Last Updated: April 26, 22:09
Friday, April 26, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ (ސާދަވަނަ ބައި)

ރޭގައި ނުނިދާ ހުރުމާއެކުވެސް ޒައިކްގެ ގާތަށް ނިދިއަންނަ ގޮތެއްނުވިއެވެ. ދެލޯމަރާލިއަސް އޭނާއަށް ސިފަވަނީ ޒީޝާންއާއި ޒަލަފެވެ. ނުވިސްނަން އުޅުނަސް އެޚިޔާލުތައް އޭނާއާ ދުރަށްދާ ގޮތެއްނުވިއެވެ. ހަމަ މިހާރު މިވަގުތު ޒީޝާން ހޭލައްވާފައި އޭނާގެ ހިތުގައިވީ ރުޅިވެރިކަން ފިލުވާލަންވެސް ހިތަށްއެރިއެވެ. ނަމަވެސް އެއީ ކިހާ ބޭކާރުކަމެއްކަން ހިތަށްއެރުމުން އޭނާ ހިމޭންވިއެވެ. އޭނާ ހިންދިރުވާލަމުން ގަދަކަމުން ދެލޯމަރާލިއެވެ.

އާ ދުވަހަކަށް އިރުއަރައިފިއެވެ. އާދައިގެމަތިން ފަތިސްނަމާދުކޮށްގެން އައިސް ޒައިކް އިނީ މަސްފެންގަނޑު ކައިރީގައި ކޮފީއެއް ބޯށެވެ. އެހެން އިންއިރު އޭނާ ވިސްނަމުން ދިޔައީ އޭނާގެ ދިރިއުޅުމާމެދުގައެވެ. އޭނާގެ ދިރިއުޅުން މިހާރު ގޮސްފައި އޮތް ހިސާބުން ގޮތެއް ނިންމަން އޭނާއަށް މަޖުބޫރު ވެއްޖެއެވެ.

ޒީޝާންއާ އެކީގައި އޭނާ ކިހާފޮނި ހުވަފެންތަކެއް ދުށް ހެއްޔެވެ؟ ނަމަވެސް ޒީޝާން އޭނާއަށް ކެހިދީ އޭނާގެ ހުވަފެންތައް ވިއްސިވިހާލިކޮށް އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހައިފިއެވެ. ޒީޝާންއާއެކީގައި ދިރިއުޅުމަކީ މިހާރު އޭނާއަށް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް، އަންނަ ރުޅީގައި ޒީޝާން ދޫކޮށްލައިފިނަމަ އެއީ ޒީޝާންއަށް ލިބޭ ކާމިޔާބީއަކަށް ނޫނީ ނުވާނެއެވެ. އޭރުން ޒީޝާން ބޭނުންގޮތަކަށް އޭނާގެ ދިރިއުޅުން ބައްޓަން ކުރަން ފުރުސަތު ދެވުނީއެވެ. އެހެން ވެއްޖެނަމަ ޒަލަފްއާއެކީގައި ޒީޝާން އުފަލުގައި އުޅޭއިރު، އޭނާއަށް ޖެހޭނީ ކުރިންވެސް އުޅުނުފަދަ އެކަނިވެރި ދިރިއުޅުމެއް އުޅޭށެވެ. އޭނާގެ ކުށެއްނެތި އޭނާއަށް ތަކުލީފުވެސް ލިބުނީއެވެ. ކުށްކުރިމީހާ އުފަލުގައި އުޅެން ދޫކޮށްލަންވީ ހެއްޔެވެ؟ ނޫނެކެވެ. އެކަން އެހެންވިޔަ ދީގެން ނުވާނެއެވެ. އޭނާ އެހާފަސޭހައިން ޒީޝާން ދޫކޮށެއް ނުލާނެއެވެ. އެމައުސޫމު ކަމުގެ ޖާދޫގައި އެހިތްޖެއްސުމަށްފަހު ޒަޚަމްކޮށްލީތީވެސް އޭނާ ޒީޝާންއަކަށް މާފެއް ނުކުރާނެއެވެ. އޭނާ ޒީޝާން ވަރިކުރުން އެއީ ޒީޝާން އެދޭގޮތްކަން އޭނާއަށް އެނގެއެވެ. ޒަލަފްއާ ދެމީހުން އެއްބައިވެގެން އޭނާއަށް ކެހިދީ އޮޅުވާލީތީވެސް އެދެމީހުން އެހާފަސޭހައިން ގުޅުނަކަ އޭނާ ނުދޭނެއެވެ. އެކަމުގެ ބަދަލު އޭނާ ހިފާނެއެވެ.

ޒައިކް އެތައްއިރަކު ވިސްނުމަށްފަހު ނިންމީ ދެހަފްތާގެ ޗުއްޓީއެއް ނެގުމަށެވެ. އޭނާ ބޭނުންވީ އޭނާގެ ގޭގެ ނުނިމިހުރި މަސައްކަތްތައް ނިންމާލައި ގެޔަށް ބަދަލު ވުމަށެވެ. އެހެންކަމުން އޭނާއާއެކު މަސައްކަތް ކުރާނެ އިތުރު ތިންމީހަކު ހޯދައިގެން ގޭގެ މަސައްކަތް ފެށިއެވެ. ޒައިކް ޗުއްޓީނެގި ނަމަވެސް ޒީޝާންއަށް އެކަމެއް ނޭނގެއެވެ. އޭނާ ހެނދުނު ހޭލާއިރު ޒައިކް ގެޔަކު ނުހުރެއެވެ. އަދި އޭނާ ނިދަންވާއިރުވެސް ޒައިކް ގެޔަކަށް ނާދެއެވެ. އޭނާ ހީކުރިގޮތާއި ޚިޔާފަށް ޒައިކް އޭނާއާ އެއްވެސް ގުޅުމެއް އުފައްދާކަށް މަސައްކަތެއް ނުކުރެއެވެ.
އަނެއްކޮޅުން ޒަލަފް އެއްވެސް ޚަބަރެއް ނުވެ ތިންދުވަސް ފާއިތުވެގެން ދިޔައިރު ޒީޝާންގެ ކެތްތެރިކަންވަނީ ކޮޅުންލާފައެވެ. ހަމަ ކުއްލިގޮތަކަށް ޒަލަފް ގުޅުން ކަނޑާލީތީ އޭނާ އެހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. ޒަލަފް ބަދަލުވާން ޖެހުނު ސަބަބެއް ވިސްނާ ވިސްނާވެސް އޭނާއަކަށް ނޭނގުނެވެ. ޒަލަފް ޚަބަރެއް ހޯދާނެ އިތުރުގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ހަދާނެ ގޮތް ހުސްވެފައި ހިތާމައިގައި އޭނާ ދުވަސްތައް ގުނަމުންދާތާ ހަތަރުވަނައަށްވީ ދުވަހު ޒަލަފް ގުޅިއެވެ. އަދި ވޭތުވެދިޔަ ތިންދުވަހު އޭނާއަށް ނުގުޅުނީ ފޯނުގައި މައްސަލައެއް އުޅޭތީކަމަށްވެސް ބުންޏެވެ.

ނަމަވެސް ހަޤީޤަތަކީ އޭނާ ގަސްތުގައި ޒީޝާންއާ ގުޅުން ކަނޑާލަން މަސައްކަތްކުރިކަމެވެ. އެހެންނަމަވެސް ހަމަކުއްލިއަކަށް ވީނުވީއެއް އަންގައިނުލައި ޒީޝާންއާއި ގުޅުން ކަނޑާލުމުން ޒީޝާން ދެރަވާނެވަރު އޭނާއަށް އަންދާޒާ ކުރެވުނެވެ. އަދި ޚުދު އޭނާއަށްވެސް އެކަމަށް ކެތްކުރުންވީ ނުހަނު ދަތިކަމަކަށެވެ. އެހެންކަމުން އޭނާ ވިސްނީ މަޑުމަޑުން ދުރުވަމުން ގޮސް ޒީޝާންއާ ދުރުވުމަށެވެ. އަދި ޒީޝާންއަށް ވިސްނައިދީގެން ޒައިކްއާއެކު އުޅުމަށް ބާރުއެޅުމަށެވެ. ޒީޝާންއަށް އެކަމުގައި ކާމިޔާބު ނުވެއްޖެނަމަ، ޒީޝާންގެ ޙަޔާތަށް އޭނާއަންނާނެ ކަމުގެ ޔަޤީންކަންވެސް ދިނުމަށެވެ. އެއްވެސް ހާލެއްގައި ޒައިކްއަށް ދެރައެއްދޭކަށް އޭނާ ގަސްތެއްނުކުރެއެވެ.
******
ޝިޔާ އޭނާގެ ކޮޓަރި ތެރޭގައި ފުރިހަމައަށް ނަލަހެދިގެން ކައިވެންޏަށް ތައްޔާރުވެގެން އިންނަމަވެސް އޭނާގެ މޫނުމަތީގައި ހިތާމައެއްގެ އަސަރު އެކުލެވިގެންވެއެވެ. މިއީ އޭނާގެ ޙަޔާތަށް އައި އެންމެ އުފާވެރި ދުވަސްނަމަވެސް، އޭނާގެ އެންމެގާތް އެކުވެރިޔާ އޭނާއާއެކުގައި ނެތުމުން އޭނާގެ ހިތަށް ނުހަނު އަސަރުކުރިއެވެ.

" ޝިޔާ…ކޮބާ ނުކުންނާކަށް ނުވޭ؟…މިހާރު ޤާޒީވެސް އަތުވެއްޖެ" ޝިޔާ ސިހުނީ ހުސެންގެ އަޑުންނެވެ. ޝިޔާ އާހްގެ ނޭވާއެއް ދޫކޮށްލަމުން އެނދުން ތެދުވިއެވެ.

" ކަމަކާ ދެރަވެފަތަ؟…." ޝިޔާގެ އަތުގައި ހިފާލަމުން ހުސެންއެހިއެވެ.

" އަހަރެން ހިޔެއް ނުކުރަން، އަހަރެން ކައިވެނިކުރާ ދުވަހު ޒީ އަހަރެންގާތުގަ ނުހުންނާނެ ކަމަކަށް……މިއީ ހަމަ އަހަރެންގެ ސަބަބުން ވީގޮތް" ފެންކަޅިވެފައި ހުރެ ޝިޔާ ބުނެލިއެވެ.

" ދެރަނުވޭ…އެކަމުގަ ޝިޔާގެ އެއްވެސް ކުށެއް ނެތް…ޒީ ނާންނަމޭ ބުންޏަސް އަހަރެމެން ދައުވަތުދިނީމެއްނު….އަހަރެމެންގެ ވާޖިބު އަދާވީނު….މިވަގުތު ނައިނަމަވެސް ފަހަރެއްގަ މިރޭގެ ހަފްލާގަ ބައިވެރިވާން ހަމަ އަތުވެދާނެއްނު..އެހާބޮޑަށް އެކަމާ ނުވިސްނަބަލަ!" ހުސެން ޝިޔާއަށް ވިސްނައިދިނެވެ.

" ހުސެންއަށް ހީވޭތަ އޭނަ އަންނާނެހެން؟…" ޔަޤީންކުރާ ފަދައަކުން ޝިޔާ އަހާލިއެވެ.

" ހޫމް…އަހަރެންނަށް ވަރަށް ޔަޤީން…ޒީޝާން އަންނަން ބޭނުން ނުވިޔަސް ޒައިކް އަންނާނީ އޭނަގޮވައިގެން…" ވަރަށް ޔަޤީން ކަމާއެކު ހުސެން ބުނެލިއެވެ.

" އެދެމީހުންގެ މެދުގަ އެހާބޮޑަށް ގުޅުން ގޯސްވެފަ އޮތްއިރު، ޒައިކް ސަރ ބުނެގެން ޒީ އަންނާނެތަ؟….އަހަރެންނަކަށް ހިޔެއްނުވޭ…." ޔަޤީންކަމެއްނެތް ގޮތަކަށް ޝިޔާ ބުނެލިއެވެ.

" އޯކޭ…ދެން މިވަގުތު އެކަމާ ނުވިސްނާ، އަހަރެމެންނާމެދު ވިސްނާލަބަލަ!…އެންމެން އިންތިޒާރުގަ އެތިބީ…" ހުސެން އެހެން ބުނުމުން ޝިޔާ އަހަވަށް ދޮރާދިމާއަށް ހިނގައިގަތެވެ.
******
އިރާދަމުގެ ވަގުތެވެ. އެހެން ރޭރެއަށްވުރެ އަވަހަށް ޒައިކް މިރޭ ގެޔަށް އަތުވެއްޖެއެވެ. އަދި އަމިއްލައަށް ގަމީހެއް އިސްތިރިކޮށްގެން ފެންވަރައި ތައްޔާރުވިއެވެ.

" ޒީޝާން…އަހަރެންނާއެކު ބޭރަށްދާން ތައްޔާރުވޭ!…" ސިޓިންރޫމުގައި ފޯނާކުޅެން އިން ޒީޝާން ސިހުނީ ޒައިކްގެ އަޑުންނެވެ. ދެމީހުންގެ މެދުގައި އެއްވެސް ކަހަލަ މުއާމަލާތެއް ނުހިނގާތާ ދުވަސްތަކަކަށްފަހު، ހަމަ ކުއްލިއަކަށް މިރޭ ޒައިކްއާއެކު ބޭރަށްދާން ބުނުމުން ޒީޝާންއަށް ހައިރާންކަމެއް ލިބުނެވެ. ދަނީ ކޮންތާކަށްތޯ ސުވާލުކުރަން ހިތަށްއަރާފައިވެސް އޭނާ ފަސްޖެހުނެވެ. އޭނާ ބަހެއްވެސް ބުނުމެއްނެތި ތެދުވެ ކޮޓަރިއަށް ވަނެވެ. އަލަމާރި ހުޅުވާލުމަށްފަހު ލާނެ ހެދުމަކާމެދު އޭނާ ވިސްނާލިއެވެ.
" އަން މިހެދުންލާ…." ކުއްލިއަކަށް ފަހަތުން ޒައިކްގެ އަޑުއިވުމުން ހައިރާންވެފައި ޒީޝާން ބަލާލިއިރު، ޒައިކްގެ އަތުގައި މެރޫންކުލައިގެ ހެދުމެއް އޮތެވެ. ސުވާލުގެ ނަޒަރަކުން ޒައިކްއާ ދިމާ ބަލާލަމުން ޒީޝާން ހެދުމުގައި ހިފިއެވެ. އެއީ ވަރަށް ރީތިކޮށް ޑިޒައިންކޮށްފައިވާ މެކްސީއެކެވެ. އެއާއިއެކުގައި ކޮފީކުލައިގެ ޝޯލްއެއްވެސް އޮތެވެ.

" ރޭގަ ދޮވެފަ އިސްތިރިވެސްކޮށްފަ ތިއޮތީ…." ޒައިކް ހިނިތުންވެލަމުން ބުނެލިގޮތުން ޒީޝާންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ޒީޝާން ފެންވަރައިގެން ނުކުމެ މެކްސީ ލީއިރު، އޭނާއަށް ހަމަ ހެޔޮވަރެވެ. އޭނާއަށް އެނގުމަކާއިނުލައި ޒައިކް އޭނާއަށް އެހާހެޔޮވަރު ހެދުމެއް ގެނެސްދިން ގޮތަކާމެދު އޭނާ ރަނގަޅަށްވެސް ހައިރާންވިއެވެ.

" މިރޭމީ ޒައިކްއަށް މާ ޚާއްސަ ރެއަކީބާ؟…." ޒީޝާންއަށް ވިސްނާލެވުނެވެ.

ޒީޝާން ތައްޔާރުވެގެން ނުކުތްއިރު، ޒައިކްއިނީ އިންތިޒާރުގައި އިނދެ އިނދެ ފޫހިވާގޮތްވެފައެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާ ހިނިތުންވެލަމުން އޭނާގެ އަތުގައި އޮތް ކަރުދާހު ކޮތަޅު ދިއްކޮށްލިއެވެ. ޒީޝާން ކޮތަޅުގައި ހިފަމުން އެތެރެ ބަލާލިއެވެ.
" ތިއީ ޒީޝާންއަށް އޮތް އެއްޗެއްނޫން…." ޒީޝާން ކޮތަޅުތެރެ ބަލާލިގޮތުން ހިނިއައިސްފައި ޒައިކް ބުނެލިއެވެ.

" ދެން އަހަރެން އަތަށްދިނީ ކީއްކުރަން؟…" ތުންއޫކޮށްލަމުން ޒީޝާން ހިތާހިތާ ކިޔާލިއެވެ.

ޒައިކްގެ އެދުމަށް ޒައިކްއާއެކު ސައިކަލުގެ ފަހަތަށް އެރިނަމަވެސް ޒީޝާންއިނީ ނުހަނު ޖެހިލުންވެފައެވެ. ޒައިކް އޭނާގޮވައިގެން ދާން އުޅެނީ ކޮންތަނަކަށް ކަންވެސް އެނގެނިއްޔެއް ނޫނެވެ. ގޯޅި ގޯޅި އަޅަމުން ގޮސް ޒައިކް މަޑުކޮށްލީ ހުސެންގެ ހުންނަ މަގަށެވެ. މުޅި މަގުވަނީ ކުލަކުލައިގެ ބޮކިތަކުން ޒީނަތްތެރިކޮށްފައެވެ. ތަންކޮޅެއްދުރުގައިހުރި ބޯޑެއްގައި ޝިޔާއާއި ހުސެންގެ ނަން ނިވި ދިއްލި ދިއްލި ހުއްޓެވެ.

" ކިހިނެއްވީ؟…ބެސްޓް ފްރެންޑް ކައިވެނިކުރިއިރުވެސް ނޭނގޭތަ؟…" ޒީޝާން ބަލާލިގޮތުން މަލާމާތުގެ ރާގެއްގައި ޒައިކް ބުނެލިއެވެ.

ޒީޝާން ޖަވާބެއްނުދީ ހިމޭނުންހުރީ ބުނާނެ އެއްޗެއް ނެތީތީއެވެ. މިއަދު ޝިޔާގެ ކައިވެނިކުރެވުނުކަން އޭނާއަށް އެނގެއެވެ. ޝިޔާ ކައިވެނިކުރި ތަނަށް އޭނާ ނުދިއުމުން މަންމަ އެތައްގިނަ ސުވާލެއްވެސް ކުރިއެވެ. އޭނާ ތަފާތު ބަހަނާ ދައްކައިގެން އެވާހަކަ އޮއްބާލިއެވެ. އަދި މިރޭވެސް މަންމަގެ ސުވާލުތަކާއި ކުރިމަތިވާނެކަން އޭނާއަށް އެނގޭތީ އޭނާހުރީ ނުހަނު ބިރުންނެވެ. އޭނާހުރީ އެއްގޮތަކަށްވެސް އެހަފްލާގައި ބައިވެރިވާން ތައްޔާރުވެގެންނެއް ނޫނެވެ.

" ކޮބާ އަދިވެސް ހުންނަނީތަ؟….ހިނގާ އެތެރެއަށް…." ޒީޝާން ހުއްޓިހުރުމުން ޒައިކް ބުނެލިއެވެ. ޒީޝާން ބަހެއްވެސް ނުބުނެ ޒައިކްގެ ފަހަތުން ހިނގައިގަތެވެ. ޖެހިލުންވެހުރެ ޒީޝާން މަޑުމަޑުން ކުރިޔަށް ގޮސް ގޮސް ހުރެފައި ޝިޔާ ފެނުމާއެކު ހުއްޓުނެވެ. މިހުރިހާ ދުވަހު ޝިޔާއާ ވާހަކަވެސް ނުދައްކާ ހުރެފައި މިގޮތަށް ކުއްލިއަކަށް ޝިޔާއާ ކުރިމަތިލާންވުމުން އޭނާހުރީ ލަދުންނެވެ. އޭނާ ހަމަ ފާޅުގައި ޝިޔާއާ ގުޅުން ކަނޑާލުމަށްފަހު އަލުން އެނބުރި ޝިޔާގެ ކުރިމައްޗަށް އަންނަންވުމުން ލަދު ނުގަންނާނެ ހެއްޔެވެ؟ ޝިޔާ ހީކުރާނީވެސް ކީކޭ ހެއްޔެވެ؟

ޒައިކް ހިނިތުންވެހުރެ ގޮސް ޝިޔާގެ ދެމަފިރިންނަށް މަރުޙަބާ ކިޔުމުން ޒީޝާންވެސް ޝިޔާއާ ސަލާމްކޮށްލުމަށްފަހު މަރުޙަބާކިޔެވެ. ޒީޝާން ފެނުމުން އުފަލުންގޮސް ޝިޔާގެ ދެލޯފެންކަޅިވީނަމަވެސް ޒީޝާންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަވަސްކަމެވެ.

" ޒީޝާން ނައިސްގެން މިހާރު ވަރަށް ޝަކުވާކޮށްފި…." ވަރަށް އާދައިގެ ގޮތަކަށް ހުސެން ބުނެލިގޮތުން ހުސެންނަށް އެދެމެދުގައި ހިނގި ދެބަސްވުން ނޭނގޭނީ ކަމުގައި ޒީޝާންއަށް ހީކުރެވުނެވެ. ހުސެން ބޭނުންވީ ގޮތަކީވެސް އެއީއެވެ.

" އަސްލުވެސް މާލަހުންނޭ މިއާދެވުނީ….އެކަމު އޭގަ ޒީގެ އެއްވެސް ކުށެއްނެތް…އަހަރެންނަށް އުޅެވުނުލެއް ލަހީ…." ޒައިކްވެސް ކަމެއް އެނގޭކަމަށްވެސް ހަދާނުލައި ބުނެލިއެވެ. އެވަގުތު ޝިޔާ ޒައިކްއާ ދިމާބަލާލުމުން ޒައިކް ހީލިއެވެ. ހުސެންއާއި ޒައިކްގެ ވާހަކަތައް ހުރިގޮތުން ޒީޝާންގެ ހިތުގައިވާ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ.

އެހެންމީހުންނާ ތަންކޮޅެއް ދުރުގައި އެކަހެރި މާހައުލެއްގައި ޒައިކްއާއެކު ޒީޝާން ކެއުމަށް އިންސާފުކުރަމުން ދިޔައިރު އޭނާގެ ހިތުގައި ތަފާތު ޚިޔާލުތައް އުތުރި އަރަމުން ދިޔައެވެ. މިއީ އޭނާވެސް ނުހަނު އުއްމީދުކުރި ރެޔެކެވެ. ޝިޔާގެ ކައިވެނި ވެވޭނެ ދުވަހަކަށް ކެތްތެރިކަމެއްނެތި އޭނާވެސް އިންތިޒާރުކުރިއެވެ. އޭނާގެ ކައިވެނި ކުރެވުނުއިރު ޝިޔާ ގޯނާކުރިފަދައިން އޭނާވެސް ގޯނާކުރަން ބޭނުންވިއެވެ. ޝިޔާގެ ފަރާތުން ފޮނިފޮނި ބަދަލެއް ހިފަން އޭނާހުރީ ކެތްމަދުވެފައެވެ. ނަމަވެސް، މިއަދު ހާލަތު ބަދަލުވެފައި މިވަނީ އޭނާ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

މިރޭ، އެހަފްލާގައި އޭނާ ބައިވެރިވީނަމަވެސް އޭނާއެކޭ އެހެން މެހެމާނުންނެކޭ މާބޮޑު ތަފާތެއްނެވެ. އެހެންމީހުންނަށްވުރެވެސް މިރޭގެ ހަފްލާގައި ބީރައްޓެހިކަން އޭނާއަށް އިހުސާސްކުރެވެމުން ދިޔައެވެ. އޭނާއަށް އެއިހުސާސްކުރެވެމުން ދިޔައީ ޚުދު އޭނާ އަމިއްލައަށް ޝިޔާއާމެދު ވިސްނިގޮތުންނެވެ. އޭނާފެނުމުން ޝިޔާ ހެވިފައިހުރި ނަމަވެސް، އޭނާއަކަށް މިރޭ ޝިޔާ ފެނުމުން މާބޮޑު އުފަލެއް ނުލިބެއެވެ. އޭނާއަށް އަދިވެސް ގަބޫލުކުރެވެނީ ޝިޔާ އޭނާގެ އުފާތަކަށް ހަސަދަވެރިވާ ކަމުގައެވެ.

ޒައިކްއާއި ޒީޝާން އެކުގައި ތިބިނަމަވެސް އެދެމެދުގައިވަނީ ހަމަހިމޭންކަމަކާއި ބީރައްޓެހި ކަމެކެވެ. ދެމީހުންގެ ހިތް ޚިޔާލުތަކުން ފުނިޖެހެމުން ދިޔައިރުވެސް، އެކަކުވެސް އިސްވެ ބަހެއް ބުނާކަށްވެސް ގަސްތެއްނުކުރިއެވެ. ދޭތެރެ ދޭތެރެއިން ޒައިކް އިސްއުފުލާފައި ޒީޝާންއަށް ބަލާލައެވެ. ޒީޝާން ވިސްނަމުން އެދަނީ ކޮންކަމަކާއިމެދުގައި ކަމެއް ޒައިކްއަށް ނޭނގުނު ނަމަވެސް ޒީޝާންއާމެދު އޭނާގެ ވިސްނުން ހުރީ އެއްގޮތަކަށް ކަނޑައެޅި ނިމިފައެވެ. މިރޭން މިރެޔަށް ޒީޝާން ހީވެސްނުކުރާފަދަ ބަދަލެއް ޒީޝާންގެ ޙަޔާތަށް އޭނާ ގެންނާނެއެވެ. އޭނާ އެހުރީ ހުރިހާކަމެއް ތައްޔާރުކޮށް ނިންމައިގެންނެވެ.

" ޒީޝާން….ކުޑަކަމެއް ޖެހިގެން ބޭރަށް ޖެހިލާފަ އަހަރެން އެބައަންނަން….ހަފްލާ ނިމޭންދެން ޒީޝާން މިތާނގަ މަޑުކޮށްލާ!…އަހަރެން އަންނާނަން ބަލާ…." ހަމަހިމޭންކަން ފޫދުއްވާލަމުން ޒައިކް ވާހަކަ ދެއްކިއެވެ.

" އަހަރެންވެސް މިނިމުނީ….އަހަރެން ގޮވައިގެން ދާންވީނު…." ޒައިކްއާއެކު ދިއުމަށް ޒީޝާންވެސް ބޭނުންވިއެވެ. އެމާހަލުގައި ބީރައްޓެހިވެފައި އިންނާކަށް އޭނާ ބޭނުމެއްނުވިއެވެ.

" ނޫނޭ…ޒީޝާން މަޑުކުރޭ! ބެސްޓް ފްރެންޑަށްވެހުރެ، ތިގޮތަށް ހަފްލާދޫކޮށް ދިއުމުން ޝިޔާ ކިހާދެރަވާނެ….މިހަފްލާގެ އެއްވެސް ކަމެއްގާ އަމަލީގޮތުން ބައިވެރިނުވެވުނުއިރު، ކުޑަމިނުން ހަފްލާނިމޭންދެން މަޑުކޮށްލެވޭނެއްނު….ޒީޝާން ހަނދާންވޭތަ އަހަރެމެންގެ ކައިވެނީގެ ކަންކަމުގާ ޝިޔާ އަވަދިނެތި އުޅުނު ހަނދާން…ޚުދު އޭނާވެސް ބޭނުންވާނެދޯ ޒީޝާންގެ ފަރާތުންވެސް ކޮންމެވެސް ބައިވެރިވުމެއް…..ތިގޮތަށް ބީރައްޓެއްސަކު ފަދައިން ކައިނިންމާލާގޮތަށް ހަފްލާދޫކޮށް ދިއުމުން އެހެންމީހުން ހީކުރާނެގޮތާމެދުވެސް ވިސްނާލަން ޖެހޭނެއްނު….އަހަރެން ދެކެ ލޯބިނުވާތީ އަހަރެން އިހުސާސްތަކަށް ޤަދަރުނުކުރިނަމަވެސް ޒީޝާން ލޯބިވާ ރަހުމަތްތެރިޔާގެ އިހުސާސްތަކަށް ޤަދަރުކުރަންވާނެއްނު…." ޒައިކްގެ ވާހަކަތަކުން ޒީޝާން ލަދުގަތްވަރުން އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނެ ހިމޭންވިއެވެ. އެވަގުތު އޭނާއަށް ކުށްވެރި އިހުސާސެއް ކުރެވިގެން ދިޔައެވެ.

" ހަފްލާ ނިމެންވާއިރަށް އަހަރެން އަންނާނަން…" ތެދުވެގެން ހިނގައިގަންނަމުން ޒައިކް ބުނެލިއެވެ.

ވަގުތުތައް ފާއިތުވަމުން ގޮސް ހަފްލާގެ ހަލަބޮލިކަން ކެނޑި މަޑުމަޑުން މީހުންތައް މަދުވާންފެށިއެވެ. މިހާރު އެތާނގައިތިބީ ދެފަރާތުގެ އާއިލާމީހުންނާއި ގާތްރަހުމަތްތެރީން ކޮޅެކެވެ. އެންމެން އެއްތަންވެގެން އެރޭގެ ފޮނި ހަނދާންތައް ކެމެރާގައި ރައްކާކުރަމުން ދިޔައިރު، އެމަންޒަރުބަލަން ތަންކޮޅެއް ދުރުގައި ޒީޝާން އިނެވެ. ކުއްލިއަކަށް ޝިޔާ ހުސެންގާތުގައި އެއްޗެއް ބުނެލުމުން، ހުސެން އެތަނުން ކުއްޖަކަށް ގޮވާފައި އެއްޗެއް ބުނެލިއެވެ. ގިނައިރުތަކެއްނުވެ އެކުއްޖާ އައިސް ޒީޝާންވެސް އެމީހުނާއެކު ބައިވެރިވުމަށް އެދުނެވެ. ޖެހިލުންވެހުރެ ޒީޝާންގޮސް ނުގޮތަކަށް އެއްކައިރިއެއްގައި ހުއްޓިލުމުން ޝިޔާއައިސް ޒީޝާންގެ އަތުގައިހިފާ ދަމާފައި ކަހަލަގޮތަކަށް ގެންގޮސް އޭނާއާ އެންމެގާތުގައި ބެހެއްޓިއެވެ.

" އަހަރެމެން ދެމީހުން އެކަނި ފޮޓޯއެއްނަގަން ބޭނުން…" ޒީޝާންގެ ކޮނޑުގައި އަތްއަޅުވާލަމުން ފޮޓޯނަގަންހުރި ކުއްޖާގެ ގާތުގައި ޝިޔާއެދުނެވެ.

" ބެސްޓް ފްރެންޑްއައީމަ ދެން އަހަރެންވެސް ބާކީވީދޯ…." ދެރަވާކަމަށް ހެދެމުން ހުސެންބުނެލުމާއެކު އެންމެން ހޭންފެށިއެވެ. ޝިޔާރަކިވުމުން ހުސެންއަށް ލޯއަޅާލަމުން ތުންއޫކޮށްލިއެވެ. އެންމެން އެއްފަރާތަކަށް ޖެހިލާފައި ޝިޔާއާއި ޒީޝާންއަށް ފޮޓޯނަގަން ވަގުތުދިނެވެ.

" ދެން ހީލަބަލަ!…" ޒީޝާންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނަންހުރުމުން ޝިޔާ ބުނެލިއެވެ. ޒީޝާން ގަދަކަމުން ހިނިތުންވެލިނަމަވެސް އޭނާހުރީ އަދިވެސް، ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މިނޫނީ ދުވަހަކުވެސް ޝިޔާއާއެކުގައި ހުންނައިރު މިފަދަ އިހުސާސެއް އޭނާއަކަށް ނުކުރެވެއެވެ.

" ކޮބާ ޒައިކް؟…އޭނަ ދިޔައީތަ؟…" ކުއްލިއަކަށް ޒައިކްމަތިން ހަނދާންވެގެން ޝިޔާއެހިއެވެ.

" ހޫމް…ކުޑަކަމެއް ޖެހިގެންނޭ ކިޔާފަ ދިޔައީ…" މަޑުމަޑުން ޒީޝާން ޖަވާބުދިނެވެ.

" އޯކޭ…އެހެންވީމަ ހިނގާ އިށީނދެލަން…މިހާރު ކޮޅަށްހުރެ ހުރެ ދެފައި ވާޅުވެއްޖެ…" ޝިޔާ އެހެންބުނަމުން ކައިރީގައިހުރި ގޮނޑިއެއްގައި އިށީނުމުން، ޒީޝާންވެސް ޝިޔާގެގާތުގައި އިށީނެވެ. ޝިޔާއިނީ ޒީޝާންގެ ގާތުގައި ވަރަށްގިނަ ސުވާލުކުރަން ބޭނުންވެފައެވެ. ނަމަވެސް، ބުނެވޭ އެއްޗަކުން އަނެއްކާވެސް ޒީޝާން ރުޅިއަތުވެދާނެތީ އޭނާ އެއްވެސް ސުވާލެއްނުކުރެއެވެ.

" އަހަރެން ހިޔެއްނުކުރަން އަންނާނެކަމަކަށްވެސް…." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޝިޔާބުނެލިއެވެ.

" އައީކީނޫން…ގެނައީ…" އަސަރެއްނެތްގޮތަކަށް ޒީޝާން ބުނެލިއެވެ.

" މާނައަކީ ޒީބޭނުންވެގެންނެއްނޫނޭ އައީ؟…ޒީއަދިވެސް އަހަރެންދެކެ ރުޅިއައިސްފަތަ ތިއިނީ؟…" ޒީޝާންގެ މޫނަށްބަލާލަމުން ދެރަވެފައި ޝިޔާ އަހާލިއެވެ.

" ނޫން…އަހަރެން ހީކުރީ ޝިޔާކަމަށް ރުޅިއައިސްފަހުރީ…." ފަނޑުގޮތަކަށް ހީލަމުން ޒީޝާން ބުންޏެވެ.

" އަހަރެން އެއްވެސް އިރެއްގަ ޒީދެކެ ރުޅިއެއްނާދޭ….އަހަރެން ބުނި އެއްޗެއްބުނީ ޒީއަށް ރަނގަޅަކަށް….ދެން އަޅާނުލާ އެވާހަކަ ބާއްވާ….އެވާހަކަ ދެއްކުމުގެ މިހާރަކު ނެތްތާ…އެކަން ހަނދާން ނައްތާލާ!…އަހަރެންވެސް ބަލާނަން ޒީގެ ކަންކަމާ ނުބެހެވޭތޯ…" ޝިޔާބޭނުންވީ އިތުރަށް އެވާހަކަ ނުދެއްކުމަށެވެ. ޝިޔާގެ ވާހަކަތަކަށް ރައްދުދިނުމުގެގޮތުން ޒީޝާން އެއްވެސް އެއްޗެއް ނުބުނެއެވެ. ބުނެވެންވެސް ނެތީއެވެ.

ޒައިކް ލަސްވެގެން ޒީޝާން ކަންބޮޑުވެފައި އިންދާ، ވަރަށް ހަލުވިކަމާއެކު ޒައިކް ވަދެގެން އަންނަ މަންޒަރު ފެނުނެވެ.
" އެއޮއްއައީނު…." ޒައިކް ފެނުމާއެކު ހިނިތުންވެލަމުން ޝިޔާބުނެލިއެވެ.

" ސޮރީ….ވަރަށް ލަސްވެއްޖެދޯ…." އެމީހުންގެ ގާތަށް ހުއްޓެމުން ޒައިކް ބުނެލިއެވެ. ޝިޔާ ޒައިކްއަށް ހިނިތުންވުމެއް ހަދިޔާކޮށްލިނަމަވެސް ޒީޝާން އެއްވެސް ރައްދެއްނުދީ އިންތަނުން ތެދުވިއެވެ.

" ޒީޝާން ޝިޔާއާ ހަވާލުކޮށް ދިޔައީމަ، އަހަރެން ހީކުރީ މިރޭ އަހަރެން އެކަނިކަމަށް ނިދަން ޖެހޭނީ…." ފަހަތުން ހުސެންގެ އަޑުއިވުމުން ޒައިކް ބަލާލިއެވެ.

" ނޫނޭ…މަވެސް ދެން އެހާ އަނިޔާވެރިއެއް ނުވާނެއްނު….ހުސެންގެ ފަސްޓްނައިޓް ޚަރާބުކޮށްލާހާ އަނިޔާވެރިމީހެއްނޫން އަހަރެންނަކީ…." ހުސެންނަށް ބަލާލަމުން ލާނެއްގޮތަކަށް ހީލާފައި ޒައިކް ޖަވާބުދިނެވެ. ޒައިކްގެ ޖަވާބު އަޑުއިވިފައި ލަދުގަތްވަރުން ޝިޔާއަށް އިޚްތިޔާރަކާއި ނުލައި އޭނާގެ ތިރީ ތުންފަތުގައި ދައިގަނުވުނެވެ. އެމަންޒަރުފެނިފައި ޒީޝާންގެ ގާތަށް ހިނިއަންނަގޮތްވިއެވެ. ޒައިކްއަކީ މިހާލާނެއް މީހެއްކަމެއް ކުރިއަކުން އޭނާއަކަށް ނޭނގެއެވެ. މިރޭ ޒައިކްގެ މިޒާޖް އާދަޔާ ޚިލާފަށް ތަފާތުކަންވެސް އޭނާއަށް ފާހަގަކުރެވުނެވެ.

" ހިނގާ އަވަހަށް އެކުދިންނަށް ވަގުތުދީފަ ދަމާ…." ޒީޝާންއަށް ބަލާލަމުން ޒައިކް ބުނެލިއެވެ.

ކިޔަމަންތެރިކަމާއެކު ޒައިކްގެ ފަހަތުން ޒީޝާން ނުކުތެވެ. ޒީޝާން އެރުމުން ޒައިކް ސައިކަލު ދުއްވާލިއެވެ. ބާރު ދުވެލީގައި ސައިކަލު ދުއްވަމުން ދިޔައިރު، މަގުތަކުގެ ހަމަހިމޭންކަމާއި ރޭގަނޑުގެ ފިނިކަމުން، އާދަޔާޚިލާފު ފިނިކަމެއް ޒީޝާންއަށް އިހުސާސްކުރެވެމުން ދިޔައެވެ. އޭނާ އެމަގުތަކަށް ހޭނިފައިވާ މަގުތަކާއި ގޯޅިތައް ފަސްދީގޮސް ޒައިކްގެ މިސްރާބު މުޅިން އެހެންދިމާއަކަށް ބަދަލުވިކަން ޒީޝާންއަށް ރޭކާލީ ގެފަސްދީ އެތަކެއް ހިސާބު ދުރަށް ދިޔަފަހުންނެވެ. ޒީޝާން ހައިރާންވެގެން ފަސްދީބަލާލިއިރު، ސައިކަލު ދުއްވަމުން ދިޔައީ އަލަށް ތުނޑީއަވަށުގައި އަލަށް އާބާދުވީ ސަރައްދާ ދިމާއަށެވެ. ނަމަވެސް މިފަދަ ވަގުތެއްގައި އޭނާގޮވައިގެން ޒައިކް މިހާދުރަށް އަންނަންޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. މިއީ އޭނާ ދުވަހަކުވެސް އައި ހިސާބެއް ނޫނެވެ. މިއީ އޭނާއަށް މުޅިން އައު ހިސާބެކެވެ. ވީއިރު، ޒައިކް އޭނާގޮވައިގެން މިތަނަށް އަންނަންވީ ކީއްވެބާއެވެ.
ގެތަކާއި ގޯޅިތައް ފަސްދީދަމުން ގޮސް އަލިކަމެއްނެތް އަނދިރި ގޯޅިއަކަށް ޒައިކް ވަދެއްޖެއެވެ. އެހިސާބުގައިވާ ގެތަކުން ފަނޑުއަލިކަމެއް ފެނުނު ނަމަވެސް، މަގުބައްތި ނެތުމުގެ ސަބަބުން މަގުގައިވަނީ ފަޅުކަމާއި ނާމާންކަމެވެ. މިފަދަ އަނދިރި ތާކަށް ޒައިކް އޭނާގޮވައިގެން ނާންނާނެއޭ އޭނާގެ ހިތަށްއެރިއެވެ.

" އަނެއްކާ ޒައިކްގެ ފަހަތަށްތަ އަރާ މިއިނދެވެނީ؟…" ކުއްލިއަކަށް ޒީޝާންގެ ހިތަށްވެރިވި ޚިޔާލަކުން އޭނާގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. ޒައިކްކަމަށް އޭނާއަށް މިއެރުނީ ޖިންނިއެއްގެ ފަހަތަށޭ ހިތަށްއެރުމާއެކު، އޭނާގެ ގައިގެހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް އާޔަތުލް ކުރުސީ ކިޔަންފެށިއެވެ. ބިރުގަތްލެއް ބޮޑުކަމުން އޭނާއަށް ކުރުސީ ކިޔުނީވެސް ދެތިންފަހަރު ފަށައިގެންނެވެ. އޭނާގެ ހިތަށް އައިހާ ހެޔޮއެއްޗެއް ކިޔަމުންދަނިކޮށް ކުއްލިއަށް ގެއެއްގެ ކައިރިއަށް ޒައިކް ސައިކަލު މަޑުކޮށްލައިފިއެވެ. އޭރު އޭނާއިނީ ބޮލަށް އެނބުރުން އަރައި މުޅިމީހާވެސް ދާހިއްލާފައެވެ.

" ކޮބާ…އަދިވެސް އިންނަނީތަ؟…" ސައިކަލު ނިވާލުމަށްފަހު ޒައިކް ފޭބިއިރުވެސް، ޒީޝާން އެއިންގޮތަށް އިނުމުން އޭނާއެހިއެވެ.

ޒައިކްގެ އަޑުއިވިފައި ބިރުން އިނދެ ޒީޝާން ދެލޯހުޅުވާލުމުން އަނދިރިކަން ނޫން އެއްޗެއް އޭނާއަކަށް ނުފެނުނެވެ. ރެޔަކީ ކަޅުފޮއެ އަނދިރި ރެއެއްކަމުން އުޑުމަތީގައި ވިދާބަބުޅަމުން ދިޔަ ތަރިތަކުގެ އަލިކަން ފިޔަވައި އިތުރުއަލިކަމެއް އެވަގުތަކު އޭނާއަކަށް ނުފެނުނެވެ. ޒައިކް އޭނާއެގެނައީ ކޮންފަދަ ތަނަކަށް ހެއްޔެވެ؟ މިވާން އުޅެނީ ކީއްހެއްޔެވެ؟ ޒީޝާންގެ ހިތްތެޅޭވަރުން މޭފޫއަޅާފައި ނުކުންނަށް އުޅޭފަދައެވެ.

" ޒީޝާން…" ޒީޝާންގެ ހަމަހިމޭންކަން ފެނިފައި ޒައިކް ކަންބޮޑުވެގެން ފޯނުދިއްލާލަފައި ޒީޝާންގެ މޫނަށް ބަލާލިއެވެ.

" މިކޮންތަނެއް؟…." ބިރުން ތުރުތުރު އަޅާހާލު ޒީޝާން އަހާލިއެވެ.

" ގެޔަށެއްނު މިއައީ…" ހީލަމުން ޒައިކް ބުނެލިއެވެ.

" ނޫން…މި ގެޔެއްނޫން….ހިނގާ ގެޔަށްދާން…" ކަންބޮޑުވެގެން ގޮސް ޒީޝާންއަށް ރޮވޭގޮތްވިއެވެ.

" ޒީޝާން ހަމަޖެހިބަލަ! މިއީ އަހަރެންގެ ގެޔޭ" ދޮރާށީގައި ހަރުކޮށްފައިވާ ނަންބޯޑު ދައްކާލަމުން ޒައިކް ބުނެލިއެވެ.

" ރޯޔަލް.." ނަންބޯޑުގައިވާ ނަމަށް ޒީޝާން ބަލާލިއެވެ.

" އާދޭ އެތެރެއަށް…" ޒީޝާންއަށް ބަލާލަމުން ޒައިކް ބުނެލިއެވެ.

" އެކަމު…މިގަޑީގަ" ޒީޝާންގެ ހިތުގައި އެތައްބައިވަރު ސުވާލުތަކެއް އުފެދުނެވެ.

" އެތެރެއަށް އައީމަ އެނގޭނެ…" ޒައިކް ދޮރާށި ހުޅުވާލަމުން ބުނެލިއެވެ.
ޒީޝާން ޖެހިލުންވެހުރެ ޒައިކްގެ ފަހަތުން އެތެރެއަށްވަނެވެ. ޒައިކް އޭނާގެ ފޯނުން އަލިކުރަމުން ކުރިޔަށް ދިޔައެވެ. ޒީޝާން ބިރުންހުރެ ކުރިޔަށް ދިޔައެވެ. ވަޔާއެކު ގަސްތަކުގެ ފަތްތައް ކޭއްތިލިލީ އަޑި އިވުމާއިއެކު ޒީޝާންއަށް ސިހިފައި ޒައިކްގެ އަތުގައި ހިފާލެވުނެވެ. ޒައިކް ހިނިތުންވެލަމުން ގޮސް ގޭގެދޮރުމައްޗަށް ހުއްޓުމާއެކު ކުއްލިއަކަށް އަމިއްލައަށް ބޮކިދިއްލިގެން ދިޔައެވެ. އެއާއެކު ސިހިފައި ޒީޝާންއަށް އަޑެއްލައްވާލެވުނެވެ.

" ހާދަ ބިރެކޭދޯ ތިގަންނަނީ؟…" ޒީޝާންއަށް ވީގޮތުން ހީލަމުން ޒައިކް ބުނެލިއެވެ. ޒީޝާން އަވަސް އަވަހަށް ޒައިކްއާ ދުރަށްޖެހިލިއެވެ. އަދި ބިރުންހުރެ ގޯތިތެރެއަށް ނަޒަރެއް ހިންގާލިއެވެ. ގޯތީގެ ދޮރުމަތީގައި ހުސްކޮށް އޮތް ސަރަހައްދުގައި، އަނބުގަހާއި، ފޭރުގަހާއި ޖަބްރޯލްފަދަ މޭވާއަޅާ ތަފާތުވައްތަރުގެ ގަސްތައްވެއެވެ. ގޯތީތެރޭގެ އެއްފަރާތުގައި ފުންޏަކަށް ޖަހާފައިވާ ލަނކުޑިއާއި ކަރުދާހުފޮށިތަކެއްވެސް އޭނާއަށް ފެނުނެވެ.

" އާދޭ އެތެރެއަށް…" ޒީޝާން ގޯތިތެރެއަށް ބަލަންހުއްޓައި ޒައިކްބުނުން ސިހިފައި އަވަހަށް ޒައިކްގެ ފަހަތުން އެތެރެއަށް ވަނެވެ. ޒައިކް ބޮކިތައް ޖައްސާލުމާއެކު މުޅިގޭތެރެ އަލިވެގެން ދިޔައެވެ. ޒީޝާން ހައިރާންވެފައި ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ފާރުތަކުގައި މަޑު ކުރީމް ކުލައެއްލާފައި އެއަށްވުރެ ގަދަކުލައަކުން ފަންގިފިލާގައި ބޯޑަރއަޅާފައިވުމުން ވަރަށްވެސް ފުރިހަމައެވެ. ސިޓިންރޫމުގައި ހަމައެކަނި ސޯފާއެއް ފިޔަވައި އިތުރު ފަރުނީޗަރެއް ނެތެވެ.

" ދެން ތިތާތަ ހުންނާނީ؟.." ޒީޝާން ހުއްޓިހުންނަން ފެށުމުން ޒައިކް އެހިއެވެ.

" މިހާރު ވަރަށް ލަސްވެއްޖެ…މާދަމާވެސް މިގެބެލިދާނެއްނު…" ޒީޝާންބޭނުންވީ އަވަހަށް ގެޔަށްދާށެވެ.

" މީގެފަހުން އަހަރެމެންގެ ގެޔަކީ މީ…އަހަރެމެން އުޅޭނީ މިގޭގަ…." ޒައިކް އޮޅުންފިލުވައިދިނެވެ.

" ދެން މަންމަމެން؟" ޒީޝާންއަށް އަހާލެވުނެވެ.

" މަންމަމެން އުޅޭނީ މަންމަމެންގެ ގޭގަ….މިގޭގަ އުޅޭނީ އަހަރެމެން ދެމީހުން…" ޒައިކް އޮޅުން ފިލުވައިދިނެވެ.

" ދެން ޒީކް؟.." އަނެއްކާވެސް ޒީޝާން އަހާލިއެވެ.

" ޒީކްވެސް އެގޭގަ…" ޒައިކް އަނެއްކާވެސް ބުނެލިއެވެ.

ޒައިކްގެ ވާހަކަތަކުން ޒީޝާންގެ ކަންބޮޑުވުން އިތުރުވިއެވެ. ޒައިކް އޭނާއާއެކު ކުއްލިއަކަށް މިގެއަށް ބަދަލުވާން ވިސްނީ ކީއްވެގެން ބާއެވެ.

" އެކަމު…މިރޭ ނިދަންވެސް ޖެހޭނެއްނު…" ޒީޝާން އަނެއްކާވެސް ބުނެލިއެވެ. ޒީޝާން އެހެން ބުނުމުން ޒައިކް ކުއްލިއަކަށް ޒީޝާންގެ އަތުގައި ހިފައިގެން ގެނެސް ކޮޓަރިއެއްގެ ތެރެއަށް ވެއްދިއެވެ.

" މިތަން ކުޑަތަ ޒީޝާން ނިދަން…" ހަރުކަށިކަމާއެކު ޒައިކް ކޮށްލި ސުވާލުން ޒީޝާން ސިހުނެވެ. އަދި ކޮޓަރިތެރެއަށް ނަޒަރެއް ހިންގާލިއެވެ. އެއީ ވަރަށްވެސް ފުރިހަމަ ކޮޓަރިއެކެވެ. ކޮޓަރިތެރޭގައި މައިގަނޑު ކުލައަކަށްވަނީ ހުދުކުލައެވެ. ދެން އެއާއި ގުޅުވާފައިވަނީ އޭނާއަށް އެންމެރީތި ކުލަކަމަށްވާ ދަނބުކުލައެވެ. ބެޑްރޫމް ސެޓްވެސްހުރީ ހުދުކުލައިންނެވެ. ފަރްނީޗަރާއި އެހެނިހެން އާލާތްތަކުން ޒީނަތްތެރިކޮށްފައިވާ އެކޮޓަރި ވަރަށްވެސް ފުރިހަމައެވެ. ކޮޓަރީގެ އޭސީ އޮންކޮށްފައިހުރިއިރު، ފަރްނީޗަރުގެ އާވަސް މުޅިކޮޓަރީގައި ހިފާފައިވެއެވެ.

" މިއީ ޒީޝާންގެ ކޮޓަރި….ޒީޝާންގެ ހުރިހާ ސާމާނެއްވެސް ހުންނާނީ ގެނެސްފަ….އަހަރެން މިދަނީ ބޭރު ސޯފާއަށް…ޒީޝާން ނިދާ…" އެހެންބުނުމަށްފަހު ޒައިކް ނުކުމެގެން ދިއުމުން ޒީޝާންއަށް އެނދުގައި އިށީނެވެ.

" އަހަރެންގެ އަންނައުނުތައްވެސް ގެނައީތަ؟…" އަލަމާރި ކައިރީގައިހުރި ދެފޮށިފެނުމުން ޒީޝާންއަށް ހިތާހިތާ ކިޔާލެވުނެވެ. އޭނާ ޔަޤީންކޮށްލުމުގެ ގޮތުން ގޮސް، ފޮށިތައްހުޅުވައި ބަލާލިއެވެ. އެއްފޮށީގައިހުރީ މުޅިންވެސް އޭނާގެ އަންނައުނެވެ. އަނެއްފޮށީގައިހުރީ އޭނާގެ އެހެނިހެން ސާމާނެވެ. ޒައިކް އޭނާގެ ހުރިހާ އެއްޗެއް ހިފައިގެން މިރޭން މިރެއަށް އެގެއަށް ބަދަލުވީ ކީއްވެގެންބާއޭ އޭނާގެ ހިތަށްއަރަމުން ދިޔައެވެ. ހަމަކުއްލިއަކަށް ޒައިކްއަށް އެއައީ ކޮން ބަދަލެއް ހެއްޔެވެ؟

ޒައިކްގެ ގެވަޅެއް އޮންނަކަމާއި ގެވެސް އަޅަންފަށާފައިހުރިކަން، ކުރިންވެސް އޭނާއަށް އެނގިފައިވެއެވެ. ނަމަވެސް ޒައިކް އޭނާގެ ގެނިންމައި ގެޔަށް ބަދަލުވާން އުޅޭކަމުގެ އަލާމާތެއްވެސް އޭނާއަށް ފެނިފައް ނުވެއެވެ. އޭނާއަށް އަންގާލުމެއްވެސްނެތި ޒައިކް އެވަރުގެ ބޮޑު ނިންމުމެއް ނިންމީ ކީއްވެގެން ބާއެވެ. ސުވާލުތަކެއް ތެރެއަށް އޭނާ ދޫކޮށްލުމަށްފަހު ޒައިކް އެދިޔައީ ކޮންތާކަށް ބާއެވެ.
ނުނިމޭ