Last Updated: March 28, 19:01
Thursday, March 28, 2024
ދުނިޔެ

އެސެކްސް ލޮރީ ޑްރައިވަރަށް ދައުވާ ކޮށްފި

ޑްރައިވަރު މޯރީސް ރޮބިންސަން

އިނގިރޭސިވިލާތުގެ އެސެކްސް ކައުންޓީގައި މިދިޔަ ބުދަ ދުވަހު ލޮރީއެއްގައި 39 މީހުންގެ ފުރާނަ ނެތް ހަށިގަނޑާއެކު ހައްޔަރުކުރި މޯރީސް ރޮބިންސަންއާ ދެކޮޅަށް މޭންސްލޯޓާ ނުވަތަ ގަސްދަކާ ނުލާ މީހަކު މެރުމުގެ ދައުވާ އުފުލަން އިނގިރޭސި ޕްރޮސެކިއުޓަރުން ނިންމައިފިއެވެ.

އޭނާގެ ލޮރީގެ ތެރެއިން 31 ފިރިހެނުންނާއި 8 އަންހެނުން ފެނިފައިވާއިރު އެކަކު ފިޔަވައި ދެން ތިބީ ހުސް ބޮޑެތި މީހުން ކަމަށް ފުލުހުން ބުނެއެވެ. މިތަހުގީގުގައި ފުލުހުން ވަނީ އިތުރު ތިން މީހަކުވެސް ހައްޔަރުކޮށްފައެވެ. މި ހަތަރު މީހުންނަށް ކުރާ ދައުވާތަކުގެ ތެރޭގައި މޭންސްލޯޓާ، ހިއުމަން ޓްރެފިކިން، އަދި މަނީ ލޯންޑަރިންގެ ދައުވާވެސް ކުރަން ނިންމާފައިވާ ކަމަށް 'ބީބީސީ' އިން ރިޕޯޓުކުރެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަރުވެފައިވަނިކޮށް ލޮރީ ތެރެއިން ފެނިފައިވަނީ ވިއެޓްނާމްގެ މީހުންނެވެ. އެމީހުން އިނގިރޭސިވިލާތަށް އެތެރެކޮށްފައިވަނީ ބެލްޖިއަމް އިން އައިސް ޓްރެއިލާއެއް ގައެވެ. ބެލެވޭ ގޮތުގައި އޭގެ ތެރެއިން ބައެއް މީހުންނަކީ ޔޫރަޕަށް ޓޫރިސްޓުންގެ ގޮތުގައި ގޮސްފައިވަނިކޮށް ވަގަށް ނަގާފައިވާ މީހުންނެވެ.

އެމީހުންގެ އަތުގައި ލިޔެކިޔުން ނެތިގެން ފުލުހުން ވަނީ ކޮން ބައެއްކަން ދަނެގަތުމަށް އާންމުންގެ އެހީއަށް އެދިފައެވެ. ޔޫކޭގައި ހުންނަ ވިއެޓްނާމްގެ 'ވިއެޓްހޯމް' އިން ވަނީ ފުލުހުންގެ ތަހުގީގަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.