Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ބަޣުދާދީ މަރުވެފައިވާ ކަމަށް އެމެރިކާ އިން ބުނެފި

އެމެރިކާ އިން ހިންގި އޮޕަރޭޝަނެއްގައި އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ މަރުވެފައިވާ ކަމަށް އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ މީޑިޔާތަކުން ބުނެފިއެވެ.

އެމެރިކާގެ ޑިފެންސްގެ ސީނިއާ އޮފިޝަލަކާ ހަވާލާދީ "ސީއެންއެން" ގައި ބުނެފައިވަނީ ބަޣުދާދީ މަރުވެފައިވަނީ ސީރިއާގެ އުތުރުގައި އެމެރިކާ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަނެއްގައެވެ. އެގޮތުން ބަޣުދާދީ މަރުވެފައިވަނީ ޖާނުން ފިދާވެގެންކަމަށް އެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެންގައި ބުނެފައިވެއެވެ.

ބަޣުދާދީ މަރުވެފައިވާ ކަމުގެ އަޑުތަކެއް ފެތުރެން ފަށާފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދުގެ ވަގުތެއްގައި ވަރަށް މުހިއްމު ކަމެއް އިއުލާން ކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެއެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އައިއެސްގެ ލީޑަރުކަން ކުރަމުންދާ ބަޣުދާދީ ފާއިތުވި ފަސް އަހަރު އުޅުނީ ފިލައިގެންނެވެ. ނަމަވެސް 2014 ވަނަ އަހަރަށްފަހު މިއަހަރުގެ އޭޕްރީލްގައި ބަޣުދާދީ ވަނީ ވީޑިޔޯއެއް ނެރެ އައިއެސްގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ގޮވާލާފައެވެ.

ބަޣުދާދީ ހޯދަން އެމެރިކާގެ އަސްކަރިއްޔާ އިން މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު މިދިޔަ އަހަރުގެ ކުރީކޮޅު ދިން ވައިގެ ހަމަލާތަކެއްގައި އޭނާ އަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ.

އައިއެސްގެ ލީޑަރުކަމާ ބަޣުދާދީ ހަވާލުވީ 2010 ވަނަ އަހަރުއެވެ.