Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ފައިނޭންސް ބިލްޑިންގ: ލޮލަށް ނުފެންނަ 25 ބުރީގެ އިމާރާތް!

ފިނޭންސް ބިލްޑިންގ އަޅާ ބިން

ތަރައްގީގެ ބިޔަ ދެ މަޝްރޫއުގެ ގޮތުގައި 25 ބުރީގެ ދެ އިމާރާތެއް އަޅަން ބޭރުގެ ދެ ކުންފުންޏަކާއެކު 2016 ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރުން ސޮއިކުރިއެވެ. އެތަނުން އެއް އިމާރާތަކީ މާލޭގެ ހުޅަނގު ފަރާތުން ފެންނާން އެހެރަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެވެ. އަނެއް އިމާރާތަކީ ފިނޭންސް މިނިސްޓްރީ ހުރި ބިމުގައި އަޅަން ހަމަޖެހުނު 25 ބުރީގެ އޮފީސް އިމާރާތެވެ.

އޭރުގެ ފިނޭންސް މިނިސްޓަރު ޖިހާދު އެދުވަހު ވިދާޅުވިގޮތުން ފިނޭންސް މިނިސްޓްރީގެ އިމާރާތަކީ ދައުލަތުގެ ވަރަށް ގިނަ އޮފީސް ބަދަލުވާނެ ތަނެކެވެ. އިމާރާތް އަޅަނީ ކޮންޓްރެކްޓަރުގެ ފައިސާއިންނެވެ. ޚަރަދުގެ މިންވަރަކީ 123 މިލިއަން ޑޮލަރެވެ. މި ފައިސާ ދައްކަން ޖެހެނީ ތޭވީސް އަހަރުންނެވެ. އިމާރާތުގެ ކުލިން އެކަނިވެސް އެ މުއްދަތުގެ ތެރޭގައި މި ފައިސާ ނެރެވޭނެއެވެ.

ކޮންޓްރެކްޓަރ ފައިނޭންސުން އަޅަން ނިންމި އިމާރާތް ހުންނާނެ ގޮތް.

މިނިސްޓަރު ޖިހާދުގެ ވިދާޅުވުންތަކަށްފަހު ހަމައެއަހަރުގެ މެދުތެރޭގައި އެކޮށީގައިހުރި ބައެއް އޮފީސްތައް ހުސްކޮށް ބިންވެސް ސާފުކުރިއެވެ. ދެން ކުއްލިއަކަށް ނޫސްތަކުން ފެނުނީ މި އިމާރާތް ހުޅުމާލެއަށް ބަދަލުވި ވާހަކައެވެ. އޭގެފަހުން މި އިމާރާތާބެހޭ އެއްވެސް ވާހަކައެއް ސަރުކާރަކުން ނުދައްކައެވެ. މާލެއިން ސާފުކުރެވުނު ބިން މިހާރުއޮތީ އާ ސަހަރާއަށް ޒިޔާރަތްކުރާ މީހުންގެ އުޅަނދުތައް ޕާކްކުރާ އޭރިޔާއެއްގެ ގޮތަށް ޚާއްސަވެފައެވެ.

ހުޅުމާލެއަށް އިމާރާތް ބަދަލުވި ވާހަކައަށް ހަތްމަސް ފަހުން ދެން މި އިމާރާތާ ބެހޭގޮތުން މީޑިއާގައި އެއްޗެއް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަންއެވެ. އޭނާ ވިދާޅުވިގޮތުން މި މަޝްރޫއުގެ ހުރިހާ ކަމެއް އެޗްޑީސީއާ ވަނީ ހަވާލު ކުރެވިފައެވެ. އިމާރާތް އަޅަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފައިނޭންޝަލް ޑިސްޓްރިކްޓްގައެވެ. އިމާރާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.

ރައީސް ޔާމީނުގެ ސަރުކާރު ބަދަލުވެ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނީ މިހިސާބުންނެވެ. ޔާމީނުގެ ސަރުކާރުން އެކިކަންކަމުގައި ހިންގި ކޮރަޕްޝަނުގެ ވާހަކަ އާސަރުކާރުން ދައްކާއިރުވެސް މި އިމާރާތާއިބެހޭ އެއްވެސް ވާހަކައެއް ނީވެއެވެ. އާސަރުކާރުގެ ވެރިންގެ ތެރެއިން މި އިމާރާތާއި ބެހޭގޮތުން އެންމެ ފުރަމަ އެއްޗެކޭ ވިދާޅުވީ އެޗްޑީސީގެ އާ މެނޭޖިން ޑައިރެކްޓަރު ސުހައިލެވެ. ޖަނަވަރީ މަހުގެ 29 ގައި އޭނާ ވިދާޅުވެފައިވަނީ އިމާރާތް އެޅުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ހުއްޓާލަން ނިންމާފައިވެސް ނުވާ ކަމުގައެވެ. އަދި ޚަރަދާއި ގުޅޭ ފައިނޭންސިންގެ މައްސަލައެއްވެސް ނޫޅޭކަމުގައެވެ.

ސުހައިލުގެ ފުރިހަމަ ބަސްތަކަށް ރައްޔިތުން އިތުބާރުކޮށްގެން ތިއްބައި ދެންމިވީ މާދެރަގޮތެކެވެ. މެލޭޝިއާގެ ކުންފުންޏަކަށް ދިވެހި ސަރުކާރުން ފައިސާ ނުދީގެން އެކުންފުނީގެ ފަރާތުން ކޯޓަށް ދިޔަ ވާހަކަ މިދިޔަ ހަފުތާގައި ނޫސްތަކުގައި ލިޔެފިއެވެ. މިހިސާބުން އުފެދެނީ ބައިވަރު ސުވާލުތަކެކެވެ. ސަރުކާރުގެ ބަޖެޓުގައި 2015 އިން 2017 އަށް މި އިމާރާތަށް ޚަރަދު ކުރަން އެއްބިލަޔަނަށް ވުރެ ގިނަ ރުފިޔާ ހިމާނައިވާއިރު އެހުރިހާ ފައިސާތައް ވަޔަށް ބުރައިގެންދިޔައީ ބާވައެވެ. ކޮންޓްރެކްޓަރުގެ އަމިއްލަ ފައިސާގައި އިމާރާތް އަޅައި ނިންމީމާ ތޭވީސް އަހަރުގެ ތެރޭގައި އެފައިސާ އަނބުރާ ދައްކަން އެގްރީމެންޓް ކުރެވިފައިވާނަމަ ބަޖެޓުގައި ޖަހައިގެން އުޅުނީ ކޮން ފައިސާތަކެއް ބާވައެވެ. ހަމަ އެހެންމެ ފައިސާ ނުދީގެންނޭ ކިޔާފައި ކޯޓަށްގޮސް ދައުވާކުރަން ކޮނަޓްރެކްޓަރަށް ޖާގަލިބެނީ ކޮން ގޮތަކުން ބާވައެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ފުރިހަމައަށް ކުރާ އެއްކަމެއް އޮވެއެވެ. އެއީ ޔާމީނުގެ ސަރުކާރުން ގޯހެއް ހަދާފައިވާނަމަ އެވާހަކަ ވަރަށް ބާރަށް ދެއްކުމެވެ. ޔޫއެންއަކަސް މަޖިލީހަކަސް ޕްރެސް ކޮންފަރެންސަކަސް ވަރަށް ފަރުވާތެރިކަމާއެކު އެކަން ކުރެއެވެ. އެކަމަކު މި އިމާރާތުގެ މައްސަލާގައި ރައީސް ސޯލިހުގެ ސަރުކާރު މިއޮންނަނީ ހިމޭނުންނެވެ. އެއީ ކީއްވެގެންތޯ ސުވާލު ނުއުފެދުނިއްޔާ ދެރައެވެ. ފިނޭންސް މިނިސްޓްރީގެ ފަންސަވީސް ބުރީގެ ބިޔަ އިމާރާތުގެ މައްސަލާގައި މި ސަރުކާރު ހިމޭނުން އޮތުމުގެ ސިއްރަކީ އަނެއްކާ މިސަރުކާރުގެ ވެރިންނާވެސް ގުޅުމެއް އޮތީބާވައެވެ. އޮތިއްޔާ ދެން ދައްކާނެ ވާހަކައެއް ދެއްކޭނެ ވާހަކައެއް އަމްދުން ނޯންނާނެތާއެވެ.

އަހަރެމެން ރައްޔިތުންނަށް އެނގޭ ކަމަކީ އެއްދުވަހަކު ސޮއިކުރި ދެ އިމާރާތުން އެއްތަން ނިމިއްޖެއެވެ. އެތަން އެހެރީ ފެންނާށެވެ. އެކަމަކު އަނެއް އިމާރާތް އަދިވެސް ލޮލަށް ފެންނާކަށް ނެތެވެ. އެކަމަކު ދިވެހި ސަރުކާރުން މި އިމާރާތަށް އަގު ދޭން ޖެހޭކަމަށް ބުނެ ބަޔަކު ކޯޓަށް ހިގާއްޖެއެވެ. ކޮންމެވެސް ވަރެއްގެ ހުއްޖަތެއް ނެތި ބަޔަކު ކޯޓަށް ނުދާނެތާއެވެ. ކޯޓަށް ގެންދާނީ ގެންދެވޭ ވަރުވީމައެވެ.

މިކަން ބައިނަލްއަގުވާމީ މައްސަލަޔަކަށްވެސް މިހާރު އޮތީ ވެފައެވެ. މެލޭޝިޔާގެ ސަރުކާރުން އެތާގެ އިންވެސްޓަރު ހިމާޔަތްކުރަން ތެދުވާންޖެހޭ ހިސާބަށް ކަންއޮތީ ގޮސްފައެވެ. ދިވެހި ސަރުކާރުން މެލޭޝިޔާގެ އިންވެސްޓަރަކަށް ލޮޓި ދިންކަމަށް ނިންމައި ދިވެހިރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން މެލޭޝިއާގެ ބައެއް ލީޑަރުން އެބަގޮވައެވެ. މެލޭޝިއާއިން ދިވެހިންނަށް ދީފައިވާ އެކިކަހަލަ އިނާޔަތްތައް ނިގުޅައިގަންނަން އެބަގޮވައެވެ. އެހިސާބަށްދާނީ ކަމެއްވެގެންނެވެ. ރެނދެއްނުލައި އަޑެއް ނުކިޔާނެއެވެ.