އާއްމުނަށް ފޯރުކޮށްދެމުންދާ ޙިދުމަތްތައް އޮންލައިންކޮށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީ (އެމް.އެފް.ޑީ.އޭ ) އިން ޤާއިމް ކުރި "ދިރިތި" ނަމުގައި ޕޯޓަލްއެއް މިއަދު އިފްތިތާހް ކޮށްފިއެވެ.
މިރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން އެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަދު އިފްތިތާޙް ކުރި "ދިރިތި" ޕޯޓަލް އަކީ އާއްމު ފަރުދުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ލުއިފަސޭހަކަމާއިއެކު ދިނުމަށާއި މަސައްކަތުގެ ދުވެލި އަވަސް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ލުއިފަސޭހައެއް ކަމަށެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަކީ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ބެލެހެއްޓުމަށް އެތަކެތީގެ ރަޖިސްޓްރޭޝަންއާއި ހުއްދަ ދިނުމުގެ ޚިދުމަތް ދެމުންއަންނަ މުވައްސަސާ އެކެވެ. މިއަދު އިފްތިތާޙް ކުރި، "ދިރިތި" ޕޯރޓަލް އިން ކާބޯތަކެއްޗާއި ބޭހާއި ގުޅޭގޮތުން އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް "އޮންލައިން" ނިޒާމެއްގެ ތެރެއިން ވަރަށް ފަސޭހަކަމާއިއެކު ލިބިގެންދާނެއެވެ.
މި ގޮތުން އެމް.އެފް.ޑީ.އޭއިން ދޫކުރަމުންދާ ކާބޯތަކެއްޗާއި ބޭހާއި ގުޅޭ ރަޖިސްޓްރޭޝަންތަކާއި ހުއްދަތައް އަދި ބޯރޑަރއިން ދޫކުރާ ހެލްތު ކްލިއަރަންސް ހޯދުމުގެ މަސައްކަތަށް ލުއިފަސޭހަކަމާއިއެކު ދުވެލި އަވަސް ވާނެއެވެ.
"ދިރިތި" ނިޒާމް ތަޢާރަފް ވެ، "ނެޝަނަލް ސިންގަލް ވިންޑޯ" ވިއުގައަށް ގުޅައިލުމުން، އެހެނިހެން އެޖެންސީތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ބަދަލުކުރެވޭ ލިޔެކިއުންތައް ބަދަލުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.