Last Updated: April 24, 18:14
Wednesday, April 24, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟( ބާރަވަނަބައި)

ޖަލްސާނިމި، ކެއުމަށް އިންސާފުކުރާ ވަގުތު ޖެހިއްޖެއެވެ. ހުރިހާ އެންމެން ކެއުން ތައްޔާރުކޮށްފައިވާ މާލަމަށް ދާން މިސްރާބު ޖެހުމުން ޒަލަފް އެތަނުން ނުކުތުމަށް އަވަސްވެގަތެވެ. އޭނާގެ މޫޑު އޮފްވެ ކާހިތްވެސް ކެނޑުނީއެވެ. އެހެންކަމުން އަމީން ގާތުގައި ބަހަނާއެއް ދައްކާލުމަށްފަހު އޭނާ ގެޔަށް ދިޔައެވެ.

ހަފްލާ ނިމުމުއިރު، މޫސުން ގޯސްވެ ތުނިތުނިކޮށް ވާރޭވެހެން ފަށައިފިއެވެ. އެހެންކަމުން މެހެމާނުންތައްވެސް ހަލުވިކަމާއެކު އެމީހުންގެ މަންޒިލްތަކަށް ދެވޭތޯ ދަތުރުފެށިއެވެ. ޒީޝާންވެސް އޭނާގެ ރަހުމަތްތެރިންނާއެކު ގެޔަށް ދިއުމަށްޓަކައި ނުކުތެވެ. ނަމަވެސް އޭނާއައީ ބައްޕައާއެކުގައިކަން ހަނދާންވުމުން އޭނާ ހުއްޓުނެވެ.

" ނުދަނީތަ؟…" އަރީޝާ އެހިއެވެ.
" …އަހަރެން ހަނދާންނެތުނީއޭ ބައްޕައާއެކު އައިކަން….އަރީމެންދޭ….އަހަރެން މިގުޅަނީ ބައްޕައަށް…." ޒީޝާން ފޯނުނަގައި އޭނާގެ ބައްޕަގެ ނަމްބަރަށް ޑައަލްކޮށްލަމުން ބުނެލިއެވެ.

" އާދޭ އަހަރެންނާއެކުދާން…" އަރީޝާ އެދުނެވެ.

" ނޫނޭ…އަރީއަށް ލަސްވާނެ….ވާރެވެސް އެބަވެހެއެއްނު…އަރީދޭ އަވަހަށް…." ޒީޝާން އެހެން ބުނެލުމުން، ގުޑްނައިޓް ކިޔާފައި އަރީޝާ ހިނގައްޖެއެވެ.

ފޯނު ރިންގްވޭ ވޭ ކެނޑުނުއިރުވެސް ބައްޕަ ފޯނެއް ނުނެގިއެވެ. ޒީޝާން އަނެއްކާވެސް ޑައަލްކުރަން ފެށިއެވެ. މިފަހަރުވެސް އޭނާގެ ބައްޕަ ފޯނެއް ނުނެގިއެވެ.

" ބައްޕައަށް ނިދުނީ ކަންނޭނގެ…" ޒީޝާން ހިތާހިތާ ބުންޏެވެ.

ވާރޭ އިތުރަށް ބޯކުރަން ފެށުމުން ޒީޝާން އަނެއްކާވެސް ސުކޫލު ތެރެއަށްވަދެ އޮފީސްބައިގެ އަސްކަނި ދޮށުގައި މަޑުކޮށްލިއެވެ.

" ޒަލް ކޮބާބާ؟…ކޭގަޑީގަވެސް ޒަލްއެއް ނުފެނޭ….ގުޅާލަންވީ ކަންނޭނގެ…" ހަފްލާ ނިމުނުއިރު ޒަލަފް ނުފެނުމުން ޒީޝާން ވިސްނަން ފެށިއެވެ. އަދި ޒަލަފް ކޮބައިތޯ ބަލާލުމަށްޓަކައި ގުޅަންވެސް ހިތައްއެރިއެވެ. ނަމަވެސް އަމީންމެންނާއެކު ޒަލަފް އެތެރޭގައި ހުރެދާނެތީ އޭނާ އެޚިޔާލު ދޫކޮށްލިއެވެ. އެތެރެއަށްދާން ހިތަށްއަރާފައި އޭނާ ބޭރުގައި މަޑުކުރީ ޒަލަފްއާއި ޒައިކް އެކުގައި ތިބެއްޖެނަމަ އޭނާ ލަދުގަންނަން ޖެހޭފަދަ ކަމެއްވެދާނެތީއެވެ. ޒަލަފްއާއި ޒައިކް ބައްދަލުވީނަމަވެސް އެކަކު އަނެކަކަށް އެކީ ކޮންބައެއްކަން ނޭނގޭނެކަން ޒީޝާންއަށް ޔަޤީންވެއެވެ. އެދެމީހުން އެއްތަނަކުން ފެންނާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. މިރޭގެ ހަފްލާގައި އެފަދަކަމެއް ވެދާނެތީވެސް އޭނާއުޅުނީ ވަރަށް ވިސްނައިގެންނައިގެން ޒަލަފްއާއި ޒައިކްއާ ދެމީހުންނަށްވެސް ނުފެނިއެވެ. އެހެންކަމުން ޒަލަފް ހަފްލާއިން ނެތްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އޭނާ ކަންބޮޑުވެގެންހުރެ އަދިވެސް އެއްފަހަރު ބައްޕައަށް ގުޅިއެވެ. މިފަހަރުވެސް ބައްޕަ ފޯނެއް ނުނެގިއެވެ.

" ޒައިކްއާއެކީ ދާން މަޑުކުރަންވީބާ؟….ނޫނީ ކާރަކަށް ގުޅައިގެންދާންވީ ކަންނޭނގެ…" ޒީޝާން ދެފިކުރެއްގައި ހުއްޓައި ސުކޫލު ގޭޓްކައިރިއަށް ވެހިކަލެއް މަޑުކޮށްލި މަންޒަރުފެނުނެވެ.

ގިނައިރުތަކެއްނުވެ އަމީންއާއި ޒައިކް ކުޑައެއްގެ ހިޔަލުގައި އެދިމާއަށް އަންނާތީ ފެނުނެވެ. އަދި އެމީހުންގެ ފަހަތުންވެސް ދެމީހަކު ދުވަމުން ކަހަލަ ގޮތަކަށް އައެވެ. ޒީޝާން ހާސްވިއެވެ. އެމީހުނަށް ފެންނާކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާ ޒައިކްއާއެކީދާން މަޑުކުރީކަމަށް ޒައިކް ހީކޮށްފާނެތީވެސް އޭނާ ލަދުގަތެވެ. އޭނާ އެހެންހުއްޓައި އެމީހުން އެދިޔަގޮތަށް ގޮސް ބޭރަށް ނުކުތެވެ. ވެހިކަލް ދުއްވާލުމާއެކު ޒައިކް އަނެއްކާވެސް ސުކޫލުތެރެއަށް ވަތް މަންޒަރު ޒީޝާންއަށް ފެނުނެވެ. ޒީޝާން އަވަސް އަވަހަށް އިސްއޮބައިލައިގެން ޒައިކްއާ ފިލޭތޯ އުޅުނެވެ. ޒައިކް އޮފީހާއި ގާތްވަމުން އައި ވަރަކަށް އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ.

" ޒީޝާން؟…" އޭނާ މޫނު ނުފެންނާނެހެން އިސްޖަހައިގެން ހުއްޓައިވެސް ޒައިކްއަށް އޭނާ އެނގިއްޖެއެވެ.

" ޒީޝާން…ކިހިނެއްވެފަ ތިހުރީ؟…" އަނގައިންވެސް ނުބުނެ އެހުރިގޮތަށް ހުރުމުން ކަންބޮޑުވެފައި ޒައިކް އެހިއެވެ.

" ބައްޕަ ފޯނު ނުނަގާތީ ނުދެވިފަ…" ޒައިކް އޭނާއާއި ގާތަށް ހުއްޓުމުން އަވަސް އަވަހަށް ޒީޝާން ބުނެލިއެވެ.

" ދެން ކީއްވެ އަހަރެންގާތު ނުބުނީ؟…" ޝަކުވާގެ ރާގެއްގައި ޒައިކް އަހާލިއެވެ.

" ބިޒީހެން ހީވާތީ…" ޒީޝާން ކުރުގޮތަކަށް ޖަވާބުދިނެވެ.

" އިހަށް އާދޭ އެތެރެއަށް…ތަންކޮޅެއް ވާރެ ތުނިކޮށްލީމައެއްނު ގެޔަށްދެވޭނީ…" ޒައިކް އޮފީސް ހުޅުވާލަމުން ބުނެލިއެވެ.

ޒައިކް އޮފީހަށްވަދެ އޭނާއަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށް ވަނުމުން ޒީޝާންވެސް ޖެހިލުންވެހުރެ ޒައިކްގެ ފަހަތުން ވަނެވެ. އޭނާ ސުކޫލުގައި އުޅުނުއިރު މަދު ފަހަރަކު ނޫނީ އޮފީހަށްވެސް ވަދެފައެއް ނުވެއެވެ. އަދި އަމުދުން ޕްރިންސިޕަލްގެ ކޮޓަރިއަށް ވަތް ހަނދާނެއްވެސް އޭނާ ނުވެއެވެ. އެހެންކަމުން މިފަދަގޮތަކަށްވެސް އެކޮޓަރިއަށް ވަންނަން އޭނާ ޖެހިލުންވެއެވެ.

" އާދޭ! އިނށީދޭ!…." ކޮޓަރީގެ އެއްކޮޅުގައިވާ ސޯފާއަށް އިޝާރާތްކުރަމުން ޒައިކް ބުނެލިއެވެ.

ޒީޝާން މަޑުމަޑުން ގޮސް ސޯފާގައި އިށީނެވެ. ޒައިކްވެސް ޖެހިގެން ހުރި ސޯފާގައި އިށީނެވެ. އޭސީ ކަނޑާލާފައިހުރި ނަމަވެސް ތަނުގައިވަނީ މޫސުމުގެ ފިނިކަން ހިފާފައެވެ ޒައިކް އެހާގާތުގައި އިނުމުން ހިތްނުތަނަވަސް ވަމުން ދިޔަވަރަކަށް އޭނާއަށް ފިނީގެ އަސަރުވެސް އިތުރުވާހެންވެސް ހީވިއެވެ. ޒީޝާން އިސްޖަހައިގެން އިންނަމަވެސް ޒައިކްގެ ނަޒަރުހުރީ ޒީޝާންއަށް ހުއްޓިފައެވެ. އޭނާއެހެން އިންއިރު ތަފާތު ޚިޔާލުތައް ހިތުގައި އުތުރި އަރަމުން ދިޔައެވެ.

ދެމީހުން ކިތަންމެ ގާތުގައި ތިބިނަމަވެސް އެދެމެދުގައިވަނީ ބީރައްޓެހިކަމެވެ. ކައިވެނީގެ ގުޅުމުން ގުޅިފައިވީއިރުވެސް، ދެހިތުގައި އެއްވެސް ގުޅުމެއްނެތެވެ. އެދެހިތުގެ ރާސްތާއާއި މަންޒިލްވެސް ތަފާތެވެ. ނޫނެކެވެ. ޒައިކްގެ ހިތުގައި ޒީޝާންއަށްޓަކައި ވަރަށް ޚާއްސަ މަޤާމެއް ދެވިފައިވެއެވެ. އައިޝާއަށްފަހު އޭނާގެ ހިތުގައި އެފަދަ މަޤާމެއް ދެވުނު ދެވަނަ އަންހެން ކުއްޖަކީ އެއީއެވެ. ޒީޝާންގެ ރީތިކަމާއި އެމައުސޫމުކަން އޭނާގެ ހިތާކުޅެލީއެވެ. ޒީކްއާއެކީ މަޖާކޮށް ކުޅެއުޅޭ މަންޒަރުތަކުން އޭނާގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ނޭނގިނަމަވެސް އޭނާގެ ހިތް ދުވަހެއް ދުވަހަކަށް ޒީޝާންއާ ދިމާއަށް ދިޔައީ ލެނބެމުންނެވެ. ނަމަވެސް މިހާރު ޒީޝާންވަނީ މަޑުމަޑުން ބަދަލުވެފައެވެ.
ފަހަކަށް އައިސް ޒީކްގެ ކަންކަމާމެދު ޒީޝާންވަނީ ވަރަށްބޮޑަށް ފަރުވާކުޑަކޮށްފައެވެ. ސަބަބަކީ ކޮބައިކަން ނޭނގުނު ނަމަވެސް އެކަމުގައި ވަރަށްބޮޑު ސަބަބެއްވާކަށް ޒައިކްއަށް އެނގެއެވެ. ކުރިން ޒީކްއަށް ދިން ސަމާލުކަންވަނީ މިހާރު ވަރަށްބޮޑުތަން ކުޑަވެފައެވެ. މިހާރަކަށް އައިސް ޒީޝާން ހުންނަނީ ނުހަނު އުފަލުންނެވެ. އެއުފާވެރިކަމުގައި ފޮރުވިފައިވާ ހަޤީޤަތަކީ ފަހެ ކޮބާހެއްޔެވެ؟ މިބަދަލެއް ޒީޝާންއަށް އައީ އޭނާ ކިޔަވަންދާން ފެށިފަހުންކަންވެސް ޒައިކްއަށް އެނގެއެވެ. އެހެންކަމުން އެއުފާވެރިކަންވެސް ގުޅިފައިވާނީ އެކަމާކަން ޒައިކްއަށް ޔަޤީންވިއެވެ.

ދެމީހުންގެ މެދުގައި ގުޅުމެއްނެތި ކައިވެނިކުރެވުނީތީ އޭނާ ޒީޝާންއަށް ވަރަށް މުހުލަތުވެސް ދީފިއެވެ. އަނތްބެއްގެ ފުށުން ލިބެންޖެހޭ އެއްވެސް އުފަލެއްނުލިބި އޭނާގެ ޖިސްމާއި ނަފްސު ގަނަތެޅޭތާ ކިހާ ދުވަހެއް ހެއްޔެވެ؟ އޭނާގެ ހިތް ޒީޝާންއަށް އެދިގޮވާއިރު، ޒީޝާންގެ ހިތް ކުޑަކޮށްވެސް އޭނާއަށް ނޭދެނީބާއެވެ؟ ޒީޝާން އޭނާއާ ކުޑަކޮށްވެސް ގަޔާނުވަނީ ހެއްޔެވެ؟ ޒީޝާންއަށް ކަމުނުދަނީ އޭނާގެ ކިބައިގައިވާ ކޮން ސިފައެއް ހެއްޔެވެ؟ ހިތްނޭދޭއިރު ޒީޝާން އޭނާއާ ކައިވެނިކުރީ ކީއްވެގެން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އޭނާ ބޭނުމެވެ. ޒީޝާންއަށް ފުރުސަތުދީގެން އޭނާ ވަރަށް ކެތްކޮށްފިއެވެ. ނަމަވެސް ދެން ނުވާނެއެވެ.

ބަހެއް ބުނުމެއްނެތި ޒައިކް އެގޮތަކަށް ބަލަންއިނުމުން ޒީޝާންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ޒައިކް އެވިސްނަނީ ކޮންކަމަކާ ބާއޭ އޭނާގެ ހިތަށްއެރިއެވެ. ޒައިކް އޭނާ އެކޮޓަރިއަށް ވެއްދީ ކީއްކުރަންބާއެވެ؟ އަނެއްކާ ޒައިކް އެއުޅެނީ ވަގުތުގެ ނާޖާއިޒް ފައިދާނަގަން ހެއްޔެވެ؟ ނޫނެކެވެ. އެހެންވިޔަކަ އޭނާ ނުދޭނެއެވެ.

" މިހާރު ވާރޭ ތުނިކޮށްލައިފިހެން ހީވަނީ….ހިނގާދާން…" ހިތްނުތަނަވަސްވީވަރުން ޒީޝާން ބޭނުންވީ އަވަހަށް ގެޔަށްދާށެވެ.

" އަދި އިރުކޮޅަކު މަޑުކޮށްބަލަ! ކިތަންމެ ލަހުން ދިޔަނަމަވެސް އަހަރެމެން ހޯދާނެ ބަޔަކު ނޫޅޭނެއްނު…" ޒީޝާން ކަންބޮޑުވެފައި އިންކަން އެނގޭއިރުވެސް ޒައިކް ބުނެލިއެވެ.

" އެކަމު ނިދަންވެސް ޖެހޭނެއްނު….މާދަމާ ފަތިހު ތެދުވަންޖެހޭނެ…" ޒީޝާން އަވަސް އަވަހަށް ބަހަނާއެއް ދެއްކިއެވެ.

" އާނ…ނިދަންވެސް ޖެހޭނެ…ފަތިހު ތެދުވަންވެސް ޖެހޭނެ…އެކަމު އެއީއެއްނޫން ހަމައެކަނި އަހަރެމެން ކުރަން ޖެހޭނެކަމަކީ…ނުނިދާވެސް ބައެއްފަހަރަކު ވަގުތު ހޭދަކުރަންޖެހޭނެ ކަންނޭނގެ…އަހަރެންނަށް ހީވަނީ މިހާރު ވާވަރަށް ނިދިއްޖެހެން….ނިދިހަމަވެގެންވެސް ކުޑަވަގުތުކޮޅަކު ހޭލާހުންނަން ވެއްޖެހެން…." ދެމާނައެކުލެވިގެންވީ ބަސްތަކަކުން ޒައިކް ވާހަކަދެއްކުމުން ޒީޝާންގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. ޒައިކް އެދެއްކި ވާހަކައެއްގެ މާނަ އޭނާއަށް ފަހުމް ކުރާކަށް ނޭނގުނެވެ. ނޫނީ އޭނާ ބޭނުންވެސް ނުވީއެވެ.

" ޒީޝާން…އަހަރެމެން މީދެމަފިރިން….އަހަރެމެން ބޭނުންއިރެއްވާންދެން ހޭލާތިބެވޭނެ….ނޭނގޭތަ އެކަމެއް؟…" ޒީޝާންގެ ގާތަށް ޖެހިލަމުން ޒައިކްބުނެލިގޮތުން ޒީޝާންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
ޒީޝާން ދެއަތްދެއަތާ މޮޑެމުންދަނިކޮށް ކުއްލިއަކަށް ޒައިކްގެ އޭނާގެ އަތުގައި ހިފުމުން އޭނާ ސިހުނެވެ. ބިރުން ހަދާނެގޮތެއް ނޭނގިފައި އިންދައި ޒައިކް އޭނާގެ އަތްނަގައި އަތުގައި ބޮސްދިނެވެ. އެވަގުތު ޒީޝާންގެ މުޅި ހަށިގަނޑަށް ގޮތެއްވެގެން ދިޔައެވެ. ހިތްތެޅިގަތްވަރުން ހީވީ މޭފޫއަޅުވާފައި ނުކުމެދާނެހެންނެވެ. ޒައިކް މަޑުމަޑުން ޒީޝާންއާ ގާތްވަމުން ގޮސް ޒީޝާން މޫނުގައި ދެއަތުން ހިފައި ކުޑަކޮށް އުފުލާލިއެވެ.
ޒައިކްގެ ހޫނު ނޭވާ ޒީޝާންގެ މޫނަށް އެޅުނު ހިނދު، ޒައިކްގެ އަތްދަށުން ދެމިގަނެގެން އެތަނުން ދުވެފިލަން ޒީޝާން ބޭނުންވިއެވެ. ނަމަވެސް އެހާހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ޒީޝާންއަށް ދެވަނަ ވިސްނުމަކަށްވެސް ފުރުސަތުނުދީ ޒައިކް ޒީޝާންގެ ތުންފަތުގައި ބޮސްދިނެވެ. އެވަގުތު ޒީޝާންގެ މުޅި ހަށިގަނޑުފިނިވެގެން ގޮސް ކަކުލުހުޅުން ވާގިދޫވިފަދަ އިހުސާސެއް ކުރެވުނެވެ. އޭނާގެ ހަށިގަނޑުގައި ވީނަމަ ވީހާ ހަކަތައެއް ހުސްވިފަދައެވެ. އޭނާއަށް މިފަދަގޮތެއްވީ ކީއްވެގެންކަންވެސް ޚުދުއޭނާއަށްވެސް ނޭނގެއެވެ. އޭނާއެހާ ބަލިކަށިވީ ކީއްވެގެން ހެއްޔެވެ؟ ޒައިކްގެކުރިމަތީގައި އޭނާ ބަލިކަށިވެގެން ނުވާނެއެވެ. ޒައިކް އޭނާއަށް ބޭނުންގޮތެއް ހަދާންދެން އެގޮތަށް އިންނަންވީ ހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. ޒައިކް ދެވަނަފަހަރަކަށް ޒީޝާންގެ ތުންފަތުގައި ބޮސްދިނުމާއެކު ޒީޝާން ތެޅިގެންފައި ޒައިކްގެ އަތްދަށުން ދެމިގަތެވެ. އަދި ޒައިކް ކޮށްޕާލާފައި ތެދުވެ، ހަލުވިކަމާއެކު ކޮޓަރިން ނުކުތެވެ. އޭރު ހުއްޓުމެއްނެތި އޭނާގެ ލޮލުން ކަރުފައިބައެވެ.

ޒީޝާން…މަޑުކޮށްބަލަ! ޒީޝާން…" ޒައިކް އަވަސް އަވަހަށް ގޮސް ޒީޝާން އޮފީހުން ނުކުތުމުގެ ކުރިން އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

" ދޫކޮށްލާ!…އަހަރެންގައިގާ އަތްނުލާ! ދޫކޮށްލާ!…" ރޮމުން ރޮމުން ޒީޝާން ބުނިއިރު އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. ދެފައިކޮޅުވެސް ތުރުތުރު އަޅާވަރުން ކޮޅަށް ހުންނަންވެސް އޭނާއަށް ދަތިވިއެވެ.

" ޒީޝާން ހަމަޖެހިބަލަ!….ކިހިނެއްތަވީ؟….ކޮބާތަ މައްސަލައަކީ؟…އަހަރެންމީ ޒީޝާންގެ ފިރިމީހާއޭ….ތީ އަހަރެންގެ ހަލާލު އަނބިމީހާއޭ….ޒީޝާންއަށްވެސް އެވަރު އެނގެއެއްނު….ދެން ކޮންކަމަކާ ޒީޝާން ތިރޮނީ؟…" ޒީޝާންއަށް ވިސްނައިދިނުމަށްޓަކައި މަޑުމައިތިރިކަމާއެކު ޒައިކް ބުންޏެވެ.

" އަހަރެން ބޭނުމެއްނޫން…އަހަރެން ބޭނުމީ ދާން….ޕްލީޒް އަހަރެން ގެޔަށް ދިޔަދީ!…" ޒީޝާން ރޮއެ ރޮއެފައި އާދޭސްކުރަން ފެށުމުން ޒައިކްއަށް ބަލަން ހުރެވުނެވެ.

" ފުރަތަމަ ބުނޭ ކޮބާކަން މައްސަލައަކީ؟…އޭރުން ގެޔަށްދެވޭނީ؟…" ޒީޝާންގެ ސަބަބުން ހިތަށް ލިބުނު ނުތަނަވަސްކަމުން ޒައިކްހުރީ ނުރުހިފައެވެ.

" ޕްލީޒް ހިނގާބަލަ ގެޔަށްދާން…." އަނެއްކާވެސް ޒީޝާން އެދުނެވެ.

ޒައިކް ކުއްލިއަކަށް ޒީޝާންގެ އަތުގައި ހިފައިގެން ގޮސް ޕްރިންސިޕަލް ކޮޓަރިއަށްވަދެ، ކުރިންވެސް އިން ސޯފާގައި ބޭންދިއެވެ. ޒީޝާން ސިހިފައި ވައްކަޅިން ޒައިކްއަށް ބަލާލިއެވެ.

" ބުނަން…ގެޔަށް ދިޔަޔަސް ހަމަ އަހަރެން ހުންނާނެ….އޭރުންވެސް އަހަރެން ބޭނުންކަމެއް ކުރެވޭނެދޯ…..އެހެންވީމަ ފުރަތަމަ ބުނެބަލަ! ކީއްވެގެންކަން ތިހެން ތިއުޅެނީ؟….އަހަރެން މިރޭ ބޭނުން ޒީޝާން ތިހެން އުޅޭ ސަބަބެއް ހޯދަން….އަހަރެން ކުރާ ސުވާލަކަށް ޖަވާބު ލިބުމުން ނޫނީ މިރޭ ޒީޝާންއަށް ގެޔަކަށް ނުދެވޭނެ…" ޒައިކް ހަރުކަށިކަމާއެކު ބުނުމުން ޒީޝާން ބިރުގަތެވެ.
އޭނާ ހަޤީޤަތް ހާމަކުރަން ބޭނުންވިނަމަވެސް އެހާހިތްވަރެއްވެސް އޭނާގެ ނެތެވެ. އެހެންކަމުން ޖަވާބުނުދީ އޭނާ ހިމޭންވިއެވެ.

" އަހަރެންނަށް އެނގޭ ޒީޝާންއަށް އަހަރެން ކަމުނުދާކަން…..އެކަމު އަހަރެންނަށް ނޭނގެނީ ޒީޝާން އަހަރެންދެކެ ތިހާ ފޫހިވާއިރު ކައިވެނިކުރި ސަބަބެއް…އަހަރެން ވިސްނާ ވިސްނާވެސް ނޭނގުނު ޒީޝާން އަހަރެންނާ ކައިވެނިކުރަން ޖެހުނު ސަބަބެއް….އެހެންވީމަ ރީތިކޮށް ބުނެދީބަލަ! އަހަރެންނަށްވެސް ހާދަ އުނދަގުލޭ އަބަދު މިހެން އުޅެން….ނަމެއްގަ އަނތްބަކުހުރެ، އެއްވެސް ލޯތްބެއް އަޅާލުމެއް ނުލިބި ގަނަތެޅޭކަށް އަހަރެންވެސް ބޭނުމެއްނޫން….ފަހަރެއްގަ ޒީޝާންއަށް އަހަރެންނަކީ މުހިއްމު މީހަކަށް ނުވެދާނެ….ޒީކްގެ ހުރިހާކަމެއް ކޮށްދިނީމަ ނިމުނީއޭވެސް ހީވެދާނެ…އެކަމު ފިރިއެއްގެ ހައްޤުތަކަކީ ކޮބައިކަން ނޭނގޭވަރުގެ ކުޑަކުއްޖެއްނޫން ކަންނޭނގެ ތިވެސް….އެހެންވީމަ މިރޭން މިރެޔަށް ޒީޝާން ބޭނުންވާގޮތް ބުނެދީ! އަހަރެން އެގޮތަކަށް ކަންތައްކުރެވޭތޯ ބަލާނަން…." ހިތްހަމަ ނުޖެހިފައިހުރި ނަމަވެސް މަޑުން ވާހަކަދެއްކޭތޯ ޒައިކް މަސައްކަތްކުރިއެވެ.
ޒީޝާން ވިސްނާލިއެވެ. އޭނާ އެހެންމީހަކުދެކެ ލޯބިވާ ވާހަކަ ހަޤީޤަތަށް ބުނަންވީ ހެއްޔެވެ؟ މިރެއަކީ އެކަން ޒައިކްއަށް ހާމަކުރަން އޭނާ ނިންމި ރެއެވެ. ނަމަވެސް އޭނާ އެވާހަކަ ދައްކަން ބޭނުންވީ މިފަދަ ހާލަތެއްގައެއްނޫނެވެ.

" މިރޭ ހަތަރުދަމު މިތާ ހުންނަން ޖެހުނަސް އަހަރެންގެ ފަރުވާލެއްނެތް…..ޖަވާބުދީފަ ޒީޝާންއަށް ދެވޭނީ…." ޒީޝާން ހިމޭނުން އިނުމުން ހަރުކަށިކަމާއެކު އަނެއްކާވެސް ޒައިކް ބުނެލިއެވެ. ޒައިކް މިހާބޮޑަށް ހިތްހަމަ ނުޖެހިފައި ހުއްޓައި ދުވަހަކުވެސް އޭނާ ނުދެކެވެ. އެހެންކަމުން އޭނާއިނީ ނުހަނު ބިރުންނެވެ.

" އަހަރެން ޒައިކްދެކެ ލޯތްބެއްނުވޭ….." ޖެހިލުންވެ އިނދެ ޒީޝާން ބުނެލިއެވެ.

" ނުބުންޏަސް އަހަރެންނަށް ތިކަން އެނގެޔޭ…އެހެންވީމަ ބުނެބަލަ އަހަރެންނާ އިނީ ކީއއްވެގެންކަން" ޒީޝާންގެ ދުލުން އެހެންބުނިއަޑު އިވުމުން ހިތަށްވީތަދުން ދަތްކުނޑިވިކާލަމުން ޒައިކްއަށް ބުނެވުނެވެ.

" މަންމަމެން ބުނެގެން…" ތުރުތުރުއަޅާ އަޑަކުން ޒީޝާން ޖަވާބުދިނެވެ.

" މަންމަމެން ބުނެގެން؟….ތިއީ ހަމަ އެހާ ބަސްއަހާ ދަރިއެއްތަ؟…މަންމަމެން ބުނީ އަހަރެންނާ ކައިވެނިކޮށް ތިހެން އުޅޭށޭތަ؟…ފިރިމީހާ ގާތްވާއިރަށް ދުވެފިލާށޭތަ؟ " މަލާމާތުގެ ގޮތަކަށް ހީލަމުން ޒައިކް އެހިއެވެ.

ޒައިކްގެ އެބަސްތަކުން ޒީޝާން ލަދުގަތެވެ. އޭނާގެ މައްޗަށް ޒައިކްއަށް ހައްޤުލިބިގެން ވާއިރުވެސް އޭނާ އެހުންނަނީ އެހައްޤުތަކުން ޒައިކް މަހުރޫމުކޮށްގެންނެވެ. ޒައިކްގެ ކެތްތެރިކަންވެސް އޭނާއަށްވަނީ ފެނިފައެވެ. ނަމަވެސް އުމުރު ދުވަހު އެއްވެސް އިންސާނަކަށް ކެތެއްނުވާނެއެވެ. ކޮންމެވެސް ދުވަހަކުން އޭނާއަށް މިކަމާ ކުރިމަތިލާން ޖެހޭނެކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް މިރެއަކީ އެވަގުތަށް ވާނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ.

" ގަސްތުކުރަނީ މާދަމާ އިރުއަރާންދެން މިތާ އިންނަންތަ؟…." ޒީޝާންއާ ގާތްވެލަމުން ޒައިކް އެހިއެވެ.

" އަހަރެން ޖަވާބުދީފީމެއްނު…ދެން ހިނގާ ގެޔަށްދާން…." ޖެހިލުންވެ އިނދެ ޒީޝާން ބުނެލިއެވެ.

" މާނައަކީ….އިތުރު އެއްވެސް ކަމެއްނެތޭތަ؟…ހަމައެކަނި އަހަރެންދެކެ ލޯބިނުވާތީތަ ދުރުދުރުން އުޅެނީ؟…" ޔަޤީންނުވާގޮތަށް ޒައިކް އަހާލިއެވެ.

" ހޫމް…" ޒީޝާން އަވަސް އަވަހަށް ބޯޖަހާލިއެވެ.

" އެންމެ ރަނގަޅު ބުނެބަލަ! ޒީޝާން ލޯބިވާ އެހެންމީހަކު ހުރޭތަ؟…" ކުއްލިއަކަށް ޒައިކް ކޮށްލި ސުވާލުން ޒީޝާންގެ ނޭވާވެސް މޭގައި ތާށިވިފަދައެވެ. ބިރުންގޮސް ހިތްނެގި ނެގިފައި ޖެހެންފެށިއެވެ.

" ކީއްވެ ޖަވާބު ނުދިނީ؟…އަނެއްކާ ލޯބިވެރިޔަކު ހުންނަނީތަ؟…" ޝައްކުގެ ނަޒަރަކުން ބަލާލަމުން ޒައިކް ބުނެލިއެވެ.
އެސުވާލަށް ޖަވާބުދޭން ޒީޝާން ނުހަނު ބިރުގަތެވެ. އާނއެކޭ ބުނަން ބޭނުންވިނަމަވެސް ޒައިކް ރުޅިއަންނާނެވަރު ހިތަށްއަރާފައި ބިރުގަތްވަރުން ޒީޝާން އަވަސް އަވަހަށް ނޫނެކޭބުނެ ދެފަރާތަށް ބޯހޫރާލިއެވެ.

" ހޫމް!….އަހަރެންދެކެ ލޯތްބެއްނުވޭ، އެކަމު ލޯބިވާ އިތުރުމީހަކުވެސް ނެތް…..އެހެންވީމަ މަންމަމެންގެ ތިހާ ބަސްއަހާ ދަރިއެއްވިއްޔާ ފިރިމީހާގެ ބަސްވެސް އަހަންޖެހޭނެކަމަށް ގަބޫލުކުރެވެނީ…ހިނގާގޮތެއް ނިންމަން….މިރެއަށްފަހު އަހަރެންމީ ޒީޝާންގެ ފިރިމީހާކަމަށް ހިތުގެ އަޑިން ގަބޫލުކޮށް ފިރިއަކަށް ކޮށްދޭންޖެހޭ ހުރިހާކަމެއް ބަރާބަރަށް ކޮށްދޭން ތައްޔާރުވޭ!….އަހަރެންވެސް ބަލާނަން…ޒީޝާން ބޭނުންވާ ކަހަލަ ފިރިޔަކަށް ވެވޭތޯ….މަންމަމެންގެ ބަސް އެހުނުކަމަށްވާނީ، މަންމަމެން ދެއްކި މީހަކާ ކައިވެނިކޮށް، އެކައިވެނިވެސް ދެމެހެއްޓުނިއްޔާ ދޯ….އެހެންވީމަ އަހަރެން ގަބޫލުކުރަނީ ޒީޝާން ތިއުޅޭގޮތް ބަދަލުކޮށް ރީތިކޮށް ސުލްހައިގައި ދެމީހުން އުޅެން މަސައްކަތްކުރާނެ ކަމަށް….އެންމެ ރަނގަޅެއްނު…" ޒީޝާންގެ އަތުގައި ހިފާލަމުން ޒައިކް ބުނެލިއެވެ.

ޒައިކް ދެއްކި ވާހަކަތަކަށް ހިތާހިތުން ދެކޮޅުހެދި ނަމަވެސް ދުލުން އިންކާރުގެ އެންމެ ލަފްޒެއްވެސް ބޭރެއްނުވިއެވެ. ހަމައެކަނި ކުރެވުނުހައިވެސް ކަމަކަކީ ޒައިކް ނިންމި ނިންމުމަށް ބޮލުގެ އެހީގައި އާނއެކޭ ބުނެ އެއްބަސްވުމެވެ. އެއީ އެއްވެސް ހާލެއްގައި އޭނާގެ ހިތްއެދޭގޮތެއް ނޫނެވެ. ޒައިކްއަކީ ފިރިމީހާކަން ގަބޫލުކޮށް ފިރިއެއްގެ ހައްޤުދީ، އޭނާގެ ހަށިގަނޑު ޒައިކްގެ އަތްމައްޗަށް ދޫކޮށްލުމަކީ އޭނާއަށް ވާނޭކަމެއް ނޫނެވެ.

" ހިނގާ ގެޔަށްދަމާ….މިހާރު ވަރަށް ލަސްވެސް ވެއްޖެއެއްނުދޯ…." ކުއްލިއަކަށް ޒައިކްގެ ހަރުކަށި ގޮތްގަނޑު ގޮސް މަޑުމައިތިރިކަށް އަޑަށް ވެރިވިއެވެ. އެހެންކަމުން ޒީޝާންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
ޒައިކްއާއެކު ސައިކަލުގައި ގެޔަށް އާދެވޭންދެންވެސް ޒީޝާން އިނީ ހިމޭނުންނެވެ. މިރޭ އަނެއްކާވެސް ޒައިކް ކަމެއްކޮށްފާނެތީ އޭނާއިނީ އެކަމާ ވިސްނާށެވެ.
ގެކައިރިއަށް ސައިކަލު މަޑުކޮށްލުމުން ޒީޝާން ސައިކަލުން ފައިބައިގެން ހަލުވިކަމާއެކު ގޮސް ގޭތެރެއަށްވަނެވެ. އަދި ހުއްޓުމެއްނެތި އެދިޔަގޮތަށް ގޮސް އޭނާވަނީ ފާޚާނާއަށެވެ. ހަމައެއާއެކު އަނެއްކާވެސް އޭނާއަށް ރޮވިއްޖެއެވެ. ހިތުގައި އޮތް ބިރުވެރިކަން އަދިވެސް ކުޑައެއްނުވެއެވެ. މިރޭ ޒައިކް އެދޭކޮންމެކަމެއް އޭނާއަށް ކޮށްދޭން ޖެހޭނެއޭ ހިތަށްއެރުމުން ހިތްރޫރޫ އަޅައިގެން ދެއެވެ. ޒީޝާން ފާޚާނާގައި އެތައްއިރަކު ހުރުމަށްފަހު ނުކުތްއިރު، ޒައިކްއޮތީ ހެދުންވެސް ބަދަލުކޮށްގެން ނިދާށެވެ. ހީވާގޮތުން ޒީޝާން ލަސްވުމުން އޭނާއެއައީ ބޭރު ފާޚާނާއަށް ވަދެފައެވެ. ޒީޝާން މަޑުމަޑުން އައިސް އަލަމާރިން ނިދާހެދުމެއް ނަގައިގެން ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްގެން އައިސް އެނދުގައި އޮށޯތެވެ. ދެލޯމަރާލާއިރަށް އޭނާގެ ލޮލަށް ސިފަވީ ޒައިކްއާއެކު ސުކޫލުގައި ހޭދެކުރެވުނު ގައިގޯޅި ވަގުތުކޮޅެވެ. އެއާއެކު އޭނާއަށް ސިހިފައި ލޯހުޅުވާލެވުނެވެ. އޭނާއަށް ނިދޭއިރަށް ޒައިކް އޭނާއާ ގާތްވެދާނެތީ ބިރުން ލޮލަށް ނިދިވެސް ނައެވެ. މިރޭ ޒަލަފްގެ އެއްވެސް ޚަބަރެއްނުވީތީވެސް އޭނާއަށް ވިސްނެމުން ދިޔައެވެ. ކުޑަމިނުން " ގުޑްނައިޓް" މެސެޖެއްވެސް ޒަލަފް ނުފޮނުވައެވެ.

ފަތިސްނަމާދުގެ ބަންގިގޮވީވެސް އޭނާ އެފަދަ ހާލެއްގައި އޮއްވައެވެ. އޭނާ ތެދުވެ ނަމާދުކުރަން އުޅެނިކޮށް ޒައިކްވެސް ތެދުވިއެވެ. ޒައިކް ފެންވަރައިގެން މިސްކިތަށް ގޮސް އައިއިރު ޒީޝާންއޮތީ ނިދާފައެވެ. ޒީޝާންއަށް ނޭނގުނު ނަމަވެސް ޒައިކްވެސް ރޭގައި އެއްގޮތަކަށްވެސް ނުނިދައެވެ. ނަމަވެސް ޒީޝާންފަދައިން އޭނާއަށް ނިދާކަށް ނޯވެވޭނެއެވެ. އޭނާގެ ޒިންމާބޮޑުވެފައި ކުރަންޖެހޭ ކަންތައް ނުހަނު ގިނައެވެ. ޒައިކް ފެންވަރައި ތައްޔާރުވެގެން ސުކޫލަށްދާން ނުކުތް ވަގުތު ޒީކް ދުވެފައި ކޮޓަރިން ނުކުތެވެ.

"ގުޑް މޯރނިންގް ބައްޕަގެ ދޫނީ…" ޒައިކް އޭނާގެ ދަރިފުޅު އުރާލުމަށްފަހު ލޯބިކޮށްލިއެވެ. " މަންމާ…ޒީޝާންގެ ތަބީއަތް އެހާ ރަނގަޅެއްނޫން….މަންމަ ބަލާލާތި!…." ހައްވަ ފެނުމުން ޒައިކް ބުނެލިއެވެ.

" އެހެންތަ؟…ކިހިނެއްވީ އަނެއްކާ؟…" ހައްވަ ކަންބޮޑުވެފައި އަހާލިއެވެ.

" ރޭގަ ތަންކޮޅެއް ދަންވާންދެން ހޭލާއުޅުނީމަ ނިދިހަމަ ނުވަނީހެން ހީވަނީ….ޒީކް ދޫނިވެސް ޒީދައްތިއަށް އުނދަގޫ ނުކުރައްޗޭ އިނގޭ!…" ޒައިކް ލޯތްބާއެކު ބުނެލުމުން ޒީކް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

ޒައިކް ސުކޫލަށްގޮސް އޭނާއަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށް ވަނުމާއެކު ރޭގެ މަންޒަރު އޭނާގެ ކުރިމަތީގައި ސިފަވެގެން ދިޔައެވެ. ޒީޝާންއާއި ގާތްވި ވަގުތު އޭނާގެ ހިތް އޭގެ ލަގަނުން ބޭރުވެގެން ދިޔައެވެ. ނަމަވެސް ޒީޝާން އޭނާއަށް ފުރަގަސްދިނުމުން އޭނާގެ ހިތްކުދި ކުދިވެގެން ދިޔައެވެ. ރޭގައި ޒީޝާން ރޮއެ ރޮއެފައި އާދޭސްކުރިއިރު ހީވަނީ ނުބައި ނުލަފާ މީހެއްގެ އަތްދަށުން މައުސޫމު ކުއްޖަކު އޭނާގެ އިތްފަތްތެރިކަން ސަލާމަތް ނުވެގެން އުޅުނު ހެންނެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތަށް ހާދަ އަސަރެއްކުރިއެވެ. އޭނާގެ ހަލާލު އަނބިމީހާ އޭނާގެ ކިބައިން ސަލާމަތްނުވެގެން ރޮއެ އާދޭސްކުރަނީއެވެ. އޭނާގެ ކުށަކީ ކޮބައިކަންވެސް އޭނާއަކަށް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ ރޭގައިވެސް ޒީޝާން ތެދުނުބުނާކަމެވެ. އަދިވެސް ޒީޝާން ބޭނުންވަނީ އޭނާއަށް އަނިޔާދޭން ހެއްޔެވެ؟ ޒީޝާންގެ ދުލުން ހަޤީޤަތް ހާމަކުރާނެ ކަމަށް އޭނާހީކުރިނަމަވެސް އެކަމެއް ނުވިއެވެ. ދެން އޮތް ގޮތަކީ އޭނާ އަމިއްލައަށް ހަޤީޤަތް ހޯދަން މަސައްކަތްކުރުމެވެ. އޭނާ ވިސްނާލިއެވެ. އެކަމަށް އެންމެ ފަސޭހަ މަގު ޚިޔާރު ކުރުމަށް އޭނާ ނިންމިއެވެ. އެހެންކަމުން އޭނާ ޝިޔާއަށް ގުޅާލުމަށްފަހު ބައްދަލު ކޮށްލަން ބޭނުންކަމުގައި ބުންޏެވެ. ޒީޝާންގެ ހުރިހާ ހަޤީޤަތެއް އެނގޭނެ ހަމައެކަނި މީހަކީ އެއީއެވެ.
ނުނިމޭ