Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟( ދިހަވަނަ ބައި)

އެދުވަހަށްފަހު ޒީޝާންގެ މިޒާޖަށް ބަދަލުއައެވެ. އެކަމުގެ ސަބަބުން ޒައިކްއާއި ދެމެދުގައި ކުރިން އުފެދުނު އެކުވެރިކަމުގެ ގުޅުންވެސް މަޑުމަޑުން ހީނަރުވާން ފެށިއެވެ. ޒައިކް ފެނުނަސް ޒީޝާން ފޫހިވެއެވެ. ޒީކްގެ ކަންކަން ކުރުންވެސް އޭނާއަށް ބުރައަކަށް ވާންފެށިއެވެ. އޭނާގެ ދިރިއުޅުން ދާންޖެހޭނެ ގޮތަކީ އަދި މިއީ ކަމުގައި އޭނާ ގަބޫލެއް ނުކުރެއެވެ. މިނޫން އެހެންގޮތެއް އޭނާ ހޯދަން އެބަޖެހެއެވެ. އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. އަދިވެސް އެނޫންގޮތަކަށް ދިރިއުޅުން ބަދަލުކޮށްލުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.

ޒަލަފް އަދިވެސްހުރީ ހުސްކޮށެވެ. ވީއިރު، އޭނާއަށް ޒައިކްގެ ކިބައިން ވަރިވެގެން ގޮސް ޒަލަފްގެ މީހަކަށް ވެވިދާނެއެވެ. ޒަލަފް އޭނާދެކެ ހަޤީޤަތުގައިވެސް ލޯބިވާކަމުގައި ވަނީނަމަ އަދިވެސް އޭނާ ގަބޫލުކުރާނެއެވެ. މިޚިޔާލުތައް ހިތައްއައުމުން އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެހެންކަމުން މަޑުމަޑުން ޒަލަފްއާދިމާއަށް އަނެއްކާވެސް އޭނާގެ ހިތްލެނބެންފެށިއެވެ. ޒައިކްއަށް އެނގުމަކާއި ނުލައި ޒީޝާން މަޑުމަޑުން އޭނާއާ ދުރަށްދާން ފެށިއެވެ.

އަނެއްކޮޅުން ޒައިކް، ޒީޝާންއާއެކު ފާގަތި މުސްތަޤުބަލް ހޭދަކުރާނެ ގޮތްތައް ރާވަމުންދިޔައެވެ. އައިޝާ ދުނިޔޭގައި އޭނާ ހަދަންފެށި އަމިއްލަ ގޭގައި ޒީޝާންއާއެކީ އުފާވެރި ދިރިއުޅުމެއް އުޅުމުގެ އުފާވެރި ހުވަފެންތައް ދެކެމުން ދިޔައެވެ. ޒައިކްގެ މައިންބަފައިންގެ އުއްމީދަކީވެސް އެއީއެވެ.

ނަމަވެސް ތަދުބީރު ކުރަހާ ކޮންމެ ކުރެހުމަކާ އެއްގޮތަކަށް ތަޤުދީރުގެ ގަލަމުން ކުލަޖެހިގެން ނުދާނޭކަން އެއީ އެންމެންވެސް ގަބޫލުކުރާނޭ ހަޤީޤަތެކެވެ. އިންސާނުން ހީވެސް ނުކުރާފަދަ ގޮތްގޮތަށް ދުނިޔޭގެ ކަންކަން ބަދަލުވެގެން ދާއުސޫލުން އަނެއްކާވެސް ޒީޝާންގެ ދިރިއުޅުމަށް އިންޤިލާބެއް އައީއެވެ. ޒީޝާންއާއި ޒަލަފްގެ މެދުގައި އުފެދުނު ލޯބީގެ ހުޅުކޮޅު ކަނިވެ ނިވެމުން ދަނިކޮށް އަނެއްކާވެސް، އެޔަށް ދިރުމެއް ލިބިގެން ހިނގައްޖެއެވެ. އަމަލީގޮތުން ދެމީހުންގެ މެދުގައި ގުޅުމެއް ނުއުފުދެނުނަމަވެސް ދެމީހުންގެ މެދުގައި ބަދަލުކުރެވޭ ސިއްރު ނަޒަރުތަކާއި ލަދުރަކި ހިނިތުންވުންތަކުން ދެހިތުގައިވެސް ލޯބީގެ އާރާގެއް އަނެއްކާވެސް ކުޅެވެން ފަށައިފިއެވެ. އެކަކުވެސް އިސްވެ ލޯބީގެ އެއްވެސް ވާހަކައެއް ނުދެއްކިނަމަވެސް ގުޑްނައިޓް މެސެޖްތަކުން ދެހިތުގެ ހާލު ބަޔާންކޮށްދެމުން ދިޔައެވެ. މިއީ ގޯހެއްކަން އެނގޭއިރުވެސް އެގުޅުން މަޑުމަޑުން ބަދަހިވަމުން ދިޔައެވެ.

ކުލާސްތެރޭގައި އުޅޭއިރު، ފިލާވަޅު ބުނެދިނުމުގެ ބަހަނާގައި އިރުއިރުކޮޅުން ޒީޝާންގެ ގާތަށް ޒަލަފް ދެއެވެ. އެންމެނާއި ސިއްރުން ދެމީހުންގެ ލޮލާއި ލޮލުން ހިތުގެ އުދާސްތައް ބޭރުކުރަމުން ދިޔައެވެ. މީގެ އިތުރުން ހަވީރުގެ ވަގުތު ތަކުގައި ކޮންމެވެސް ބަހަނާއެއް ދައްކާފައި ސުކޫޓަރގައި ޒީޝާން ބުރުޖަހަން ނުކުތުންވެސް އާދައަކަށް ވެއްޖެއެވެ. ގިނަދުވަސް ދުވަހު އޭނާދަނީ ޒީކްވެސް ގޮވައިގެންނެވެ. އޭނާ އާއްމުކޮށްދަނީ ބޮޑުމަގު އަތިރިއަށެވެ. އޭނާގެ ފަސްފަހަތުން މުގޯލިއަޅަމުން ޒަލަފްވެސް ދެއެވެ. މީހުނަށް ފެންނަ ހިސާބުގައި ދެމީހުން ވާހަކަދައްކަނީ ހަމައެކަނި ފޯނުންނެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވާ ވަގުތު ތަކުގައި ޒީޝާންގެ ގާތަށް އައިސް ޒަލަފް ވާހަކަ ދައްކައެވެ. ޒީކް ކުޅެން ވެލިގަނޑަށް ދޫކޮށްލާފައި ދެމީހުން އެކިއެކި ވާހަކަ ދައްކަން ތިބެއެވެ.

" ހާދަ ބިރުންނޭ ތިއިންނަނީ؟…." ޒިޝާން ވަށައިގެން ހޯދާލުމުން ޒަލަފް ބުނެލިއެވެ.

" މީހަކު އަތުވެދާނެތީ…." ޖެހިލުންވެފައި ޒީޝާން ބުނެލިއެވެ.

" އަސްލު އަހަރެންވެސް ބޭނުމެއްނުވޭ އެއްވެސް ހާލެއްގަ ޒީ ބަދުނާމުވާކަށް…އެކަމު ދެކޭހިތްވާތީ އާދެވެނީ….ޒީއަޅެ މެރީނުކޮށް ހުރިނަމަ…." ޒަލަފް އާހެއް ބޭރުކޮށްލަމުން ބުނެލިއެވެ.

"އަހަރެންވެސް ތިހެން ހިތަށްއަރާ…ޒަލް…އަހަރެންނަށް އިންތިޒާރު ކުރާނަންތަ؟…" ޒީޝާން އަސަރާއެކީ އަހާލިއެވެ.

" މުޅި އުމުރަށްވެސް…." ވަރަށް ޔަޤީންކަމާއެކީ ޒަލަފް ޖަވާބުދިނެވެ.

" މި އިންތިޒާރުގެ ނިމުން ވަރަށް އަވަހަށް އަންނާނެ..އިންޝާ ﷲ….އޭރުން މިގޮތަށް ބިރުން އުޅޭކަށް ނުޖެހޭނެ…" އުއްމީދުން ފުރިގެންވީ ހިނިތުންވުމަކާއެކު ޒީޝާން ބުނެލިއެވެ.

*****
ދުވަހަކީ ހުކުރު ދުވަހެވެ. އާދައިގެމަތިން ޒައިކް ފަތިސްނަމާދުކޮށްގެން އައިސް މަސްފެންގަނޑު ސާފުކުރަން ފެށިއެވެ. އޭރުވެސް ޒީޝާން އޮތީ ނިދާފައެވެ. ޒައިކް ފަތިސްނަމާދަށް ދަމުން ގޮވިނަމަވެސް، އެނބުރި އަންނައިރު އަނެއްކާވެސް ޒީޝާން އޮންނަނީ ނިދާފައެވެ. އެހެންކަމުން ޒީޝާންއަށް އުނދަގޫނުކުރަންވެގެން އަމިއްލައަށް ކޮފީއެއް ތައްޔާރުކޮށްލައިގެން އޭނާ ކޮފީބޮއެވެ. އެއީ ކޮންމެދުވަހެއްގެވެސް އާދައެވެ. ޒައިކް މަސްފެންގަނޑު ސާފުކުރުމުގައި އަވަދިނެތި އުޅެނިކޮށް އޭނާގެ ބައްޕަވެސް މިސްކިތުން އައިސް ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީނެވެ.

" ދަރިފުޅާ! ބައްޕަ ވާހަކައެއް ބުނަންތަ؟…" އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ހަމީދު ބުނެލިއެވެ.

" އާނ…ކީކޭ ބައްޕާ؟…" ބައްޕައާ ދިމާއަށް އެނބުރިލަމުން ޒައިކް އެހިއެވެ.

" މިހާރު ދަރިފުޅުމެންގެ ކައިވެންޏަށްވެސް ހަމަހަށްވުރެ ގިނަދުވަސްވީ….އެކަމު ބައްޕައަށް އަދިވެސް ފެންނަނީ ދެމީހުން، ދެބީރައްޓެހިން ފަދައިން އެކަކު އަނެކަކާ އެއްވެސް ގުޅުމެއްނެތް ގޮތަކަށް އެމީހަކާ އެމީހެއް އުޅެނިކޮށް….ބައްޕައަށް ހީވަނީ އަދިވެސް ޒީޝާން ބޭނުންވާ ވަރަށް ދަރިފުޅަށް ވަގުތު ނުދެވޭހެން…ނޫންނަމަ ޒީޝާން ދަރިފުޅަށް ވަގުތު ނުދޭހެން…މިއީ ބައްޕަ ދައްކަން އެންމެ އެކަށީގެންވާ ވާހަކައެއްވެސްނޫން…އެކަމަކުވެސް ހަމަ ފެންނަ މަންޒަރުތަކުން ހިތަށް ކެތްނުވެގެން ބުނެލީ….ބައްޕައަށް ހީވަނީ ދެކުދިން އެކަނި ވަކިން ގެއެއްގަ އުޅެން ފެށުންހެން އެންމެ ރަނގަޅުވާނީ….އޭރުން ދެކުދިންގެ މެދުގަ ތިއޮތް ބީރައްޓެހިކަން ނެތިކޮށްލަން ފަސޭހަވާނެ…އަދި ޒީޝާންވެސް ގެވެހިކުއްޖަކަށް ބަދަލުވާނެ….މިކަމަކަށް ދަރިފުޅު ކީކޭ ބުނަނީ؟…" ޒައިކްގެ ޚިޔާލަށް ހަމީދު އެހިއެވެ.

" އަހަރެންވެސް މިވިސްނަނީ ތިކަމާ…..މިހާރު ގޭގެ މަސައްކަތް އަލުން ފަށަން ބަޔަކާ ވާހަކަވެސް ދައްކައިފިން….އޭރު ރާނާ ހިޔާކޮށް ސިމެންތިވެސް ޖަހާފަ އެހުރީ….ދެންހުންނާނީ ދޮރުފަތް ހަރުކޮށް ކުލަލުން މައިގަނޑު ކަމަކަށް….ދެންހުރި ކުދި ކުދި ކަންކަން އަހަރެންނަށްވެސް ކޮށްލެވޭނެ….އެހެންވީމަ އެމަސައްކަތް ބަޔަކާ ހަވާލުކުރާނަން ވަރަށް އަވަހަށް….ބައްޕަމެންވެސް އެކަނިވާނެތީއާ ޒީޝާންވެސް އޭނާގެ މަންމަމެންނާ ދުރަށް ގެންދަން ބޭނުންނުވާތީ މިމަޑުކުރީ….އެކަމު ބައްޕަ ތިބުނިހެން ދެމީހުން ވަކިން ގެޔަކަށް ދިޔުން ރަނގަޅުހެން ހީވަނީ…." ޒައިކް އޮޅުންފިލުވައިދިނެވެ.

" ބައްޕަމެންނަށްވުރެ ބޮޑަށް ދަރިފުޅުގެ އަމިއްލަ ދިރިއުޅުމާމެދު ވިސްނަންވީ….ޒީކްއަށްވެސް ރަނގަޅު މުސްތަޤުބަލެއް ލިބޭނީ އޭރުން…" ހަމީދު ވިސްނައިދިނެވެ.

މެންދުރު ވަގުތެވެ. ޒީޝާން ފެންވަރައިގެން ނުކުމެ ބޮލުގައި ތުވާލި އޮޅާލައިގެން ގޮސް ޑްރެސިންޓޭބަލް ކުރިމަތީގައި އިށީނެވެ. ޒައިކް ހުކުރަށް ގޮސްވުމާއި ޒީކްވެސް ނިދާފައި އޮތުމުން އޭނާއަށް އުނދަގޫކުރަން ނާންނާނެކަން އެނގޭތީ ވަރަށް ހަމަޖެހިލައިގެން ޑްރެސިން ޓޭބަލް ކުރިމަތީގައި އިނދެ ގައިގާ ލޯޝަންލާން ފެށިއެވެ. އޭނާވަރަށް ގަޔާވެގެން ލޯޝަންލަމުން ދަނިކޮށް އިންޒާރަކާވެސް ނުލައި ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވިއްޖެއެވެ. ސިހިފައި އަޑެއް ލައްވާލަމުން އަވަސް އަވަހަށް ބޮލުގައިވާ ތުވާލި ނަގައި ހަށިގަނޑު ނިވާކުރަމުން ފާޚާނާއަށް ދިއުމަށް އަވަސްވެގަތެވެ. އޭނާގެ ނަސީބުދެރަކަމުން ގޮނޑީގައި އަޅައިގެންފައި އޭނާ ވެއްޓުނެވެ.

" އާއު…" ޒީޝާންއަށް ވީތަދުން އަޑެއްލައްވާލެވުނެވެ.

ކޮޓަރިއަށް ވަތްގޮތަށް ފާޑަކަށް ހުއްޓުން އަރާފައިހުރި ޒައިކްއަށް ބޭއިޚްތިޔާރުގައި ޒީޝާންގެ ގާތަށް ދެވުނެވެ.

" ތަދުވިތަ؟" ޒީޝާންއާ ދިމާއަށް ގުދުވެލަމުން ޒައިކް އެހިއެވެ. ފަޔަށް ތަދުވިވަރުންނާއި ގަތްލަދެއްގެ ބޮޑުކަމުން ވަގުތުން ޒީޝާންއަށް ރޮވުނެވެ. އެފަދަގޮތަކަށް ޒައިކްގެ ކުރިމަތީގައި އޭނާގެ ހަށިގަނޑު ހާމަވާކަށް އޭނާ ނޭދެއެވެ. ޒައިކް ހަދާނެގޮތެއް ނޭނގިފައި އިރުކޮޅަކު ވިސްނާލަން އިނދެވުނެވެ. އެހެންއިނުމަށްފަހު ކުއްލިއަކަށް ޒީޝާން އޭނާގެ އަތްދަނޑިމައްޗަށް އުފުލާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. އެއާއެކު ބެޑްޝީޓް ގައިގާ އޮޅާލަމުން ޒީޝާން ކުރިޔަށްވުރެވެސް ބާރަށް ރޯންފެށިއެވެ. އެވަގުތު ޒައިކްގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ.

" ކިހިނެއްވީ؟…މާބޮޑަށް ތަދުވީތަ؟…" ކަންބޮޑުވެ، ހާސްވެފައި ހުރެގެން ޒައިކް އެހިއެވެ. ޒީޝާން އެތެރެއިން ރުޅިގަދަވަމުން ދިޔައީ ޒައިކް އަދިވެސް ދާން ނޫޅެ ހުރީތީއެވެ. އޭނާ އެހާބޮޑަށް ލަދުގަތްއިރުވެސް ޒައިކްއަށް އެކަން އިހުސާސް ނުކުރެވުނީތީއެވެ.

" ޕްލީޒް ބުނެބަލަ ވީގޮތެއް….މަންމަމެން އަތުވެދާނެ ޒީ ރޯއަޑަށް…." ޒައިކްހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ.

" މިތަނުންދޭބަލަ!…ޕްލީޒް ދޭބަލަ!…" ބާލީހުން މޫނު ފޮރުވައިގެން އިނދެ ރޮމުން ރޮމުން ޒީޝާން ބުންޏެވެ.

" އޯކޭ…އެކަމް ޒީގެ ފަޔަށް…" ޒައިކް އެއްޗެއް ބުނަން އުޅުނެވެ.

" އަހަރެންނާ ގާތްނުވާތި! ދުރަށްދޭ!….މިބުނީނު ދާށޭ!…" ޒައިކް ގާތްވާހެން ހީވުމުން ޒީޝާން ނުރުހިފައި ހަޅޭއްލަވައިގަތެވެ.

ޒީޝާންގެ އަޑުއިވިފައި ޒައިކް ހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ. ޒީޝާން އެރޮނީ އޭނާކަމެއް ކޮށްފާނެތީ ބިރުން ހެއްޔެވެ؟ އަޖާއިބެއް ކަހަލަ އަންހެން ކުއްޖެކެވެ. އޭނާ އެހާ ކަންބޮޑުވެފައި އެހުރީ ޒީޝާންއަށް މާބޮޑަށް ތަދުވީކަމުގައި ހީކޮށްގެންނެވެ. ނަމަވެސް ޒީޝާން ވިސްނަމުން އެދިޔައީ އޭނާ ކަމެއްކޮށްފާނެތީއެވެ. އޭނާއަށް ޒީޝާން ކުޑަވެސް އިތުބާރެއް ނުކުރަނީ ހެއްޔެވެ؟ ޒައިކް ހިތްހަމަނުޖެހުނުވަރުން ވަގުތުން ކޮޓަރިން ނުކުތެވެ. އޭނާ އެކޮޓަރިއަށްވަނީ ޒީޝާން އިންކަމަކަށް ނޫނެވެ. ތަޅުނުލާހުރުމުން ވަދެވުނީއެވެ. ނަމަވެސް ޒީޝާން އޭނާއާމެދު ވިސްނާނީ ގޯސްކޮންނެވެ. ޒައިކް ކާކޮޓަރިއަށް ވަދެ އައިސް އަލަމާރިން ފެންފުޅިއެއްނަގައި ތިންހަތަރުކޯވަރު ފެންބޯލިއެވެ. އެއްވެސް ހުރަހެއްނެތި ޒީޝާން ފެނުމުން އޭނާގެ ހިތަށް ލޮޅުމެއް އެރިކަންގައިމެވެ. ނަމަވެސް ޒީޝާންގެ ވަނާތަކަށް ނަޒަރެއް ހިންގާލާކަށް އޭނާއަކަށް ފުރުސަތެއް ނުލިބުނެވެ. އޭނާގެ ހަލާލު އަނބިމީހާގެ ގޮތުގައިހުރިއިރުވެސް އެފަދަ އުފަލެއް އޭނާއަށް ލިބުމެއްނެތެވެ. ނުވިތާކަށް އޭނާގާތްވެދާނެތީ ބިރުން އޭނާ ކޮޓަރިންވެސް ބޭރުކުރީއެވެ. ޒީޝާން ނުރުހިފައި އޭނާއަށް ހަޅޭއްލަވައި ގަތުމުން އޭނާގެ މޫޑުވެސް ގޯސްވެއްޖެވެ.

" ދަރިފުޅާ..ކިހިނެއްވީ؟ އަނެއްކާ ތަބީއަތް ގޯސްވީތަ؟…" ކާކޮޓަރިއަށް ވަތްވަގުތު، އައިސްއަލަމާރީގައި ލެނގިލައިގެން ދެލޯމަރައިގެން ހުރި ޒައިކް ފެނުމުން ހައްވައަށް އަހާލެވުނެވެ.

" ނޫން…ކަމެއްނުވޭ….." ތަބީއަތް ހަމައަކަށް އަޅުވާލަމުން ޒައިކް ބުނެލިއެވެ.

" ކާންވީނު…." ހައްވަ އެހިއެވެ.

" މިވަގުތަކު ނުކާނަން…ސުކޫލަށްދާން ޖެހިގެން މިދަނީ.." އެހެން ބުނުމަށްފަހު ޒައިކް ކާކޮޓަރިން ނުކުތުމަށް އަވަސްވެގަތެވެ. ގިނައިރު ގޭގައި މަޑުކޮށްފިނަމަ އޭނާގެ މޫޑު އިތުރަށް ގޯސްވާނެއެވެ.

އެތައްއިރަކު ރޯންއޮތުމަށްފަހު ޒީޝާން ތެދުވީ ޒައިކް ދިޔައީކަން ޔަޤީންވުމުންނެވެ. ޒީޝާން ހެދުންލައި ތައްޔާރުވެގެން ވެސް ކޮޓަރިން ނުކުންނަން ނުކެރިފައި އެތައްއިރަކު އިނެވެ. އެހެން އިންދައި ހައްވަ އައިސް އޭނާއަށް ކާންގޮވިއެވެ.

" ދަރިފުޅު ބަލީތަ؟…ހާދަފާޑަކަށް ތިއިނީ…." ޒީޝާންގެ މިލާފައިވާ މޫނު ފެނުމުން ކަންބޮޑުވެފައި ހައްވަ އެހިއެވެ.

" ނޫން…ކަމެއްނުވޭ….މިދަނީ ކާން…." ހައްވަ އިތުރު ސުވާލެއްކޮށްފާނެތީ ޒީޝާން އަވަހަށް ކޮޓަރިން ނުކުތެވެ.

" ހަމީދު ތިއައިއިރު ޒައިކް ނުދެކެންތަ؟….ސުކޫލަށް ގޮސް އެބައަންނަމޭ ބުނިމީހާގެ ޚަބަރެއްނުވި….މިއޮއްފަދަ ހުކުރު ދުވަހުވެސް ސުކޫލުގަ ކުރަނީ ކީއްތަ؟" ބޭރުން އައިސް ވަތް ހަމީދު ފެނިފައި ހައްވަ ސުވާލުކުރިއެވެ.

" ނުދެކެން…..އެއީ އާއްމުކޮށް އޭނާ ކަންތައްކުރާގޮތެއްނު…..މިސްކިތަށް ގޮސް އައިސް އަނެއްކާވެސް ސުކޫލަށެއްނު ދަނީ….ކައިވެނިކުރީމަވެސް ޒައިކްއަށް ގޭގަ މަޑުކުރެވޭނެ ވަގުތެއްނުވޭ….އަބަދު އެހާބުރަކޮށް ނޫޅެ އަނބިދަރިންނަށްވެސް ވަގުތުދޭން ޖެހޭނެއްނު…." ހަމީދު ކުޑަކޮށް ނުރުހިފައި ބުންޏެވެ.

" އެސޮރު މިހާރު ގެޔަށްއާދޭ ވަރަށް އަވަހަށް…. މެންދުރު ބަތްކާންވެސް އާދޭ….އިއްޔެވެސް އެކެއްޖެހިއިރު އައިގޮތަށް އުޅުނީ ގޭގަ…އެކަމު މިއަދު ނޭނގެ ވީގޮތެއް….ހުކުރުން އައިސް ނުވެސްކައި ސުކޫލަށޭ ކިޔާފަ އެދިޔައީ…" ހައްވަ އޮޅުން ފިލުވައިދިނެވެ.

އެމީހުންގެ ވާހަކަތައް އަޑުއަހަން އިން ޒީޝާން ބަހެއްވެސް ނުބުނެ ހިމޭންކަމާއެކު ކަމުން ދިޔައެވެ. މިއަދު ޒައިކް އެދިޔައީ ނުރުހިގެންހެން ހީވާތީ އޭނާއިނީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. ނަމަވެސް ޒައިކް އެގޮތަށް ހުއްދައަކާ ނުލައި ކޮޓަރިއަށް ވަނީތީ ޒައިކްދެކެ ރުޅިއައުން އޭނާއަށް ހައްޤުކަމުގައި އޭނާ ގަބޫލުކުރިއެވެ.

އެންމެން ކައި އަވަދިވީއިރުވެސް ޒައިކްގެ އެއްވެސް ޚަބަރެއްނުވިއެވެ. އެންމެފަހުން ހައްވަ ޒައިކްއަށް ގުޅިއެވެ. ނަމަވެސް އޭނާ ފޯނަށްވެސް ޖަވާބެއް ނުދިނެވެ.

ޒައިކް އޭނާއަށް ޚާއްސަކުރެވިފައިވާ ކޮޓަރީގައި އިނެވެ. ގޮނޑީގައި ލެނގިލައިގެން ދެލޯމަރާލައިގެން އޭނާއިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާ ކައިވެނިކުރީ، ޚަރީފުވެފައިވާ އޭނާގެ އެކަނިވެރި ދިރިއުޅުމަށް ބަހާރު މޫސުން އަންނާނެ ކަމުގައި ހީކޮށްފައެވެ. އޭނާގެ އާރޯކަން ގެއްލިފައިވާ ހިތަށް ޒީޝާންގެ ލޯބިން ދިރުމެއް ލިބޭނެ ކަމުގެ ފުރިހަމަ އުއްމީދުގައެވެ. ނަމަވެސް ކައިވެންޏަށް ހަމަސްވެގެން ދިޔައިރުވެސް އޭނާ ހީކުރިފަދަ އެއްވެސްކަމެއް ހާސިލެއް ނުވިއެވެ. ޒީޝާންގެ ދުރުހިލޭކަމުން އޭނާގެ ހިތަށް އަނިޔާލިބުން ނޫންކަމެއް ނުވިއެވެ. އެއީ ޒީޝާންގެ މޮޔަކަމުން އުޅޭގޮތެއް ކަމުގައި ކުރިން އޭނާއަށް ހީކުރެވުނެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ޒީޝާންގެ ފުށުން އޭނާއަށް ފެންނަނީ ދުރުހިލޭކަމާއި ނުރުހުންތެރިކަމެވެ. އޭނާ ނުކުރާ ކުށެއްގެ އަދަބު ލިބޭކަމުގެ އިހުސާސް ކުރާކަށް އޭނާވެސް ބޭނުމެއް ނޫނެވެ. ދެން އޮތް ގޮތަކީ ސީދާ ޒީޝާންއާ ސުވާލުކޮށްގެން ސަބަބު އޮޅުން ފިލުވުމެވެ.

ޒައިކް ގެޔަށްއައީ އެދުވަހުގެ އިރުއޮއްސުމާއި ގާތްވެފައި ވަނިކޮށެއެވެ. އޭރު ޒައިކް ޚަބަރެއް ނުވެގެން އޭނާގެ މަންމަހުރީ ކަންބޮޑުވެފައެވެ. ނަމަވެސް އޭރުވެސް ޒީޝާން ގެޔަކުނެތެވެ. ޒީކް ގޮވައިގެން އޭނާވީ ބޭރަށް ގޮހެވެ. ޒައިކް ކިތަންމެ އިރަކު ބޭރުގައި އުޅުނު ނަމަވެސް ޒީޝާންއަކަށް ފަރުވާލެއްނެތެވެ. އޭނާ ލަހުންއައީ ކީއްވެތޯވެސް ޒީޝާން ނުބަލާނެއެވެ. އަނެއްކޮޅުން ޒައިކްގެ މަންމަ ހުންނަނީ ޒައިކްއަށް ކަމެއް ބޭނުންވޭތޯ ބަލަބަލައެވެ. ކުރިއެކޭ އެއްގޮތަށް މިހާރުވެސް ޒައިކްގެ ހުރިހާ ކަމެއްކޮށްދެނީ އޭނާއެވެ. ޚުދު ޒައިކްއަށްވެސް އެކަން އެނގެއެވެ. ނަމަވެސް އޭނާ އަދިވެސް ކެތްކުރަމުންދަނީ ޒީޝާންއަށް ވިސްނޭނެ ދުވަހަކަށެވެ.

މެންދަމުގެ ވަގުތެވެ. ދެލޯމަރައިގެން އޮތްނަމަވެސް ޒީޝާން އޮތީ ނިދާފައެއް ނޫނެވެ. ޒައިކްއައިސް ކޮޓަރިއަށް ވަނުމުން އޭނާ ނިދާކަމަށް ހެދުނީއެވެ. މެންދުރު ދިމާވި ހާދިސާއަށްފަހު ޒައިކްގެ މޫނުދެކޭކަށްވެސް އޭނާ ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ އުޅުނީ އިރުއޮއްސެންދެންވެސް ގެޔަށްނުވަދެ ފިލައިގެންނެވެ.

ޒައިކް ފާޚާނާއަށް ވަދެފައި އައިސް އޭނާގެ ގޮދަޑީގައި އޮށޯތުމަށްފަހު، އެނދުގައި ފުރަގަސްދީގެން އޮތް ޒީޝާންއަށް ނަޒަރެއް ހިންގާލިއެވެ. އެވަގުތު އޭނާގެ ހިތުގައި ޝަކުވާގެ އޮވެވަރެއް ހިނގާލިއެވެ. އޭނާގެ ހަލާލު އަނބިމީހާގެ މަޤާމުގައިހުރެ ޒީޝާން އޭނާއަށް އެދެނީ ކިހާބޮޑު އަނިޔާއެއް ހެއްޔެވެ؟ އޭނާ ޒީޝާންގެ ފަރާތުން އަޅާލުމާއި ލޯތްބަށް އެދޭވަރު ޒީޝާން އިހުސާސްވެސް ނުކުރެވެނީ ހެއްޔެވެ؟ އޭނާއަކީވެސް އިންސާނެއްކަން ޒީޝާންއަށް ނޭނގެނީ ހެއްޔެވެ؟ ކުޑަމިނުން އޭނާގެ ކުށަކީ ކޮބައިކަންވެސް ޒީޝާން ބުނެ ނުދިނެވެ. ޒީޝާން އޭނާއަށް ނަފްރަތުކުރަން ޖެހޭ ސަބަބަކީ ފަހެ ކޮބާ ހެއްޔެވެ؟

ކުއްލިއަކަށް އޭނާއަށް އައިޝާގެ މަތިން ހަނދާންވިއެވެ. އޭނާ ސުކޫލުން އަންނައިރު އައިޝާ ހުންނަނީ ފެންވަރައި ރީތިވެލައިގެން އޭނާ އިންތިޒާރުގައެވެ. އޭނާއާއެކުގައި ނޫނީ އައިޝާ ނުކައެވެ. ކިތަންމެ ދަންވަންދެން ސުކޫލުގައި އުޅެފައި އައިނަމަވެސް، އޭނާ އައުމުން ނޫނީ ނުވެސް ނިދާނެއެވެ. އެއީ ކިހާ ހެޔޮ އަނތްބެއް ހެއްޔެވެ؟ އައިޝާގެ ޚިޔާލުތައް ހިތަށްވެރިވުމުން ބޭއިޚްތިޔާރުގައި އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. އެތައް ދުވަހެއްވާންދެން ހިތުގައި ކަފުންކޮށް ވަޅުލާފައިވާ ހަނދާންތައް އަނެއްކާވެސް އާވީއެވެ. އޭނާގެ އެކަނިވެރިކަން މިރޭ އަނެއްކާވެސް ވަރަށް ބޮޑަށް އިހުސާސް ވެއްޖެއެވެ. ވިސްނާ ފިކުރު ކުރުމުގައި އޮއްވައި އޭނާއަށް ނިދުނުއިރެއްވެސް ނޭނގެއެވެ.
****
ވަގުތުތައް ހަލުވިކަމާއެކު ހޭދަވެގެން ދާއިރު، ބައެއްގުޅުންތައް ބަދަހިވެ އަނެއްބައި ގުޅުންތައް ހީނަރުވަމުން ދިޔައެވެ. ޒީޝާންއާއި ޒަލަފް އެމީހުން ލޯބީގެ ގުލްޝަނުގައި ޚިޔާލީ މާތައް ފޮޅުވަމުން ދިޔައިރު، އެމީހުންގެ މުސްތަޤުބަލުގައި ކަންތައްވެދާނެ ގޮތާމެދު އެކަކުވެސް ނުވިސްނައެވެ. އަވާމެންދުރެއްފަދަ ވަގުތީ އާލަމެއްގެ ތެރެއަށް ދެމީހުންވެސް ބެހިގެންދަނީއެވެ.
އިރާދަމުގެ ވަގުތެވެ. ލޯގަނޑު ކުރިމަތީގައިހުރެ ޒީޝާން ގޮތް ގޮތަށް ފަރިބަލަމުން ދިޔައެވެ. ފަހު ފަހަރަށް މޫނު ބަލާލުމަށްފަހު ގަޔަށް ދެތިންފަހަރު ސެންޓް ބުރުވާލަމުން އޭނާ ހިނިތުންވެލިއެވެ. އެވަގުތު ކޮޓަރިއަށް ވަތް ޒައިކްގެ ނަޒަރު ޒީޝާންއަށް ހުއްޓުނެވެ. މެރޫންކުލައިގެ ޓޮޕަކާއި އައިސްބްލޫ ޖީންސްއެއްލައި ކްރީމްކުލައިގެ ޝޯލްއެއް އަޅާފައިހުރިއިރު، އޭނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. މެރޫން ކުލައިގެ ލިޕްސްޓިކަކުން ތުންފަތް ފަވާލާފައިވާއިރު، ދެލޮލުގައިވެސްވަނީ އަނދުން އަޅާފައެވެ. ޒީޝާންއަކީ އަބަދުވެސް މޭކަޕްކުރަން ލޯބިކުރާ ކުއްޖެއްނަމަވެސް މިހާ ފާޅުކަންބޮޑު މޭކަޕަކެއް އާއްމުކޮށް އޭނާ ނުކުރެއެވެ. އެހެންކަމުން ޒީޝާން ތައްޔާރުވަމުން އެދަނީ ވަރަށް ޚާއްސަކަމަކަށްކަން ޒައިކްއަށް އެނގުނެވެ.

" މިރޭ މާ ޚާއްސަ ތާކަށްދަނީތަ؟…" އެންމެފަހުން ޒައިކް އެހިއެވެ.

" ކުލާސްކުއްޖެއްގެ ދައްތަގެ ކައިވެނި ޕާރޓީއަކަށްދާންވެގެން…..ސޮރީ ކުރިން ނުބުނެވުނީމަ…." ޒީޝާން އަވަސް އަވަހަށް ބުނެލިއެވެ. އަދި އޭނާގެ ފޯނު ޖީބަށް ލައިގެން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

" އަހަރެން ގެންގޮސްދޭންތަ؟…" ފަހަތުން ނުކުންނަމުން ޒައިކް އެހިއެވެ.

" އަހަރެން އެކަނި ގޮސްދާނަން…." ޒީޝާން އަވަސް އަވަހަށް ޖަވާބުދިނެވެ.

" އެކަމު ސުކޫޓަރގަ މައްސަލައެއް އުޅެއޭ ޒީޝާންގެ ބައްޕަބުނި…." ޒައިކް ބުނެލިއެވެ.

" އާނ…އަހަރެންދަނީ ކާރުގަ…" ޒީޝާންބެލީ އަވަހަށް ޒައިކްގެ ކިބައިން ސަލާމަތްވޭތޯއެވެ.

ޒީޝާން ކަންތައްކުރިގޮތުން ޒައިކް ވަރަށް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ބަހެއްނުބުނެ އޭނާ އެތެރެއަށް ވަނެވެ. ޒީޝާންގުޅި ކާރު އައުމުން އޭނާ ކާރަށް އެރިއެވެ. އަދި ފޯނުނަގައި އޭނާގެ އެކުވެރިޔާއަށް މެސެޖްކޮށްލިއެވެ. ކާރު އޭގެ މަންޒިލަށް މަޑުކޮށްލުމުން ޒީޝާން ފޭބިއެވެ. އޭރު އޭނާގެ ކުލާސްކުދިން އޭނާގެ އިންތިޒާރުގައި ތިއްބެވެ.

ހަފްލާ ފެށިގެން ކުރިޔަށް ދިޔައިރު، ކުލާސްހުރިހާ ކުދިންވެސް ތިބީ ހާޒިރުވެއެވެ. ނަމަވެސް ޒީޝާންގެ ލޯ ހޯދަމުން ދިޔައީ ޒަލަފްއެވެ. ޒަލަފްއަށްވެސް އެހަފްލާއަށްވަނީ ދައުވަތުދީފައެވެ. އޭނާ އަންނާނެކަންވެސް ޒީޝާންއަށް ޔަޤީނެވެ.

" އަހަރެންތަ ތިހޯދަނީ؟…" ކުއްލިއަކަށް ދާދިގާތުން ޒަލަފްގެ އަޑުއިވިފައި އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. ޒީޝާން އެނބުރި ޒަލަފްއާ ދިމާއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމާއެކު ޒަލަފްގެ ހިތަށް ގޮތެއްވެގެން ދިޔައެވެ.

" ވާއު…މިރޭ ހާދަރީއްޗޭ!….ތިހާ ރީތިވެގެން ތިއައީ މިތަނަށް އަންނަ ހުރިހާ ފިރިހެނުންގެ ހިތްތައް ކަތިލަންތަ؟….ހެޔޮނުވާނެ ތިހެންހަދާކަށް…މިހާރުވެސް ތިކުއްޖާއާހެދި ދީވާނާވެފަ ތިބިމީހުން މަދީތަ؟…" ވަރަށް ޝާއިރީގޮތަކަށް ޒަލަފް ބުނެލުމުން ޒީޝާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެވަގުތު ގާތުގައި ތިބި ދެތިންމީހަކުވެސް އެދިމާ ބަލާލިއެވެ. ޒީޝާން އަވަސް އަވަހަށް އޭނާގެ އަނގަމަތީގައި އަތްއަޅާލަމުން އެމީހުނާ ދުރަށް ޖެހިލިއެވެ.

" ހިނގާބަލަ ތަންކޮޅެއް އެކޮޅަށް….މިތާ މާމީހުން ގިނައެއްނު…." މީހުންގެ ނަޒަރުތައް އެދިމާއަށް އަމާޒުވާން ފެށުމުން ޒަލަފް ބުނެލިއެވެ. ޒީޝާންވެސް ހެމުން ހެމުން ޒަލަފްގެ ފަހަތުން ދިޔައެވެ. ދެމީހުން ގޮސް، ތަންކޮޅެއް މީހުން މަދު ހިސާބެއްގައި ހުރި މޭޒެއްގެ ކައިރީގައި އިށީނެވެ. އެމީހުނާއި ދާދި ގާތުގައިހުރި މޭޒެއްގެ ދަށުގައި ހުސެންނާއި ޝިޔާވެސް ކެއުމަށް އިންސާފުކުރަން ތިއްބެވެ. މިރޭގެ ހަފްލާ އެދެމަފިރިއަކަށް ޚާއްސަކުރެވިގެން ދިޔަ، ދެމަފިރިންގެ ތެރެއިން ފިރިހެން ކުއްޖާއަކީ ހުސެންގެ ގާތްތިމާގެ ކުއްޖެކެވެ. ހުސެންގެ ފަރާތުން ޝިޔާއާއި އުފެދިފައިވާ ގާތްކަމެއްގެ ސަބަބުން ޝިޔާއަށްވެސް ދައުވަތު ލިބުނީއެވެ.

" އޭތް…އެއިނީ ޒީތަ؟…ޒީއާ ވަރަށް ވައްތަރު ކުއްޖެއް އެއީ؟…" ކުއްލިއަކަށް ހުސެން ބުނެލުމުން ޝިޔާވެސް އެދިމާ ބަލާލިއެވެ. އޭރު ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ދޮށުގައި ދެމީހަކު ތިއްބެވެ. ތަނަށް ވެރިވެފައިވާ ރަތްކުލައިގެ ފަނޑުއަލީގެ ތެރެއިން އެއީ ކޮންބައެއްކަން ވަކިކުރާކަށް ފަސޭހައެއްނޫނެވެ.

" ޒީތަ އެއީ؟…އަޅެ ގުޅާލާނަން…" އެއީ ޒީޝާންތޯ ޔަޤީންކޮށްލުމުގެ ގޮތުން ޝިޔާ ފޯނުނަގައި ގުޅާލިއެވެ. އެވަގުތު މޭޒްމަތީގައި އޮތް ޒީޝާންގެ ފޯނުގެ ސްކްރީން ސިއްލުނުތައް ފެނުނެވެ. އަދި ޒީޝާން ފޯނަށް ބަލާލާފައި ކޯލްކަނޑާލި މަންޒަރުވެސް ޝިޔާއަށް ފެނުނެވެ.

" ޒީ ކީއްވެބާ ފޯނުކަނޑާލީ؟…އަހަރެން ދާނަށް ޒީގެ ގާތަށް ގޮސް އަންނަން…." އެހެން ބުނުމަށްފަހު ޝިޔާ ތެދުވިއެވެ.

" ނޫނޭ މަޑުކުރޭ! އެމީހުންނަށް ޕްރައިވަސީ ދޭންވާނެއްނު….ޝިޔާ ދިޔައީމަ ކަމަކު ނުދާނެ…ދެން ޕާޓީ ނިމުނީމަ ދިމާވެލާނީ…" ޝިޔާގެ އަތުގައި ހިފައި ހުއްޓުވަމުން ހުސެން ބުނެލިއެވެ.

" އެކަމު އެއީ ހަމަ ޒީތަ؟…މަށަކަށް ހިއެއްނުވޭ ޒީ ޒައިކްސަރއާ އެކީ އަތުވެދާނެހެނެއް….އަޅެ މެސެޖްކޮށްލާނަން…" ޒީޝާންއާ ވާހަކަ ނުދެއްކޭހައި ހިނދަކު ޝިޔާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެހެންކަމުން އޭނާ ޒީޝާންއަށް މެސެޖްކޮށްލިއެވެ. ޒީޝާން ފޯނުބަލާލުމަށްފަހު މިފަހަރުވެސް އަޅައެއްނުލިއެވެ.

" ކީއްވެތަ ޒީ އަހަރެންގެ މެސެޖަށް ރިޕްލައި ނުކުރަނީ؟…" ޝަކުވާގެ ރާގެއްގައި ޝިޔާ ބުނެލިއެވެ.

" ޝިޔާ….ދެން އެދެމަފިރިންނަށް އެކަނިވެލަން ވަގުތުކޮޅެއްދީބަލަ! ބެސްޓް ފްރެންޑްވިޔަސް ތިހެން އުޅޭކަށް ނުވާނެއްނު…" ހުސެން އަނެއްކާވެސް ޝިޔާއަށް ވިސްނައިދިނެވެ. ނަމަވެސް ޝިޔާގެ ހިތަށް އުނދަގޫވަނީއެވެ. އެއީ ޒީޝާން ނަމަ، އޭނާއާއެކުގައި އެއީ ޒައިކްކަމަކަށް ޝިޔާގެ ހިތެއް ގަބޫލެއްނުކުރެއެވެ. ޝިޔާ އިރުއިރުކޮޅުން ފަސްއެނބުރި ޒީޝާންމެންނަށް ބަލަމުން ދިޔައެވެ.

" ޝިޔާ…ކިހިނެއްތަވީ؟…ޒީވެސް ފްރީވީމަ ގުޅާނެއްނު….ދެން އެކަމާ ނުވިސްނާ ކައިބަލަ!…" ޝިޔާ އުޅޭގޮތުން ހުސެން އަނެއްކާވެސް ބުނެލިއެވެ. އެހެންކަމުން ޝިޔާ އިތުރު އެއްޗެއް ނުބުނެ ކެއުމައިގެން ކުރިޔަށް ދިޔައެވެ. ނަމަވެސް އޭނާއަށް ވިސްނެމުން ދިޔައީ ޒީޝާންއާއެކުގައި އިން ފިރިހެންމީހާއަކީ ކާކުކަމާމެދުގައެވެ. އެއީ ޒައިކް ނޫންކަމުގައި އޭނާގެ ހިތްބުނެއެވެ.
" އަނެއްކާ ޒަލަފްތަ؟…" ކުއްލިއަކަށް އޭނާގެ ހިތަށްއެރިއެވެ.

ނަމަވެސް އެހެންވާނީ ކިހިނެއް ހެއްޔެވެ؟ ޒަލަފް އެހަފްލާއަށް އަންނަން ޖެހޭ ސަބަބެއް ނޯންނާނެއެވެ. އެއީ ޒަލަފްއާ އެއްވެސް ގުޅުމެއް އޮތް ބައެއްނޫނެވެ. މިހެން ހިތަށްއެރުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އޭނާއަށް ލިބުނެވެ.

" އޭތް އަވަސްކޮށްގެން ހިނގާ މިތަނުންދާން….އަހަރެންނަށް ހީވަނީ ޝިޔާވެސް މިތާނގަ އެބައުޅޭހެން….ކޮންތާކުހޭ ކިޔާފަ މެސެޖްކޮށްފަވެސް އެބައޮތް….އޭނައަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ…." ޒީޝާން ފޯނަށް ބަލާލުމަށްފަހު ކަންބޮޑުވެފައި ބުންޏެވެ.
" އޯކޭ…ހިނގާ ބުރެއް ޖަހާލަންދާން….ޕާރޓީ ނިމޭހާއިރުކޮށްފަ ގެޔަށް ދެވިދާނެއްނު…." ޒަލަފް ބުނެލިއެވެ. ދެމީހުން އަވަސް އަވަސް ކޮށްލައިގެން ވަރަށް ސިއްރު ސިއްރުން އެތަނުން ނުކުތެވެ.

" އެމީހުން ދިޔައީތަ؟…." ޝިޔާ ފަސްއެނބުރި ބަލާލިއިރު ޒީޝާންމެން ތިބި މޭޒު ހުސްކޮށް ހުއްޓައި ފެނުމުން އޭނާ އެހިއެވެ.

" ހޫމް…ދިޔައީހެން ހީވަނީ…..ޝިޔާވެސް އެމީހުނާއެކު ދާންވީތަ؟.." ހީލަމުން ހުސެން އަހާލިއެވެ.

" ނޫން…އެހެނެއްނޫން…އެމީހުން އެހާއަވަހަށް ދިޔައީމަ…" ހުސެން ބުނިގޮތުން ރަކިވެގެން ޝިޔާ އަވަސް އަވަހަށް ބުނެލިއެވެ.

ޒީޝާން ގޮވައިގެން ޒަލަފް މިސްރާބުޖެހީ ލިންކްރޯޑަށެވެ. އެމަގަކީ އާއްމުކޮށް ޒުވާނުން ލޯބިވެރިންނާއެކު ސައިކަލު ބުރުޖަހާލާ މަންޒިލެކެވެ. ނަމަވެސް މިއީ ޒީޝާންއަށް ވަރަށް އާކަމެކެވެ. އަމުދުން ކައިވެނިކުރިފަހުން ހިލޭ ފިރިހެނެއްގެ ސައިކަލު ފަހަތަށް އެރި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ހިތުގައިވަނީ ބިރުވެރިކަމެއްވެސް އުފެދިފައެވެ. ދުވަސްތަކެއްފަހުން ޒަލަފްއާ މިހާގާތްވެވުމުން އޭނާގެ ހިތުގެ ތެޅުން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ޒަލަފްގެ ގައިންދުވާ މީރުވަހުން ހިތްފުރިއަރާހައިވެއެވެ. ޒަލަފް ޒުވާން ހަށިގަނޑުގެ ހޫނުކަން އިހުސާސްކުރެވޭހައި ހިސާބުގައި އެގޮތަށް އުމުރަށްވެސް އިންނަން އޭނާ ބޭނުންވެއެވެ.

ޒީޝާން އެހާގާތުގައި އިނުމުން ޒަލަފްގެ ހިތްވެސް ނުހަނު ބާރަށް ތެޅުމުންދިޔައެވެ. ސައިކަލުގެ މުއްގަނޑުގައި ބާރަށް ހިފަހައްޓައިގެން އިންއިރުވެސް، ހުންގާނު މިސްރާބުން ގެއްލިދާނެހެންވެސް ބައެއްފަހަރު ހީވަމުން ދިޔައެވެ. އެހަށިގަނޑުގެ މަޑުކަން އިހުސާސްކޮށްލުމަށްޓަކައި ކެތްމަދުވަމުން ދިޔައެވެ. މިއީ ރަނގަޅުކަމެއްނޫންކަން ޔަޤީންވާއިރުވެސް އޭނާގެ ހިތުގެ މައްޗަށް ބާރެއް ނުފޯރުވެއެވެ. މީގެކުރިން މީހުންގެ އަނބިންދެކެ ލޯބިވެގެން އުޅޭ ފިރިންނަށް އޭނާ ކިހާ ނަފްރަތެއް ކުރި ހެއްޔެވެ؟ ނަމަވެސް ޚުދު މިއަދު އޭނާއަކީ އެފަދަ މީހެކެވެ. ހަމައެކަނި ތަފާތަކީ ޒީޝާންދެކެ އޭނާލޯބިވީ މީހެއްގެ އަނތްބަކަށް ވުމުގެކުރިން ކަމެވެ.
" ޒަލް ދަންނަ މީހުން މިރަށުގަ އުޅޭނެތަ؟…" ވިސްނަން އިނދެފައި ޒީޝާން އެހިއެވެ.

" އުޅޭނެ ފުދޭވަރަކަށް…..އެކަމު އަހަރެން ޖެހިލުންވަނީ ޒީ ދަންނަމީހުން ގިނަވާނެތީ…." ޒީޝާން ބުނި އެއްޗެއް މާނަ ވިސްނިގެން ޒަލަފް ބުނެލިއެވެ.

" އަހަރެން ދަންނަމީހުން އެހާގިނައެއްނުވާނެ…..އަހަރެންނަކީ އެހާގިނައިން ބޭރުގަ އުޅޭމީހެއްނޫން….އެހެންވީމަ މީހުންނަށް ވަރަށް ނޭނގޭނެ…" ޒީޝާން އޮޅުން ފިލުވައިދިނެވެ.

" އެކަމު ޒީގެ ފިރިމީހާ ދަންނަމީހުން އުޅޭނެއްނު…..އެމީހުނަށް ޒީވެސް އެނގޭނެއްނު…."ވިސްނާލަމުން ޒަލަފް ބުނެލިއެވެ.

" ހޫމް ރަށުގެ ވަރަށްގިނަމީހުންނަށް އޭނަ އެނގޭނެ….އެކަމު އޭނަގެ ހުރިހާ ރައްޓެހިންނަށްވެސް އަހަރެންނެއް ނޭނގޭނެ….ކައިވެނިކުރިކަންވެސް މާގިނަ މީހުންނަކަށް ނޭނގޭނެ….ހަމައެކަނި އާއިލާއާ ދެން ވަރަށް ގާތްމީހުންނަށް އެނގޭނީ…." ޒީޝާން ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.

" ފަހަރެއްގަ އަހަރެން ދަންނަމީހަކަށްވެސް ވެދާނެ ޒީގެ ހަޒްބަންޑަކީ….ޒައިކް ކިޔާމީހެއް އަހަރެން ދަންނަހެންވެސް ހީވޭ….ކާކުތައެއީ؟…" ޝައުޤުވެރިކަމާއެކު ޒަލަފް އެހިއެވެ.

" ދެން އޭނަގެ ވާހަކަ ނުދައްކަބަލަ!….އެވާހަކަ ދައްކަންތަ އަހަރެން ގޮވައިގެން ތިއައީ…." ފޫހިވެފައި ޒީޝާން ޖަވާބުދިނެވެ.
" އޯހ ސޮރީ….ދެން ނުދައްކާނަން…." ހީލަމުން ޒަލަފް ބުނެލިއެވެ.

ބާރުދުވެލީގައި ސައިކަލު ދުއްވަމުން ދިޔައިރު ހިތަށް ލިބެމުން ދިޔަ ފިނިކަމާ އެއްވަރަށް ދެހިތުގެ ބިރުވެރިކަންވެސް އިތުރުވަމުން ދިޔައެވެ. އެހެންކަމުން ޒަލަފް ގަސްތުކުރީ ޒީޝާންގެ ވިސްނުން އަނބުރާލާނެ މޮޅު ވާހަކައެއް ދެއްކުމަށެވެ. އޭނާ ތަފާތު ވައްތަރުގެ ޖޯކްތަކާއި އޭނާއަށް ދިމާވެފައިހުރި މަޖާ ކަންކަމުގެ ވާހަކަތައް ކިޔައިދީގެން ޒީޝާންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ނެތިކޮށްލިއެވެ. ޒަލަފްގެ ހިތްގައިމު އަޑުން ކޮންމެ ވާހަކައެއް އަޑުއަހަންވެސް ޒީޝާންގެ ކަންފަތްހުންނަނީ ކެތްމަދުވެފައެވެ. އެހެންކަމުން ޒަލަފްއާއެކު ހޭދަކުރެވެމުން ދިޔަ ކޮންމެ މިނެޓަކީ ޒީޝާންގެ ހިތަށް އުފާވެރިކަން ގެނެސްދޭ މަޖާ ވަގުތަކަށް ވެގެން ދިޔައެވެ. ބަންދު ކޮއްޓެއްގައި ގައިދުވެފައި އިން ރީތި ދޫންޏެއް ފަޒާގެ ތެރެއަށް ދޫކޮށްލުމުން މިނިވަންކަމާއެކު އުދުހިއުޅޭއިރު ކުރެވޭނޭފަދަ އުފާވެރި އިހްސާސެއް ޒީޝާންއަށްވެސް ކުރެވެމުން ދިޔައެވެ.

ވަގުތުތައް ފާއިތުވަމުން ގޮސް ރޭގަނޑުން ދަމެއް ފާއިތުވެދިޔަފަހުން ޒީޝާންއަށް ރޭކާލީ އޭނާގެ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އަވަސް އަވަހަށް ފޯނުނަގައި ބަލާލިއިރު، ގުޅަނީ ޝިޔާއެވެ.

" އަނެއްކަ ޝިޔާ އެބަގުޅާ….ހިނގާ ގެޔަށްދާން…." ކަންބޮޑުވެފައި ޒީޝާން ބުނެލިއެވެ.

" އޯކޭ…ހިނގާދަމާ…" ޒަލަފްވެސް ޒީޝާންގެ ގެޔަށް ދިއުމަށްޓަކައި ސައިކަލުގެ މިސްރާބު ބަދަލުކޮށްލިއެވެ.

" ގެޔާ ތަންކޮޅެއްދުރަށް ކަންމައްޗަށް މަޑުކުރައްޗޭ!….ފަހަރެއްގަ މީހަކު ހުރެދާނެ ބޭރުގަ…." އަވަށަށް އާދެވުމުން ޒީޝާން ބުނެލިއެވެ. ޒީޝާން ބުނި ހިސާބަށް ޒަލަފް ސައިކަލު މަޑުކޮށްލުމުން ޒީޝާން ސައިކަލުން ފައިބައިގެން ސިއްރު ސިއްރުން ގެޔާދިމާއަށް މިސްރާބުޖެހިއެވެ. ޒީޝާން މަޑުމަޑުން ދޮރޯށި ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ގެޔަށްވަނުމަށް ދިމާކޮށްލި ވަގުތު މީހެއްގެ ހިލަންވިހެން ހީވެގެން ސިހިފައި ހުއްޓެވުނެވެ.

ނުނިމޭ