Last Updated: April 27, 08:49
Saturday, April 27, 2024
ދުނިޔެ

އަންހެން ދަރިވަރަކު އަންދާލި މައްސަލާގައި 16 މީހަކަށް މަރުގެ ހުކުމް

ބަންގްލަދޭޝްގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އަންހެން ދަރިވަރެއްގެ ގައިގައި އަލިފާން ރޯކޮށް އަންދާލި މައްސަލާގައި 16 މީހަކު މެރުމަށް އެގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފިއެވެ.

ދީނީ މަދަރުސާއެއްގައި ކިޔަވަމުންދިޔައި އުމުރުން 19 އަހަރުގެ ނުސްރަތު ޖަހާން ރަފީ މަރާލީ އެ ސްކޫލްގެ ޕްރިންސިޕަލާ ދެކޮޅަށް ހުށަހެޅި ޖިންސީ ގޯނާކުރުމުގެ މައްސަލަ އަނބުރާ ގެންދަން ދެކޮޅު ހެދުމުންނެވެ. ނުސްރަތު މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށެވެ.

ބަންގްލަދޭޝްގެ ދެކުނުގެ ހިސާބެއްގެ ކޯޓަކުން މިއަދު މަރަން ހުކުމް ކުރި 16 މީހުންގެ ތެރޭގައި އެ ސްކޫލްގެ ޓީޗަރެއް ވެސް ހިމެނެއެވެ. އެ 16 މީހުންގެ ތެރެއިން 12 މީހަކު ވަނީ ކުށަށް އިއުތިރާފްވެފައެވެ.

މި މައްސަލާގައި އެންމެ އިސް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި ހާފިޒު އަހުމަދު ވަނީ ކޯޓުގެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން މިއީ ޖުޑިޝަރީ އަށް ލިބުނު ކާމިޔާބީއެއްކަން ފާހަގަކޮށް ހާފިޒު ވަނީ މީހުން މެރުމަށްފަހު އެއްވެސް މީހަކަށް ސަލާމަތް ނުވެވޭނެކަން މި ހުކުމުން ސާބިތުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ނުސްރަތުގެ ބޭބެ މަހްމޫދުލް ހަސަން ނުއުމާން ވެސް ވަނީ މި ހުކުމަށް މަރުހަބާ ކިޔާފައެވެ.

"މި އެންމެން ވެސް މިކަމުގައި ބައިވެރިވި. މިކަމުގެ އަދަބު އެންމެންނަށް ވެސް މިހާރު ލިބޭނެ" އޭނާ ބުންޏެވެ.

ނުސްރަތުގެ މަރާ ގުޅިގެން ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި މުޒާހަރާތައް ކުރިއަށް ގެންދިޔައިރު، މި މައްސަލަ ވީހާވެސް އަވަހަކަށް ނިންމަން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވަނީ ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ.