Last Updated: April 24, 23:11
Thursday, April 25, 2024
ދުނިޔެ

ބަޣުދާދީ މަރުވެފައިވާކަން ޓްރަމްޕް އިއުލާން ކުރައްވައިފި

އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ މަރުވެފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

ގައުމާ މުހާބަތު ކުރައްވާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ ބަޣުދާދީ މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ސީރިއާގެ އުތުރުގެ ހިސާބެއްގައި އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން ސިފައިންނަށް ފިލަންވެގެން އޭނާގެ ތިން ދަރިންނާއެކު މަސައްކަތް ކުރި ކަމަށާއި ނަމަވެސް މަސައްކަތް ކާމިޔާބު ނުވުމުން އެންމެފަހުން ޖާނުން ފިދާވެގެން ތިން ދަރިންނާއެކު ބަޣުދާދީ މަރުވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި އެމެރިކާ ސިފައިންގެ މީހަކު މަރުވެފައި ނުވާއިރު ބަޣުދާދީ އަށް ތާއީދުކުރާ ބައެއް ފަރާތްތަށް ވެސް މަރާލެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭގެ އިތުރުން މުހިއްމު މައުލޫމާތުތަކެއް ހިމެނޭ ތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އައިއެސްގެ ލީޑަރުކަން ކުރަމުންދާ ބަޣުދާދީ ފާއިތުވި ފަސް އަހަރު އުޅުނީ ފިލައިގެންނެވެ. ނަމަވެސް 2014 ވަނަ އަހަރަށްފަހު މިއަހަރުގެ އޭޕްރީލްގައި ބަޣުދާދީ ވަނީ ވީޑިޔޯއެއް ނެރެ އައިއެސްގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ގޮވާލާފައެވެ.

ބަޣުދާދީ ހޯދަން އެމެރިކާގެ އަސްކަރިއްޔާ އިން މަސައްކަތް ކުރަމުންދިޔަތާ ގިނަ އަހަރުތަކެއް ވިއިރު މިދިޔަ އަހަރުގެ ކުރީކޮޅު ދިން ވައިގެ ހަމަލާތަކެއްގައި އޭނާ އަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ.

އައިއެސްގެ ލީޑަރުކަމާ ބަޣުދާދީ ހަވާލުވީ 2010 ވަނަ އަހަރުއެވެ.