Last Updated: March 28, 17:07
Thursday, March 28, 2024
ރިޕޯޓް

ކޮލަމް: ޝަމްސުއްދީން ސްކޫލް އުވާނުލައި ރައްޔިތުންނާ ހަވާލުކުރާށެވެ.

މިދޭތެރެޔަކުން ދެ ހަފުތާއެއްހައި ދުވަހަށް އައްޑޫ މީދޫގައި މަޑުކޮށްގެން ހުރި ހުރުމުގައި ވަރަށް ގިނަބައެއްގެ ހިތުގައި އަޅަމުންދާ ވޭނެއް އިހުސާސް ކުރެވުނެވެ. ރަށު މަދަރުސާ އުވާލަން ސަރުކާރުން ނިންމާފައިވާތީ އެކަމުގެ އުދާސްތައް އެކި މޭޒުމޭޒު ކައިރީގައި ދިޔައީ އޮހެމުންނެވެ. ހިތުގައި ޖެހުނެވެ. އެޑިއުކޭޝަން މިނިސްޓްރީއަށް ޖެހިގެން މިއުޅެނީ އަނެއްކާ ކޮންޒާތެއްގެ ގިލަންވެރިކަމެއް ބާވައެވެ. އެހެންނާފަހެ މިއީ ކަންކަން މޭރުންވާ ޒިންމާދާރު ބަޔަކު ކުރުން އެކަށީގެންވާ ޒާތުގެ ކަމެއް ނޫނެވެ.

މީދޫގައި ހުންނަ ޝަމްސުއްދީން ސްކޫލަކީ އެކިދުވަސްވަރު އެކިނަންނަމުގައި ހިންގަމުންއައިސް ރަސްމީ ލިޔުންތަކުން މިހާރު ހަތްދިހަފަސް އަހަރުވެފައިވާ ތަނެކެވެ. ސަރުކާރުން އެތަނާ ހަވާލުވީ ރައްޔިތުންނަށް ވެވުނުގޮތަކުން އެތަން ހިންގަމުންއައިސް ފަންސާސް އަހަރުވީ ފަހުންނެވެ. ސަރުކާރުން ގާއިމުނުކުރާ މަދަރުސާއެއް ސަރުކާރަށް އުވައިލެވިގެންވެސް ނުވާނެއެވެ. އެހެންވީމާ އުވައިލުމުގެ ބަދަލުގައި ސަރުކާރަށް އޮތީ ތަނުގެ ރަޖިސްޓަރީ ރައްޔިތުންނާ އަލުން ހަވާލުކުރުމެވެ. ކޮންމެހެން ވަކިތަނަކާ އެއްކޮށްލަންވެގެން މަދަރުސާ އުވައިލާކަށް ނުޖެހެއެވެ. އުވައިލާން ނުޖެހޭ މައިގަޑު ސަބަބަކީ ތަނުގެ ތާރީޚެވެ. ރަށުގެ ތާރީޚެވެ.

ޝަމްސުއްދީން ސްކޫލުގެ ނަމުގައި މިހާރު ފެންނާން އެހެރީ ސިލްސިލާއެއްގެ ބޮޅެކެވެ. މީދޫގައި ދެމެމުން އަންނަ މި ސިލްސިލާއަށްވީ ހަތްދިހަފަސް އަހަރެއް ނޫނެވެ. އެއީ އެތައްސަތޭކަ އަހަރުވެފައިވާ ސިލްސިލާއެކެވެ. މުވައްސަސާއެކެވެ. ދިވެހި ތާރީޚަށް ފީނައިލީމާ އެ ސިލްސިލާގެ ދިގުކަމާއި މުޅި ދިވެހި ގައުމުން އަނދިރިކަން ފިލުވައިލުމުގައި މި މުވައްސަސާ އަދާކޮށްފައިވާ ދައުރު ފެންނާނެއެވެ. ހިލާލީ ވަންހައިގެ ދަންނަ މުހައްމަދު ރަސްގެފާނު ދަރިވަރުވީ މިތަނުންނެވެ. ސަލާހުއްދީނާއި ބޮޑުފެންވަޅުގޭ ސީދިއެވެ. މިހެންގޮސް ކިތަންމެ ބައެކެވެ.

ތެދެކެވެ. މީދޫގައި ހުއްޓެކޭ ކިޔައިފައި މަދަރުސާއެއް ޚާއްސަ ނުވާނެއެވެ. ހުރިހާ ސްކޫލެއްވެސް ސަރުކާރުގެ ކުރިމަތީގައި ހަމަހަމަވާނެއެވެ. އެކަމަކު ތާރީޚަށާއި އެނޫންވެސް ކަންކަމަށް ބަލައިފައި ތަންތަން ހުރުމަތްތެރިވެ ޚާއްސަވެއެވެ. މިސާލަކީ މާލޭގައި އެހެރަ މަޖީދިއްޔާ ސްކޫލާއި ނައިފަރުގައި އެހެރަ އިފްތިތާހާއި އޭދަފުށީގައި އެހެރަ ބަހިއްޔާ ސްކޫލެވެ. ޝަމްސުއްދީން ސްކޫލަކީ އެތަންތަނަށްވުރެވެސް އެތައް ތަނަކުން ދޮށީ މުވައްސަސާއެކެވެ. އެހެންވީމާ އެތަން ހިމާޔަތްކޮށް ދެމެހެއްޓުމަކީ މީދޫ ރައްޔިތުންގެ އެކަނި ޝައުގަކަށް ވެގެންނުވާނެއެވެ. އެއީ އިލްމަށް ލޯބިކުރާ އަދި ތާރީޚާމެދު ފަރުވާބަހައްޓާ ހަމަކޮންމެ ބަޔަކަށް ލާޒިމުކަމެކެވެ. އެކަމަކު ހިތާމަޔަކީ ދިވެހި ސަރުކާރުގައި އެވިސްނުން ނެތުމެވެ.

ތައުލީމީ ސިޔާސަތު ރާވައި ތަންފީޒުކުރާނީ ސަރުކާރުންނެވެ. އެކަމާ ޖަދަލުކުރާކަށްނެތީމެވެ. މިހުރިހާ ވާހަކައެއް މިދެއްކީ މީދޫ ރައްޔިތުން ދަމަހައްޓަމުންއައި އިލްމުގެ ދަންމަރު ނިވާލައި މީދޫ ފަސްގަނޑުގައި މީދޫއަށް ނިސްބަތްވާ މަދަރުސާއެއް ނުހުންނަގޮތަށް ނިންމާފައިވާތީ އެކަމާގުޅޭގޮތުންނެވެ. ވާހަކައިގެ މުރާދަކީ ޝަމްސުއްދީން ސްކޫލް ޔުނިވަރސިޓީއަކަށް ހެދުމެއް ނޫނެވެ. މީދޫ ފަސްގަނޑުގައި މީދޫއަށް ނިސްބަތްވާ އިލްމު ފަތުރާ ތަނެއް ހުންނާންޖެހޭނެ ވާހަކަ ބުނެ އިއްވުމެވެ. ކޮންމެ ފެންވަރެއްގައި ހުއްޓަސް ތަނެއް ހުންނާންޖެހެއޭ ބުނުމެވެ. އެތައްސަތޭކަ އަހަރުވީ ސިލްސިލާއެއް މެދުކަނޑައިލުމަކީ ގައުމަށްވެސް ދެވޭ ދެރައެކޭ ބުނުމެވެ.

އަހަރެން ޑރ އައިޝަތު އަލީއެއް ނުދަންނަމެވެ. އެއީ ސަރުކާރު ހިންގާން އަހަރެމެން ހޮވި މީހެއް ނޫނެވެ. އަހަރެމެން ހޮވީ ރައީސުލްޖުމްހޫރިއްޔާއެކެވެ. އެހެންވީމާ ރައީސާއި އެމަނިކުފާނުގެ ސަރުކާރަށް މިކުރަނީ އިލްތިމާސެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމާދޭތެރޭ ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވާށެވެ. އެވަރުވެސް ނުކުރެވެންޏާ ރައްޔިތުންނޭ ތާރީޚޭ އަމާނާތޭ ކިޔުމުގެ ބޭނުމެއް ނެތެވެ