Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ސްޕެއިން ޔޫރޯ އަށް ކޮލިފައިވެއްޖެ

1-1 އިން ސްވިޑެންއާ އެއްވަރުކޮށް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިން ކޮލިފައިވެއްޖެއެވެ.

ކޮންމެ ގްރޫޕަކުން ވެސް ޔޫރޯ އަށް ކޮލިފައިވާނީ އެންމެ ކުރީގައި އޮންނަ ދެ ޓީމު ކަމަށްވާއިރު ސްޕެއިން އޮތީ 20 ޕޮއިންޓާއެކު ގްރޫޕް އެފްގެ އެއްވަނައިގައެވެ. ދެވަނައިގައި 15 ޕޮއިންޓާ އެކު ސްވިޑެން އޮތްއިރު ތިންވަނައިގައި 14 ޕޮއިންޓާ އެކު އޮތީ ރޮމޭނިޔާއެވެ. ގްރޫޕް ސްޓޭޖުގައި ބާކީ ދެން ކޮންމެ ޓީމަކަށް ވެސް އޮތީ ދެ މެޗެވެ.

ސްވިޑެންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ސްވިޑެން އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓްގައި މި ގޯލު ސްވިޑެން އަށް ކާމިޔާބުކޮށްދިނީ މާކަސް ބާގްއެވެ.

ސްވިޑެންގެ މި ގޯލާއެކު ސްޕެއިންގެ ކުޅުން ރަނގަޅު ކުރިއިރު އެޓީމުން ދިޔައީ ސްވިޑެންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ރޮޑްރީ އާއި ފަބިއަން ރުއިޒް އަދި ޖެރާޑް މޮރޭނޯ ފޮނުވާލި ހަމަލާތައް ދިފާއުކުރީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސްވިޑެންގެ ގޯލްކީޕަރު ރޮބިން އޮލްސެންއެވެ.

ނަމަވެސް މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ސްޕެއިންގެ ފޯވާޑް ރޮޑްރިގޯ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީ ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

ސްޕެއިން އަކީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވި ހަވަނަ ޓީމެވެ. ޔޫރޯ އަށް ދެން ކޮލިފައިވެފައިވާ ޓީމުތަކަކީ ބެލްޖިއަމް އާއި އިޓަލީ އާއި ރަޝިޔާ އާއި ޕޮލެންޑުގެ އިތުރުން ޔުކްރޭންއެވެ.