Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

މަގުތަކުގައި ޕެޗު އަޅަނީ، ބޭނުމީ ދާއިމީ ހައްލެއް

އައްޑޫ ލިންކު ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތަކުގައި ތާރު "ޕެޗު" ތަކެއް އަޅައި މަގުތައް މަރާމާތުކުރަން ކައުންސިލުން ފަށައިފިއެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ވެސް ކަންތައް ކޮށްފައިވަނީ މިގޮތަށެވެ. ތާރުގެ ބަދަލުގައި ކޮންކްރީޓު ޕެޗު ޔާމީން ސަރުކާރުން އެޅީ ގިނަ ފަހަރަށް ރައީސް ނުވަތަ ސަރުކާރުގެ މަތީ ވަޒީރުންނާއި ބޭބޭފުޅުން އައްޑުއަށް ކުރައްވާ ކެމްޕޭނު ދަތުރުތަކާއި އެހެނިހެން ދަތުރުތަކާ ދިމާކޮށެވެ.

ކޮންކްރީޓް ޕެޗުތައް އެކި ފަހަރު މަތިން އެޅި ނަމަވެސް ލިންކު ރޯޑަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ އުޅަނދުތަކެއް، ޚާއްސަކޮށް ބޮޑެތި ލޮރީއާއި ބަސް ދަތުރުކުރާ މަގަށް ވުމުން ކޮންކްރީޓްގަނޑު ފުނޑި، އަނެއްކާވެސް ވަޅުގަނޑުތައް ގިނަވެއެވެ.

މިސަރުކާރު އައި ފަހުން މަގުގައި ތާރު އަޅައިގެން މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާއިރު ތާރު އަޅަނީ ތާރު މެޝިނަކުން ނޫނެވެ. ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫގައި ބޭނުންކުރި ތާރު މެޝިން، ކުރީ ސަރުކާރުގައި ބޭރުކުރުމަށް ފަހު ތާރު މެޝިނެއް އައްޑުއަށް ފޮނުވާފައި ނުވާތީ ތާރު އެޅުމުގެ މަސައްކަތް ކުރަނީ މިކޮޅުގައި "އެސެމްބަލް" ކޮށްފައި އޮތް މެޝިނަކުން ކަމަށެވެ.

އޭގެއިން މަސައްކަތް ކުރުމުން ފާހަގަވެފައިވާ ކަމަކީ ތާރުގަނޑު އެއްވަރު ނުވުމާއި ބައެއް ތަންތަނުގައި ރަނގަޅަށް އެޅިފައިނުވާ ކަމެވެ. ރަނގަޅަށް ތާރު އަޅައި އެއްވަރުުނުކޮށް މަގު އަލުން ބޭނުން ކުރުމުން މަރާމާތުކުރި ތަންތަން އަނެއްކާވެސް ހަލާކުވެ ގިނަ ދުވަސްތަކެއް ނުވެ ތާރު މަގު ބޭނުންކުރަން ދަތި ވުމުގެ ފުރުސަތު ބޮޑެވެ.