Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

އިންޑިއާގައި ވަޅަކަށް ވެއްޓުނު ކުޑަކުއްޖާ މަރުވެއްޖެ

އިންޑިއާގައި ވަޅަކަށް ވެއްޓުނު އުމުރުން ތިން އަހަރުގެ ކުއްޖާ މަރުވެއްޖެއެވެ.

ސުޖިތް ވިލްސަން ނަމަކަށް ކިޔާ މި ކުއްޖާ މިދިޔަ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގެ ކައިރީ ކުޅެން އުޅެނިކޮށް ވެއްޓިފައިވަނީ ފުންމިނުގައި ގާތްގަނޑަކަށް 600 ފޫޓު ހުރި ވަޅަކަށެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "އިންޑިއާ ޓުޑޭ" ގައި ބުނެފައިވާ ގޮތުން އެ ކުއްޖާ ފުރަތަމަ ތާށިވެފައިވަނީ ވަޅުގެ 35 ފޫޓު އަޑީގައެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެ ކުއްޖާ ވަޅުގެ 90 ފޫޓު އަޑިއަށް ވެއްޓި ތާށިވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އެ ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ހުކުރު ދުވަހުން ފެށިގެން އެކި ފަރާތްތަކުން ގުޅިގެން ކުރަމުންދިޔައިރު ސުޖިތުއާ ހަމައަށް މިއަދު ހެނދުނު އޮފިޝަލުންނަށް ވާސިލުވެވުނު އިރު އޮތީ މަރުވެފައި ކަމަށް މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.

ކޮމިއުޝަނަރ އޮފް ރެވެނިއު އެޑްމިނިސްޓްރޭޝަން ރަދާކްރިޝްނަން ވިދާޅުވި ގޮތުގައި ކުއްޖާއާ ހަމައަށް އޮފިޝަލުންނަށް ވާސިލުވެވުނުއިރު އޭނާގެ ހަށިގަނޑުގެ ބައެއް ބައިތައް ބުރިވެ އޮތީ ކުނިވާން ފަށާފައި ކަމަށެވެ. އަދި އެ ކުއްޖާގެ ހަށިގަނޑުގެ ދެން ހުރި ބައިތައް ހޯދުމުގެ މަސައްކަތް އޮފިޝަލުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ

އިންޑިއާގައި މިފަދަ ހާދިސާއެއް މިއަހަރުގެ މޭއި މަހުގެ ތެރޭގައި ވެސް ހިނގާފައިވެއެވެ. އެގޮތުން އެފަހަރު 50 ފޫޓު ފުން ވަޅަކަށް ވެއްޓުނު ތިން އަހަރުގެ ކުއްޖަކު ވަނީ ސަލާމަތްކޮށްފައެވެ. އެގޮތުން އެ ކުއްޖާ އެ ވަޅަށް ވެއްޓުނީ މަންމައާ އެކު ޕިކްނިކް ގޮސް އުޅެނިކޮށެވެ.