Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އިދިކޮޅު ލީޑަރުންނަށް އަމާޒުކުރި އިސްލާހު ބާތިލުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އޭރު އިދިކޮޅު އިސް ސަފުގައި ރާއްޖެއިން ބޭރުން ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ލީޑަރުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ފާސްކުރި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބާތިލުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދެވި ބޭފުޅަކަށް ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެވޭނީ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ވުމުން ކަމަށެވެ. އަދި ހަމައެހެންމެ ރާއްޖެއިން ބޭރުން ރަށްވެހިކަން ހޯދާ ދިވެހިންނަށް ވެސް އުސޫލު ކަނޑައެޅިފައިވަނީ، މިއިސްލާހުގެ ދަށުން ހަމަ މިގޮތަށެވެ.

މި އިސްލާހު ގެނައިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިއްބެވީ ހިމާޔަތް ހޯއްދަވައިގެން ގައުމުން ބޭރުގައެވެ.

މިއިސްލާހު ފާސްކުރި ނަމަވެސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގިނިކަންޏާ ވާދަކޮށް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ގާނޫނާ އެއްގޮތަށް އެމަނިކުފާނަށް އޭރު ވާދަކުރެވޭނެ އެއްވެސް ގޮތެއް ނުވުމުން ނަޝީދު ވަނީ ރިޔާސީ ޓިކެޓު ދޫކުރައްވާފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އަދި ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ޕާލަމެންޓްރީ ގްރޫޕުން ނިންމެވީ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް އަދި ޖުމުހޫރީ ޕާޓީން ރަނިންމޭޓެއް ނެރުމަށެވެ.

އެމްޑީޕީން ފާސްކުރެއްވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނަންފުޅެވެ. ޖޭޕީން ޕްރައިމަރީއެއް ބާއްވައި ކާމިޔާބުކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.