Last Updated: April 27, 09:06
Saturday, April 27, 2024
ދުނިޔެ

ޓްރަމްޕްގެ އިންޒާރު ޓެރަރިސްޓުންނަށް: ހަމަޖެހިލައިގެން ނިދަން ނުތިބޭތި!

ބަޣުދާދީ މެރުމަށް ހިންގި އޮޕަރޭޝަން ޓްރަމްޕް ބައްލަވާލައްވަނީ - ފޮޓޯ: ވައިޓް ހައުސް

އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީގެ މަރަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް ޓެރަރިސްޓުންނަށް ދީފިއެވެ.

ބަޣުދާދީ މަރުވީ ރޭ ދަންވަރުގެ ވަގުތެއްގައި ސީރިއާގެ އުތުރުގެ ހިސާބެއްގައި އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނެއްގައެވެ. އެގޮތުން އޭނާ މަރުވީ އަމިއްލަ އަށް ޖާނުން ފިދާވެގެންނެވެ. ބަޣުދާދީ މަރުވީ އޭނާގެ ތިން ދަރިންނާއެކުއެވެ.

ބަޣުދާދީ މަރުވިކަން އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކުށެއް ނެތް މީހުންނަށް އަނިޔާކޮށް އެ ފަރާތްތައް މަރާ ޓެރަރިސްޓުން ހަމަޖެހިލައިގެން ނިދަން ނުތިބުމަށާއި އެމެރިކާ އިން އެމީހުންގެ ދުވަސް ދުއްވާލާނެކަން ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށެވެ.

"މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ މީހުންނަށް، ކުރިމަތިވަމުން އަންނަ ކަންކަމުން ސަލާމަތެއް ނުވެވޭނެ" ޓްރަމްޕް ވިދާޅުވިއެވެ.

އަދި ބަޣުދާދީގެ މަރަކީ އެމެރިކާ އިން ޓެރަރިސްޓުންނާ ދެކޮޅަށް ކުރަމުންދާ މަސައްކަތާއި އަދި އައިއެސް މުޅިން ބަލިކޮށްލަން ކުރާ މަސައްކަތް ހާމަވާފަދަ ކަމެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. މީގެއިތުރުން ޓްރަމްޕް ވަނީ އައިއެސް އަކީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ ހީލަތްތެރި ޖަމާއަތް ކަމަށްވެސް ވިދާޅުވެފައެވެ.

"ރެޔަކީ އެމެރިކާ އަށާއި މުޅި ދުނިޔެއަށް ވެސް ބަރާބަރު ރެޔެއް" ޓްރަމްޕް ވިދާޅުވިއެވެ.

އައިއެސްގެ ލީޑަރުކަން ކުރަމުންދާ ބަޣުދާދީ ފާއިތުވި ފަސް އަހަރު އުޅުނީ ފިލައިގެންނެވެ. ނަމަވެސް 2014 ވަނަ އަހަރަށްފަހު މިއަހަރުގެ އޭޕްރީލްގައި ބަޣުދާދީ ވަނީ ވީޑިޔޯއެއް ނެރެ އައިއެސްގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ގޮވާލާފައެވެ.

އައިއެސްގެ ލީޑަރުކަމާ ބަޣުދާދީ ހަވާލުވީ 2010 ވަނަ އަހަރުއެވެ. އޭގެފަހުން އެ ޖަމާއަތުގެ ހަރަކާތްތައް ވަރުގަދަ ވެގެންދިޔައިރު ދުނިޔޭގެ ކަންކޮޅުތަކުގައި އެ ޖަމާއަތުން ދިޔައީ ހަމާލަތައް ދެމުންނެވެ.