Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އިޔާޒްގެ ސުވާލެއް: އެމްޑީއެން ބަންދުކުރަން ގޮވާލާ އަޑު އިވޭނީ 2023 ޖެހުމުންތޯ؟

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓު ނެރުނު މައްސަލާގައި އެ ޖަމިއްޔާ އަދިވެސް ބަންދުނުކުރާތީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

2015 ވަނަ އަހަރު ނެރުނު އެ ރިޕޯޓާ ގުޅިގެން އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު، އެ ރިޕޯޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ ޖަމިއްޔާ އުވާލަން ބައެއް އިލްމުވެރިންނާއި ކައުންސިލްތަކުން ވެސް ސަރުކާރަށް ގޮވާލަމުން އަންނައިރު، އިޔާޒު ވަނީ އެމްޑީއެން ބަންދުކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގޮވާލަމުންދާއިރު އެ އަޑު ކަމާބެހޭ ފަރާތްތަކުގެ ކަންފަތަށް އަޑު އިވޭނީ 2023 ޖެހުމުންތޯ ސުވާލުކުރައްވާފައެވެ.

"ވެރިއަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް. އެކަމަކު ހާސް ދުވަހަށް ވުރެ ބާރު ގަދަވާނެ" އިޔާޒު ވިދާޅުވިއެވެ.

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް އެކުލެވޭ ރިޕޯޓެއް ނެރުމުން ސޯޝަލް މީޑިޔާގައި އެމްޑީއެން އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެމްޑީއެން އުވާލުމަށް ދީނީ އިލްމުވެރިން ވެސް ސަރުކާރަށް ގޮވާލަމުންދާއިރު، އެމްޑީއެންގެ ރިޕޯޓު ރައީސް ސޯލިހު ވެސް ދާދިފަހުން ވަނީ ކުށްވެރި ކުރައްވާފައެވެ.