Last Updated: April 26, 06:25
Friday, April 26, 2024
ރިޕޯޓް

ރަސޫލާއަށް މާތްކޮށްހިތުން

އަޅުގަނޑުމެން އިންސާނުން މިހާރު ދިރިއުޅެމުން މިދަނީ ޕޯސްޓް މޮޑްނިސްޓް ދުވަސްވަރުއެވެ. އެހެން އިބާރާތަކުން ބަޔާންކުރާނަމަ މިއީ ދުނިޔެ ޒަމާނީވުމުގެ ފަހުގެ ދައުރެވެ. މިއީ އިންސާނީ ތާރީޚުގައި އޭނާގެ ވިސްނުމާއި ފިކުރަށް އެންމެބޮޑެތި ބަދަލުތައް ގެނުވި ވަގުތެވެ. މިއަދު އިންސާނުންގެ މެދުގައި ފާހަގަކުރެވޭ އެންމެ ޚާއްޞަ ސިފައަކީ ކޮންމެކަމަކަށް ފާޑުކިޔާ ނުވަތަ ކޮންމެ ކަމަކަށް ފާޑުކިއުމުގެ ނަޒަރުން ބެލުމެވެ. އެހެންނޫނީ ކޮންމެކަމަކަށް ޝައްކާއި ވަހުމުގެ ނަޒަރުން ބެލުމެވެ. ޕޯސްޓް މޮޑްނިސްޓް ދައުރުގައި އިންސާނާގެ ފިކުރު ބަދަލުވުމަށް މެދުވެރިވި ކަންކަމުގެތެރޭގައި މީސް މީޑިއާއި އިންޓަނެޓްވެސް ހިމެނެއެވެ. އިންސާނާގެ ވިސްނުމަށްއައި މިބޮޑު ބަދަލުގެ ނޭދެވޭ އަސަރާއި މުސްލިމުންވެސް ކުރިމަތިލާންޖެހިފައިވެއެވެ. ޙައްސާސްކަންބޮޑު މިދަނޑިވަޅުގައި މޮޑްނިޒަމްގެ ކުރިއަށް ޖެހިލަންޖެހެއެވެ. ނުވަތަ ދުނިޔެ ޒަމާނީވުމުގެ ކުރިން އޮތް ހާލަތަށް ބަލާލަންޖެހެއެވެ.

ޒަމާނީ ދައުރު އައުމުގެ ކުރިން (ޕްރީ މޮޑްނިސްޓް ޒަމާނުގައި) ދުނިޔޭގައި ބޮޑެތި ޙަޟާރަތާއި ޘަޤާފަތްތައް އޮތެވެ. އޭގެތެރޭގައި ހިންދުކަރައާއި ސީނު ކަރައާއި ފާރިސް ކަރައާއި ހުޅަނގުގެ ނުވަތަ ވިލާތާއި އެފްރިކާގެ ޙަޟާރަތްތައް ހިމެނެއެވެ. އެ ޙަޟާރަތްތަކުގައި އެމީހުން އިޙުތިރާމްކޮށް ގަދަރުކުރި ކަންކަން ހުއްޓެވެ. އެއީ ދުވަހަކުވެސް އެމީހުން މަލާމާތްކޮށް ހަޖޫޖަހައި މަޖަލަކަށްހަދާފައިނުވާ ކަންކަމެވެ. އެފަދަ ކަންކަމަކީ އެމީހުންގެ ޢިއްޒަތާއި ހައިބަތުގެ ރަމްޒުތަކެވެ. އޭގެތެރޭގައި ހުރުމަތްތެރިވި ދީނީ ފޮތްތަކާއި ޤައުމީ އަބުޠާލުންނާއި ޚާއްޞަ ބިނާތަކާއި ތާރީޚީ ވާހަކަތަކާއި ޤާނޫނު އަސާސީ ހިމެނެއެވެ.

މިޒަމާނުގައި ފާހަގަކުރެވޭ އެއްކަމަކީ ޒުވާނުންގެ ވިސްނުމާއި ފިކުރު އެއްކޮށް ބަދަލުކޮށްފައިވުމެވެ. ނަތީޖާއެއްގެގޮތުން އެމީހުން އިހުތިރާމްކޮށް ކަމޭހިތާ އެއްވެސްކަމެއްނުވެޔޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. މައިންބަފައިންނަށް އިހުތިރާމެއްނުކުރެއެވެ. މަގުމަތީގެ އަދަބު ސަދަބެއްނެތެވެ. މުޖުތަމަޢުގެ އާންމު ހަމަތަކާއި އަސާސްތަކަށް ބެލުމެއްނެތެވެ. މިއީ ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ލޮލަލަށް ތަކުރާރުކޮށް ފެންނަ މަންޒަރެވެ. ފަހަރުގައި ގަބޫލުކުރަން ބޭނުންނުވިޔަސް މިއީ ހިނގަމުންމިދާ ޒަމާނުގެ ހަގީގަތެވެ. ހުރުމަތާއި ކަރާމަތަކީ އެމީހުންގެ ކުރިމަތީގައި ނުވާއެއްޗެއްފަދައެވެ.

މިއަދު ފާހަގަކުރެވޭ އެހެން ކަމެއްވެސް އޮވެއެވެ. އެއީ އަނެކުންގެ ސަމާލުކަން ހޯދުމަށްޓަކައި ކުރަން އެންމެމޮޅު ކަމަކީ އެހެން ކަންކަމާއި ތަންތަނާއި މީހުންނަށް ފުރައްސާރަކޮށް ހަޖޫޖެހުންކަމަށް ދުށުމެވެ. މީހުން ހުރުމަތްތެރިކޮށް ހިތާ ކަންކަމުގެ ހުރުމަތް ކަނޑަންއުޅުމެވެ. މީހުން އިހުތިރާމްކުރާ ކަންކަމަށް އިހުތިރާމްކުޑަކުރަން އުޅުމެވެ. ހުރުމަތްތެރިވެގެންވާ ކަންކަމަށް ހަޖޫ ޖަހައި އެއީ ހެއްވާކަމަކަށް ހަދަންއުޅުމެވެ. އެއްޗެއްގެ އަގުވައްޓާލެވުމަކީ ކުރެވޭ އެންމެމޮޅު ކަންތަކަށްވުމެވެ. ބައެއް ނޫސް މަޖައްލާތަކުގައި ހުންނަ ލިޔުމަކީ މިދެންނެވިފަދަ މިސާލެކެވެ. ހަމައެގޮތަށް ނޫސް މަޖައްލާތަކުގައި ހުންނަ ލިޔުންތަކަށް މީހުން ފާޅުކުރާ ބައެއް ޚިޔާލަކީ މިދެންނެވި ބަހުގެ ހެއްކެކެވެ.

އަޅުގަނޑުމެން ދިރިއުޅެމުންމިދާ ޕޯސްޓް މޮޑްނިސްޓް ދުވަސްވަރު އިންސާނުންގެ އިޙުތިރާމާއި ލޯތްބާއި ގަދަރު އެންމެބޮޑަށް އަމާޒުކުރެވިފައިވަނީ މުނިފޫހިފިލުވުމަށެވެ. ސިނާޢަތަކަށް ބަލައިފިނަމަ މިއީ މިއަދު އެންމެ ނަފާބޮޑު ވިޔަފާރިއެވެ. ޔޫޓިއުބްގައި ހުންނަ ވީޑިއޯތަކާއި ލަވައާއި މިއުޒިކަކީ މިދެންނެވި ބަހުގެ ހެއްކެކެވެ. އަދުގެ އިންސާނާއަށް އެންމެމޮޅު އެއްޗަކީ އޭނާ އެންމެބޮޑަށް ހެއްވާލާ ކަންކަމެވެ. އެއީ މުޅިންވެސް އޭނާގެ ފޫހިފިލުވުމަށް ހުރި ކަންކަމެވެ. ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އަބަދުވެސް ބަންގީގެ އަޑުއިވޭ ފަދައިން ދުނިޔޭގެ ކޮންމެވެސް ތަނެއްގައި އަބަދުވެސް މުނިފޫފިފިލުވުމުގެ ބޮޑު ހާދިޘާއެއް ހިނގައެވެ. އޭގެތެރޭގައި ތަފާތު ކުޅިވަރުތަކާއި މިއުޒިކާއި ކޮންސަޓްހިމެނެއެވެ.

މީޑިއާގައި މަސައްކަތްކުރާ މީހުންނަށް މިހަގީގަތް ވަރަށް ރަނގަޅަށް އެނގެއެވެ. އެމީހުންނަށް އެނގޭގޮތުގައި މީހުންނަށް އެންމެ ކަމުދަނީ އެމީހުންނަށް އެންމެބޮޑަށް ހެވޭ އެއްޗިއްސެވެ. އެހެންވެ އެފަދަ އުފެއްދުންތައް އުފެއްދުމަކީ އަދުގެ އެންމެ ކާމިޔާބު ވިޔަފާރިއެވެ. މީހުން ހެއްވާލެވޭކަމަށްވާނަމަ އެލިބެނީ ފައިސާއެވެ. ފަހެ މިއީ ކިހާ މޮޅު ކަމެއް ހެއްޔެވެ! މިކަމުގެ ސަބަބުން އަދުގެ މިދުނިޔޭގައި ޢިލްމުވެރިންނާއި ފަންނުވެރިންނާއި ހިންގުންތެރިން އެމީހުންގެ މަސައްކަތް ކޮޅެއްގައި ޖެއްސުމަށްޓަކައި ބޮޑު ޚަރަދުކޮށްގެން ފިލްމުއުފައްދައެވެ. ޔުނިވަސިޓީ ތަޢުލީމުގައި ފިލްމަކީ މިއަދު މުހިންމު އެހީއެކެވެ.

މިއަދުގެ އެންމެބޮޑު ގޮންޖެހުމަކީ އަދި އެންމެ އޮޅުންބޮޅުން ބޮޑު އެއްކަމަކީ އިންސާނާ އިޙުތިރާމްކުރާ އެއްވެސް ކަމެއްނެތުމެވެ. އަމްދުން ކަމޭހިތާ އެއްވެސް ޝަޚުސިއްޔަތެއްނުވުމެވެ. އޭނާ މަޖަލަކަށް ޖޯކަކަށް ނުހަދާ އެއްވެސްކަމެއްނެތުމެވެ. އޭނާގެ ފުރައްސާރައާއި މަލާމާތް އަމާޒުނުވާ ހަމައެންމެކަމެއްވެސް ނެތުމެވެ. މިސާލަކަށް ޓީވީ ސިލްސިލާ ސެސަމް ސްޓްރީޓަށް ބަލާލަމާތޯއެވެ؟ އެމީހުން ތާރީޚީ މުހިންމު ޝަޚުސިއްޔަތު ކާޓޫނަށް ބަދަލުކޮށް މަޖާއެއްޗަކަށް ހަދާފައިވެއެވެ. އެގޮތުން އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންޓަންފަދަ ބޭފުޅުން ހިމެނެއެވެ. މިކަމުގެ ބޭނުމަކީ ކޮންމެ ކަމެއް މަޖަލަކަށް ހެދުމެވެ. އެހެންވެ އަދުގެ އެންމެބޮޑު ހަގީގަތަކީ އިންސާނާ ހަޖުލަކަށް ނުވަތަ މަޖަލަކަށް ނުހަދާނެ އެއްވެސްކަމެއް ދުނިޔޭގައިނުވާކަމެވެ.

މުނިފޫހި ފިލުވާދޭ ސިނާޢަތް އެންމެ ވަރުގަދަ އެއް ގައުމަކީ އެމެރިކާއެވެ. އެމީހުންގެ ޓީވީ ސިލްސިލާ ސިމްސަންސްއަށް ބަލާލަމާތޯއެވެ؟ މިސިލްސިލާގައި ކަލާނގެއަށް ހަޖޫޖަހައި ކަލާނގެ ބޮޑު ޖޯކެއްގެގޮތުގައި ސިފަކޮށްދީފައިވެއެވެ. މީގެއިތުރަށް ރަސޫލުންނާއި ނަބިއްޔުންގެ މައްޗަށް ފިލްމުހަދައި އެބޭކަލުންގެ ޢިއްޒަތާއި ހުރުމަތް ވެއްޔާއި މޮޑެފައިވެއެވެ. އެބޭކަލުން ގެންނެވި މުޢުޖިޒާތްތަކާމެދު ވެސް މީޑިއާގައި މީހުން ފުރައްސާރަކުރެއެވެ. މިއީ އަޅުގަނޑުމެން ދިރިއުޅެމުންދާ ޒަމާނީ ދައުރުގެ ހާލަތެވެ. ހަމަ ކޮންމެ ކަމެއް ޖޯކަކަށް ހަދާ ޒަމާނެވެ. މާތްކޮށްހިތުމަކީ މިހާރު އެކަމަށް ފުރައްސާރަކުރެވޭ ކަމެކެވެ. އެހެންވެ މާތްކޮށްހިތަން މީހުން ފަސްޖެހި ބިރުގަނެއެވެ.

މިދަނޑިވަޅުގައި ހިތާމަޔާއެކު ފާހަގަކުރަންޖެހޭ އެއްކަމަކީ ޚުދު ބައެއް މުސްލިމުން އެމީހުންގެ ދީނަށާއި ކީރިތި ޤުރްއާނަށާއި ރަސޫލުﷲ ﷺ އަށް ނިސްބަތްކޮށް ދައްކަންނުވާ ޒާތުގެ ވާހަކަދެއްކުމެވެ. ނުވަތަ ފާޑުކިއުމުގެ ނަޒަރަކުން ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺ އާމެދު ބަސްބުނުމެވެ. އަދި އެފަދަ ވާހަކައަކީ ހެޔޮނިޔަތުގައި އިޚުލާސްތެރިކަމާއެކު ދައްކާ ވާހަކަކަމަށް އެފަދަ މީހުންނަށް ހީވުމެވެ. ހަގީގަތުގައި އެމީހުންނަށް ކީރިތި ޤުރްއާނާއި ކީރިތި ނަބިއްޔާ ﷺ ނޭގޭކަން ޚުދު އެމީހުންނަށްވެސް ނޭގެއެވެ.

ކަންއޮތީ މިހެން ކަމުގައިވިޔަސް އެއްވެސް ރަސޫލަކަށް ނުވަތަ ނަބިއްޔަކަށް ފުރައްސާރަކޮށް ހަޖޫ ޖެހުމަކީ މުސްލިމުން ގަބޫލުކޮށް ބަލައިގަންނަކަމެއް ނޫނެވެ. އެއީ މުސްލިމުން ރުޅިއަރާނެ ކަމެކެވެ. ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް ބަދުބަސް ބުނުމުން މުސްލިމުން އެކަމާދެކޮޅަށް ތެދުވުމަކީ ޠަބީޢީކަމެކެވެ. އެހެނީ އެއީ މުސްލިމުންނަށާއި އެމީހުންގެ ދީނަށް ފުރައްސާރަކޮށް މަލާމާތްކުރުންކަމުގައިވާތީއެވެ. އެކަމަކުވެސް ދުނިޔޭގެ އެކިކަންކޮޅުގައި ދޭތެރެދޭތެރެއިން މިފަދަ ނޭއްގާނީ އަމަލުތައް ހިންގައެވެ. އެފަދަ ކޮންމެ ވަގުތަކު އިސްލާމީ އުއްމަތް އެކަމަށް ކޮންމެވެސް ސިފައެއްގައި ރައްދުދެއެވެ.

ވިސްނާލުން ހުއްޓެވެ. އިސްލާމް ދީނަށް ނުވަތަ ރަސޫލުﷲ ﷺ އަށް ފުރައްސާރަކުރާ މީހުން އެކަންކުރުމުގެ އެއްބޭނުމަކީ މުސްލިމުން ރުޅިއަރުވައި އެމީހުން ކެއްކުވުމެވެ. މުސްލިމުން ލައްވައި އަތުންފައިން ގޯސްހެއްދުމެވެ. މިއީ މުސްލިމުން ހޭލަންޖެހޭ ނުކުތާއެކެވެ. ދީނުގެ ޢަދުއްވުން ޖަހާ ކޮންމެ މަޅިއެއްގައި މުސްލިމުން ޖެހިގެން ނުވާނެއެވެ. މުސްލިމުން ޢިލްމާއި ޙިކުމަތުޢަމަލީ ބޭނުންކޮށްގެން އެފަދަ މަޅިތަކުން ސަލާމަތްވާންޖެހެއެވެ. އަދި ދީނަށާއި ނަބިއްޔުންނާއި ރަސޫލުންނަށް އެމީހުން ކުރާ ފުރައްސާރައާއި ކުރިމަތިލާންޖެހެނީ ވިސްނުންތެރިކަމާއެކު ފިސާރިމޮޅަށެވެ. މިނޫންގޮތަކަށް ރައްދުދެވޭ ކޮންމެ ފަހަރަކު ހަގީގަތުގައި އެކިލަނބުކޮށްލެވެނީ އަޅުގަނޑުމެންގެ ދީނާއި އުއްމަތުގެ ތަސައްވުރެވެ.
މުސްލިމުން ދަންނަންޖެހޭ އެއްކަމަކީ ދުޝްމަނުންގެ ފޮރުވިފައިވާ މަގުސަދަކީ ފައިސާކަން ދަތުމެވެ.

އެމީހުން ހަގީގަތުގައި އަޅުކަންކުރަނީ ފައިސާއަށްކަން ދަތުމެވެ. އަދި އެމީހުންގެ ބޭނުމަކީ ދީނާއި ނަބިއްޔުންނާއި ރަސޫލުންނަކީ ނުވާ އެއްޗެއްކަމަށް މީހުންނަށް ވިސްނައިދިނުމެވެ. މުސްލިމުންނަކީ ބޯދާ އަދި ބާޠިލު ޢަޤީދާއެއްގައި ތިބި ބައެއްކަން މީހުންނަށް އާންމުކޮށް ވިސްނައިދިނުމެވެ. އެމީހުން ޖަހާ ކޮންމެ މަޅިއެއްގައި މުސްލިމުން ޖެހުމާއެކު އެމަޅި ޖެހި މީހުންނަށް ބިލިއަނުން ފައިސާލިބެއެވެ. ހަމައެގޮތަށް އެމަޅީގައި މުސްލިމުން ޖެހުމާއެކު މުސްލިމުން ދުނިޔޭގައި ބަދުނާމުވެ ފަޟީހަތްވެއެވެ. މިއީ ދީނުގެ ޢަދުއްވުންގެ ބޭނުމާއި މަގުސަދެވެ. އެހެންވެ އުއްމަތުގެ ޢަދުއްވުން ހިންގާ އަމަލުތަކަށް އަޅުގަނޑުމެން ރައްދުދޭންޖެހެނީ ޙިކުމަތްތެރިކަމާއެކުއެވެ.

އަދުގެ މިހާލަތަށް ރިއާޔަތްކުރާއިރު އަޅުގަނޑުމެން މުސްލިމުން ކުރަންޖެހޭ އެންމެބޮޑު ކަމަކީ ރަސޫލުﷲ ﷺ އަށް މާތްކޮށްހިތުމެވެ. އެކަލޭގެފާނަށް ހުރުމަތްތެރިކޮށްހިތައި އެކަލޭގެފާނަށް އިޙުތިރާމްކުރުމެވެ. އެކަލޭގެފާނަށް އެންމެފުރިހަމަ މާނައިގައި ތަބާވެ އެކަލޭގެފާނަށް ލޯބިކުރުމެވެ. ހަމައެފަދައިން އެކަލޭގެފާނުގެ ސުއްނަތުގައި އެންމެފުރިހަމަގޮތުގައި ހިފުމެވެ. ނަތީޖާއަކަށްވާނީ ހުރިހާ މާނައެއްގައި އެންމެ ފުރިހަމަ ނަމޫނާ މުޖުތަމަޢުއަކަށް އަޅުގަނޑުމެންވުމެވެ. ސުލްހަވެރިކަމާއި އަމާންކަމާއި ފާގަތިކަމުގައި މިސާލަކަށްވުމެވެ. ދުނިޔޭގެ ކުރިމަތީގައި އިސްލާމް ދީނާއި އުއްމަތުގެ ބުރުސޫރަ ރީތިކުރުމެވެ. މިކަންކުރުމަށްޓަކައި ފުރަތަމަ ޖެހެނީ ރަސޫލުﷲ ﷺ އަށް މާތްކޮށްހިތުމަކީ ކޮބައިކަން ދެނެގަންނާށެވެ.

މިލިޔުން ލިޔުމުގެ ބޭނުމަކީ ރަސޫލުﷲ ﷺ އަކީ ކޮބައިކަމާއި އެކަލޭގެފާނަށް ކަމޭހިތުމަކީ ކޮބައިކަން ބަޔާންކުރުމެވެ. މިލިޔުމުގައި ފުރަތަމަ މިބަލަނީ އަޅުގަނޑުމެންގެ ރައްބު ﷲ ތަޢާލާ އެކަލާނގެ ނަބިއްޔާ މުޙައްމަދު ﷺ އަށް ދެއްވި ޢިއްޒަތާއި މަގާމާއި ދަރަޖައާއި މަތިވެރިކަމަށެވެ. ﷲ އެކަލާނގެ ނަބިއްޔާ ﷺ އަށް ދެއްވި ލޯތްބާއި އިޙުތިރާމާއި ޝަރަފަށެވެ. މިލިޔުމުގައި ދެން މިބަލަނީ އަޅުގަނޑުމެންނަށް އެކަލޭގެފާނު މުހިންމުވާ މައިގަނޑު ސަބަބަށެވެ. އެއަށްފަހު މިލިޔުމުގައި މިބަލަނީ އެކަލޭގެފާނާމެދު މާތްކޮށް ހިތުމުގެގޮތުން އަޅުގަނޑުމެން ކަންކުރަންވީގޮތަށެވެ. ޢިލްމާނީ ނުވަތަ ސެކިއުލަރ ފިކުރަށް ގައުމު ގެނބިގެންދާ ވަގުތު މިމައުޟޫއުއަށް އިންސާފުކުރުމަކީ ކޮންމެ ދިވެއްސަކު ކުރަންޖެހޭ ކަމެއްކަމުގައި ދެކެމެވެ.

ﷲ، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުންގެގޮތުގައި އިޚުތިޔާރުކުރެއްވި އެންމެހައި ބޭކަލުންނަށް ޢިއްޒަތާއި މަތިވެރިކަން ދެއްވިއެވެ. އެހުރިހައި ބޭކަލުންނަށް ދުނިޔެއާއި އާޚިރަތުގައި މަގާމާއި ދަރަޖަ ދެއްވިއެވެ. އެކަމަކު އެހުރިހައި ބޭކަލުންނާއި ނުބައްދަލު މިންވަރަށް ﷲ، ރަސޫލު ﷲ ﷺ އަށް ޢިއްޒަތާއި ދަރަޖައާއި ޝަރަފްދެއްވިއެވެ. އޮޅިގެން މީސްތަކުންނަށް އެކަލޭގެފާނަށް އަޅުކަންކުރެވިދާނެ މިންވަރަށް ﷲ، ރަސޫލު ﷲ ﷺ އަށް ލޯތްބާއި މާތްކަން ދެއްވިއެވެ. އެހެންވެ ﷲ ކީރިތި ޤުރްއާނުގައި ތަކުރާރުކޮށް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ﷺ ކަމުގައި އެންގެވިއެވެ. އެކަލޭގެފާނަކީ އިންސާނެއްކަމަށް ތަކުރާރުކޮށް ﷲ ހަނދާންކޮށްދެއްވިއެވެ. އެކަލޭގެފާނަކީ ހަމައެކަނި ﷲ ގެ އެންމެފަހުގެ ރަސޫލާ ﷺ ކަމުގައި ވިދާޅުވުމަށް އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ. މިކަމުގެ ޙިކުމަތަކީ އެކަލޭގެފާނަށް ތަބާވި މީހުން ޝިރުކުގެތެރެއަށް ވަނުމަށް ފުރުސަތުނުދެއްވުމެވެ.

ނުނިމޭ….