Last Updated: April 26, 20:24
Friday, April 26, 2024
މުނިފޫހިފިލުވުން

ފްރެންޑްސް: ދުނިޔެ ބަދަލުކޮށްލި ކޮމެޑީ

މީގެ 25 އަހަރު ކުރިން އެމެރިކާގައި އެއާ ކުރި ފްރެންޑްސް ސީރީޒް ފެށިއިރު މިއަދު އެ ޝޯ އަށް ލިބިފައިވާ މަގުބޫލުކަމުގެ ބައިކުޅަ ބައި ލިބޭނެ ކަމަށް ވެސް ޕްރޮޑިއުސަރުން ހިއެއް ނުކުރެއެވެ. ހަ އެކުވެރިންގެ ހަޔާތަށް ބިނާކޮށް 10 އަހަރު ދުވަހު ދެއްކި ކާމިޔާބު ޝޯ އަކީ ފުރަތަމަ އެޕިސޯޑު ދެއްކިއިރު އަދި ނުވިހާ ކުދިންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް ޝޯ އަށް ވަނީ ވެފައެވެ.

ފްރެންޑްސްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު މިޝޯއަކީ ކުރިން ދެންނެވިހެން ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ އިތުރުން މެދު އުމުރުގެ މީހުންނާއެކު ދުވަސްވީ މީހުންގެ މެދުގައިވެސް އެހާމެ މަގުބޫލު ޝޯއެކެވެ. 1994 ވަނަ އަހަރު ދައްކަން ފެށި ސީރީޒް ނިންމާލީ 2004 ވަނަ އަހަރު 10 ވަނަ ސީޒަން ހަމަކުރުމަށް ފަހުގައެވެ.

ފްރެންޑްސް އެހާ މަގުބޫލު ވެގެން ދިޔައީ ޝޯގެ މައި 6 ކެރެކްޓަރުންގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ސަބަބުނެވެ. ފްރެންޑްސް އިން ދައްކުވާދީފައިވަނީ ހަގީގަތުގައި އެންމެންވެސް ބޭނުންވާ އެކުވެރިކަމެވެ. ނަމަވެސް ދުނިޔެ ދައްކާ ގޮތުން ކޮންމެވެސް ގޮތަކުން ކިތަންމެ ގާތް އެކުވެރިކަމެއް ވެސް ގިނަ ފަހަރަށް އަހަރެއްހާ ދުވަސް ފަހުން ރޫޅެދެއެވެ. އާންމުކޮށް ގިނަ އެކުވެރިންގެ ގްރޫޕެއް ރޫޅިދާ ދުވަސް އަވަހެވެ.

އެހެންކަމުން އެންމެންވެސް އެންމެބޮޑަށް ބަރޯސާވާ އެކުވެރިންނަކީ ފްރެންޑްސް ސީރީޒްގެ ކާސްޓަށެވެ. ކެރެކްޓާތަކުގެ ދެމެދުގައި އޮތް ގުޅުމަށް އެކި ފަހަރު މަތިން ހީނަރުކަން އައި ނަމަވެސް ސީޒަން 10 އާ ހަމައަށް ވެސް 6 އެކުވެރިން ތިބީ އެކަކު އަނެކެއްގެ ހިތްދަތިކަމާއި މާޔޫސްކަމުގައި ބައިވެރިވެ އެކުވެރިކަން މަތީގައެވެ.

ފްރެންޑްސް ނިމުނުތާ 15 އަހަރު ވެފައިވާއިރު އަދިވެސް އެހާ ކަމުދާ ސިޓްކޮމްއެއް ނެތް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެންމެންގެވެސް އެންމެ ކަމުދާ ސީރީޒްތަކުގެ ލިސްޓުގެ ކުރީކޮޅުން ޖާގަ ހޯދާ ޝޯއަކަށް ފްރެންޑްސް ވެގެން ދިޔައީ ސީރީޒް ފެށުނީއްސުރެ ނިމެންދެން ބެލުންތެރިން ބޭނުންވި މަޖާ ވާހަކައިގެ އިތުރުން ޑްރާމާވެސް ގެނެސްދެވުނީތީއެވެ.

ދުވަހެއް ދުވަހަކަށް ޝޯ އަލަށް ފެނި، ބަލަން ފަށާ މީހުން އިތުރުވަމުން އަންނަ އިރު ބަލަން ފެށުމުން އެހެން އެއްޗެއް ބަލާނެ ވަގުތެއް ނުލިބި ފްރެންޑްސްއަށް ވަަގުތު ހުސްކޮށްލެވޭ މީހުން ދިވެހި މުޖުތަމައުގައިވެސް އެހާމެ ގިނައެވެ.