Last Updated: April 25, 17:49
Thursday, April 25, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( އެގާރަ ވަނަބައި)

" ގެޔާ ތަންކޮޅެއްދުރަށް ކަންމައްޗަށް މަޑުކުރައްޗޭ!….ފަހަރެއްގަ މީހަކު ހުރެދާނެ ބޭރުގަ…." އަވަށަށް އާދެވުމުން ޒީޝާން ބުނެލިއެވެ. ޒީޝާން ބުނި ހިސާބަށް ޒަލަފް ސައިކަލު މަޑުކޮށްލުމުން ޒީޝާން ސައިކަލުން ފައިބައިގެން ސިއްރު ސިއްރުން ގެޔާދިމާއަށް މިސްރާބުޖެހިއެވެ. ޒީޝާން މަޑުމަޑުން ދޮރޯށި ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ގެޔަށްވަނުމަށް ދިމާކޮށްލި ވަގުތު މީހެއްގެ ހިލަންވިހެން ހީވެގެން ސިހިފައި ހުއްޓެވުނެވެ. ސިޓިންރޫމުގެ ބޮކިދިއްލާފައި ހުރުމުން ގޯތިތެރެއަށް ފަނޑުއަލިކަމެއް ވެރިވެފައި ވެއެވެ. މަސްފެންގަނޑު ކައިރީގައިހުރި ޖޯލިފަތީގައި މީހަކު އޮތްހެން ހީވެގެން ބިރުން ހަލުވިކަމާއެކު އޭނާގޮސް ގޭތެރެއަށްވަނެވެ. ހަމަ އެބާރުމިނުގައި އައިސް އޭނާ ކޮޓަރިއަށް ވަނެވެ. އޭރު އޭނާގެ ހިތްތެޅޭވަރުން މޭފޫއަޅާފައި ނުކުންނަން އުޅޭހެން ހީވެއެވެ.

" ޒައިކް އަދިވެސް ނުނިދަނީތަ؟…" ޒައިކް އޭނާގެ ގޮދަޑީގައި ނެތުމުން ހައިރާންވެފައި ޒީޝާންއަށް ބުނެވުނެވެ.

" އަނެއްކާ ބޭރުގަ އޮތީ ޒައިކްބާ؟…" ކުއްލިއަކަށް ޒީޝާންގެ ހިތަށްއެރި އެއްޗަކުން ބިރުގަންނަ ގޮތްވިއެވެ.

އޭނާ އަވަސް އަވަހަށް ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްގެން އައިސް އޮށޯތެވެ. އެހެން އޮންނަތާ އެތައްއިރެއް ވީއިރުވެސް ޒައިކްގެ ޚަބަރެއްނުވިއެވެ. ޒައިކް އެތެރެއަށް ވަންނާކަށް ނޫޅުނެވެ. އެންމެފަހުން އޭނާ ކަންބޮޑުވެގެން މަޑުމަޑުން ކޮޓަރިން ނުކުތެވެ. ގޭގެ މައިދޮރު ހުޅުވާފައި ސިއްރު ސިއްރުން ބޭރު ބަލާލިއެވެ. ޖޯލިފައތީގައި އޮތްމީހަކު ހަރަކާތެއްވެސް ނުކޮށް އެއޮތްގޮތަށް އޮތުމުން އޭނާ ވިސްނަން ހުރެފައި ބޭރުބޮކި ދިއްލާލިއެވެ. އޭރު ޒައިކް ޖޯލީގައި އޮތެވެ. ޒީޝާން މަޑުމަޑުން ޖޯލި ކައިރިއަށް ގޮސް ބަލާލިއިރު، ޒައިކްއޮތީ ރަނގަޅަށްވެސް ނިދާފައެވެ.

" ކޮޓަރިއަށްވުރެ މިތަން އަރާމީތަ މިތާ ނިދާފަ މިއޮންނަނީ….ދެން ކިހިނެއްތަ ހަދާނީވެސް….ގޮވަންވީތަ؟…ނޫނީ ބާއްވަންވީތަ؟…ގޮވައިފިއްޔާ އަހަރެން އައީ ހަމަ ދެންމެކަން އެނގޭނެ….އެކަމު ނުގޮވައިފިއްޔާ މިރޭ ހަތަރުދަމު މިތާވެސް އޮވެދާނެ…." ހަދާނެ ގޮތެއް ނޭނގިފައި ވިސްނަން ޒީޝާންއަށް އިރުކޮޅަކު ހުރުމަށްފަހު އެންމެފަހުން ޒައިކްއަށް ގޮވިއެވެ. ޒީޝާން ދެފަހަރަކު ގޮވާލުމާއެކު ޒައިކް ސިހިފައި ލޯހުޅުވާލިއެވެ.

" އައީތަ؟…" ކުރިމަތީގައިހުރި ޒީޝާން ފެނުމުން ނިދިއަޑަކުން ޒައިކް އަހާލިއެވެ.

ޒީޝާން ޖަވާބެއްވެސް ނުދީ ގޭތެރެއަށް ވަނުމުން ޒައިކްވެސް ޒީޝާންގެ ފަހަތުން ވަނެވެ. ސިޓިންރޫމަށް ވަނުމާއެކު ފާރުގައިހުރި ގަޑިން މެންދަމުގެ ބާރަގަޑިބައިވެފައިހުރި މަންޒަރު ޒައިކްއަށް ފެނުނެވެ. ޒީޝާން އެއައީ ހާދަލަހުންނޭ ހިތަށްއެރި ނަމަވެސް އޭނާ އިތުރު ސުވާލެއްވެސް ކުރާކަށް ބޭނުމެއްނުވިއެވެ. ޒީޝާން ކޮޓަރިއަށް ވަތްގޮތަށް އެނދުގައި އޮށޯތެވެ. ޒައިކްވެސް ފާޚާނާއަށްވަދެ ގައިދޮވެލައިގެން ނުކުމެ އޭނާގެ ތަންމަތީގައި އޮށޯތެވެ. ޒީޝާންގެ އިންތިޒާރުގައި ބޭރު ޖޯލިފަތީގައި އޮއްވައި އޭނާއަށް ނިދުނީ އެގާރަވެސް ޖެހިފަހުންނެވެ. އެހެންކަމުން ޒީޝާން އެއައީ ދާދި ދެންމެއަކުކަން އޭނާއަށް އެނގުނެވެ. އެހާލަހުން އައީ ކީއްވެތޯ ސުވާލުކުރަންވެސް އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް ޒީޝާން ހިތްހަމަ ނުޖެހިދާނެތީ އޭނާ ހިމޭނުން އޮތެވެ.

އަނެއްކޮޅުން ޒީޝާންއޮތީ ޒައިކް ސުވާލެއް ކޮށްފާނެތީ ބިރުންނެވެ. އެހެން އޮއްވައި ވައިބަރއިން މެސެޖެއް އައުމުން ޒީޝާން ސިއްރު ސިއްރުން ފޯނު ބަލައިލިއެވެ. އެއީ ޒަލަފް ފޮނުވި ގުޑްނައިޓް މެސެޖެކެވެ. ޒީޝާންވެސް ގުޑްނައިޓް މެސެޖެއް ފޮނުވާލުމަށްފަހު ފޯނު ބާލީސްކައިރިއަށް ލަފާލުމަށްފަހު ލޯމަރާލިއެވެ. އެހެން އޮތްއިރު އޭނާގެ ޚިޔާލަށްއައީ މިރޭ ޒަލަފްދެއްކި މަޖާ ވާހަކަތަކެވެ. އެހަނދާންވުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

ޒީޝާންގެ ހިތް އުފަލުން ފުރިފައިވީނަމަވެސް ޒައިކްގެ ހިތްވަނީ މާޔޫސްވެފައެވެ. ކުޑަ ދުވަސްކޮޅަކަށްޓަކައި ޒީޝާންއެކު އުފެދުނު ގާތްކަން ނެތި ދިއުމުން އެހިތުގައި އުފެދެމުން އައި އުއްމީދުވެސްވަނީ ނެތި ގޮސްފައެވެ. ޚިޔާލީ ދުނިޔޭގައި ޒީޝާންއާއެކު ބިނާކުރަމުން އައި ގަނޑުވަރުވެސް ހިނދުކޮޅެއްގެ ތެރޭގައި ބިމާ ހަމަވެއްޖެއެވެ. މިހާރު އެދެމެދުގައި އެއްވެސް ގުޅުމެއްނެތެވެ. އެތައް ދުވަހަކު މަސައްކަތްކޮށްގެންވެސް ޒީޝާންގެ ހިތް އަތުލާނޭ އުކުޅެއް އޭނާއަކަށް ނޭނގުނެވެ. އޭނާ މިވީ ނުހަނު ނާކާމިޔާބު ފިރިއަކަށެވެ.
*****
ދިމާވި ސަބަބަކާހުރެ އަމީންއަށް އާދެވޭގޮތް ނުވުމުން ކޯހުގެ ފަހު މޮޑިއުލްސް ވެސް ކިޔަވައިދޭން ޖެހުނީ ޒަލަފްއަށެވެ. އެހެންކަމުން ޒީޝާންއާ ގުޅުން އުފެދުމުގެ ފުރުސަތު އިތުރުވެގެން ދިޔައެވެ. ނަތީޖާއަކަށްވީ ދެމީހުން އެކުގައި ހޭދަކުރާ ވަގުތުތައް ގިނަވުމެވެ. އަދި ނޭނގިތިއްބައި އަނެއްކާވެސް ދެމީހުންގެ ލޯބީގެ ބަގީޗާގައި މާތައް ފޮޅެންފެށުމެވެ.

ޒީޝާންގެ ކޯސް ނިމުމަކާ ހަމައަށް އައިއިރު، ޒަލަފްއާއި އޭނާގެ ލޯބިވަނީ އޭގެ އެންމެ އުސް ކުރިބޯށީގައެވެ. ފިރިމީއާއަށާއި އެންމެ ގާތް އެކުވެރިޔާއަށްވެސް ސިއްރުން ޒީޝާން ލޯބީގެ ގުލްޝަންއަށް ރެޔާއި ދުވާލު މާތައް ފޮޅުވަމުން ދިޔައިރު، އަރައިގަނެވެމުން ދިޔައީ ކިހާބޮޑު ފާފައަކަށްކަން އަންދާޒާވެސް ނުކުރެވެއެވެ. ދީނުގެ މާބޮޑު ކުލައެއްނެތް އެއަންހެން ކުއްޖާގެ ހަމައެކަނި އަމާޒަކަށްވީ އޭނާގެ ލޯބި ހާސިލްކުރުމެވެ. ހަމައެފަދައިން ޒަލަފްވެސް ބޭނުންވީ ކޮންމެހާލެއްގައިވެސް ޒީޝާން ހާސިލްކުރުމެވެ. ލޯބިނުވާ މީހަކާ ކައިވެނިކޮށް، ޒީޝާންގެ ދިރިއުޅުން ބަރުބާދުވީ އޭނާގެ ސަބަބުން ކަމުގައި އޭނާ ގަބޫލުކުރެއެވެ.

ޒީޝާންގެ ބަދަލުވަމުން އައި މިޒާޖް އެންމެބޮޑަށް ފާހަގަ ކުރެވުނު އެކަކީ ޝިޔާއެވެ. ޒީޝާން ޝިޔާއަށް ކަންތައްތަކެއް އޮޅުވާލާކަން އޭނާއަށް އެނގުނީ އެކިފަހަރުމަތިން އެކި ކަހަލަ ބަހަނާތައް ދައްކައި ދޮގުތަކެއް ޒީޝާން ހަދަން ފެށުމުންނެވެ. ކައިވެނި ޕާރޓީއަށް ޒީޝާން ދިޔައިންތޯ އެހުމުން ފުރަތަމަ އޭނާކުރީ އިންކާރެވެ. ނަމަވެސް ފަހުން އޭނާ ޒައިކްއާއެކު ޕާޓީއަށް ދިޔަކަމުގައިވެސް ބުންޏެވެ. އަދި އެކަން ޔަޤީން ނުވާނަމަ ޒައިކްގާތު އެހުމަށްވެސް އެދުނެވެ. ޒީޝާން އެހެންބުނީ ޝިޔާއަށް ޒައިކްގާތުގައި އަހަން ނުކެރޭނެކަން އެނގޭތީއެވެ. އޭގަފަހުންވެސް ޒީޝާން ރޭގަނޑު ވަރަށްގިނައިން ބޭރަށް ގޮސްއުޅޭކަށް ޝިޔާއަށް އެނގުނެވެ. އެހެންކަމުން އޭނަބޭނުންވީ ޒީޝާންއަށް ފާރަލުމަށެވެ. އެގޮތުން އޭނާކުރި މަސައްކަތުން އޭނާ ހީވެސް ނުކުރާފަދަ ހަޤީޤަތެއް ފެންމަތި ވެއްޖެއެވެ.

ޒަލަފްއާއި ޒީޝާންގެ މެދުގައި ގުޅުމެއް އުފެދިފައިވާކަން ޝިޔާއަށް ކަށަވަރު ވެއްޖެއެވެ. ދެރެއެއްގެމަތިން ޒަލަފްއާއެކު ސައިކަލުގައި ލިންކްރޯޑުންވެސް ފެނިއްޖެއެވެ. އެންމެފަހުން ޝިޔާ ނިންމީ ޒީޝާންއާ ކުރިމަތި ލުމަށެވެ. ޒީޝާން މަގުއޮޅިގެން ދާމަންޒަރު ބަލާކަށް އޭނާއަކަށް ކެތެއްނުވިއެވެ. އެހެންކަމުން ޝިޔާ އޭނާގެ ގެޔަށް ޒީޝާންއަށް ދައުވަތުދިނެވެ. ޒީޝާން ނާންނަން ބަހަނާ ދެއްކިނަމަވެސް، ޝިޔާގެ ކައިވެނީގެ ވާހަކައެއް ދައްކަން ކަމަށް ބުނުމުން އޭނާ ދާން އެއްބަސްވިއެވެ.

" ކޯސްފެށީމަ ޒީ ލޮލަށްވެސް ދައްކާނުލާ…..ހަމަ އެހާ ބިޒީތަ؟…" ޒީޝާން އައުމުން ޝިޔާ ފުރަތަމަވެސް ކުރީ ޝަކުވާއެވެ.

" އާނ…އެނގެއެއްނު ބިޒީވާނެކަން ތިހެން އަހާއިރުވެސް…..ދެން ބުނެބަލަ ކޮންއިރަކުންތަ އިންނަނީ؟…" ހިތްއަވަސްވެފައި ޒީޝާން އަހާލިއެވެ.

" އަންނަ ހަފްތާގަ ފޯރމްލާން މިއުޅެނީ….." ޝިޔާ އޮޅުން ފިލުވައިދިނެވެ.

" އަންނަ ހަފްތާއޭ؟….އަންނަ ހަފްތާގަ އަހަރެމެންގެ ގްރެޖްއޭޝަންވެސް އޮންނާނެ….އަނެއްކާ ކައިވެނިކުރާ ދުވަސް އެއްދުވަހަކަށް ނުހަދައްޗޭ!…." ކަންބޮޑުވެފައި ޒީޝާން ބުނެލިއެވެ.

" އަންނަ ހަފްތާ ފޯމްލިޔަސް ކައިވެނި ކުރެވޭނީ ޖެހިގެން އަންނަ ހަފްތާގައެއްނު…..އެހާވާއިރު ގްރެޖްއޭޝަން ނިމިފައެއްނު އޮންނާނީ…." ޝިޔާ ބުނެލިއެވެ.

" އޯހ…އެހެންދޯ….އެހެންވީމަ އަވަހަށް ހެދުން ފަހަން ފަށަންވީދޯ….ކޮންކުލައެއްތަ ލަނީ….އަވަހަށް ބުނީމަ އަވަހަށް ހެދުން ފެހޭނީ…." ޒީޝާންހުރީ ވަރަށް އުފާވެފައެވެ.

" ޒީ….ޒަލަފްގެ ޚަބަރެއްވިތަ؟…" ހަޤީޤަތް އެނގިހުރެވެސް، ނޭނގޭކަމަށް ހެދެމުން ޝިޔާއެހިއެވެ.

" ކީއްވެ ކުއްލިއަކަށް ތިހެންތިއެހީ؟…އަހަރެންނަށް ކިހިނެއް އޭނާގެ ޚަބަރެއް އެނގޭނީ….އަހަރެން ނުބަލަން….ދެން ބުނެބަލަ ކޮންކުލައެއްތަ ލަނީ؟" މައުލޫއު ބަދަލުކޮށްލުމަށްޓަކައި ޒީޝާން އަނެއްކާވެސް އެހިއެވެ.

" ރައްޓެހިވެގެން އުޅޭއިރުވެސް ޒީއަކަށް ނޭނގޭތަ އޭނަގެ ޚަބަރެއް؟…" ނުރުހުންވެފައި ކުއްލިއަކަށް ޝިޔާކޮށްލި ސުވާލުން ޒީޝާންގެ ބަސްހުއްޓުނެވެ.

" ޒީއަށް އެނގޭ ތިކުރެވެނީ ކިހާވަރެއްގެ ބޮޑު ފާފައެއްކަމެއް…..ޒީއަށް އެނގޭތަ ތިކަމުން ޒީ މުޅި ރަށަށް ބަދުނާމު ވެދާނެކަމެއް؟…ކިތަންމެ ސިއްރުން ކުރިޔަސް އެއްކަމެއްވެސް އަބަދަކު ސިއްރެއްނުވާނެ….އެނގޭތަ އެކަން…." ޝިޔާ ކުރަންފެށި ސުވާލުން ޒީޝާން ކަންބޮޑުވިއެވެ. ޝިޔާއަށް އެހާފަސޭހައިން ހަޤީޤަތް އެނގުނީތީ އޭނާ ހައިރާންވެސްވިއެވެ.

" ޒީ ޖަވާބުދީބަލަ!….ޒީގެ ގަމާރުކަމުން އަނެއްކާވެސް ބޮޑު މަޅިއަކަށް ތިފެތެނީ…ވިސްނާލަބަލަ!…" ޝިޔާ އަޑަށް ބާރުލާފައި ބުނުމުން ޒީޝާން ސިހޭގޮތްވިއެވެ.

" ޝިޔާ ކީކޭތަ ތިކިޔަނީ؟….ކައިވެނީގެ ވާހަކަ ދައްކާށޭ ކިޔާފަގެނެސް ކޮންވާހަކައެއްތަ ތިދައްކަނީ؟…." ޒީޝާން ނޭނގޭކަމަށް ހެދެމުން ބުންޏެވެ.

" އަހަރެން މިދައްކަނީ ކޮންމެހެންވެސް ދައްކަން ޖެހޭ ވާހަކައެއް….އަހަރެންނަށް ހަޤީޤަތް އެނގޭތީ މިބުނަނީ….ޒީ ތިވިޔާނުދާ އުޅުން ހުއްޓާލާ!….ޒައިކްއަށް އެނގުނީމަ އޭނަ ކިހާ ދެރަވާނެ….އޭނަ ޒީވަރިވެސް ކޮށްފާނެ…." ޝިޔާ އުޅުނީ ޒީޝާންއަށް ވިސްނަދޭށެވެ.

" އަހަރެންނަށް ރަނގަޅީވެސް ވަރިކުރިއްޔާ….އަހަރެން ކޮންމެހެން ބޭނުމެއްވެސްނޫން އޭނަޔާއެކީ އުޅޭކަށް….އެނގިއްޖެތަ؟…" ނުރުހުންވެފައި ޒީޝާން ބުނެލިއެވެ.

" އެކަމު ޒީ ތީދެން ކޮން އިންސާފެއް؟…ޒައިކްގެ އޮތީ ކޮންކުށެއް؟…އެހާ ރަނގަޅު އިންސާނަކަށް އެހެން ހަދަން ހެޔޮވެސް ނުވާނެ….ޒީ ވިސްނާލަބަލަ! ޒީ ވަރިކޮށްފިއްޔާ ޒީވެސް ބަދުނާމުވާނެއްނު….ޒީގެ މަންމަމެންވެސް ލަދުގަންނާނެދޯ…." ޝިޔާ އަނެއްކާވެސް ބުނެލިއެވެ.

" އެއީ ޝިޔާ ވިސްނަންޖެހޭ ކަމެއްނޫން….މިހުރިހާ ކަމެއްވީވެސް ޝިޔާގެ ސަބަބުން….ޝިޔާ ދޮގުތަކެއް ހެދީމަ އަހަރެންނާ ޒަލަފް ފުރަތަމަވެސް ދުރުވާން ޖެހުނީ….އަނެއްކާ މިހާރު ހުރިހާ ހަޤީޤަތެއް އެނގިގެން އަހަރެމެން އަލުން ގުޅުނީމަ އަނެއްކާ މިހާރުވެސް ތިއުޅެނީ އަހަރެމެން ދުރުކުރަންތަ؟ ކޮބާތަ ޝިޔާގެ މައްސަލައަކީ؟…" ޒީޝާން ރުޅިއައިސްފައި ބުނުމުން ޝިޔާއަށް ހައިރާންވެފައި ބަލަން ހުރެވުނެވެ.

" އަހަރެން ހުރިހާކަމެއްވެސް ކުރީ ޒީއަށް ހެޔޮއެދޭތި….ދެރައެއް ލިބެން ބޭނުން ނުވާތީ…." ދެރަވެފައި ޝިޔާ ބުނެލިއެވެ.
" ހުއް….ހެޔޮއެދޭތީ….ކޮންގޮތަކުން އަހަރެންނަށް ހެޔޮއެދެނީ؟….ބުނެބަލަ! ހެޔޮއެދޭމީހުން މީހުންގެ ދިރިއުޅުން ހަލާކުކޮށެއްނުލާނެ…..ހެޔޮއެދޭމީހުން ދޮގު ވާހަކަ ފަތުރައިގެން ދެލޯބިވެރިން ދުރެއްނުކުރާނެ….ހެޔޮއެދުމުގެ ނަމުގަ އަހަރެންނަށް ދެރައެއްނޫން އެއްޗެއް ދިނިންތަ؟…." ޒީޝާންހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

" ހަމަ ތެދަށްމިބުނީ އަހަރެން ދުވަހަކުވެސް ޒީއަކަށް ދެރައެއް ނޭދެން…އަދި ނުވެސް އެދޭނަން…" ޒީޝާންގެ ވާހަކަތަކުން ޝިޔާގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

" ޝިޔާތީ އަހަރެންނަށް ހެޔޮއެދޭމީހެއްނޫން….ތީ އަހަރެންނަށް ހަސަދަވެރިވާމީހެއް….ޝިޔާއަށްވުރެ އަހަރެން އުފަލުގަ އުޅޭތީ…ހަމަޖެހިގެން އުޅޭތީ….ޝިޔާގެ އަތުގަ ނެތް އެއްޗެހި އަހަރެންގެ އަތުގަ ހުންނާތީ…އަހަރެން އަބަދުވެސް ލެޕްޓޮޕުން ސީޒީޒް ބަލާތީ އެއްޗެހި ކިޔަނީ ކީއްވެ؟ ޝިޔާގެ އަތުގަ ލެޕްޓޮޕެއް ނުހުންނާތީ….ޒަލްއާ ރައްޓެހިވީމަވެސް ޖޭވީ ހުސެންއަށްވުރެ ޒަލް ރީތިވީމަ….މިހާރުވެސް އަހަރެންނާ ޒަލް ގުޅުނީމަ އެހެންވެޔެއްނު ތިހުއްޓުވަނީ؟…." ޒީޝާން ހީވަނީ އެތައް ދުވަހަކުއްސުރެ ހިތުތެރޭގައި ފޮރުވައިގެން އުޅޭ ރުޅިގަނޑެއް އެއްފަހަރުން ބޭރުކޮށްލަން އުޅޭހެންނެވެ.

" ޒީގެ ވިސްނުމާމެދު އަހަރެން ހަމަ ހައިރާން ވެއްޖެ….އަހަރެން ގަބޫލުކުރަން އަހަންނަކީ ނިކަމެއްޗެއްކަން….ޒީއުޅޭހާ އަރާމު ތަނަވަސް ދިރިއުޅުމެއްނޫންކަން އަހަރެން އުޅެނީ….ކުދިން ގިނަވުމުގެ ސަބަބުން ކޮންމެ ކުއްޖެއްގެ އަތުގަ ލެޕްޓޮޕެއް ނޫނީ ސްމާރޓްފޯނެއް ނެތްކަންވެސް ގަބޫލުކުރަން….އެކަމު އަހަރެންގެ މަންމަމެންވެސް އަހަރެންދެކެ ލޯބިވޭ….އަދި އަހަރެން ހަސަދަވެރިވާ ވަރުގެ އެއްޗެއް ޒީ އަތަކު ނުވެސްނެތް….ދެން ތިބުނީ ޒަލަފްގެ ވާހަކަ….އޭނަޔަށްވުރެ ފޫހިވާ މީހަކު އަހަރެން ނުހުންނާނެ….ހުސެން ނީނަސް އޭނަ ކަހަލަ މީހަކާ އިންނާކަށް އަހަރެން ބޭނުމެއްނޫން…އަހަރެން ހީކުރީ މިހުރިހާ ދުވަހު އެކީ އުޅުނީމަ ޒީގެ ހިތުގަ އަހަންނަށްޓަކާ ކޮންމެވެސް މިންވަރެއް ކުލުނަކާ ލޯތްބެއްވެސް އޮންނާނެކަމަށް….އެކަމު އަހަރެންނަށް ކުރެވުނީ ކުށްހީއެއް….ޒީ އަހަރެން ތިހެދީ ޒީގެ ދުޝްމަނަކަށް…." ހިތުގައި ޖެހިގެން ޝިޔާއަށް ރޮވެން ފެށުމުން އޭނާ ވާހަކަ މެދުކަނޑާލިއެވެ.

" ތިބުނީ ވަރަށްބޮޑު ތެދެއް….އަހަރެން ނުދެކެން ތީ އަހަރެންގެ ރަހުމަތްތެރިއެއް ކަމަކަށް….ތިކަހަލަ އެކުވެރިޔަކަށްވުރެ ދުޝްމަނަކުވެސް ރަނގަޅުވާނެ….އަހަރެން ދެންދަނީ….އަދި ބުނަން އަހަރެން އުޅޭ ނޫޅޭގޮތް ބަލާނެ ކަމެއްނެތް….އަހަރެން މިހާރު މިއުޅެނީ ވަރަށް އުފަލުން….އަދި ވަރަށް އަވަހަށް ޒައިކްގެ ކައިރިން ވަރިވެގެން ޒަލަފްގެ މީހަކަށްވެސް ވާނަން….ޝިޔާއާ ހުސެންގެ ކައިވެންޏަށް މަރުޙަބާ….އެކަމު އަހަރެން އަންނާނެކަމަށް އުއްމީދު ނުކުރާތި!…." ޒީޝާން އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ނުކުމެގެން ދިއުމުން ޝިޔާއަށް ރޮވުނެވެ. ޒީޝާން އެހާބޮޑަށް ބަދަލުވީތީ އޭނާ ނުހަނު ދެރަވިއެވެ.

ޒީޝާން އެނބުރި ގެޔަށްއައިއިރު އޭނާގެ މޫޑުހުރީ ގޯސްވެފައެވެ. ޝިޔާއަށް ހަޤީޤަތް އެނގުނީތީ އޭނާހުރީ ނުހަނު ކަންބޮޑުވެފައެވެ. ޝިޔާދެއްކި ވާހަކަތައްވެސް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭނާގެ ހަޤީޤަތް ޒައިކްއަށް އެނގޭދުވަހަކުން ޒައިކް އޭނާ ވަރިކުރާނެކަން ގައިމެވެ. ނަމަވެސް އޭރުން އޭނާވެސް ބަދުނާމު ވާނެއެވެ. މަންމައާއި ބައްޕަވެސް އޭނާދެކެ ރުޅިއަންނާނެއެވެ. މީހުންގެ މަލާމަތްވެސް ލިބޭނެއެވެ. އޭނާ އެވިސްނުމުގައި އޮއްވައި ޒަލަފް ގުޅުމުން އޭނާ ޒަލަފްއާ އެވާހަކަތައް ހިއްސާކުރިއެވެ.

" ޒީ ތިހާ ކަންބޮޑު ނުވެބަލަ!….އަހަރެމެން ލޯބިވިޔަސް އަދި ގޯސްގޮތަކަށް ނޫޅެމެއްނު….ޝިޔާ ހީކުރާކަހަލަ ކަމެއްވެސް ނުކުރަމެއްނު….އެހެންވީމަ ޝިޔާގެ ފަރާތުން ޒައިކްއަށް ނޭނގެނީސް…ޒީއޭނައާ ވާހަކަދައްކަންވީނު….އޭނަގާތު ރީތިކޮށް ބުނޭ އޭނައާއެކީ އުޅެވޭކަށްނެތޭ….ލޯތްބެއްނުވެޔޭ….އޭރުން އޭނައަށްވެސް ވިސްނޭނެއްނު….މިހާރުވެސް އޭނާއަށް ވިސްނެން ވެއްޖެކަންނޭނގެ…." ޒަލަފް ޚިޔާލު ފާޅުކުރިއެވެ.

" އެކަމު މަށަކަށް ނުކެރޭނެ….އޭނަ އަހަރެން ވަރިނުކޮށްފިއްޔާޔޯ…." ޒީޝާން ކަންބޮޑުވެފައި ބުނެލިއެވެ.
" އެއްވެސް ފިރިހެނަކު ނުހުންނާނެ އަނބިމީހާގެ ދުލުން އެހެންބުނީމަ ވަރިނުކޮށެއް….ކެތްވެސް ނުވާނެ އެކީ އުޅޭކަށް…." ޒަލަފް ބުނެލިއެވެ.

" އެކަމު ޒަލްވެސް ބުނީމެއްނު، ޒަލްގެ ކުރީގެ އަންހެނުން ވަރިނުކުރަން އުޅުނީމޭ….އޭނާއަށް ވިސްނައިދީގެން އެކީގަ އުޅެވޭތޯ ބެލީމޭ….ޒައިކްވެސް އެހެން ހަދައިފިއްޔާ އަހަރެން ކީކޭ ބުނާނީ؟ " ސީރިއަސްކަމާއެކީ ޒީޝާން އެހިއެވެ.

" އޯހ ކަމޯން…އަހަރެން ކަހަލައެއްނުވާނެ އެންމެނެއް….އެހެންނޫނަސް އަހަރެންގެ ހާލަތާ މިހާލަތު ތަފާތެއްނު…..ޒީ ހަމަ ހަޤީޤަތުގަވެސް އަހަރެންވެސް ބޭނުމެއްނޫން މިހެން އުޅޭކަށް…..މީހެއްގެ އަނތްބަކާ ގުޅުން ބާއްވާ މީހަކަށް ވާކަށް އަހަރެންވެސް ބޭނުމެއްނޫން…..ގްރެޖްއޭޝަންއާ ހަމައަށް އަހަރެން އިންތިޒާރު ކުރާނަން….އޭގެފަހުން ގޮތް ނިންމާނީ ޒީ…ޒީއަށް ކުރިމަތިލާން ނުކެރިއްޖެނަމަ ޚުދު އަހަރެން ޒައިކްއާ ވާހަކަދައްކާ މިކަން ކޮޅެއްގަ ޖައްސާނަން….އެއްވެސް ހާލެއްގަ އަހަރެން ބޭނުމެއްނޫން ޒީ ބަދުނާމު ކުރާކަށް….ޒީކައިވެނިކޮށްގެން ހުއްޓާ އަހަރެމެންގެ މެދުގަ ގުޅުމެއް ހިނގިކަން އެކަކަށްވެސް އެނގޭކަށް ބޭނުމެއްނޫން….އަދިވެސް ވަގުތު ފާއިތެއްނުވޭ….އެހެންވީމަ ވިސްނާތި…" ޒަލަފް ލަފާދިނެވެ.

ނިދަން އޮތްއިރު ޒީޝާންވެސް އެކަމާ ވިސްނަމުން ދިޔައެވެ. ބަދުނާމެއް ވުމުގެކުރިން އެކަމަށް ހައްލެއް ހޯދުމަށް އޭނާވެސް ބޭނުމެވެ. ރީތިކޮށް ޒައިކްއާ ވާހަކަދެއްކުމުން ޒައިކް ވަރިކޮށްފިނަމަ ދާދި ފަސޭހައިން އެކަން ނިމިދާނެއެވެ. އޭރުން އޭނާގެ އިއްދަ ހަމަވުމުން ޒަލަފްއާ ކައިވެނި ކުރެވިދާނެއެވެ. ޝިޔާބުނި ފަދައިން މިކަން ވަގުތީގޮތުން ނަމަވެސް ހުއްޓަން އެބަޖެހެއެވެ.
ޒަލަފްއާއި ޒީޝާން އަޒުމް ކަނޑައަޅައިގެން ދެމީހުން ބައްދަލުވުންތއް ވަގުތީގޮތުން ހުއްޓާލިއެވެ. ދެމީހުންވެސް އުއްމީދުކޮށްގެން ތިބީ ދަސްވެނިވުން އޮންނަރޭ ޒައިކްއާ ވާހަކަދައްކައި އެކަން ނިންމުމަށެވެ. އެހެންކަމުން ވަރަށް ހިތްހަމަޖެހިގެން ތިބެ ދަސްވެނިވުމުގެ ހަފްލާއަށް ތައްޔާރުވިއެވެ. ހަފްލާ ފެށުމުގެ އެއްގަޑިއިރުކުރިން ޒީޝާންހުރީ އެރެއަށް ޚާއްސަކޮށްގެން ފަހާފައިވާ ފެހިކުލައިގެ މެކްސީއާއެކު ރަންކުލައި ޝޯލްއަޅައި ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ފުރިހަމަ މޭކަޕާއެކު މިރޭ އޭނާ ފެންނަލެއް ނުހަނު ރީއްޗެވެ. މިރޭގެ ހަފްލާއަށް ޒައިކްއަށްވެސް ވަނީ ދައުވަތު ދެވިފައެވެ. ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަމަދު ސުކޫލުގެ މައި ހޯލުގައެވެ. ޒީޝާން ރީތިވެގެން އެނދުގައި ފޯނާކުޅެން އިންދައި ޒައިކްވެސް ފެންވަރައިގެން ނުކުމެ ތައްޔާރުވާން ފެށިއެވެ. ޒައިކް އަލަމާރި ހުޅުވާލިއިރު، އިސްތިރިކޮށްފައި ގަމީހެއް ނެތުމުން އޭނާ ފުންނޭވާއެއް ދޫކޮށްލަމުން ގަމީސް ހިފައިގެން ބޭރަށް ނުކުތެއެވެ. އެމަންޒަރު ފެނިފައި ހައްވަ އައިގޮތަށް އައިސް ޒައިކްގެ އަތުން ގަމީސް އަތުލައިގެން އިސްތިރިކުރަން ފެށިއެވެ.

" ދަރިފުޅު މިރޭ ތާކަށް ދާންއުޅޭކަމެއް މަންމައަށް އެނގިފައެއްނެތް….އެހެންވެ އިސްތިރިނުކުރީ…." ހައްވަ އަވަސް އަވަހަށް ބުނެލިއެވެ.

"މަންމަ އަޅާނުލާ އަހަރެން ކޮށްލަފާނަން…. ކައިވެނިކުރީމަ މަންމައެއް ނޫން ކޮންމެފަހަރަކު އަހަރެންގެ އެއްޗެހި އިސްތިރިކޮށްދޭން ޖެހޭނީކީ" ފުރަތަމަ ފަހަރަށް ހިތްހަމަ ނުޖެހިގެން ޒައިކް އެއްޗެއް ބުންޏެވެ. އަދި އޭނާގެ މަންމަގެ އަތުން ގަމީސް އަތުލުމަށްފަހު އިސްތިރިކުރަންފެށިއެވެ.

" ދަރިފުޅާ…އެމަންޖެއަށް ނޭނގޭތީއޭ އަހަރެން ކޮށްދެނީ…" ޒައިކް ނުރުހުނީކަން އެނގުމުން ހައްވަ އަވަސް އަވަހަށް ބުނެލިއެވެ.

" އޭނާގެ ހެދުން އޭނައަށް އަމިއްލައަށް ކުރަން އެނގެންޏާ ކީއްވެ އަހަރެންގެ އެއްޗެހި ނުކުރެވެންވީ؟…" ޒައިކް އަނެއްކާވެސް ބުނެލިއެވެ.

" އެމަންޖެ ހެދުންވެސް ކުރަނީ އެމަންޖެގެ މަންމަ….މިރޭވެސް އެހެދުން ހިފައިގެން އެގެއަށްގޮސް މަންމަ ލައްވާކޮށްގެން ފެންވަރައިގެން އެއައީ….އެމަންޖެއަށްވެސް އެނގޭނަމަ ކުރާނެއްނު…." ހައްވަ ޒީޝާންގެ ދިފާއުގައި ވާހަކަދެއްކި އިރު ހަމީދު އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. ސިޓިންރޫމުގައި ދެކެވުނު ވާހަކަ އަޑުއިވިފައި ޒީޝާން ލަދުގަނެ ރުޅިވެސް އައެވެ. މިނޫނީ ދުވަހަކުވެސް އޭނާއާމެދު ނުރުހިގެން އެގޭމީހަކު ބަހެއް ބުނާއަޑެއް ނީވެއެވެ. ޒައިކް އޭނާގެ މަންމައާއި ބައްޕަގެ ކުރިމަތީގައި އޭނާގެ އަގުވައްޓާލީތީ އޭނާ ވަރަށް ހިތްހަމަ ނުޖެހުނެވެ. ޒައިކް އަމިއްލައަށް ގަމީސް އިސްތިރިކޮށްގެން އައިސް ތައްޔާރުވާން ފެށުމުން ނުރުހިފައި ޒީޝާން ބަލާލިއެވެ. މިރޭ ޒައިކްއާ ވާހަކަދެއްކުން ބުއްދިވެރިއެއް ނޫނޭ އޭނާގެ ހިތަށްއެރިއެވެ. ޒައިކް އޭނާދެކެ ހިތްހަމަ ނުޖެހިފައި ހުއްޓައި ދައްކާ އެއްވެސް ވާހަކައެއް އަޑެއްވެސް ނާހާއޭ އޭނާގެ ހިތަށްއެރިއެވެ. ހަފްލާއަށްދާ ވަގުތު ކުޑަތަންވުމުން ދެމީހުންވެސް ކޮޓަރިން ނުކުތެވެ. ދެމީހުންކުރެ އެކަކުވެސް ބަހެއްނުބުނެއެވެ. ޒައިކް ބޭރަށް ނުކުމެ އޭނާގެ ސައިކަލަށް އަރާ ސްޓާރޓްކޮށްލުމާއެކު އެންމެ ފަހަރަކު ޒީޝާންއާ ދިމާ ބަލާވެސްނުލާ އެދިޔަގޮތަށް ގޮސް އޮބާލައިފިއެވެ. ޒީޝާން ހީކުރީ މިރޭވެސް ޒައިކްއާއެކީ ދިއުމަށް އެދޭނެކަމުގައެވެ. ޒީޝާންގެ ސްކޫޓަރ އަދިވެސް ރަނގަޅު ނުވާތީ އޭނާ ގަސްތުކޮށްގެން ކުރީ މިރޭ ޒައިކް އެދެފިނަމަ ޒައިކްއާއެކީ ދިއުމަށެވެ. ނަމަވެސް އޭނާގެ ނަސީބުދެރަކަމުން އެފުރުސަތުވެސް ނުލިބުނީއެވެ. ޒީޝާން ރުޅިއައިސް ފުފިފައިހުރެގެން އޭނާގެ ގެޔަށްގޮސް ބައްޕަގާތު އެދިގެން ބައްޕައާއެކު ސުކޫލަށް ދިޔައެވެ.
ހަފްލާގެ ފެށިއްޖެއެވެ. ހަފްލާގެ ޝަރަފްވެރި މެހެމާނަށްހުރީ ޒައިކްއެވެ. ހުރިހާކުދިންނަށް ސެޓްފިކެޓް ހަވާލުކޮށްދިނީ ޒައިކްގެ އަތުންނެވެ. ޒީޝާންގެ ނަންގޮވުމުން ސްޓޭޖަށްއެރިއިރު އޭނާ ހުރީ ހިތްއަވަސްވެފައެވެ. އޭނާއަށް ސެޓްފިކެޓް ދެމުން ޒައިކް ހީލިނަމަވެސް އޭނާހުރީ ހީލަންވެސް ނޭނގި ފާޑަކަށް ރަކިވެފައެވެ. އެއީ ދެމަފިރިންކަން އެތާތިބި ގިނަމީހުންނަށް ނޭނގުނުނު ނަމަވެސް، އެއީ ދެމަފިރިންކަން އެނގޭ މަދުބަޔަކުވެސް އެތާނގައި ތިއްބެވެ. އިއްތިފާޤުން ޒަލަފްގެ ގާތުގައި އިން އަމީން އެއީ އެތަނުން އެކަކެވެ.

" ބަލާބަލަ! ޒައިކްގެ އަނބިމީހާއަށް ސެޓްފިކެޓްދެވޭތީ ވަރަށް ހެވިފަ އެހުރީ…" އަމީން ހީލަމުން ކައިރީގައި އިން އެހެންމީގެއްގެ ގާތުގައި ބުނާއަޑު ޒަލަފްއަށް އިވުނެވެ.
" އެއީތަ ޒީގެ ފިރިމީހާއަކީ؟…" ހައިރާންވެފައި ޒަލަފްއަށް އަހާލެވުނެވެ.

" އާނ…ކިހިނެއްވީ؟…ޒީޝާންގެ ފިރިމީހާ އެއީ….މަށަށްވެސް އެނގުނީ ވަރަށްފަހުން…" ޒަލަފްއާ ދިމާއަށް އެނބުރިލަމުން އަމީން ޖަވާބުދިނެވެ.

" އޯހ…އެހެންދޯ…" ހީލަމުން ޒަލަފް ޖަވާބުދިނެވެ.

ޒީޝާންގެ ފިރިމީހާއަކީ ކާކުކަން އޭނާއަށް މިއެނގުނީ އަދި ކިރިޔާއެވެ. އޭނާ ކުރިން ހީކުރީ ޒީޝާންގެ ފިރިމީހާ ޒައިކްއަކީ އޭނާފަދަ އާދައިގެ ޒުވާނެއް ކަމުގައެވެ. ނަމަވެސް ޒީޝާންގެ ފިރިމީހާ ޒައިކްއަކީ މިޒުވާނާއަށް ވެދާނެކަމެއް ފަހަރެއްގައިވެސް އޭނާ ހިއެއްނުކުރެއެވެ. މިއީކުރިންވެސް އޭނާ ދަންނަ ޒުވާނެކެވެ. މީގެ ތިންއަހަރުކުރިން އޭނާގެ މަންމަ ބަލިވެގެން އިންޑިއާއަށް ގޮސް އުޅެނިކޮށް ޒައިކްވަނީ އޭނާއަށް ވަރަށްބޮޑަށް އެހީތެރިވެދީފައެވެ. އޭރު ޒައިކްހުރީ އިންޑިއާގައި ކޯހެއް ހަދާށެވެ. ޒަލަފް ހީކުރިގޮތާއި ޚިލާފަށް ޒީޝާންގެ ފިރިމީހާ މިވީ ކިޔަވައިގެންހުރި މޮޅު ޒުވާނަކަށެވެ. އެއީ ރަށުގެ ގިނަބައެއްގެ ޤަދަރާއި ލޯބި ހާސިލްކޮށްގެންހުރި ކާމިޔާބު ޒުވާނެކެވެ. ހިތްހެޔޮ ހިތްތިރި ޒުވާނެކެވެ.

ނަންބުނުމުން އެއީ ކާކުކަން ދެނެގަންނަން އޭނާއަށް ނޭނގުނުނަމަވެސް މަޤާމުބުނިނަމަ ފަހަރެއްގައި އޭނާއަށް އެނގުނީހެވެ. މިރޭވެސް އޭނާ ފެނުމުން ނުހަނު ހިތްހެޔޮކަމާއެކީ ޒައިކް ވާހަކަދައްކައި މަންމަގެ ހާލު އަހުވާލުވެސް އެހިއެވެ. ނޭނގިނަމަވެސް ޒީޝާންއަށް ކައިވެނިކުރެވިފައި އެވަނީ ރަށުގެ ނިސްބަތުން އެންމެ ރަނގަޅު ޒުވާނާއެވެ. ވީއިރު، އެކައިވެނި ރޫޅާލާ ޒައިކްގެ އަތުން ޒީޝާން ޖަހައިގަންނަން އޭނާއަކީ ކާކު ހެއްޔެވެ؟ އޭނަގެ އޮތީވެސް ކޮން ހައިސިއްޔަތެއް ހެއްޔެވެ؟ ކޮންމެގޮތަކުން ބެލިނަމަވެސް ޒައިކްއާ އޭނާއާ އަޅާކިޔޭކަށް ނެތެވެ. ވިސްނި ވިސްނިހެން ޒަލަފްއަށް އޭނާގެ އަމިއްލަ ނަފްސްގެ ކުށް އިހުސާސްކުރެވެން ފެށިއެވެ.

ވަނަތައް އިއުލާންކޮށް ސެޓްފިކެޓްތައް ހަވާލުކޮށް ނިމުމުން އެންމެ ފަހު ނަމްބަރެއްގެ ގޮތުގައި ޝަރަފްވެރި މެހެމާނުގެ ވާހަކަދެއްކުން އޮތެވެ. ޕޯޑިއަމް ކައިރީގައި ހުއްޓިލައިގެން ހުރެ ވަރަށް ހަރުދަނާކަމާއެކު ޒައިކް ވާހަކަދައްކަމުން ދިޔައިރު، ޒަލަފްއަށް ކުރެވުނުހައިވެސް ކަމަކީ އޭނާގެ އަމިއްލަ ނަފްސަށް މަލާމާތް ކުރުމެވެ. ޒައިކްފަދަ އިންސާނަކަށް ކެއްސެއް ދިނުމަށް އޭނާ ވިސްނީވެސް ކޮންގޮތަކުން ހެއްޔެވެ؟ އޭނާ ލަދުގަތެވެ. އޭނާއަށް އޭނާއަށް ނުހަނު ބޮޑަށް މީހެއްގެ އެހީއަށް ބޭނުންވީ ދުވަހު އެހީތެރިވެދިން މީހާގެ އިހްސާންތެރިކަމުގެ ބަދަލުގައި އޭނާއަށް ކެއްސެއްދޭން އުޅެވުނީތީއެވެ. އޭނާ ޒީޝާންދެކެ ކިތަންމެ ލޯބިވީނަމަވެސް ޒައިކްއަށް ދެރައެއްދޭކަށް ބޭނުމެއް ނުވެއެވެ.

" އެކަމު ޒީ ޒައިކްދެކެ ލޯބިނުވަންޏާ ކިހިނެއް އުޅޭނީ؟…" އޭނާގެ ޚިޔާލުތައް ދެއަތަށް ކިރެންފެށިއެވެ. ޒީޝާންއާމެދުގައިވެސް އޭނާ ކަންބޮޑުވެއެވެ. ޒީޝާން އޭނާދެކެ ލޯބިވެއެވެ. ޚުދު އޭނާވެސް ޒީޝާންދެކެ ލޯބިވެއެވެ. ދެން ހަދާނެގޮތަކާއިމެދު ޒަލަފްއަށް ވިސްނެންފެށިއެވެ.

ޖަލްސާނިމި، ކެއުމަށް އިންސާފުކުރާ ވަގުތު ޖެހިއްޖެއެވެ. ހުރިހާ އެންމެން ކެއުން ތައްޔާރުކޮށްފައިވާ މާލަމަށް ދާން މިސްރާބު ޖެހުމުން ޒަލަފް އެތަނުން ނުކުތުމަށް އަވަސްވެގަތެވެ. އޭނާގެ މޫޑު އޮފްވެ ކާހިތްވެސް ކެނޑުނީއެވެ. އެހެންކަމުން އަމީން ގާތުގައި ބަހަނާއެއް ދައްކާލުމަށްފަހު އޭނާ ގެޔަށް ދިޔައެވެ.
ނުނިމޭ