Last Updated: April 20, 14:49
Saturday, April 20, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ތޭރަވަނަބައި)

ޒީޝާންގެ ދުލުން ހަޤީޤަތް ހާމަކުރާނެ ކަމަށް އޭނާހީކުރިނަމަވެސް އެކަމެއް ނުވިއެވެ. ދެން އޮތް ގޮތަކީ އޭނާ އަމިއްލައަށް ހަޤީޤަތް ހޯދަން މަސައްކަތްކުރުމެވެ. އޭނާ ވިސްނާލިއެވެ. އެކަމަށް އެންމެ ފަސޭހަ މަގު ޚިޔާރު ކުރުމަށް އޭނާ ނިންމިއެވެ. އެހެންކަމުން އޭނާ ޝިޔާއަށް ގުޅާލުމަށްފަހު ބައްދަލު ކޮށްލަން ބޭނުންކަމުގައި ބުންޏެވެ. ޒީޝާންގެ ހުރިހާ ހަޤީޤަތެއް އެނގޭނެ ހަމައެކަނި މީހަކީ އެއީއެވެ.

ޒީޝާންއަށް ހޭލެވުނީ މެންދުރުވާން ގާތްވެފައި ވަނިކޮށެވެ. އޭރު ހައްވަވެސް އޭނާއަށް ދެފަހަރަކު ސައިބޯން ގޮވައިފިއެވެ. ޒީޝާން އަވަސް އަވަހަށް ތެދުވެގެން ފެންވަރައިގެން ކޮޓަރިން ނުކުތެވެ. އޭނާހުރީ ޒައިކް ފެނިދާނެތީ ނުހަނު ބިރުންނެވެ. އޭނާއަށް އެހުރިހާއިރު ނިދުނީތީ ޒައިކް ހުންނާނީ އޭނާދެކެ ރުޅިއައިސްފައި ކަމުގައި އޭނާއަށް ހީކުރެވުނެވެ. ނަމަވެސް ޒައިކް އަދިވެސް ގެޔަށް ނާންނަކަން އެނގުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އޭނާގެ ހިތަށް ލިބުނެވެ. އެހެންނަމަވެސް މެންދުރު ވަގުތު ޒައިކް އަންނާނެކަން އޭނާއަށް ގައިމެވެ. އޭރުން ޒައިކްއާ ކުރިމަތިލާން ޖެހޭނެއެވެ. ޒައިކް ބުނެފައިވަނީ މިއަދުން ފެށިގެން އޭނާ ޒައިކްގެ އަނތްބެއްގެ ރޯލް ފުރިހަމައަށް އަދާކުރަން ޖެހޭނެކަމުގައެވެ. އެހެންކަމުން ޒައިކް ބުނާ ކޮންމެ ކަމެއް އޭނާ ކުރަންޖެހޭނެއެވެ. ޒައިކް އެދޭ ކޮންމެ އެދުމެއް ފުރިހަމަ ކޮށްދޭން ޖެހޭނެއެވެ.

" ކޮބާ ދަރިފުޅާ….އަދިވެސް ބޮލުގަ ރިއްސަނީތަ؟…" ކުއްލިއަކަށް ހައްވަގެ އަޑުއިވިފައި ކާމޭޒުދޮށުގައި އިން ޒީޝާން ސިހުނެވެ.
" ނޫން…މިހާރު ރަނގަޅު…" ޒީޝާން އަވަސް އަވަހަށް ޖަވާބުދިނެވެ.

" ޒީކް ކޮބާ؟…މިއަދު ނާދޭ ހޭލައްވާކަށްވެސް…." ޒީކް ފެންނަން ނެތުމުން ޒީޝާން އެހިއެވެ.

" އެމަންޖެ ވީ ކާފަޔާއެކު ބޭރަށް ގޮސް….އެމަންޖެ ބައްޕަ ބުނީ މިއަދު ޒީދައްތައަށް އުނދަގޫ ނުކުރާށޭ….އެހެންވެ ވަންނަހިތުން ހުރެފަވެސް ނުވަތް ކޮޓަރިއަކަށް…." ހައްވަ އޮޅުން ފިލުވައިދިނެވެ.

ޒައިކް އޭނާއަށް އުނދަގޫ ނުކުރަން ބުނުމުން ޒީޝާން ވިސްނާލިއެވެ. ރޭގައި އޭނާ ހޭލާ އުޅުނުކަން ޒައިކްއަށް އެނގުނީބާއޭވެސް އެވަގުތު އޭނާގެ ހިތަށްއެރިއެވެ. ޒީޝާން ވިސްނުމެއްގައި ހުރެގެން ގޯތިތެރެއަށް ނުކުތެވެ. ޖަބްރޯލް ގަސްދޮށުގެ ހިޔަލުގައިހުރި ޖޯލިފަތީގައި އޮށޯވެ ގޯތިތެރެއަށް އޭނާ ނަޒަރު ހިންގާލިއެވެ. އޭނާ ހޭލުމުގެކުރިން ހައްވަ ވަނީ ގެޔާއި ގޯތިތެރެ ކުނިކަހައި ސާފުކޮށްފައެވެ. އަދި ބަދިގޭގެ ކަންކަންވެސް ކޮށްފައި ހުރުމުން، ހައްވައަށް އެހީތެރިވެދިނުމަށްޓަކައިވެސް ކުރާނެ މަސައްކަތެއް އޭނާއަކަށް ނުފެނުނެވެ. އޭނާއަށް މާގިނަ ކަންތައްތަކެއް ކުރަން ނޭނގުނު ކަމުގައިވިޔަސް މަދުން ނަމަވެސް އޭނާ ގޭތެރެއާއި ގޯތިތެރެ ކުނިކަހާލާ ހަދައެވެ. ނަމަވެސް އެއީ ހައްވަ މާބޮޑަށް އަވަދިނެތި އުޅޭ ދުވަސްތަކުގައެވެ.

އޭނާ އެހެން އޮވެފައި އެއްލިކަޅިއަކުން މަސްފެންގަނޑުތެރޭގައި ދުވެ ދުވެ ފުމެ ފުމެފައި އުޅޭ މަސްތައްފެނި، މަސްތަކަށް ކާންދޭ ހިތްވިއެވެ. މަސްފެންގަނޑުގެ ކަންކަން ޒައިކް ގަވާއިދުން ކުރި ނަމަވެސް ބައެއް ދުވަސް ދުވަހު އޭނާވެސް މަސްތަކަށް ކާންދެއެވެ. އޭނާ ގޭތެރެއަށްވަދެ މަސްކާނާ ފުޅި ހިފައިގެން އައިސް މަސްތަކަށް ކާންދޭން އިންދައި ދޮރާށި ހުޅުވާލާފައި ޒައިކް ވަނެވެ. އޭނާ ފެނުމުން ހިނދުކޮޅަކަށް ޒައިކް މަޑުކޮށްލިނަމަވެސް، ބަހެއް ބުނުމެއްނެތި ހަލުވިކަމާއެކު ގޭތެރެއަށް ވަދެގެން ދިޔައެވެ.

" އަދިވެސް އެހުރީ ރުޅި އައިސް ކަންނޭނގެ….ދެން ކިހިނެއްތަ އަހަރެން ހަދާނީ؟…." ޒައިކް ދިޔަގޮތުން ކަންބޮޑުވެފައި ޒީޝާންއަށް ބުނެވުނެވެ.

ދެން ހަދާނެގޮތެއް ވިސްނަން ހުއްޓައި ޒައިކް ނުކުމެގެން ބޭރަށް ހިނގައްޖެއެވެ. ޒީޝާއަށް ހައިރާންވެގެން ޒައިކް ދިޔަ މަންޒަރު ބަލަން ހުރެވުނެވެ. ގިނައިރުތަކެއް ނުވެ ޒީކް ގޮވައިގެން ހަމީދުވެސް އައިސް ވަނުމުން ޒީޝާން ޒީކްއަށް ގޮވާލިއެވެ. ނަމަވެސް ޒީކްހުރީ ކޮންމެވެސް ކަމަކާ މޫޑު އޮފްވެފައެވެ. އެހެންކަމުން މާމަޔަށް ގޮވަމުން ދުވެފައި އެތެރެއަށް ވަނެވެ.

" ދަރިފުޅާ ޒީޝާން…މަންމަ މިދަނީ ނަމާދަށް އަރަން….ޒައިކް އައީމަ ކާން ހަދާލަދީ…ޒީކް ކާހިތުން އުޅޭތީ ސޮސެޖެއް ހަދާދީފަ މިއައީ…." ހައްވަ އެހެން ބުނެލުމުން ޒީޝާން އެތެރެއަށް ދިޔައިރު ޒީކް އެކަނިން ސޮސެޖެއްކާން އިނެވެ.

ޒީކްއަށް ބަލާލާފައި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޒީޝާން ކާންހަދަން އަވަސްވެގަތެވެ. އޭނާ މޭޒުމައްޗަށް ކާއެއްޗެހިނަގައި ތައްޔާރުކޮށް ނިމުނުތާ ގިނައިރުތަކެއްނުވެ ޒައިކްވެސް އައިސް ވަދެއްޖެއެވެ. ޒައިކް ގާތުގައި ކާންއައުމަށް ބުނަން ޒީޝާން ޖެހިލުންވިއެވެ. އެހެންކަމުން އޭނާ ޒީކް ފޮނުވިއެވެ. ޒީކް ދުވެލާފައި ގޮސް ކާންއައުމަށް ބުނުމުން ހަމީދުއާއި ޒައިކް ހެވިފައި ތިބެގެން ކާކޮޓަރިއަށް ވަނެވެ. ކާކޮޓަރިން ޒީޝާންއާ ބައްދަލުވުމުން ޒައިކްއަށް ބަލާލެވުނީ ހައިރާންކަމާއެކުގައެވެ. އެހެން ދުވަސް ދުވަހަށް އޭނާއަށް ބައްދަލުވަނީ ހަމައެކަނީ އޭނާގެ މަންމައެވެ. މަދު ފަހަރަކު ނޫނީ އޭނާ ކާގަޑީގައި ޒީޝާން ނުހުރެއެވެ. ޒައިކް ބަހެއްނުބުނެ ކާން ފެށިނަމަވެސް ހަމީދު ޒީޝާން ގާތުގައިވެސް އެމީހުނާއެކު ކެއުމަށް އެދުނެވެ. ނަމަވެސް އޭނާ ހެނދުނުގެ ނާސްތާކުރީ ދާދި ދެންމެއަކު ކަމުގައިވީތީ ބަނޑުހައި ނުވާކަމުގައި ބުންޏެވެ.

" ދަރިފުޅާ ފަންޏެއް ނާޅަންތަ؟…އައިސް އަލަމާރީގަ ހުންނާނެ ތާޒާ ފޭރު ފަނި" ކާކޮޓަރިއަށް ވަންނަމުން ހައްވަ ބުނެލިއެވެ. އެވަގުތު ޒީޝާންއަށް ވިސްނާލެވުނެވެ. އޭނާއަށް ހުރެވުނީ ބޯފެންވެސް ނާޅާކަން އެނގުނީ ދެނެވެ. ޒީޝާން ލަދުގަތްނަމަވެސް އަވަހަށް ބޯފެނާއި ފަނިވެސް އަޅައިދިނެވެ. ޒީޝާންއަށް ވީގޮތުން ޒައިކްގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ނަމަވެސް އޭނާ އެކަމެއް ނުދައްކައެވެ.

ހަވީރުގެ ވަގުތެވެ. ޒީޝާން ކުރާނެކަމެއްނެތި ފޫހިވެގެން ބޭރު ޖޯލިފަތީގައި އޮތްއިރު އިރު އިރުކޮޅުން އޭނާގެ ފޯނަށް ބަލާލެވެއެވެ. ރޭންސުރެ ޒަލަފްގެ އެއްވެސް ޚަބަރެއްނުވީތީ އޭނާހުރީ ނުހަނު ބޮޑަށް ހިތް ނުތަނަވަސް ވެފައެވެ. ރޭގައި ޒައިކް ގާތުގައި ވާހަކަދައްކަން ބުނެފައި އެވާހަކަ ނުދެއްކުނުކަންވެސް ޒަލަފްގާތުގައި ބުނެވޭނީ އޭނާ ފޯނުވެސް ނަގާނަމަ ނޫންހެއްޔެވެ؟ ވައިބައިންވެސް ޒަލަފްއަށް އެތައް މެސެޖެއް ކުރެވިއްޖެއެވެ. ނަމަވެސް ޒަލަފްއަށް އޭނާގެ މެސެޖެއް ނުދެއެވެ.

" އަނެއްކާ ޒަލްއަށް ކިހިނެއްވީބާ؟….ކުއްލިއަކަށް ގުޅުން ހުއްޓާލީ ކީއްވެބާ؟…." ޒީޝާން ވިސްނަމުން ދިޔައެވެ.

ޒަލަފްގެ ޚަބަރެއްނުވާތީއާއި ޒައިކްގެ ވާހަކަތައް ހަނދާންވުމުން ޒީޝާންގެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ. އިރުއޮއްސުމާއި ގާތްވީއިރުވެސް އޭނާގެ ހިތަށް ލުއިކަމެއް ލިބޭގޮތެއް ނުވިއެވެ. ކަންބޮޑުވެގެން ގޮސް ޝިޔާއަށް ގުޅަންވެސް ހިތަށްއެރިއެވެ. ނަމަވެސް ޝިޔާއާ ދިމާއަށް ކިޔުނު އެއްޗެހި ހިތަށްއަރާފައި އެޚިޔާލުވެސް ދޫކޮށްލިއެވެ.

ނުތަނަވަސް ކަމުގައި ވަގުތުތައް ގުނަމުން ގޮސް އިރުވެސް އޮއްސިއްޖެއެވެ. މަޣުރިބު ނަމާދުކުރުމަށްޓަކައި ޒައިކް ގެޔަށް އައެވެ. ނަމަވެސް ޒީޝާންއާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ނަމާދުކޮށްގެން އަނެއްކާވެސް އޭނާ ދިޔައީ ބޭރަށެވެ. މިރޭ ގެއިން ނުކާނެ ވާހަކަ އޭނާގެ މަންމަ ގާތުގައި ބުނިއަޑު އިވުނެވެ. ޒީޝާންގެ ހިތުގައި ސުވާލު އުފެދުނެވެ. ރޭގައި އެހާ ސީރިއަސްކޮށް ހުރިހާ ވާހަކައެއް ދައްކާފައި މިއަދު ހަތަރުދަމުވެސް ޒައިކް އޭނާއާ ވާހަކައެއް ނުދައްކައެވެ. ކަމަކުވެސް ނޭދެއެވެ. އެކަމުގެ ސަބަބުން ޒީޝާންގެ ހިތަށް އިތުރު ނުތަނަވަސްކަމެއް ލިބިގެން ދިޔައެވެ.

އަނެއްކޮޅުން ޒަލަފްގެ ހާލަކީވެސް އެއީއެވެ. ޒީޝާންގެ ކޯލުތައް ފުލުފުލުން އަންނައިރުވެސް އޭނާ ޖަވާބުނުދީ ކެތްކޮށްގެން އެހުންނަނީ ވަރަށް ވަރުންނެވެ. ރޭގައި އޭނާ ނުފެނި ގެޔަށް އައީތީ އެކަމުގެ ޝަކުވާއާއި ޒައިކްގާތުގައި ހަޤީޤަތް ކިޔާނުދެވުނު ވާހަކަވެސް ޒީޝާން މެސެޖްކޮށްފައި އޮތެވެ. ވަރަށްގިނަ ވާހަކަ ދައްކަން ބޭނުންކަމުގައި ބުނެ މެސެޖް ކުރުމުންވެސް ޒަލަފް ފޯނުނަގާކަށް ބޭނުމެއްނުވިއެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތަށް ކިތަންމެ ތަދުވީކަމުގައި ވިޔަސް މިފަހަރު އޭނާ ކެތްކުރެވޭތޯ ބަލާނެއެވެ. ދެރަވެގެން ލޮލުން ކަރުނަ ހިލުނު ނަމަވެސް އޭނާ ނުރޯނެއެވެ. ނަމަވެސް ޒީޝާން ދެރަވާނެވަރު ހިތަށްއަރާފައި އޭނާ ނުހަނު ދެރަވެއެވެ. އެންމެފަހުން ކެތްނުވެގެން އޭނާ ފޯނު ނިވާލިއެވެ.

އެނދުގައި ބަންޑުން އޮތް ޒީޝާންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޒަލަފް އޭނާގެ ފޯނަކަށް ޖަވާބު ނުދިންތާނގައި މެސެޖެއްގެ ޖަވާބުވެސް ނުދިނެވެ. އެންމެފަހުން މިހާރު ފޯނުވެސް ނިވާލީއެވެ. ހަމަ ކުއްލިއަކަށް ޒަލަފްއަށް އެވީ ކިހިނެއް ހެއްޔެވެ؟ ޒަލަފް އޭނާއާ އެފަދަ ގޮތަކަށް ގުޅުން ކަނޑާލާނެ ކަމަކަށް ފަހަރެއްގައިވެސް އޭނާ ހިއެއްނުކުރެއެވެ. ޒީޝާން ހިތާ ހިތާ ޝަކުވާކުރަމުން އެގޮތުގައި ރޯން އޮއްވައި އޭނާއަށް ނިދިއްޖެއެވެ.

ޒައިކްގެ ފޯނު އައީއްސުރެ ޝިޔާހުރީ ބިރުގެންފައެވެ. ޒައިކް ހަމަ ކުއްލިގޮތަކަށް އޭނާއާއި ބައްދަލުކުރަން އުޅޭނީ ކޮންމެވެސް ބޮޑުކަމެއްވީމައޭ އޭނަގެ ހިތަށްއަރަނީއެވެ. ކިތަންމެ ޖެހިލުންވީނަމަވެސް ޒައިކްއާ ކުރިމަތިލާން އޭނާ ނިންމިއެވެ. އެހެންކަމުން ޒައިކް އެދުނު ގަޑިއަށް އޭނާ ސުކޫލު ކައިރިއަށް ދިޔައެވެ. އޭރު ޒައިކް ފެންނާކަށް ނެތެވެ. ނަމަވެސް އިރުކޮޅަކު އިންތިޒާރު ކޮށްލުމުން ޒައިކް ގުޅައިފިއެވެ. އަދި ސުކޫލަށް ވަނުމަށް އެދުނެވެ. ޝިޔާ ސުކޫލުތެރެއަށް ވަދެގެން ތަންކޮޅަކަށް ދިޔަތަނާ އޮފީސް ދޮރުމަތީގައި ޒައިކް ހުރިތަން ފެނުނެވެ. ޖެހިލުންވެހުރެ އޭނާ ޒައިކްގެ ގާތަށް ދިއުމުން ޒައިކް އެދުނީ އެތެރެއަށް ވަނުމަށެވެ. ރޭގަނޑުގެ ވަގުތުގައި މިފަދަގޮތަށް ސުކޫލު އޮފީސްތެރެއަށް ވަންނަން ޝިޔާ ޖެހިލުންވިއެވެ.

" ސަރ ބޭރު ރަނގަޅެއްނު"…ޝިޔާ އަވަސް އަވަހަށް ބުނެލިއެވެ.

" އެންމެ ރަނގަޅު…ހިނގާ ބެންޗަކަށް…." ޝިޔާގެ ޚިޔާލަށް ޒައިކް ތާއީދުކުރިއެވެ.

ދެމީހުންގޮސް އިށީނީ މާދުރުނޫން ހިސާބެއްގައިހުރި ބެންޗެއްގައެވެ. ޒައިކް އެއްފަރާތުގައި އިންއިރު، ޝިޔާއިނީ އޭނާގެ ކުރިމަތީގައެވެ.

" ކަންބޮޑުނުވޭ!….އަހަރެން ބޭނުމީ ހަމަ ވާހަކަދައްކާލަން….އިތުރު މީހަކުވެސް މިތާކަށް ނާންނާނެ…." ޝިޔާ ކަންބޮޑުވެފައި އިނުމުން ޒައިކް ބުނެލިއެވެ.

" އަސްލު އަހަރެން ޝިޔާ މިގެނައީ ވަރަށްބޮޑު ކަމަކު….އަހަރެން މިދައްކަން އުޅޭ ވާހަކައަކީ އެންމެ އެކަށީގެންވާ ފަދަ ވާހަކައަކަށްވެސް ނުވެދާނެ….އެކަމު މިނޫންގޮތެއް ނެތީމަ ޝިޔާއާ މިވާހަކަ ދައްކަން ޖެހުނީ…." ޒައިކް ދުރު ދުރުން ވާހަކަދައްކަން ފެށުމުން ޝިޔާގެ ކަންބޮޑުވުން އިތުރުވިއެވެ.

" އަހަރެންނަށް އެނގޭ….ޝިޔާއާ ޒީޝާންއަކީ ވަރަށްގާތް ދެއެކުވެރިންކަން….އަދި ޒީޝާން އަހަރެންނާ އިނީ ލޯބިން ނޫންކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ޝިޔާ….އަދި މިހާތަނަށް އައިއިރު، އަހަރެންނާ ޒީޝާންގެ މެދުގަ ގުޅުން ގޮތް ހިސާބުވެސް ޒީޝާންގެ ފަރާތުން ޝިޔާއަށް އެނގޭކަން އަހަރެން ދެނަހުރިން….އެކަމު އަހަރެންނަށް ނޭނގޭކަމެއް އެބައޮތް….ޒީޝާން އަހަރެންނަށް ކަމެއް ސިއްރުކުރާކަށް އަހަރެންނަށް ޔަޤީން…އަދި ޝިޔާއަށް އެކަން ވަރަށް ރަނގަޅަށް އެނގޭނެކަންވެސް އަހަރެންނަށް އެނގޭ….އަހަރެން ބޭނުންވަނީ ޝިޔާ އަހަރެންނަށް ހަޤީޤަތް ކިޔާދޭން…." ޒައިކް ވަރަށް ސާފުކޮށް އޭނާ ބޭނުންވާ ކަންތައް ހާމަކުރިއެވެ.

ޒައިކްގެ ވާހަކަތައް އަޑުއަހާފައި ކަންބޮޑުވެގެން ގޮސް ވަގުތުން ޝިޔާގެ މޫނުން ދާތިކިތައްވެސް ފާޅުވާންފެށިއެވެ. ޖެހެމުންދިޔަ ފިނިވައިގެ ތެރޭގައިވެސް އާދަޔާ ޚިލާފު ހޫނެއް އޭނާއަށް އިހުސާސްކުރެވެން ފެށިއެވެ. ޒީޝާންގެ ހަޤީޤަތް އޭނާއަށް އެނގުނުނަމަވެސް އެކަން ހާމަކުރަން އޭނާ ނުހަނު ބިރުގަތެވެ. ނަމަވެސް ޒައިކް އެހާ ފާޅުކަން ބޮޑުގޮތެއްގައި ސުވާލުކުރުމުން ނުކިޔައިދީ ވާނެގޮތެއްވެސް ނެތްކަން އޭނާއަށް އެނގެއެވެ.

" ޝިޔާ! އަހަރެންނަށް އެނގޭ….ފިރިއެއްގެ މަޤާމުގާހުރެ އަނބިމީހާގެ ވާހަކަ އެހެން މީހެއްގެ ގާތުގާ އެހުމަކީ ކިހާ ހުތުރު ކަމެއްކަންވެސް…..އެކަމު މިވަގުތު މިނޫންގޮތެއް އަހަރެންނަށް ނުފެނުނީ….އަހަރެންނަށް އެނގޭ ޝިޔާއަކީ ޒީޝާންއަށް ހެޔޮއެދޭ ރަނގަޅު އެކުވެރިއެއްކަން…..އަދި ޝިޔާ އަހަރެންނަށްވެސް ކޮންމެވެސް ވަރެއްގެ ޤަދަރަކާ އިހްތިރާމެއްވެސް ކުރާނެކަމަށް ޔަޤީންކުރަނީ….." ޒައިކް ޝިޔާއަށް ބަލާލަމުން އާދޭހުގެ ރާގެއްގައި ބުންޏެވެ.

" ސަރ…އަޅުގަނޑު…" ޒައިކްގެ ކުރިމަތީގައި ވާހަކަދައްކަން ޝިޔާއަށްވީ ނުހަނު އުނދަގޫ ކަމަކަށެވެ.
" ޝިޔާ!…ސަރ، އަޅުގަނޑު ނުކިޔާ….އަހަރެންނަކީ ހަމައެކަނި ޒީޝާންގެ ފިރިމީހާގެ ގޮތުގަ ދެކިގެން އެކުވެރިއެއްގެ ހައިސިއްޔަތުން ވާހަކަދައްކާ….މިވަގުތު އަހަރެން މިވާހަކަދައްކަނީ ހަމައެކަނި ޒީޝާންގެ ފިރިމީހާ ޒައިކްގެ ހައިސިއްޔަތުން…..ޝިޔާވެސް އެގޮތަށް ދެކޭ…." ޝިޔާއަށް ވާހަކަދައްކަން އުނދަގޫވެގެން އުޅެންފެށުމުން ގާތްގޮތަކަށް ޒައިކް ބުނެލިއެވެ.

" އަޅު…އަހަރެން ވަރަށް ވިސްނައިދިނިން ޒީއަށް….ކައިވެނީގެ ކުރިންވެސް އަދި ފަހުންވެސް…އެކަމު ޒީ އަހަރެންގެ ވާހަކަތައް ގަބޫލެއްނުކުރި….އެންމެފަހުން އަހަރެންނަށްވެސް ކަންކަން ސިއްރުކުރަންފެށި….ފަހުން އަހަރެންނަށް އެނގިގެން ސުވާލުކުރީމަ މިހާރު އަހަރެންނާވެސް ގުޅުން ކަނޑާލައިގެން އުޅެނީ…." ތަފްސީލުކޮށް ބުނަން އުނދަގޫވެގެން ކުރުގޮތަކަށް ޝިޔާ އޮޅުންފިލުވައިދިނެވެ.
" ކޮންކަމެއް؟…ކޮންކަމެއް ޝިޔާއަށް ސިއްރުކުރީ؟….ކައިވެނީގެ ކުރިންފެށިގެން ޒީޝާންގެ ކަންކަން އެނގެން އަހަރެން ބޭނުން….ޝިޔާއަށް އެނގިފަ އޮތްވަރަކަށް ކިޔާދީބަލަ!…." ހިތްއަވަސްވެފައި ވާހާލު ޒައިކް އެދުނެވެ.

ޝިޔާ އިރުކޮޅަކު ވިސްނަން އިނުމަށްފަހު ޒަލަފްގެ ވާހަކަ ފެށުނީއްސުރެ ނިޔަލަށް ކިޔައިދިނެވެ. ޒައިކް އެވާހަކަތައް ކަނުލާ އަޑުއަހަމުން ދިޔައިރު އޭނާގެ ހިތަށް ތަފާތު އަސަރުތައް ކުރަމުން ދިޔައެވެ. ހައިރާންކަމާއި ރުޅިވެރިކަން އެއްފަހަރާ އެހިތަށް ވެރިވިއެވެ. ޒީޝާންގެ ޙަޔާތުގައި ކުރިއްސުރެ ލޯބިވެރިޔަކު ހުންނަކަމާއި، އަދި މަޖުބޫރުން ކައިވެނިކޮށް އަދި ފަހުން އަނެއްކާ ލޯބިވެރިޔާއާ ގުޅުނުކަން އެނގުމުން އޭނާގެ ހިތުގައި ދިލަހޫނެއް އުފެދިގެން ދިޔައެވެ. މިހުރިހާ ދުވަހު ޒީޝާން އޭނާއަށް އޮޅުވާލަމުން ދިޔައިރު، އޭނާ ދިޔައީ ޒީޝާންއާއެކު ދިރިއުޅުމުގެ ފޮނި ހުވަފެންތައް ދެކެމުންނެވެ. އޭނާގެ އަމިއްލަ މޮޔަކަމާއި ގަމާރުކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އޭނާއަށް މަލާމާތް ކުރެވުނެވެ. ޒީޝާންގެ އެ މައުސޫމު ކަމުގެ ފަހަތުގައި އެހާބޮޑު އޮޅުވާލުމާއި މަކަރުވެރިކަން ވެދާނެކަމަށް އޭނާއަކަށް ގަބޫލެއްވެސް ނުކުރެވުނެވެ. ނަމަވެސް މާޒީވެދިޔަ ދުވަސްތަކުގައި ކަން ހިނގާފައިވާ ގޮތާއިމެދު ވިސްނާލުމުން އެކަން ގަބޫލުކުރަން އޭނާއަށް މަޖުބޫރުވިއެވެ.

" މިހުރިހާ ދުވަހު ޒީޝާން އަހަރެންނަށް އޮޅުވާލީތަ؟…." ވޭނީ އާހެއް ބޭރުކޮށްލަމުން ޒައިކްއަށް އަހާލެވުނީ އަދިވެސް އެހިތް އެކަން ގަބޫލުކުރަން ދެކޮޅު ހަދާތީއެވެ.

" ސަރ އަށް އެކަންޏެއްނޫން….އެންމެނަށްވެސް އޭނަ އޮޅުވާލީ….އޭނާގެ މަންމަމެންނަށްވެސް….އަހަރެންނަށްވެސް….އެކަމުގަ އަހަރެންގެ ކުށްވެސް އޮތްކަމަށް އަހަރެން ގަބޫލުކުރަން…އެއީ، ޒަލަފްގެ ހަޤީޤަތް އަހަރެންނަށް ކިޔައިދެވުނީމަހެން ހީވަނީ އެހާފަސޭހައިން އޭނަ ޒަލަފްއާ އަލުން ގުޅުނީ….ކޮމްޕިއުޓަރ ކޯހުގަ ޒަލަފް ކިޔަވައިދޭން ދިޔަ ވާހަކަވެސް އޭނަ އަހަރެންނަށް ސިއްރުކުރީ، އަހަރެން އެކަމަށް ހުރަސް އަޅާފާނެތީ….އަހަރެންނަށް އެކަން ނޭނގިއޮތީމަ އެހާފަސޭހައިން އެދެމީހުން އެގުޅުނީ…." ދެރަވެފައި ޝިޔާ ވާހަކަދެއްކިއެވެ.

" ޒަލަފްއޭ؟…އެއީ އެ ޒަލަފްތަ؟…" ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން އަހާލާހެން ޒައިކް އަހާލިއެވެ.

" ކޮން ޒަލަފެއް؟…ސަރ ދަންނަންތަ އޭނަ؟…" ޝިޔާއަށް އަހާލެވުނެވެ.

" އާނ…އަހަރެން ދަންނަން އޭނަ….ކުރިންރޭ ސެޓްފިކެޓްދިން ޖަލްސާއިން ދިމާވެގެން ވާހަކަވެސް ދެއްކި….އެކަމު އަހަރެން ހިޔެއްނުކުރަން އޭނައަކީ އެކަހަލަ މީހަކަށް ވެދާނެކަމަކަށް….އޭނައަށް އަހަރެން އެނގިހުރެދޯ ޒީޝާންއާ ގުޅުން ބޭއްވީ؟….ޒަލަފްއަކީ ހަމަ އެހާ ގޮތްކުޑަމީހެއްތަ؟…" ގަބޫލު ނުކުރެވިފައި އޭނާއަށް ބުނެވުނެވެ.

ޒަލަފްއާއި ޒީޝާންއާ ދެމީހުންނާމެދުވެސް އޭނާގެ ހިތުގައި ރުޅިވެރިކަން އުފެދުނެވެ. އޭނާހީކޮށްގެން ހުރީ ޒަލަފްއަކީވެސރަނގަޅު އަޚްލާޤެއްގެ ވެރި ހަރުދަނާ ޒުވާނެއް ކަމުގައެވެ. ނަމަވެސް އޭނާއަށް މިކުރެވުނީ ކިހާބޮޑު ކުށްހީއެއް ހެއްޔެވެ؟ އޭނާއަށް ސިއްރުން އޭނަގެ އަނބިމީހާ ޖަހައިގެންފައިވެސް، ހިނިތުންވެހުރެ އޭނާއާ އަތްޖޯޑުކޮށްފައި ސަލާމްކުރިއިރު، ޒަލަފްގެ މޫނަށް ކުލައެއްވެސް އަރުވާނުލައެވެ. އަދި އަމުދުން އޭނާފަދަ އިހުސާންތެރިއަކަށް އެވަރުގެ ބޮޑު ކެއްސެއްދިންއިރު ޒަލަފްގެ ކުޑަކޮށްވެސް ލަދުވެތިކަމެއް ނެތީބާއޭ ޒައިކްގެ ހިތަށްއެރިއެވެ. ޒަލަފްއާމެދު އޭނާދެކެމުން އައިގޮތް ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެ، ޒަލަފްއަށްޓަކައި އޭނާގެ ހިތްނުބައިވިއެވެ. އެހިތުގައި ރުޅިވެރިކަން އުފެދުނެވެ.

ހަމައެފަދައިން ޒީޝާންވެސް އެވަރުގެ ބޮޑު ފާފައަކަށް އަރައިގަތްއިރު، ބިރުވެރިކަމާއި ލަދުވެތިކަން ކޮބައިބާއެވެ؟ އޭނާ ހީކުރިފަދަ މައުސޫމު ކުއްޖަކަށް ޒީޝާންނުވުމުން އޭނާގެ ހިތުގައި ފޫހިކަމެއްވެސް އުފެދިއްޖެއެވެ. އެމައުސޫމު އަދާތަކުން އޭނާގެ ހިތްލަންބުވާލިއިރު، އެންމެ ފަހަރަކުވެސް އޭނާއަށް ހަޤީޤަތް ކިޔައިދިންނަމަ ވާނީ ކީއްހެއްޔެވެ؟ އޭނާދެކެ ލޯބިނުވިނަމަވެސް އޭނާގެ ޝަކުވާއެއްނެތެވެ. ނަމަވެސް އޭނާ އެފަދަ ބޮޑު އަނދަވަޅަކަށް ވައްޓާލަން ޒީޝާންއަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ؟ ޒީޝާންގެ މައުސޫމު މޫނާއި ޖާދުވީ ހިނިތުންވުން ސިފަވުމާއެކު ބޭއިޚްތިޔާރުގައި އޭނާއަށް ދަތްކުނޑިވިކާލެވުނެވެ.

" ސަރ…ޒީ ވަރިނުކުރައްޗޭ!…ޒީއ އެހެން އެއުޅެނީ އަދި ނުވިސްނޭތީ…." ޒައިކްގެ ހިމޭންކަން ފެނިފައި ހިތުގައި ބިރުވެރިކަން އުފެދިގެން ޝިޔާއަށް ބުނެވުނެވެ.

" ނުވިސްނޭތީއޭ؟….ނުވިސްނޭމީހުން އެހާމޮޅެތި ރޭވުން ރާވާނެތަ؟….ތިބުނީ އޭނާ މިހާރުވެސް އަހަރެންގާތުން ވަރިވެގެން ގޮސް ޒަލަފްއާ އިންނަން ތައްޔާރަށޭ!….ދެން ކޮބާ އަހަރެން އޭނަ ހިފެހެއްޓުމުގެ ބޭނުމެއްވެސް…." ހިތަމާޔާއި ރުޅިވެރިކަން އެކުލެވިފައިވީ އަޑަކުން ޒައިކް ބުންޏެވެ. މިނޫނީ މިފަދަ ހާލަތެއްގައި ޒައިކް ހުއްޓައި ޝިޔާ ނުދެކެއެވެ. އައިޝާ ނިޔާވި ދުވަހުވެސް ޒައިކްހުރީ ހިމޭންވެ ގަބުވެފައެވެ. ނަމަވެސް މިއަދު ޒީޝާންގެ ސަބަބުން އެހިތް އިތުރަށް ކުދިކުދިވެ، އޭގެ އަޑުވެސް ބޭރަށް ނުކުމެއްޖެއެވެ. ޒައިކްގެ ހާލަތުގެ ފެނިފައި ޝިޔާއަށް ހިނދުކޮޅަކު ބަސްހުއްޓިފައި އިނދެވުނެވެ.

" ސަރ….ޒީޝާންއަކީ ގޯސްކުއްޖެއްނޫން….އެއީ ޒަލަފްގެ ސަބަބުން ވީގޮތް….އެޒަލަފް އޭނާގެ ދިރިއުޅުމުން ދަނިކޮށް ޒީޝާން މިހާރުވެސް ރަނގަޅު ކުއްޖަކަށް ހެދިދާނެ…." ޝިޔާބެލީ މަސްލަހަތުހުރި ގޮތަކަށް ވިސްނައިދެވޭތޯއެވެ.

" ޝިޔާ! ދެން ކޮބާ ވިސްނައިދިނުމުގެ މާނައެއް؟….އަހަރެން އޭނައަށް މުހުލަތު ނުދެންތަ؟….އޭނަ ބޭނުންގޮތަކަށް ކަންތައް ނުކޮށްދެންތަ؟….އޭނަ ހިތްއެދޭހާ ގޮތަކަށް ކަންތައް ކޮށްދީދީ ހުއްޓައެއްނު ޒަލަފްގެ ގާތަށް އަލުން އެދިޔައީ….ތިބުނީ އެތިބީ އިންނަން ތައްޔާރަށޭ….ދެން އިތުރަށް ވިސްނައިދޭން އޮތީ ކޮން އެއްޗެއް؟…" މާޔޫސްވެ ގޮތް ހުސްވެފައިވާ މީހަކު ފަދައިން ޒައިކް ބުނެލިއެވެ.

" އޭނަ ބޭނުންގޮތަކަށް އުޅެން ދޫކޮށްލުން އެއީ މައްސަލައަކީ…..އޭނައަށް މާބޮޑަށް މިނިވަންކަންދިނީމަ އެގޮތަށް އެވީ…އެކަމު އޭނައަކީ ކުރިން އެހާގޮތްކުޑަ ކުއްޖެއްނޫން….ޒަލަފް ކަހަލަ ގޮތްކުޑަމީހަކާ ޖެހުނީ ހެއްލުނީ….ސަރ ތަންކޮޅެއް ހަރުކަށިވަނިކޮށް އަދިވެސް ޒީ ރަނގަޅުވެދާނެ….ސަރ ޕްލީޒް…ރުޅިއައިސްގެންހުރެ ގޮތެއް ނުނިންމާތި! ވަރަށް ވިސްނާފަ ގޮތެއް ނިންމަން ޖެހޭނީ…..ސަރ ތިގޮތަށް ރުޅިއައިސްގެން ގޮސް ވަރިކުރާތަނުން ޒަލަފް އޭނަ ދޫކޮށްލައިފިނަމަ ކިހިނެއްވާނީ؟…އޭނަގެ މުޅިރަށަށް ބަދުނާމުވާނެ….އޭނަގެ މައިންބަފައިންވެސް ކިހާދެރަވާނެ…އެމީހުން ދުވަހަކުވެސް ޒަލަފްއާ ގަބޫލެއްނުވާނެ…އަދި އަމުދުން ޒަލަފް ކަހަލަ މީހަކަށް އިތުބާރު ކުރަންވާނެތަ؟…" ޝިޔާބެލީ އަދިވެސް ޒައިކްއަށް ވިސްނައިދެވޭތޯއެވެ.

" ދެން ތީގެ މާނައަކީ އެމީހުން ކޮންމެގޮތަކަށް އުޅުނަސް އަހަރެން ޒީޝާން ވަރިނުކޮށް ބަހައްޓަންވީއޭތަ؟….އަހަރެންނާ އިނދެގެންހުރެ އޭނަ އެހެން އުޅޭއިރު ބަދުނާމެއް ނުވާނެތަ؟….އޭނަގެ މަންމަމެން ދެރައެއް ނުވާނެތަ؟…ހަމައެކަނި ވަރިކުރީމަތަ ދެރަވާނީ؟…." ނުރުހިފައި ޒައިކް ކުރަންފެށި ސުވާލުތަކުން ޝިޔާ ހިމޭންވިއެވެ.

" އަހަރެންނަކަށް ހިއެއްނުވޭ ޒަލަފްއާއެކު ޒީ ގޮތަކަށް އުޅެފާނެހެއް…" ޒީޝާން ދިފާއު ކުރެވޭތޯ އަނެއްކާވެސް ޝިޔާ އުޅުނެވެ.

" ޝިޔާ!….އަހަރެންމީ މޮޔައެއް ނޫނޭ….އެއްވެސް ފިރިހެނަކު ތިބުނާހާ ކެތްތެރިއެއްނުވާނެ….މީހެއްގެ އަނތްބެއްވިޔަސް ތިމާގެ އަތުތެރެއަށް އައީމަ ގޯހެއްނުހަދައެއް ނުހުންނާނެ….ޒީޝާން އަހަރެންނާ ގާތްނުވާން އުޅެނީ ސަބަބެއް އޮތީމައެއްނު….އެދެމީހުންނަކީ ތިބުނާހާ ރަނގަޅުބައެއްނަމަ އެފަދަ ހާލަތުގަ ތިބެގެން ލޯބީގެ ގުޅުމެއް ނުއުފައްދާނެ….އަދި އަހަރެންނާ އިނދެގެންހުރެ ތި ޒަލަފްއަކަށް ތިހާބޮޑަށް ހިތްކިޔާނެ ކޮންމެވެސް ސަބަބެއް އޮންނާނެ….ޒީޝާންގެ ދުލުން ބުންޏަސް އެދެމީހުންގެ މެދުގާ ޖިސްމާނީ ގުޅުމެއްވެސް ނުހިނގާކަމަކަށް އަހަރެން ގަބޫލެއް ނުކުރާނަން….އެހާ އިތްފަތްތެރި އަންހެން ކުއްޖެއްނަމަ، މީހެއްގެ އަނތްބަކަށްވެހުރެ ހިލޭ ފިރިހެނެއްގެ ސައިކަލު ފަހަތަށް އަރައިގެން މުޅިރަށުގަ ނުދުއްވާނެ…" ޒީޝާންއާމެދު ހިތުގައި އުފެދުނު ރުޅިވެރިކަމުގެ ސަބަބުން ޒައިކްގެ ދުލުން ނުކުތީ ދުވަހަކުވެސް އޭނާ ޒީޝާންއާމެދު ބުނަން ބޭނުންވީފަދަ ބަސްތަކެއް ނޫނެވެ.

" ސަރ…މިއީ ހަމައެކަނި ސަރއަށް ހެޔޮއެދިގެން ބުނާއެއްޗެއްކަމަށް ގަބޫލުކޮށްފަ، މިރޭން މިރެއަށް ސަރ ގޮތެއް ނުނިންމުން އެދެން….އެހެންނޫނީ ފަހުން ދެރަވާން ޖެހިދާނެ….މީހުން ބުނޭ ރުޅިއައިސް ހުންނަ ވަގުތު، ކަންކަމުގަ ގޮތް ނުނިންމާށޭ…އަދި އަމުދުން ދިރިއުޅުމުގެ މިހާ މުހިއްމު ކަމެއްގަ ގޮތެއް ނިންމަން ޖެހޭނީ ފިނި ހިތަކުން ވިސްނާފަ ރަނގަޅު ވަގުތެއްގަ….ސަރ ޒީއާ ވާހަކަދައްކަން ބޭނުން ނޫނިއްޔާ އަހަރެން ޒީގެ މަންމަމެންގެ އެހީގަ ޒީއަށް ވިސްނަދޭނަން…އެމީހުންބުނީމަ ޒީއަށް ދެކޮޅު ހަދާކަށް ނުކެރޭނެ…" ޝިޔާ އޭނާގެ ވިސްނުން ހާމަކުރިއެވެ.

" ނޫން ޝިޔާ….އެމީހުނާ ވާހަކަދެއްކުމުގެ ބޭނުމެއްނެތް….އަހަރެން ވިސްނާފަ ގޮތެއް ނިންމާނަން…" ޒައިކްގެ އަޑުގައިވީ ނުރުހުމުގެ އަސަރު ނެތިގޮސް މަޑުމައިތިރިކަން އެއަޑަށް ވެރިވިއެވެ. މިވަގުތު ޒައިކް އެއިނީ ނުހަނު ދެރަވެފައިކަން ޝިޔާއަށް ވިސްނުނެވެ.

" ސަރ ދެން އަހަރެން ގޮސްލަންތަ؟…" ޝިޔާ ބޭނުންވީ ޒައިކްއަށް ވަގުތުކޮޅެއް ދީފައި ދިއުމަށެވެ.

" ސޮރީ…ވަރަށް ލަސްވެއްޖެދޯ….އެކަމުވެސް ހިނގާ ރެސްޓޯރެންޓަކަށް ގޮސް އެއްޗެއް ކާލައިގެންދާން….އަސްލު ރެސްޓޯރެންޓަކަށްދާން ދައުވަތުދޭން އުޅެފަވެސް ހިތަށްއެރީ، އަހަރެން ދައްކަން އުޅޭ ވާހަކައާ އެމާހައުލު އެކަށީގެންނެއްނުވެޔޭ…އެހެންވެ މިތަނަށް އަންނަންބުނީ…." ޒައިކް އޮޅުންފިލުވައިދިނެވެ.

" އޯކޭއޭ….އަހަރެން މިއައީވެސް ކައިގެން….އަނެއްކޮޅުން ހުސެން ހުންނާނެ ލަސްވެފަ….އެހެންވީމަ ތާކަށް ނުގޮސް ގެޔަށް ކަންނޭނގެ ދާންވީ…." ހިނިތުންވެލަމުން ޝިޔާ ބުނެލިއެވެ.

" ކޮބާ ވަރަށް އަވަހަށް ސައިލިބޭނެ ދޯ…." ކުއްލިއަކަށް މޫޑު ރަނގަޅުކޮށްލާފައި ހީލަމުން ޒައިކް އެހިއެވެ.

" އާނ…އިންޝާ ﷲ…" ޒައިކް ބުނި އެއްޗެއް މާނަ ވިސްނިގެން ރަކިގޮތަކަށް ހީލަމުން ޝިޔާ ޖަވާބުދިނެވެ. ޝިޔާ ނުކުމެގެން ދިއުމުން އިރުކޮޅަކު އެކަނިމާއެކަނި ވިސްނުމުގައި ޒައިކް އިނުމަށްފަހު ގެޔަށް ދިއުމަށްޓަކައި އޭނާވެސް ނުކުތެވެ.

އޭނާއަށް ވެގެންވާނަމަ މިރޭ ޒީޝާންގެ ކުރިމައްޗަކަށްވެސް އޭނާ ނުދާނެއެވެ. ނަމަވެސް އެނޫންގޮތެއްވެސް ނެތެވެ. ޒައިކް ސައިކަލަށް އަރައި ގެޔާ ދިމާއަށް މިސްރާބުޖެހިއެވެ. ގެޔާއި ގާތްވީވަރަކަށް އޭނާގެ ހިތުގެ ނުތަނަވަސްކަން އިތުރުވެ، މޭގައި އުފެދިފައިވާ ދިލަހޫނުކަންވެސް އިތުރުވަމުން ދިޔައެވެ. މިވަގުތު ޒީޝާން ފެނުމުން އޭނާގެ ރުޅި ކޮންޓްރޯލް ނުވެދާނެތީވެސް އޭނާހުރީ ބިރުންނެވެ. އޭނާ ކޮޓަރިއަށް ވަތްއިރު، ނަސީބަކުން ޒީޝާންއޮތީ ނިދާފައެވެ. ހެދުން ބަދަލުވެސް ނުކޮށް އޮތުމުން، އެއޮތީ ނިދަން ތައްޔާރު ނުވަނީ ނިދިފައިކަން އެނގެއެވެ.

ޒައިކް ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުތް ވަގުތު އެނދުގައި އޮތް ޒީޝާންގެ މޫނު ފެނިފައި ހުއްޓެވުނެވެ. ނިދާފައި އޮތްއިރު، އެމޫނުގެ މައުސޫމުކަން އިތުރުވެފައި ވެއެވެ. މަކަރުވެރިކަމާއި ހީލަތްތެރިކަމުގެ އެއްވެސް ކުލައެއް މިވަގުތު އެމޫނުގައި ނުވެއެވެ. އެއީ އިންސާނުންގެ ހިތްތައް މަގުން ކައްސުވާލާފަދަ ފުރިހަމަކަމެއް ލިބިފައިވާ މޫނެކެވެ. ޒައިކްގެ ނަޒަރު އިޚްތިޔާރަކާއި ނުލައި ޒީޝާންގެ ހަށިގަނޑުގެ އެކިގުނަވަންތަކަށް ވަކިވަކީން ދަތުރުކުރިއެވެ. ޒީޝާންއަށް ލިބިފައިވާ ދިގު އިސްކޮޅާ އެއްވަރުގެ ބައްޓަން ފުރިހަމަ، ރޫފައެއްވެސް ލިބިފައިވެއެވެ. ފަޔަށް ހިފާލާފައިވާ ޖީންސްގެ ސަބަބުން ފައިގެ ރީތިކަމާއި ބައްޓަމުގެ ފުރިހަމަކަން ހާމަވެއެވެ.
މިހާރަކަށް އައިސް ޒީޝާންގެ ހެދުން އެޅުންވެސް ކުރިޔަށްވުރެ ތަފާތުވެފައިވާކަންވެސް ޒައިކްއަށް ދެނެގަނެވުނީ އެވަގުތުއެވެ. އޭނާއާއި ކައިވެނިކުރިއިރު ލާހެދުންތަކަށް ވުރެ މިހާރުލާ ހެދުންތައް ކުރުވެފައި ގަޔަށްބާރެވެ. އެއީ ބުރުގާ އަޅައިގެން ނިވާވެގެން އުޅޭ ކުއްޖަކު އެއްގޮތަކަށްވެސް ލާންކަމުދާފަދަ ހެދުމެއް ނޫނެވެ. ލައިގެން އޮތް ކުރު ޓޮޕު އެއްފަރާތުން ކެހިގެން ގޮސް އެހިނދި ބަނޑުގެ ދޮންކަމާއި އޮމާންކަންވެސް ހުރަހަކާނުލާ ހާމަވަމުން ދިޔައެވެ. ޒައިކްއަށް އިޚްތިޔާރަކާއި ނުލައި ޒީޝާންއާ ގާތަށް ޖެހިލެވުނެވެ. އެހަށިގަނޑުގައި ބީހިލަން ހިތަށްއެރުމާއެކު، މިރޭ ޝިޔާދެއްކި ވާހަކަތައް ހަނދާންވެފައި އަވަސް އަވަހަށް އެނދާއި ދުރަށް އޭނާ ޖެހިލިއެވެ.

ކިތަންމެ ރީތި މައުސޫމު ސިފައެއްގައިވީ ނަމަވެސް އެއީ މަކަރުވެރިއެކެވެ. އެހެންމީހަކަށް އެހަށިގަނޑުގެ ރީތިކަން ހަދިޔާކޮށްފައިވާ ގޮތްކުޑަ ކުއްޖެކެވެ. ޒަލަފްގެ އަތުތެރޭގައި ޒީޝާންވާނޭ ގޮތް ސިފަވުމާއެކު އޭނާގެ ލޭކެކިގެން ދިޔައެވެ. އަވަސް އަވަހަށް އައިސް ނިދާހެދުން ލައިގެން ގޮސް އޭނާގެ ގޮދަޑީގައި އޮށޯތެވެ. ރޭގައި ނުނިދާ ހުރުމާއެކުވެސް އޭނާގެ ގާތަށް ނިދިއަންނަ ގޮތެއްނުވިއެވެ. ދެލޯމަރާލިއަސް އޭނާއަށް ސިފަވަނީ ޒީޝާންއާއި ޒަލަފެވެ. ނުވިސްނަން އުޅުނަސް އެޚިޔާލުތައް އޭނާއާ ދުރަށްދާ ގޮތެއްނުވިއެވެ. ހަމަ މިހާރު މިވަގުތު ޒީޝާން ހޭލައްވާފައި އޭނާގެ ހިތުގައިވީ ރުޅިވެރިކަން ފިލުވާލަންވެސް ހިތަށްއެރިއެވެ. ނަމަވެސް އެއީ ކިހާ ބޭކާރުކަމެއްކަން ހިތަށްއެރުމުން އޭނާ ހިމޭންވިއެވެ. އޭނާ ހިންދިރުވާލަމުން ގަދަކަމުން ދެލޯމަރާލިއެވެ.

ނުނިމޭ