Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ކޮރަޕްޝަން ހާމަކުރާ މީހުންނަށް ރައްކާތެރިކަންދޭ ބިލު ތަސްދީގު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކޮރަޕްޝަން ހާމަކުރާ މީހުންނަށް ރައްކާތެރިކަން ދިނުމާ ބެހޭ ބިލު ނުވަތަ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

"ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް" އަކީ މި ބިލުގައި ނޭދެވޭ ޢަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާފަދަ ކަމަކާ ގުޅޭ މަޢުލޫމާތު ހުށަހެޅުމުގައި، ނުވަތަ ވިސްލްބްލޯކުރުމުގައި، ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ.

އަދި ވިސްލްބްލޯކުރާ ފަރާތަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި، ވިސްލްބްލޯކޮށްގެން މަޢުލޫމާތު ހުށަހެޅުމުން މަޢުލޫމާތު ބަލައިގަންނަ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ނޭދެވޭ ޢަމަލުތައް ހުއްޓުވައި، ދެފުށް ފެންނަ، ޖަވާބުދާރީވަނިވި، ނަޒާހަތްތެރި ޘަޤާފަތެއް އަށަގެންނެވުމަށް ބޭނުންވާނެ އެހެނިހެން އުސޫލުތައް ވެސް މިބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ނޭދެވޭ ޢަމަލެއްގެ މަޢުލޫމާތު ހުށަހަޅައި، ވިސްލްބްލޯކުރާނެ ނިޒާމެއް އެކަށައަޅައި، ވިސްލްބްލޯކުރުމަށް ހިތްވަރު ދިނުމާއި ވިސްލްބްލޯކުރުމުން ލިބޭ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުން ހިމެނެއެވެ.

އަދި ވިސްލްބްލޯކުރާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ ނޭދެވޭ ޢަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށްފެންނަ، ނަޒާހަތްތެރި ޘަޤާފަތެއް ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ކިބައިގައި އަށަގެންނެވުންވެސް ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުންވެސް ޤާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކުގެ ބޭނުން އެކަށީގެންވާ އަދި ޒިންމާދާރު ގޮތެއްގައި ހިފުމާއި، މި ޤާނޫނުގައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއެޅުން ވެސް ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮރަޕްޝަން ހާމަކުރާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.