Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

އައްޑޫ ޕަބްލިކް ވޯކްސްގެ 78 މުވައްޒަފުން ގޮތް ހުސްވެފައި!

ޕަބްލިކް ވޯކްސްގެ މުވައްޒަފުން ކަންބޮޑުވުންތައް ޑެޕިއުޓީ މޭޔަރ ޔަސްރިފާ ހިއްސާ ކުރަނީ-

އައްޑޫގައި ޕަބްލިކް ވޯކްސްގެ ނަމުގައި ޑިޕާޓްމަންޓެއް އުފެދި މިއަތޮޅުގެ މަގު ހެދުމާއި އެހެނިހެން ކަންތައްތައް ކުރާތާ ވިހި އަހަރަށް ވުރެ ގިނަ ދުވަސްވަނީ ވެގެން ގޮސްފައެވެ. އެކި ސަރުކާރުގައި އެކި ޑިޕާޓްމަންޓު އުފެދި އެކި ނަން ނަމުގައި ކުންފުނިތައް ހެދުނު ނަމަވެސް އައްޑޫގެ މަސައްކަތްތައް ކުރަމުން ދިޔައީ އެއް ބަޔެކެވެ.

ވަޒީފާގެ ހިމާޔަތް ހޯދާ ދިނުމަށާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ވައުދުވި މިއަދުގެ ސަރުކާރުން ޕަބްލިކް ވޯކްސްގައި ތިބި 78 މުވައްޒަފުންނާ މެދު ކަންތައް ކުރުމަށް ނިންމާފައިވާ ގޮތުން މިއަދު އެތަނުގައި ތިބި މުވައްޒަފުން ވަނީ މާޔޫސްވެ ހިތް އެލިފައެވެ.

އުއްމީދު ގެއްލުނީ ތިން ދުވަހުގެ ނޯޓިސްއަކުން

ރައީސް ޔާމީންގެ ވެރިކަމުގައި އުފެދުނު މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޮމްޕެނީ(އެމްއާރްޑީސީ) އުވާލުމަށް ފަހު އެ ޑިޕާޓްމަންޓުގައި ތިބި މުވައްޒަފުން ބަދަލުކުރީ ހައުސިން މިނިސްޓްރީއަށެވެ. މިސަރުކާރު އައުމަށް ފަހު ހައުސިން މިނިސްޓްރީގެ ބާރުތައް، މުވައްޒަފުންނާއި މުދަލާއި ވަސީލަތްތަކާއެކު ކައުންސިލަށް ބަދަލުކުރުމަށް ފަހު ދެން ދީފައިވަނީ ތިން މަސް ދުވަހުގެ ކޮންޓްރެކްޓެކެވެ. އެ ކޮންޓްރެކްޓު އޮގަސްޓު މަހު ހަމަވުމުން އަނެއްކާ ދެމަހާ ފަނަރަ ދުވަހަށް ކޮންޓްރެކްޓު އިތުރު ކުރުމަށް ފަހު ޕްލޭނިން މިނިސްޓްރީން ކުއްލިއަކަށް، އިއްޔެ ނޯޓިސް އެއް ފޮނުވުމަށް ފަހު އިއުލާން ކުރީ އޮކްޓޯބަރު 31 ގައި ކޮންޓްރެކްޓު ހަމަވުމަށް ފަހު ދެން ކޮންޓްރެކްޓު އާ ނުކުރެވޭނެ ކަމަށެވެ.

ސިވިލް ސާވިސްގެ އޮނިގަނޑަށް ފެއްތުން

ސިވިލް ސާވިސްގެ އޮނިގަނޑަށް ފެއްތުމަށް ފޯމެއް ފުރުމަށްފަހު މާދަމާ ހެނދުނު 10:00 ގެ ކުރިން ހުށައެޅުމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާއިރު ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން އާ މުވައްޒަފުންނަށް 55 އަހަރުން މަތީގެ މުވައްޒަފުން ނުނެގޭނެއެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު، 55 އަހަރުން މަތިވުމުން 19 މުވައްޒަފަކަށް އެބަ އޮތެވެ. ދެން ތިބި މުވައްޒަފުންގެ ކަންބޮޑުވުމަކީ އަލަށް އުފައްދާ ވަޒީފާގައި ލިބޭ މުސާރަކޮޅު ކުޑަކަމެވެ. ކުރިން އޯޓީއާއެކު 9،000ރ. އާއި 10،000ރ. އާ ދެމެދުގެ މުސާރައެއް ލިބެމުން އައި މުވައްޒަފުންނަށް އާ އޮނިގަނޑުގެ ދަށުން ލިބެނީ 4،000ރ. ގެ މުސާރައަކެވެ.

"މިހާ ދުވަހު އުޅެމުން އައީ ނުވަ ހާސް ރުފިޔާގެ މުސާރައެއްގަ. ބޭންކުން ލޯނު ނަގާ ސައިކަލު ނަގާ ތިބީ އެ މުސާރައަށް ބިނާކޮށް. ކުއްލިއަކަށް ހަތަރު ހާސް ރުފިޔާއަށް މުސާރަ ކުޑަ ކޮށްލުމުން ލޯނުތަކާއި ދަރަންޏަށް ފައިސާ ދެއްކުމަށް ފަހު ގެއަށް ގެންދާނެ ބައި ރުފިޔާވެސް އަޅުގަނޑުމެންނަށް ނޯންނާނެ،" އައްޑޫލައިވްއާ ކަންބޮޑުވުން ހިއްސާކުރި މުވައްޒަފަކު ކިޔާދިނެވެ.

ސަރުކާރާއި ކައުންސިލުން ބުނަނީ ދެރަ ގޮތެއް ނުވާނެ ކަމަށް

ޕަބްލިކް ވޯކްސްގެ މުވައްޒަފުން ވަނީ މިހާތަނަށް އައްޑޫ ސިޓީ ކައުންސިލާއި ވެސް ބައްދަލުކޮށްފައެވެ. ރޭ މުވައްޒަފުންގެ ކަންބޮޑުވުންތައް އެއްސެވުމަށް ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފްވެސް ވަޑައިގެންފައިވާއިރު ޔަސްރިފް ވިދާޅުވީ އެއްވެސް މުވައްޒަފެއްގެ މުސާރަ ގެއްލުމަކަށް ނޭދޭ ކަމަށެވެ. ޕްލޭނިން މިނިސްޓަރާ މޭޔަރ އަބްދުﷲ ސޯދިގް ގުޅުއްވުމުން މިނިސްޓަރު ވިދާޅުވީ އަދިވެސް ރަނގަޅު ގޮތެއް ހެދޭތޯ ބަލަމުން އަންނަ ކަމަށް ކަމަށެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޮމްޕެނީ އަށް ބަދަލުނުކުރެވުނީ ކީއްވެ؟

ޔާމީންގެ ސަރުކާރުގައި އެމްއާރްޑީސީ އުފެއްދުމަށް ފަހު އެކުންފުނި އުވާލާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަިއ އެމަނިކުފާނު ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައެވެ. އެމްއާރުޑީސީއަށް ޕަބްލިކް ވޯކްސްގެ މުވައްޒަފުން ބަދަލުކުރި ގޮތަށް ސަރުކާރުން އާރުޑީސީއަށް އެ މުވައްޒަފުން ބަދަލުކުރުމުގެ ބަދަލުގައި ސިވިލް ސާވިސްއަށް ބަދަލުކުރީ ކީއްވެތޯ މުވައްޒަފުން ވަނީ ސުވާލުކޮށްފައެވެ. ޖަވާބުގައި ޑެޕިއުޓީ މޭޔަރ ޔަސްރިފް ވިދާޅުވީ ޕަބްލިކް ވޯކްސް ޔުނިޓަކީ މަގު ހެދުމާއި މަގު ބެލެހެއްޓުން ފަދަ މަސައްކަތް ކުރުމަށް އޮތް އިދާރާއަކަށް ވެފައިވާއިރު ސަރުކާރުން އާރްޑީސީ އުފެއްދެވީ ބޮޑެތި ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

ނަމަވެސް ޕަބްލިކް ވޯކްސްގައި ތިބި މުވައްޒަފުންނަކީ އައްޑޫގައި މިހާތަނަށް ހިންގި ބޮޑެތި ޕްރޮޖެކްޓުތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މަސައްކަތް ކޮށްފައިވާ ޔުނިޓެކެވެ. އައްޑޫގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މަސައްކަތްތެރިން ބޭނުންވެގެން މަސައްކަތް ކުރުމަށް އައްޑޫ ޕަބްލިކް ވޯކްސް ޔުނިޓު ވަނީ ހަރަކާތްތެރިވެފައެވެ.

ސިވިލް ސާވިސްއަށް ބަދަލުކުރުމުން މިހާރު އޮތް ގޮތުން ރަނގަޅު ގޮތެއް ލިބެން ނެތުމުން، ޕަބްލިކް ވޯކްސްގެ ގިނަ މުވައްޒަފުން ވަނީ ޕްލޭނިން މިނިސްޓްރީން އެންގި އެންގުމާ އެއްގޮތަށް ސިވިލް ސާވިސްއަށް ބަދަލުވާން ފޯމުގައި ސޮއިކުރަން ދެކޮޅު ހަދާފައެވެ. މުވައްޒަފުން ވަނީ ދެރަ ގޮތެއް ނުވާނެ ކަމަށް ވައުދުވި ސަރުކާރުން ގެންނަން އުޅޭ ބަދަލުން ދެރަ ގޮތެއް ނޫނީ ވާން ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.