Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ބަޖެޓު 2020: އަތޮޅު ތެރެއިން އެންމެ ބޮޑު ހޭދައެއް އައްޑޫއަށް

އައްޑޫ ސިޓީގެ ހިތަދޫ ---

މިހާތަނަށް އެއްވެސް ބަޖެޓެއްގައި ތަރައްގީގެ މަޝްރޫއުތައް ބަޖެޓު ނުކުރާވަރަށް މިއަހަރުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތައް ބަޖެޓުކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި 900އަށްވުރެ ގިނަ މަޝްރޫއު ހިންގުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ މަޝްރޫއުތަކަކީ މިހާރުވެސް ހިނގަމުންދާ މަޝްރޫއުތަކެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް ވަނީ 10.2 ބިލިއަން ރުފިޔާ ހިމަނާފައެވެ. މިއީ މިހާތަނަށް ބަޖެޓެއްގައި ޕީއެސްއައިޕީއެއް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަދެވެ. މިއީ މުޅި ބަޖެޓުގެ 27 ޕަސެންޓެވެ.

ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގަނީ މައިގަނޑު 10 ދާއިރާއަކުންްނެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުގައި 3.3 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާއިރު އަތޮޅުތަކުގައި 2.5 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނެ ކަމަށް ބަޖެޓް ފޮތުގައި ވެ އެވެ. އަތޮޅުތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރާ ގޮތަށް ރާވާފައި ވަނީ އައްޑޫ އެވެ. އެއީ 523 މިލިއަން ރުފިޔާގެ މަޝްރޫއެވެ.

މީގެ އިތުރުން އެންމެ ބޮޑު ހޭދައެއް ކުރާ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހދ. އަތޮޅުގައި 362 މިލިއަން ރުފިޔާ، ރ. އަތޮޅުގައި 309 މިލިއަން ރުފިޔާ، ތ. އަތޮޅުގައި 332 މިލިއަން ރުފިޔާ، ގދ. އަތޮޅުގައި 486 މިލިއަން ރުފިޔާގެ މަޝްރޫއެވެ. ފުވައްމުލަކުގައި 228 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާ ގޮތަށް ހަމަޖެހިފައި ވެ އެވެ.

ސަރުކާރުން ބުނީ އެންމެ ބޮޑު އިސްކަމެއް ދޭނީ ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށް ކަމަށެވެ. އެގޮތުން ސަރުކާރުން ވަނީ އަންނަ އަހަރު ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ކަންކަން ފަސް ދާއިރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.