Last Updated: May 8, 06:04
Wednesday, May 8, 2024
ރިޕޯޓް

ޝިމްހާގް: އެރަން ކާޓާ ސިންގާ ވަގަށް ނެގުމުގެ ކުރިންވެސް ތަރިއެއް!

އަލީ ޝިމްހާޤް އަކީ ގިނަ ދިވެހިންނަށް މިހާރު އާނަމެއް ނޫނެެވެ. ދާދި މިފަހުން އެމެރިކާގެ ލަވަކިޔުންތެރިއަކު ޝިމްހާޤްގެ ކުރެހުމެއް ވަގަށް ނަގައި، އެއީ ތިމަންނާގެ ކުރެހުމެއް ކަމަށްބުނުމުން ސޯޝަލް މީޑިއާގައި ވަނީ އެމައްސަލަ ވަރަށް ހޫނުވެގެން ގޮސްފައެވެ. އަދި ޝިމްހާޤަށް ވަނީ ގިނަ ބައެއްގެ ތަރުހީބާއި ތައުރީފުވެސް ލިބިފައެވެ. ޝިމްހާޤްގެ ނަން މުޅި ރާއްޖެއަށް އެނގުނީ މިކަމާއި ގުޅިގެން ނަމަވެސް، އޭނާ ކުރެހުމުގެ ދުނިޔޭގައި ފިޔަ ޖަހާލަ ޖަހާލާ ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ.

ދިރިއުޅުމާއި ކުރެހުމުގެ ތެރެއަށް ވަދެވުން
ސ. ފޭދޫ އެސްޖެހިގޭ، 27 އަހަރުގެ އަލީ ޝިމްހާޤް ކުޑައިރުއްސުރެ އުޅެމުން އަންނަނީ މާލޭގައެވެ. އިސްކަންދަރު ސްކޫލުން ޕްރައިމެރީ ގްރޭޑުތައް ނިންމުމަށްފަހު މަޖީދިއްޔާ ސްކޫލުން އޯލެވެލް ނިންމައި، އޭލެވެލްގައި ކިޔެވީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައެވެ. އަދި އެއަށްފަހު އޭނާވަނީ ބެންގަލޫރު ޔުނިވަރސިޓީއިން ބަޔޯޓެކްނޮލޮޖީގެ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައެވެ. ރަސްމީކޮށް މިހާރު އޭނާއަކީ ބަޔޯ މެޑިކަލް އެންޖިނިއަރެއް ނަމަވެސް އެންމެ ކުޑައިރުއްސުރެ އޭނާގެ ހިތް ދަމައިގެންފައިވާ ކުރެހުމުގެ ދުނިޔެއަކުން އޭނާ ނުނިކުމެއެވެ.

"ހަންދާން ހުންނަ އިރުއްސުރެ އަބަދުވެސް ޕެއިންޓްކޮށް ހަދަން، އެކަމަކު ޑިޖިޓަލް އާރޓްގެ ތެރެއަށް ވަދެވުނީ 2012 ވަނަ އަހަރު ރައްޓިއްސެއްގެ ޑިޖިޓަލް ޓެބްލެޓް ބޭނުން ކުރަން ލިބުނު ހިސާބުން. އެހާ ހިސާބުން އަމިއްލަ ޓެބްލެޓެއް ގަނެގެން ޕެއިންޓް ކުރަމުން މިގެންދަނީ." ޝިމްހާޤް ކުރެހުމުގެ ތެރެއަށް ވަދެވުނު ގޮތް ކިޔާދިނެވެ. އޭނާ އިތުރަށް ބުނެދިން ގޮތުގައި އޭނާ ކުރެހުމުގެ ހުރިހާ ކަމެއްވެސް ދަސްކުރަނީ އަމިއްލައަށެވެ. އެގޮތުން ޔޫޓިއުބާއި އެނޫންވެސް ޓިއުޓޯރިއަލްތަކުން އޭނާ ދަނީ ކުރެހުމާއި އޭގެ ތިއަރީ ބައިތައްވެސް ހުސްވަގުތު ހޯދައިގެން ކިޔަވަމުންނެވެ. އަދި އޭނާގެ ކުރެހުންތައް ފުރަތަމަ އިންސްޓަގްރާމުގައި ޝާއިރު ކުރި ހިސާބުން ފެށިގެން އޭނާގެ ކުރެހުންތައް ގިނަ ބައެއްގެ މެދުގައި މަޤުބޫލު ވުމާއެކު އޭނާ ވަނީ އެނާގެ ކުރެހުމުގެ ހުނަރު ސޯޝަލް މީޑިއާގައި އިތުރަށް ދައްކަންފަށާފައެވެ.

Shimhaq ge kurehumeh

އާރޮން ކާޓަރ އާއި ޝިމްހާޤްގެ ކުރެހުން
ސޯޝަލް މީޑިއާގައި މިފަހުން އެންމެ ހޫނުކޮށް ދެކެވުނު އެއްވާހަކަ ކަމަށްވާ އެމެރިކާގެ ލަވަކިޔުންތެރިއަކު ދިވެހި އާރޓިސްޓެއްގެ ކުރެހުން ވަގަށް ނެގި ވާހަކައަކީ ގިނަ ބަޔަކަށް އެނގިފައި އޮވެދާނެ ވާހަކައެކެވެ. ނަމަވެސް ނޭނގޭ ކިޔުންތެރިންނަށް ކުޑަ ޚުލާސާއެއް ގެނެސްދޭނަމެވެ. އެމެރިކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ އާރޮން ކާޓަރ ވަނީ އޭނާގެ ކުރެހުމެއް ކަމަށްބުނެ ޝިމްހާޤްގެ ކުރެހުމެއް ޓްވީޓްކޮށްފައެވެ. ސްޕޭސް ތީމަކަށް ހުރި ސިންގާގެ ބޮލެއް ހުންނަ މިކުރެހުމަށް އޭނާގެ ފޭނުންގެ ތައުރީފު އޮހެން ފެށިއެވެ. ނަމަވެސް، މިއާއެކު ދެން އާންމުންނަށް ފެނިގެން ދިޔައީ ޝިމްހާޤް، އެއީ ތިމަންނާގެ ކުރެހުމެއް ކަމަށާއި، އާރޮން އޭތި ބޭނުންކޮށްފައިވަނީ ހުއްދަ ނެތި ކަމަށްބުނެ ރައްދުދީ ކުރި ޓްވީޓެވެ. ޝިމްހާޤް 2014 ވަނަ އަހަރު ކުރަހައި، ޕޯސްޓުކޮށްފައިވާ އެކުރެހުން އޭނާގެ އިންސްޓަގްރާމުންވެސް ފެންނަން ހުއްޓެވެ.

ޝިމްހާޤް ކިޔައިދިން ގޮތުގައި އެކުރެހުމަކީ އޭރު އޭނާގެ ޕަރސަނަލް ކުރެހުންތަކެއްގެ ގޮތުގައި ސްޕޭސް ތީމާއި ޖަނަވާރުގެ ތީމް އެއްކޮށްލުމުގެ ކުރިން ކުރަހާފައިވާ ކުރެހުމެކެވެ. އަދި އެކުރެހުމަކީ އެ ސީރީޒްގެ ފުރަތަމަ ކުރެހުމެވެ. އެގޮތުން އޭގެ ފަހުން އޭނާ ވަނީ ހަމަ އެތީމަށް ބަކަ މޫނާއި، ހިޔަޅުގެ އިތުރުން މިނިކާވަގެއްވެސް ކުރަހާފައެވެ. އަދި މީގެ ތެރެއިން ގިނަ ކުރެހުން ތަކަކީ އޭނާގެ އޮންލައިން ސްޓޯރ ކަމަށްވާ https://society6.com/shimhaq98 އިން ލިބެން ހުންނަ މަރޗެންޑައިޒްތަކުގައިވެސް ހުންނަ ކުރެހުންތަކެއް ކަމަށް ޝިމްހާޤް ކިޔައިދިނެއެވެ.

"ޓްވިޓަރ ފޮލޮވަރަކު އާރޮން އަހަރެންގެ ކުރެހުން ބޭނުން ކުރާކަން ފާހަގަކުރި ހިސާބުން އަހަރެން އެންމެ ފުރަތަމަވެސް މެސެޖު ކުރީ އާރޮން އާއި އޭނާގެ ކުންފުންޏަށް، ކުރެހުމުގެ ބަދަލު ދޭން ނުވަތަ އިހުތިރާމާއެކު ކުރެހުން ނަގާދިނުމަށް އެދި. އެކަމަކު އެއްވެސް ޖަވާބެއް ނުލިބުނު. އެހާ ހިސާބުން އަހަރެން، އަހަރެންގެ ޓްވިޓަރ އާއި އިންސްޓަގްރާމުގަ މިވާހަކަ ޖެހީ. އަހަރެންގެ އެކުވެރިން އެހާ ހިސާބުން ކުރިއަށް ގެންދިޔައީ. އެކަމަކު އެގޮތަށްވެސް ކުރިއެރުމެއް ނުލިބުމުން އަހަރެން ރަސްމީކޮށް (އެންމެންނަށް ފެންނަ ގޮތަށް) ޕޯސްޓެއް ކޮށްގެންވެސް އެދުނިން."

"އާރޮން އެއަށް ޖަވާބު ދިނީ ވަރަށް ހަޑިކޮށް، އެހެންވެ އަހަރެމެން ހަމަ އޭނައަށް ޕްރެޝަރ ކުރީ އެ ޕޯސްޓު ނަގަންދެކަށް. އެންމެ ފުރަތަމަ އާރޮން ބުނީ އެއީ އޭނަ ކުރެހި އެއްޗެއް ކަމަށް. އެކަމަކު ފަހުން ބުނީ އޭނަ 1000 ޑޮލަރަށް ގަތް އެއްޗެކޭ. ދެން ބުނީ 29 ޑޮލަރަށް ގަތް އެއްޗެކޭ. އޭގެ ފަހުން އަދި އޭނާގެ އެސިސްޓެންޓް ގަތް އެއްޗެކޭވެސް ބުނެފަ އެންމެ ފަހުން ބުނީ އެ ކުރެހުމަކީ ވަރަށް ހުތުރު އަދި ރަނގަޅަށް ނުވެސް ކުރަހާ ހުރި އެއްޗެއް ކަމަށް."

"އަހަރެންގެ ކުރެހުން އަހަރެން އެއްވެސް މީހަކަށް ނުވިއްކަން. އެ ސީރީޒްގެ އެއްވެސް ކުރެހުމެއް އަހަރެން ކޮޕީރައިޓް ސޭލްއަކަށް ނުލަން. އަދި އާރޮން އާއި އޭނާގެ ޓީމުގެ އެއްވެސް މީހަކު އެކުރެހުން ގަންނަން ނުވަތަ ހޯދަން އެއްވެސް ވާހަކައެއް އަހަރެންނާއި ދައްކާފައެއް ނުވޭ. ހުއްދައެއްވެސް ނުހޯދާ. އަދި ނެގޯޝިއޭޓްއެއްވެސް ނުކުރޭ. އެކަމަކު އަދިވެސް އޭނާގެ ވެބްސައިޓްގަ އެފޮޓޯ އެބަހުރި." ޝިމްހާޤް ކަން ހިނގާދިޔަ ގޮތް ތަފްސީލުކޮށްދިނެވެ.

ޝިމްހާޤް ކިތަންމެ ރީއްޗަށް މައްސަލަ ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް އާރޮން ގެ ފަރާތުން ސޯޝަލް މީޑިއާގައި ފެނިގެން ދިޔައީ މުޅިންވެސް ޖެއްސުމާއި ހުތުރުކޮށް ވާހަކަ ދެއްކިތަނެވެ. އެގޮތުން ޝިމްހާޤް އާރޮންއަށް ދެވަނަ ވިސްނުމަކަށްގޮސް މާފަށްއެދި މައްސަލަ ހައްލުކުރަން ފުރުސަތު ދިން ނަމަވެސް އޭނާގެ ފަރާތުން އެއްވެސް އެދެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެނާ ކުރީ މުޅިންވެސް ޖެއްސުމާއި، ފުރައްސާރައެވެ. އަދި ހަދަމުން ގެންދިޔައީ ދޮގުތަކެކެވެ. އޭނާ އަދިވެސް ބުނަމުން ގެންދަނީ އެ ކުރެހުމަކީ އޭނާގެ އެއްޗެއް ކަމާއި، އެއީ އޭނާ ގަނެފައިވާ އެއްޗެއް ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އާރޮން އާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅެއް އެޅުމާއިމެދު އަދި ވަކި ގޮތެއް ނުނިންމާކަމަށް ޝިމްހާގްވަނީ ބުނެފައެވެ. ނަމަވެސް އާރޮން ދަނީ އެ ކުރެހުމާއި ގުޅިގެން އެނާ ހަދަނީ ދޮގުކަމަށްބުނެ ސޯޝަލްމީޑިއާގައި ވާހަކަ ދައްކާ މީހުންނަކީ އޭނާ ބުލީ ކުރާ މީހުން ކަމަށާއި، އެ އެންމެންނާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައެވެ.

އާރޮން ކާޓަރގެ ބޭބެ ނިކް ކާޓަރ ކުރި ޓްވީޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި އާރޮންގެ ސިއްހީ ހާލަތު އެހާ ރަނގަޅު ނޫންކަމަށާއި، ނިކް އާއި އޭނާގެ އާއިލާ މަރާލުމާއި މެދު ވިސްނާކަމަށް ބުނުމުން ނިކް ވަނީ އާރޮން އާއި ދެކޮޅަށް ރެސްޓްރެއިނިންގ އޯޑަރއެއްވެސް ނަގާފައިކަމަށެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި އާރޮން ގެންގުޅޭ ބަޑިތައްވެސް ވަނީ ފުލުހުން އަތުލާފައެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ޝިމްހާޤް އަށް އެއްވެސް ގޮތަކަށް އާރޮން އާއި އޭނާގެ ސަޕޯޓަރުންގެ ފަރާތުންވެސް އެއްވެސް ބިރުދެއްކުމަކާއި ކުރިމަތިލާން ޖެހިފައި ނުވާކަމަށް ޝިމްހާޤް ކިޔާދިނެވެ.

"އާރޓް ތެފްޓް" އާ ކަމެއް ނޫން
ޝިމްހާޤް ކިޔައިދިިން ގޮތުގައި އޭނާގެ ކުރެހުންތައް، އަދި ޚާއްސަކޮށް ޑިޖިޓަލް ކުރެހުންތައް މީހުން ހުއްދަ ނެތި ބޭނުން ކުރުމަކީ އަބަދުވެސް ދިމާވާ މައްސަލައެކެވެ. އަދި މިކަމަކީ ވަރަށް ގިނަ އާޓިސްޓުންނަށް ދިމާވާ ކަމެކެވެ. "ބައެއް މީހުންނަށް ހީވެފަ އޮންނަނީ ގޫގުލް އިން ފޮޓޯއެއް ނަގައިގެން ކުޑަކޮށް އެޑިޓްކޮށްލާފަ ހިތު ހުރިގޮތަކަށް ބޭނުންކޮށްލެވޭނެއޭ. އެކަމަކު ހަޤީޤަތަކީ އޭގެ އޮރިޖިނަލް އާޓިސްޓުގެ ހުއްދަ އެކަމަށް ބޭނުންވާކަން، ޚާއްސަކޮށް އެކުރެހުން ކޮމާޝަލައިޒް ކުރާކަމަށްވާނަމަ. އެހެން ނޫނީ އެއީ ވަރަސް އަންފެއަރ އަދި އެ އާޓިސްޓަށް ކޮށްލެވޭ ޖެއްސުމެއް. އެތައް އަހަރެއްގެ މަސައްކަތުން ހަދާލެވޭ އާރޓްވޯކެއްގެ އެޑްވާންޓޭޖް އެ ނެގެނީ.

"ކޮޕީރައިޓްސް އެކްޓް އަކީ އަހަރެމެން އަރޓިސްޓުންނާއި ކޮންޓެންޓް ހެދުމުގެ މަސައްކަތްކުރާ މީހުންނަށް ވަރަށްވެސް ބޭނުންތެރި އެއްޗެއް. އަހަރެމެންގެ މަސައްކަތް އެކްސްޕްލޮއިޓްވުމުން ސަލާމަތްކުރުމަށް ކޮންމެހެންވެސް ބޭނުންތެރި އަދި މުހިންމު އެއްޗެއް. ރާއްޖޭގެ އާރޓިސްޓް ކޮމިއުނިޓީ ވަނީ ކުރިއަށްވުރެ އެތައް ގުނައެއް ފުޅާވެ، އެތައް އާރޓިސްޓުންނެއް ވަނީ އެމީހުންގެ ހުނަރާއި މަސައްކަތުން ޕްރޮފިޓްވެވޭނެ މަގުތައް ހޯދާފަ. އަހަރެންގެ އެދުމަކީ މިފަދަ ލޯކަލް އާރޓިސްޓުންނަށް މިހާރަށްވުރެ ބޮޑަށް އެކްސްޕޯޜާ ލިބި، ބޮޑެތި ކްލައެންޓުން ލިބޭނެ އިންޓަރނޭޝަނަލް ޕްލެޓްފޯމްތަކުން ފުރުސަތު ހޯދައިދިނުމަށް މިޤައުމުން މަސައްކަތްކުރުން. އެބަދަލު މިހާރު އަންނަ ތަން މަޑުމަޑުން އަންނީވެސް ފެންނަމުން"

"އެހެންވީމާ ބުނެލަން ބޭނުންވަނީ ބެނުންވާ އާރޓްވޯކެއް ފެނިއްޖެނަމަ، އޭގެ އޮރިޖިނަލް އާޓިސްޓު ކުރެން އަހާލާށޭ އަބަދުވެސް. ގިނަ ފަހަރަށް ހަމަ ބޭނުންކުރަންވެސް ދޭނެއޭ އެއްބަސްވެވޭ ގޮތެއްގެ މަތިން. ބޭނުން ކުރަން ނުލިބުނަސް ރީތި ގޮތުގަ ދިމާވާ ކަންކަން ހައްލު ކުރެވޭނެއޭ."

Shimhaq ge kurehumeh

ޝިމްހާޤްގެ ޝުކުރު އޭނާގެ ހުރިހާ ސަޕޯޓަރުންނަށް
"އަހަރެންނަށް ހިތްވަރުދީ، އެހީތެރިވިދިން ހުރިހާ އެކުވެރިންނަށް އަދާ ކުރަން ބޭނުންވަނީ ހިފެހެއްޓުމެއް ނެތް ޝުކުރެއް. ތި އެކުވެރިންނަކީ އަހަރެންނަށްވުރެވެސް ބޮޑަށް އަހަރެންގެ ދިފާއުގައި ނިކުމެ އަހަރެންގެ ޙައްޤުޤައި ވަކާލާތުކޮށްދިން މީހުން. އަދި އަހަރެން ފާހަގަކޮށްލަން ބޭނުން އާރޮންގެ ފޭނުންގެ ފަރާތުންވެސް އަހަރެންނަށް ވަރަށް ތަރުހީބު ލިބުނުކަން. އާރޮންގެ ހާލަތު ހުރި ގޮތާއި އަހަރެންގެ މަސައްކަތަށް ތަރުހީބުދީ އެމީހުންވެސް ވަނީ މެސެޖުތައް ފޮނުވާފަ."

އައްޑޫލައިވްއިން އެދެނީ ޝިމްހާޤްއަށް ކުރެހުމުގެ ދާއިރާއިންނާއި އަދި ބަޔޯޓެކްގެ ދާއިރާއިން ކުރިއެރުން ލިބުމެވެ.