Last Updated: March 29, 11:09
Friday, March 29, 2024
ރިޕޯޓް ރައީސް ސޯލިހް

ރައީސް ސޯލިހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން

ރޭ ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ވަނީ، އެމަނިކުފާނާ ރައްޔިތުން ހަވާލުކުރި ފަސް އަހަރުގެ ދައުރުގައި ރައްޔިތުން އެދޭ ފަދަ ދިރިއުޅުމަކަށް ވާސިލްވުމަށް ތައްޔާރުކޮށްފައިވާ ޕްލޭން އިފްތިތާހު ކޮށްދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ 100 ދުވަހު ކުރަން ނިންމާފައިވާ ކަންތައްތަކެއް ވެސް ކަނޑައެޅުނު ކަމަށާއި، އޭގެ ތެރެއިން ގިނަ ކަންތައް ހާސިލްވި ނަމަވެސް އަދިވެސް ކުރަން ތިބި ކަންތައް އެހާމެ ގިނަ ކަމަށެވެ.

އެގޮތުން ހަތަރު އަހަރު ދުވަހަށް ބަހާލައިގެން ހެދިފައި އޮތް ސްޓެޓީޖިކް އެކްޝަން ޕްލޭން ބަހާލާފައިވަނީ މައިގަނޑު ފަސް ބަޔަކަށެވެ. އެއީ، ނޫ އިގްތިސޯދު، އޯގާތެރި ސަރުކާރު، ފަޚުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮވެރިކަން، މިފަސް ބައެވެ.

ނޫ އިގްތިސޯދު

ނޫ އިގްތިސޯދުގައި ހިމެނެނީ ރާއްޖޭގެ އިގްތިސޯދު ކުރިއަރުވައި މުއްސަނދި ކުރުމަށް ކަނޑައަޅާފައި ހުރި ލަނޑުދަނޑިތަކެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ކުދި އަދި މެދު ފަންތީގެ ދާއިރާ، އިންސާނީ ވަސީލަތްތަކާއި މައިގްރޭޝަން އަދި އިގްތިސޯދު ސިންދާފަތު ކުރުމެވެ.

އޯގާތެރި ސަރުކާރު

މިބައިގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަކީ ސިއްހަތާއި ތައުލީމް އަދި މަތީ ތައުލީމްގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމާއި މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުން ކުރާނެ މަސައްކަތްތަކަށެވެ.

ފަޚުރުވެރި އާއިލާ

އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ހިމެނޭ ފަޚުރުވެރި އާއިލާއެއް ބައްޓަން ކުރުމަށް ދައުލަތެއްގެ ގޮތުގައި ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި އާއިލާ ހަރުދަނާ ކުރުމާއި، ބޯހިޔާވަހިކަން ހޯދާދިނުމާއި، ޒުވާނުން ބިނާވެރިކުރުމާއި، މުޖުތަމައު ބާރުވެރިކުރުމުގެ އިތުރުން ކުޅިވަރާއި އިސްލާމީ އަޤީދާ ކުރިއެރުވުމެވެ.

ޖަޒީރާ ދިރިއުޅުން

ޖަޒީރާ ދިރިއުޅުމުގެ ބައިގައި އެމްޑީޕީގެ އެޖެންޑާ 19 ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ހިމެނޭއިރު 9 ކަމެއް ވަނީ ލިސްޓު ކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ލާމަރުކަޒު ކުރުން، ދަތުރުފަތުރު ކުރުން، ތިމާވެށި ހިމާޔަތް ކުރުމާއި ރައްކާތެރިކުރުން، ސާފު ހަކަތަ، ކުނި ވަސީލަތަކަށް ހެދުން، ފެނާއި ނަރުދަމާ، ވިލުންވެރި މުޖުތަމައު، އިންފޮމޭޝަން، ކޮމިއުނިކޭަން އެންޑް ޓެކްނޮލޮޖީ އަދި ފަންނުވެރިކަމާއި ސަގާފަތެވެ.

ހެޔޮ ވެރިކަން

ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ގާއިމްކޮށްދޭން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެނީ ޝަރުއީ ނިޒާމު އިސްލާހު ކުރުން، ގައުމީ ސަލާމަތާއި އާންމުންގެ ރައްކާތެރިކަން، ކޮރަޕްޝަން ނައްތާލުން، ޖަވާބުދާރީވަނިވި ދައުލަތް، މިނިވަން މުއައްސަސާތައް، މިންތީގެ ހަމަހަމަކަން އަދި ޚާރިޖިއްޔާއެވެ.

ޖުމުލަ 33 ދާއިރާއަކަށް މި އެކްޝަން ޕްލޭންގައި އަލިއަޅުވާލާފައިވާއިރު ކޮންމެ ދާއިރާއަކުން ކަނޑައެޅިފައިވާ ލަނޑުދަނިޑި ހާސިލް ކުރުމަށް އަންދާޒާ ކޮށްފައިވާ މުއްދަތެއް ވެސް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.

ރޭ ބޭއްވި އެކްޝަން ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ބައެއް ބޭފުޅުން ނުގަބޫލު ކަންތައް ޕްލޭނުގައި ހުއްޓަސް، ކަނޑައެޅިފައިވާ މުއްދަތުގައި ކަންކަން ތަންފީޒު ކުރުމަށް ހުރިހާ ބޭފުޅުންގެ އެއްބާރުލުންވެސް ބޭނުންވާ ކަމަށެވެ.