Last Updated: March 29, 16:45
Friday, March 29, 2024
ރިޕޯޓް

ބޮޑު ހިޔާނާތާއި ގުޅިގެން ދައުވާ ނުކުރެވޭ މައްސަލަ، އަޑި ނޭނގޭ ބޮޑު ސިއްރެއް!

ޕީޖީ އައިޝަތު ބިޝާމް - ފޮޓޯ: މަޖިލިސް

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އެއް ވައްކަމަކީ އެމްއެމްޕީއާރްސީގެ ހިޔާނާތެވެ. މިކަމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވެސް ވަނީ ބޮޑު ތަހުގީގު ރިޕޯޓެއް އެކުލަވާލާފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ނެރުނު އެ ރިޕޯޓު ނެރުމުން ހީވެގެން ދިޔައީ ބޮޑުސިންގާ ބާގަނޑެއް ފަޅައިގެން ދިޔަހެނެވެ. ކޮރަޕްޝަނާއި ވައްކަން އޮތީ އިންހާއަށް މި ރާއްޖޭގައި އަށަގެންފައިވާކަން އެ ރިޕޯޓުން ފާހަގަކުރެވުނެވެ.

މި ރިޕޯޓުގައި 57 ރަށެއްގެ މައްސަލަ ބަލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ އެމް.އެމް.ޕީ.އާރ.ސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 77.45 މިލިއަން ޑޮލަރު އެމްއެމްޕީއާރްސީއަށް ލިބެންޖެހެއެވެ. ނަމަވެސް މި ދެންނެވި ފައިސާގެ ތެރެއިން އެކުންފުންޏަށް ވަދެފައިވަނީ އެންމެ 12.5 މިލިއަން އެމެރިކާ ޑޮލަރެވެ. ބާކީ ހުރި ފައިސާތައް ޖަމާވެގެން ދިޔައީ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށެވެ.

އެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުން ފެށިގެން ކަމާ ގުޅުންހުރި ތަންތަން ބަލާ ފާސްކޮށް ކަމާ ގުޅުންހުރި މީހުން ހައްޔަރުވެސް ކުރިއެވެ. އަދި ބައެއް މީހުންގެ މައްސަލަތައް ބަލާ ތަހުގީގުކޮށް ޝަރީއަތުން ހުކުމްތައް ވެސް ކުރިއެވެ.

އެހެންނަމަވެސް އެ ބޭފުޅުންގެ މައްސަލަތައް އަލުން ރިވިއުކޮށް ކޯޓުން ކޮށްފައިވާ ހުކުމްތަކުން ސަލާމަތް ވެގެން ދިޔައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. ބައެއް ފަރާތްތަކުގެ މައްސަލަތައް މަޑު ޖައްސާލުމާއި އެކު އެ ފަރާތްތައް ގޭ ބަންދަށް ބަދަލު ކުރީވެސް ހަމަ މި ސަރުކާރުގައެވެ. ހަމައެއާއެކުގައި ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައި ފުރަތަމަ ދުވަހުން ފެށިގެން މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރުމަށްޓަކައި ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދި ކަމެވެ. ރައީސް ސޯލިހު ވިދާޅުވަނީ އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ވައްކަމުގެ ވާހަކަތައް އެންމެ ބޮޑަށް ދެކެވުނީ ވެސް މިއަދުގެ ސަރުކާރުގެ އިސްވެރިން އިދިކޮޅުގައި ތިއްބެވި އިރުގައެވެ. ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވައިގެން ތަހުގީގު ކުރާނީ އެ މައްސަލަތައް ކަމަށް ސަރުކާރުން މީގެކުރިން ދިޔައީ ބުނަމުންނެވެ. އަދި އައު މަޖިލިސް ހުވާ ކުރުމާއި އެކު އެމްއެމްޕީއާރްސީ ވައްކަމުގެ މައްސަލަ ބަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަން އުޅުނުހެން ވެސް ކުއްލިއަކަށް ހީވިއެވެ. ނަމަވެސް އެ ވާހަކަތައްވެސް ފަހުން މަޑުޖެހިގެން ދިޔައެވެ.

ނަމަވެސް ކުއްލިއަކަށް މިދިޔަ ހޯމަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އެމްއެމްޕީއާރްސީގެ އާ ވާހަކަތައް ހިއްސާ ކުރެއްވިއެވެ. އެކަމުގެ އަޑި އޮތް މިންވަރަކީ މި ސަރުކާރުގެ މަޖިލިސް މެންބަރުންނާއި މި ސަރުކާރުގެ ވަޒީރުންނާއި ފަނޑިޔާރުންނަށްވެސް މައްސަލައިގެ ތުހުމަތު ޕީޖީ ކުރައްވާތީއެވެ. ހަމަގައިމުވެސް ޕީޖީއަށް މި މައުލޫމާތުތައް ދެއްވާނީ މި މައްސަލައިގެ މުގުލުގެ ގޮތުގައި ހުންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުކަން ޔަގީނެވެ. އެއީ އެމަނިކުފާނު ވަނީ އެ މައްސަލާގައި އެމަނިކުފާނަށް ދެއްވެން އޮތް ހުރިހާ މައުލޫމާތެއް ދެއްވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް އަރުވާ އެކަމުގެ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.

މީހުންގެ ނަންތައް އެނގޭއިރު ހާމަނުކޮށް ދައުވާ ނުކުރަނީ ކީއްވެ؟

މިއަދު އެންމެ ބޮޑަށް އަނެއްކާވެސް ދެކެވެމުން އަންނަނީ ޕީޖީއަށް މި ނަންތަކާއި މިބޭފުޅުންގެ މައުލޫމާތާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގައި މި ބޭފުޅުން ބައިވެރިވާ މިންވަރު އެނގިހުރެ ޕީޖީގެ ގާނޫނީ ވާޖިބު އަދާ ނުކޮށް ހަނު ހުންނަވަނީ ކީއްވެގެންތޯއެވެ. މިކަމުގައި ޕީޖީއަށް އޮތީ ކޮން ހުރަހެއްތޯއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ގާނޫނުގެ 15ވަނަ މާއްދާގެ (ނ)ގައި ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިހްތިސޯސް ހުއްދަކުރާ ކޮންމެ ކޯޓެއްގައި ދައުވާ އުފުލޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

މި މައްސަލާގައި އެންމެ ކަންބޮޑުވާ ބަޔަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. އެހެންނަމަވެސް "އައްޑޫލައިވް"އާ ވާހަކަ ދެއްކެވި އެއްވެސް މެންބަރަކު ނަން ހާމަ ކުރާކަށް ބޭނުމެއް ނުވެއެވެ. — ކިޔުންތެރިންނަށް ފަސޭހަ ވާނެހެން މެންބަރުން ނިސްބަތްވާ ދާއިރާ ހާމަ ނުކުރެވުނު ނަމަވެސް އެ ދާއިރާ ނިސްބަތްވަނީ ރާއްޖޭގެ ކޮން ހިސާބަކަށްކަން ހާމަ ކޮށްދޭނަމެވެ —

"އަޅުގަނޑަކަށް ނުވިސްނުން ސަރުކާރުގެ ޕްލޭނެއް ސަރުކާރުގެ އަސްލު މަގުސަދެއް. ފުރަތަމަ ކަމަކަށް ޕީޖީ އެ ވާހަކަތައް ހިއްސާ ކުރިއިރު ޕީޖީއަށް އެ ހުރިހާ މައުލޫމާތެއް އެނގި ހުރެމެ ދައުވާ ނުކޮށް ހުރުމަކީ އަޅުގަނޑު ކަންބޮޑުވާ މައްސަލައެއް. މި ދައްކަނީ ދިވެހި ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ބަޔަކު ފެން ފޮދަކާއި ނުލާ ދިރުވާލި ވާހަކަ. އެ ހެޔޮ އެމްޑީޕީ މެންބަރަކަށް ވިއަސް ވައްކަން ވާނީ ވައްކަމަށް. ހިޔާނާތް ވާނީ ހިޔާނާތަށް. ޕީޖީ ޖެހޭނީ އެ މެންބަރަކަށް ފިޔަވަޅު އަޅަން،" ދެކުނަށް ނިސްބަތްވެވަޑައި ގަންނަވާ އެމްޑީޕީގެ މެންބަރަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވާ ގޮތުގައި އެމްޑީޕީގެ މެންބަރުން މަޖިލިސް ތެރޭގައި ގިނަ ކުރުމުގެ ނިޔަތުގައި ކަމަށްބުނެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ އެއްވެސް މެންބަރަކު މަޖިލިސް ތެރޭގައި ވެސް އަދި އެމްޑީޕީގެ ތެރޭގައި ބެހެއްޓުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

"ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން އެމްޑީޕީން ބުނަމުން މި އަންނަނީ މިއީ އޯގާތެރި ސަރުކާރެކޭ. މިއީ އިންސާފު ހޯދައިދޭނެ ސަރުކާރެކޭ. އެކަމަކު އެހެނެއް ނުވޭ ދެއްތޯ. ހަގީގަތުގައި ވެސް މީކާއިލް ބުނި ފަދައިން އަޅުގަނޑުމެން އަލަށް އަދި އަމުދުން މި ހޮވުނު މެންބަރުން ލަދު ގަނޭ. ބަލަ އަޅުގަނޑުމެންގެ ކަންފަތުގައި އާއިލީ މެންބަރުންނާއި ގާތް މީހުން ހިފާފައި މިބުނަނީ ހިޔާނާތުގެ ބައިވެރިންނަށް އަދަބު ދެއްޗޭ. އެއީ އަދީބެއް ކާސިމެއް ޔަހުޔާއެއް ނޯންނާނެ. ޒިޔަތުވެސް ހުންނަން ޖެހޭނީ ހަމަ ސީދާ ކުޑަ ގޮޅީގައި. އޭނައަށް ވީމަ އަދީބަށް ވީމަ ވަކި ގޮތެއް. އެހެންވިއްޔާ އުމުރަށް ޖަލަށް ލާފައި ތިބި މުސްކުޅި އުމުރު ފުރައިގެ މީހުންވެސް ގެއަށް ބަދަލު ކުރަންވީނު. ހޮޅި ވާހަކަ މިއީ،" ކުރިން ވާހަކަ ދެއްކި މެންބަރު ވިދާޅުވިއެވެ.

އިތުރު މެންބަރަކު ވިދާޅުވީ މާލިއްޔަތު ކޮމެޓީގައި ޕީޖީ ހިޔާނާތުގެ ފައިސާގައި ޝާމިލުވާ ފަރާތްތަކުގެ ނަން ހާމަ ކުރަން ކޮމެޓީ ސިއްރު ކުރުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މައްސަލާގައި ސިއްރު ކުރަންޖެހޭ އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށެވެ.

"ކޮން ކަމެއް ސިއްރު ކުރަން އޮންނާނީ. ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތާއި ގުޅިފައިވާ ކަންކަމުގައި ރައްޔިތުންނަށް ކޮން އެއްޗެއް އޮޅުވާލަންތޯ މިއުޅެނީ. ރައްޔިތުން މި ބުނަނީ ހާމަ ކުރާށޭ. ސަރުކާރާއި ޕީޖީން މިއުޅެނީ ފޮރުވަން. ކޮން އެއްޗެއް ފޮރުވަންތޯ މި ބޭފުޅުން މިއުޅުއްވަނީ. ހަގީގަތުގައިވެސް އަޅުގަނޑު މި ހުރީ މިއަދު ވަރަށް ހިތްހަމަ ނުޖެހިފައި މި ހުންނަނީ މި މައްސަލައިގަ އަމަލު ކުރާ ގޮތުން،" އުތުރުގެ ދާއިރާއަކަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަގާމުތަކަށް މީހުން އައްޔަން ކުރާއިރު އެއީ ކުރީ ސަރުކާރުގެ މީހުންނާއި ކިހާ ވަރަކަށް ގުޅުން އޮތް ފަރާތެއްތޯ ބަލަން ޖެހޭނެ ކަމަށެވެ. އެކަންކަން ނުބެލުމުގެ ނަތީޖާ ފަހުން ސަރުކާރަށް ފެންނާނެ ކަމަށާއި އެފަދަ ވަޒީރަކު ހުއްޓަސް އެ ވަޒީރަކުވެސް ވަގުތުން ބޭރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ސަރުކާރުން އެފަދަ ކަމެއް ނުކޮށްފި ކަމަށްވާނަމަ އިދިކޮޅު މެންބަރުންނާއި ގުޅިގެންވިއަސް އެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ސަރުކާރެއް ދީފައެވެ.

"އަޅުގަނޑު ހޮވީ ދިވެހި ރައްޔިތުން. އެމްޑީޕީގެ ޓިކެޓުގައި ނިކުތީ އިންސާފު ގާއިމް ކޮށްދޭނެ ކަމަށް ވައުދުވީމަ. އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރީ އެހެންވެ. މިއަދު ސަރުކާރު މިއޮތީ އަރި އަޅާލާފައެއްނު. އެއްކޮޅުން އެމްޑީއެންގެ މައްސަލަ، އަނެއްކޮޅުން މި އެމްއެމްޕީއާރްސީގެ މައްސަލަ،" އޭނާ ވިދާޅުވިއެވެ.

ޕީޖީގެ ގާނޫނުގެ 15ވަނަ މާއްދާގެ (ޅ)ގައި ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންވެސް ގޮތަކުން މިފަދަ ކަމެއްގެ މަ ުޢލޫމާތު ލިބިއްޖެ ހިނދެއްގައި، އެކަމެއް ތަޙްޤީޤްކުރުމަށް، ތަޙްޤީޤްކުރުމުގެ ބާރު ޤާނޫނުގެ ދަށުން ލިބިގެންވާ ފަރާތަކަށް އަންގާ ތަޙްޤީޤްކުރުމުގެ އަމުރު ނެރުމުގެ ބާރުވެސް ޕީޖީއަށް ވަނީ ދީފައެވެ. ނަމަވެސް މިއިން އެއްވެސް ކަމއް ނުކޮށް ޕީޖީއާ މެދު މިކަމުގައި ރައްޔިތުން ކުރަމުން ގެންދާ ތުހުމަތުތަކަށް ޖަވާބުދާރީ ނުވުމަކީ އިންސާފު ގާއިމް ކުރެވޭނެ ކަމާއި މެދު ޝައްކު އުފެދޭ ކަންކަމެވެ.

މީގެއިތުރުން މިއަދު ޕީޖީގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމަކީ ރައްޔިތުން މަޖިލީހުން ވަކި ކުރުމަށްޓަކައި އެތައް މަސައްކަތެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ނަމަވެސް އެއްވެސް ފަހަރެއްގައި އެކަމަނާ މަގާމުން ދުރު ކުރެވޭ ތަނެއް ނާދެއެވެ. އަޑުތައް އިވެމުން ދަނީ ކޮންމެވެސް ސިޔާސީ ކުޑައެއްގެ ހިޔާ އަބަދުވެސް އެކަމަނާ ހޯއްދަވާ ތަނެވެ. ދާދިފަހުންވެސް އެކަމަނާ މަގާމުން ވަކި ކުރެއްވުމުގެ މަސައްކަތް ޖުޑީޝަރީ ކޮމެޓީން ފެއްޓެވިއެވެ. ނަމަވެސް ފަހުން ހަމަ އެ ކޮމެޓީން ވަނީ އެ މައްސަލަ ބާތިލް ކުރައްވާފައެވެ. އެ މައްސަލަ ހުށަހެޅުއްވި މެންބަރުވެސް އެކަމުގައި ހުންނެވީ ހަނެވެ.

އެހެންކަމުން ޕީޖީއަކީ މިނިވަން މުސްތަގިއްލު ބޭފުޅެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އެއީ ހަމައެކަނި ކަޅާއި ހުދުން ލިޔެފައިވާ ލިޔުމެއް ކަމަށް މިއަދު މިވަނީ ވެފައެވެ. އޭރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ހުރިހާ ސިޔާސީ ދައުވާއެއް ކުރެއްވީ އެކަމަނާ އިސްވެ ޕީޖީގައި ހުންނަވައިގެންނެވެ. އެންމެ ހަރު އަޑުން އެވާހަކަތައް ގޮވީވެސް މި ސަރުކާރުގެ ވެރިންނެވެ. މިއަދު އެކަމަނާ ހުދު ސާފު ފޮތިކޮޅަކަށް ވެގެން އުޅޭ ގޮތް ސަރުކާރުގެ ވެރިން ދިވެހި ރައްޔިތުންނަށް ސާފު ކޮށްދެއްވަބައްލަވާށެވެ.