Last Updated: April 20, 13:04
Saturday, April 20, 2024
ރިޕޯޓް

ބައިވަރު ސީރީސްގެ ތެރެއިން: ބައިވަރު ބަސް ބޮޓް

"ބައިވަރު" ސީރީސްގެ ތެރެއިން މި ހަފްތާގައި މި ގެނެސްދެނީ ދިވެހި ބަސްވެރިކަން ކުރިއެރުވުމަށް މި ޓީމުން ކުރަމުންދާ މަސައްކަތެވެ. ދިވެހި ބަސް އުވި ދިޔުމުން ސަލާމަތް ކުރުމާއި، ބަސް އާލާކޮށް، އާންމުކޮށް ވާހަކަ ދެއްކުމުގެ ތެރޭގައި ދިވެހި ބަސް ބޭނުން ކުރަން ފަސޭހަކުރުމަށް އުފައްދާފައިވާ މި ބޮޓަކީވެސް ކުރިއެކޭ އެއްފަދައިން ޓެލެގްރާމް މެދުވެރިކޮށް ބޭނުން ކުރެވޭ ބޮޓެކެވެ.

ޓެލެގްރާމްގެ ކޮންމެ ޗެޓެއްގައިވެސް BaivaruBasBot@ ޖަހާލައިގެން ބޭނުން ވާ ބަހެއް ތާނަ، ލެޓިން ނުވަތަ އިނގިރޭސި ބަހުން ވެސް ލިޔެލުމުން ބަހުގެ ތަފްސީލު ލިބޭގޮތަށް ތައްޔާރުކޮށްފައިވާ މި ބޮޓަކީ ހިލޭ ބޭނުންކުރުމަށް ކޮންމެ ބަޔަކަށްވެސް ހުޅުވާލެވިފައިވާ ބޮޓެކެވެ.

މި ބޮޓުގައި މިވަގުތު 35،000 އަށް ވުރެ ގިނަ ބަސް ރަޖިސްޓަރ ކުރެވިފައިވާ އިރު، ބޮޓު އުފެއްދި "ބައިވަރު" ޓީމުން މަޢުލޫމާތު ދޭ ގޮތުގައި ބޮޓަށް ބަސް އިތުރުކުރުމަށް ލިބެން އޮތް ކޮންމެ އެހީއަކަށް މަރުހަބާ ކިޔާނެއެވެ. ޖޭސީއައި އައްޑޫގެ ޚިޔާލަކަށް އުފެއްދި މި ބޮޓަކީ ބޭރު މީހުންނަށްވެސް ދިވެހި ބަހަށް ފަރިތަވުމަށް ހުޅުވިގެންދާނެ މަގެއް ކަމަށް ބައިވަރު ޓީމުން ޤަބޫލުކުރެއެެވެ.