Last Updated: April 27, 10:10
Saturday, April 27, 2024
ރިޕޯޓް

ކުލަ ބަދަލުކުރާ ބޯވަޔާއި އަބުރު

ޕީޕީއެމް ތަރުޖަމާނު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، ފޮޓޯ: އަވަސް

މާލޭގައި ދެހާސްއެގާރަވަނަ އަހަރު މުޒާހަރާކުރި ދުވަހެެއްގައި އަހަރެންހުރީ ކުދިންކޮޅެއް މަގުމައްޗަށް ނެރެގެން މަންޒަރާއި އަޑުތައް ލައިވްކުރުމުގެ މަސައްކަތުގައެވެ. މުޒާހަރާގެ ބައިވެރިން އައިސް މަޑުކުރީ އަހަރެންގެ ކުރިމަތީގައެވެ. މަޖިލީސް މެންބަރުންގެ ތެރެއިންވެސް ހައެއްކަ މީހުން އުޅެއެވެ. ދެން އެމީހުންގެ ބަސް އިއްވައި މައިކް އޮފްކޮށްފައި އެނބުރިލީތަނާ މީހަކު ބުރަކަށީގައި ކޮށްޓާލައިގެން ބެލިއިރު އެއީވެސް މަޖިލީސް މެންބަރެކެވެ.

އެމީހަކު ބުންޏެވެ. އަހަރެންގެ ބަސްވެސް ލައިވްކޮށްލަދޭށެވެ. ދެން މީނާޔަށް މައިކް ދިނީމާ ވަރަށް އަސަރާއެކު ދިގު ތާނިޔާއެއް އަމުނާލައިފިއެވެ. ކޮށްފައިހުރި އަސަރެއްގެ ބޮޑުކަމުން ވާހަކަ ދެއްކީވެސް ޒާތަކަށް ރޮމުންރޮމުންނެވެ. ބުންޏެވެ. މީޑިއާގެ މިނިވަންކަންވެސް ސަރުކާރުން އެއުޅެނީ ފޭރިގަންނާންވެގެންނެވެ. ހަަށިގަނޑުގެ ތެރޭގައި ނޭވާ ދައުރުވާހާހިނދަކު ހިލާ އެކަންވިޔަކަ ނުދޭނަމެވެ. މީޑިޔާއަކީ ރައްޔިތުންގެ އަޑެވެ. އެއަޑު ކެނޑުނަ ނުދިނުމަކީ ޑިމޮކްރަސީއަށްޓަކައި ފަރުޟެކެވެ.

އެހެންދުވަހެކެވެ. މަޖިލީހުގެ ކޮމިޓީއަކަށް އަހަރެން ހާޟިރުކުރި ދުވަހެކެވެ. އެއީ ދެހާސް ސޯޅަވަނައަހަރުގެ ކޮންމެވެސް ދުވަހެކެވެ. ރައްޔިތުންގެ މަޖިލީހަށް އުށައެޅިފައި އޮތީ އަބުރުގެ ގާނޫނަށް ބޮޑު އިސްލާހެއް ގެނެސް ހަރުކަށި ކުރުމުގެ ބިލެކެވެ. އުފެދުމުގައިވެސް ބާތިލު މިބަސް އަބަދުމެ ތަކުރާރުކުރައްވާ މަޝްހޫރު ގާނޫނީ މުޝީރުގެ މޭޒުމަތިން ފަރުމާވެގެންއައިސް ރައީސާއި އެމަނިކުފާނުގެ އައުވާނުންގެ ދިފާއަށްޓަކައި ތައްޔާރުކުރެވުނު ދަގަނޑުދަހަނާއެކެވެ.

ކޮމިޓީން ސުވާލުކުރީ އެބިލާމެދު އަހަރެންގެ ކަންބޮޑުވުންތަކަކީ ކޮބައިތޯ ދެނެގަތުމަށެވެ. ބުނީމެވެ. ތިޔަ ބިލުގެ ސަބަބުން މަރުވެގެންދާނީ މިނިވަން މީޑިޔާއެވެ. އޭގެ ސަބަބުތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދިނީމެވެ. ހާޟިރުވެ ތިބި މެންބަރުންކުރެ ހަމައެކަކުވެސް ރައްދެއް ނުދެއެވެ. އަޑުއަހާންތިބީއެވެ.

މިތާކުން ނިކުމެގެންއައިސް ގޯތިތެރެއާ ހަމަވިތަނާ މެންބަރަކު އައިސް ބުންޏެވެ. ތިޔަކަހަލަ މީޑިއާއެއް ބޭނުމެއް ނޫނެވެ. ތިޔައީ ނައްތާލަންޖެހޭ އެއްޗެކެވެ. ފިތުނަފަސާދަ އުފައްދާ އެއްޗެކެވެ. ބައިބައިކުރާ ހަތިޔާރެކެވެ. ސަރުކާރަށް ތަހައްމަލުކުރަންޖެހިފައިވާ ވަބާއެކެވެ. ސަރުކާރާއި ރައްޔިތުން ޖައްސަންއުޅޭ ބައިގަނޑެކެވެ. މީހެއްގެ މުށުތެރޭގައި ބަނދެވިފައިވާ ކަތުރުފަނިތަކެކެވެ. ލަސްތަކެއްނުވެ ކަލޭމެންގެ ކަންތައް ނިމޭނެއެވެ. އެއީ ގައުމީ ފަރުޟެކެވެ.

އެއްކަމަކާއިމެދު ތަފާތު ދެ ދުވަހެއްގައި ދެ އަނގަޔަކުން ވާހަކަ ދެއްކީ އެކެކެވެ. މިކަހަލަ މީހުންގެ އަނގަ ބަދަލުވަނީ އަދި ވިސްނުންވެސް ބަދަލުވަނީ ހާލަތާއި އަމިއްލަ މަސްލަހަތު ފުރޮޅޭގޮތަކުންނެވެ. ނެތީ ހަރުދަނާކަމާއި އުސޫލެވެ. އެމީހާ އެކަންޏެއް ނޫނެވެ. މިޒާތުގެ ކިތަންމެ ކިތަންމެ ބަޔަކު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެބަތިއްބެވެ. އެކަހަލަ މީހުންގެ ބަސް ގަބޫލުކުރާ މީހުންވެސް އުޅެނީ ތޯއްޗެކެވެ. ދެރައީ އަބުރުވެރި މާތްމީހުންގެ އަގުވައްޓާލަން މިކަހަލަ މީހުންނަށް ފުރުސަތު ދެވޭތީއެވެ. މުވައްސަސާތަކުގެ ނަމުގައި ވާހަކަދައްކަން ޖާގަދެވޭތީއެވެ.

ކުލަބަދަލުކުރާ ބޯވަ މީރުވާ މީހުން އުޅޭފަދައިން އެޔަށް އެލާޖިކްވާ މީހުންވެސް އުޅޭނެއެވެ. ގާތްނުވުމަށް ގަދައަޅާ މީހުންވެސް އުޅޭނެއެވެ. ގާތްނުވާންވެގެން ފޭޔަށް ޖެހުމަކީ އެމީހުންގެ އަގުވައްޓާލައި ޒާތްޒާތުގެ އިލްޒާމުތައް ބޮލުގައި އަޅުވާންޖެހޭ ސަބަބެއް ނޫނެވެ. އެކަމަކު އެއްކަލަ މެންބަރު ވާނީ ހަމަ އޭނަޔަށްތާއެވެ. ކުލަބަދަލުކޮށްގެން މަގާމު ބަދަލުވިޔަސް ތޮބީއަތަށް އަންނާނޭ ބަދަލެއް ނޯންނާތާއެވެ. ކުރެވޭނީ ކުރާން ދަސްވެ ކަށީގައި ހަރުލާފައި ހުރި ކަމެއްތާއެވެ.