިނުން އޭނާއުޅެނީ އުފަލުންތޯވެސް އަހާނުލިއެވެ. އެކައިވެނި އޭނާކުރީ ކުރަންބޭނުންވެގެން ނޫންކަން ޒަލަފްއަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އޭނާ އެވަރުގެ ބޮޑު ޤުރުބާނީއެއްވީވެސް ހަމަ ޒަލަފްގެ ސަބަބުންނެވެ. ވީއިރު، ހަމަ އެހާފަސޭހައިން ޒަލަފް އޭނާ ދޫކޮށްލީ ހެއްޔެވެ؟ ޒީޝާންގެ ހިތުގައި ޒަލަފްއާމެދު ޝަކުވާތައް އުތުރި އަރައިގަތެވެ. ނަމަވެސް،ޒަލަފް އެހިސާބުން ވާހަކަ ކުރުކޮށްލީތީ ޚުދު ޒީޝާންއަށްވެސް ޖެހުނީ އެޝަކުވާތައް ހިތުގައި ފޮރުވައިގެން ހިމޭންވާށެވެ.

އެދުވަހަށްފަހު ޒީޝާންގެ މިޒާޖަށް ބަދަލުއައެވެ. އެކަމުގެ ސަބަބުން ޒައިކްއާއި ދެމެދުގައި ކުރިން އުފެދުނު އެކުވެރިކަމުގެ ގުޅުންވެސް މަޑުމަޑުން ހީނަރުވާން ފެށިއެވެ. ޒައިކް ފެނުނަސް ޒީޝާން ފޫހިވެއެވެ. ޒީކްގެ ކަންކަން ކުރުންވެސް އޭނާއަށް ބުރައަކަށް ވާންފެށިއެވެ. އޭނާގެ ދިރިއުޅުން ދާންޖެހޭނެ ގޮތަކީ އަދި މިއީ ކަމުގައި އޭނާ ގަބޫލެއް ނުކުރެއެވެ. މިނޫން އެހެންގޮތެއް އޭނާ ހޯދަން އެބަޖެހެއެވެ. އަދިވެސް ވަގުތެއް ފާއިތެއް ނުވެއެވެ. އަދިވެސް އެނޫންގޮތަކަށް ދިރިއުޅުން ބަދަލުކޮށްލުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ. ޒަލަފް އަދިވެސްހުރީ ހުސްކޮށެވެ. ވީއިރު، އޭނާއަށް ޒައިކްގެ ކިބައިން ވަރިވެގެން ގޮސް ޒަލަފްގެ މީހަކަށް ވެވިދާނެއެވެ. ޒަލަފް އޭނާދެކެ ހަޤީޤަތުގައިވެސް ލޯބިވާކަމުގައި ވަނީނަމަ އަދިވެސް އޭނާ ގަބޫލުކުރާނެއެވެ. މިޚިޔާލުތައް ހިތައްއައުމުން އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެހެންކަމުން މަޑުމަޑުން ޒަލަފްއާދިމާއަށް އަނެއްކާވެސް އޭނާގެ ހިތްލެނބެންފެށިއެވެ. ޒައިކްއަށް އެނގުމަކާއި ނުލައި ޒީޝާން މަޑުމަޑުން އޭނާއާ ދުރަށްދާން ފެށިއެވެ.
ނުނިމޭ