Last Updated: July 10, 09:56
Thursday, July 10, 2025
ޚަބަރު

އުމުރާވެރިން ދަތުރުކުރި ބަހެއް އެކްސިޑެންޓްވެ 35 މީހަކު މަރުވެއްޖެ

ސައޫދީ އަރަބިއްޔާގެ މައްކާއަށް އުމުރާގެ މަތިވެރި އަޅުކަން އަދާ ކުރަން ދިޔަ ބަޔަކު ގޮވައިގެން ދިޔަ ބަހެއް މަދީނާގެ ބޭރުން އެކްސިޑެންޓުވެ ބަހުގައި ތިބި 35 އުމުރާވެރިން މަރުވެއްޖެއެވެ.

މިހިތާމަވެރި ހާދިސާގައި ސަލާމަތްވީ އެންމެ ހަތަރު މީހުން ކަމަށް ސައުދީ ނޫސް އެޖެންސީތަކުން ރިޕޯޓުކުރެއެވެ. މަދީނާގެ ކައިރީގައި އޮންނަ ހިޖުރަ ކިޔާ މަގެއްގައި ހިނގި މިއެކްސިޑެންޓުގައި ބަސް ޖެހިފައިވަނީ އެކްސްކެވޭޓަރެއްގައެވެ. އަދި އިރުކޮޅެއް ފަހުން ބަހުގައި ވަނީ ރޯވެފައެވެ.

ސައުދީ އޮފިޝަލުން ބުނެފައިވަނީ ނިޔާވި 35 އުމުރާވެރިންނަކީ ވެސް ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. ސަލާމަތްވި ހަތަރު މީހުންނަށް ވެސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ހާމަކުރިއިރު ތަފްސީލެއް ނުދެއެވެ.

ދިވެހި އުމުރާވެރިޔަކު މިހާދިސާގައި ހިމެނޭ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.