Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ފަނަރަ ވަނަބައި)

ޒައިކްގެ ގެވަޅެއް އޮންނަކަމާއި ގެވެސް އަޅަންފަށާފައިހުރިކަން، ކުރިންވެސް އޭނާއަށް އެނގިފައިވެއެވެ. ނަމަވެސް ޒައިކް އޭނާގެ ގެނިންމައި ގެޔަށް ބަދަލުވާން އުޅޭކަމުގެ އަލާމާތެއްވެސް އޭނާއަށް ފެނިފައް ނުވެއެވެ. އޭނާއަށް އަންގާލުމެއްވެސްނެތި ޒައިކް އެވަރުގެ ބޮޑު ނިންމުމެއް ނިންމީ ކީއްވެގެން ބާއެވެ. ސުވާލުތަކެއް ތެރެއަށް އޭނާ ދޫކޮށްލުމަށްފަހު ޒައިކް އެދިޔައީ ކޮންތާކަށް ބާއެވެ.

އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު، ޒައިކް ކޮބައިތޯ ބަލާލުމަށްޓަކައި އޭނާ ކޮޓަރިން ނުކުތެވެ. ލަސްލަހުން ސިއްރު ސިއްރުން ފިޔަވަޅު އަޅަމުން ގޮސް އޭނާ ސިޓިންރޫމަށް ނުކުތްއިރު، ޒައިކް ރީތިކޮށް ސޯފާގައި އޮށޯވެލައިގެން އޮތެވެ. އޭނާއޮތީ ހަފްލާއިން އައިގޮތަށް ހެދުންވެސް ބަދަލު ނުކޮށެވެ. އެހެންކަމުން ޒައިކް ހޭލާވެސް އޮވެދާނެކަމަށް ބިރުން ޒީޝާން އަވަހަށް، ކޮޓަރިއަށް އެނބުރި އައެވެ. އަނެއްކާވެސް އެނދުގައި އިށީނދެ އޭނާ ވިސްނަން ފެށިއެވެ.

ޒައިކް އޭނާ ގޮވައިގެން ހަމަ ކުއްލިއަކަށް އެގެއަށް އައީ ކީއްވެގެން ބާއެވެ؟ އޭނާއާ މަޝްވަރާ ކުރުމެއްވެސްނެތި އެވަރުގެ ބޮޑު ނިންމުމެއް ނިންމީ ކީއްވެގެން ބާއެވެ؟ އޭނާ ކިތަންމެ އިރަކު ވިސްނި ނަމަވެސް އޭގެ ޖަވާބު ނުލިބޭނެކަން އެނގުމުން، އޭނާ ހެދުން ބަދަލުކޮށްގެން ނިދަން ގަސްތުކުރިއެވެ. ނިދާބޮކި ދިއްލުމަށްފަހު އެނދުގައި އޮށޯވެ ލޯމަރާލުމާއެކު ހިތަށް ބިރުވެރިކަމެއް ވަދެއްޖެއެވެ.

" އަހަރެން ނިދާތަނުން އޭނަ ވަދެއްޖެއްޔާ ކީއްކުރާނީ؟…ނިދާފަކަމަށް ހަދައިގެން އޮވެފަ، އަހަރެންނަށް ނިދޭތަނުން ވަދެވެސްފާނެ…." ކުއްލިއަކަށް ޒީޝާންގެ ހިތުގައި ޒައިކްއާމެދު ނުބައި ޚިޔާލެއް އުފެދިއްޖެއެވެ.
މިހާދަންވަރު ހަމަ ކުއްލިގޮތަކަށް އެހާފަޅުތަނަކަށް ގެނައުމުން ވާނީވެސް އެހެން ނޫންހެއްޔެވެ؟ އޭނާ ތެދުވެ ކޮޓަރީގައި ހުރިނަމަ ހުރި ބޮތްކެއް ދިއްލައި މުޅިތަން އަލިކޮށްލިއެވެ. އަދި ފޯނު ނަގާފައި ވައިބަރ އޮންލައިންވެ، ޒަލަފްއަށް މެސެޖްކޮށްލަން ގަސްތުކުރިއެވެ.

" އާހް!..މިއަދު ރިޗާރޖް ކުރާކަށްވެސް ހަނދާނެއްނުވި…." ފޯނުގައި ޑާޓާނެތްކަން ހަނދާންވުމުން ޒީޝާން ރުޅިގަދަވިއެވެ.

ކުޑަމިނުން މެސެޖެއް ކޮށްލާނެވަރުވެސް އޭނާގެ ފޯނަކު ނެތެވެ. މިފަދަ ރެޔެއްގައި އޭނާއަށް ފޯނުގެ ބޭނުމެއްވެސް ނުކުރެވުނެވެ. އެންމެފަހުން އޭނާ ފޯނުގައިހުރި ފޮޓޯތައް ބަލަންފެށިއެވެ. އޭގައިވާ ޒަލަފްގެ ފޮޓޯތައް ފެނުމުން ބޭއިޚްތިޔާރުގައި އޭނާއަށް ހިނިތުންވެލެވުނެވެ. އޭނާ އެފޮޓޯތަކަށް ބަލަންއިންދައި ކުއްލިއަށް ހަނދާންވެގެން އަވަސް އަވަހަށް ޒަލަފްގެ ނަމްބަރަށް ކޯލްމީބެކް ފޮނުވާލިއެވެ. އަދި ޒަލަފް ގުޅާނެ އިރެއްގެ އިންތިޒާރުގައި އިނެވެ. އެގޮތުގައި އިރުކޮޅެއްވުމުންވެސް ޒަލަފް ނުގުޅިއެވެ. އެހެންކަމުން އޭނާ އެމަތި މައްޗަށް ކޯލްމީބެކް ފޮނުވަމުން ގޮސް، އެވެސް ހުސްވެއްޖެއެވެ.

" އަޅެ ޒަލް ނިދީތަ؟…ޕްލީޒް ގުޅާބަލަ!…" މޮޅިވެރިކަމާއެކު ޒީޝާންއަށް ބުނެވުނެވެ.

އޭނާ އިންތިޒާރު ކޮށްކޮށް ނުގުޅުމުން، އެންމެފަހުން މާޔޫސްވެގެން ފޯނު އެނދުމައްޗަށް ހޫރާލާފައި ބާލީހުގައި ބައްދާލިއެވެ. އޭރު އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. އޭނާގެ ހިތުގައި ޝަކުވާތައް އުތުރިއަރަމުން ދިޔައެވެ. ޒައިކް އޭނާ ގެނެސް ފަޅުގެޔަކަށް ލައިގެން އެކަމުގެ ނާޖާއިޒް ފައިދާ ނަގަން މަސައްކަތްކޮށްފާނެތީ އޭނާ ބިރުގަންނަވަރު ޒަލަފްއަށް ހާމަކޮށްދޭން އޭނާ ބޭނުންވެއެވެ. ޒައިކްގެ ކިބައިން އޭނަ ސަލާމަތްކޮށްގެން ވީހާވެސް އަވަހަށް ޒަލަފް މީހަކަށް ނުހަދައިފިނަމަ ވަގުތު ފާއިތުވެގެން ހިނގައިދާނެއެވެ. އޭނާ ހީކުރިވަރަށްވުރެ ޒައިކްގެ ވިސްނުން ރަނގަޅެވެ. އެންމެނާއި ދުރަށް ގެނެސް ވަކީން ގެޔަކަށްލީމައި ޒައިކް ބޭނުން ގޮތެއް އޭނާއަށް ހެދިދާނެއެވެ. އޭނާގެ ނުރުހުމުގައިވެސް ޒައިކް ބޭނުންކަމެއް ކޮށްފާނެއެވެ. މިހުރިހާ ދުވަހު ޒައިކްއަށް އެފުރުސަތު ނުދީ އޭނާ އުޅުނު ނަމަވެސް، މިރޭ ޒައިކް އެކަމަށް އެދިއްޖެނަމަ އޭނާ ކުރާނީ ކީއްހެއްޔެވެ؟ ނޫނެކޭ ބުނެ ދެކޮޅު ހެދިނަމަވެސް، ޒައިކް އެއަޑު ނުހައިފިނަމަ ދެން ކުރެވޭނެ ކަމެއް ނޯންނާނެއެވެ.

ޒައިކް އަތުވެދާނެކަމަށް ބިރުން އިރު އިރުކޮޅުން އޭނާއަށް ދޮރާދިމާ ބަލާލެވެއެވެ. ދޮރު ތަޅުލާފައި ހުރިނަމަވެސް ޒައިކްގެ އަތުގައި ތަޅުދަނޑި އެބައޮތެވެ. ވީއިރު، ޒައިކް ބޭނުން ކޮންމެ ވަގުތަކުވެސް ވަދެފާނެއެވެ. ވިސްނަމުން ދިޔަ ވަރަކަށް ޒީޝާންގެ ހިތުގައި އުފެދެމުން ދިޔަ ބިރުވެރިކަން ބޮޑުވަމުން ދިޔައެވެ. ކްއިލްޓް ދަށަށްވަދެ، ކުރުގެޅިގެން އޮތްއިރު، އޭނާގެ ހިތުގެ ތެޅުމުގެ އަޑު ޚުދު އޭނާއަށް އިވެއެވެ. އެގޮތުގައި ވިސްނަން ޒީޝާން އޮއްވައި މެންދަމުން އަލިވެގެން ހިނގައްޖެއެވެ. ހަށިގަނޑު ގުޑުވާވެސް ނުލައި އެއްގޮތަކަށް އޮވެއޮވެ،މިހާރު އެއްފަރާތް އައްސި ވެއްޖެއެވެ. އެހެންކަމުން އޭނާ ކުޑަކޮށް ހަށިގަނޑު ސީދާކޮށްލުމަށްފަހު ބާލީހުގައި ހަމަޖެހިލިއެވެ. ނުނިދަން އަޒުމް ކަނޑައަޅައިގެން ދެލޯބޮޑުކޮށްގެން އޮއްވައިވެސް މަޑުމަޑުން އޭނާގެ ލޯމެރެންފެށިއެވެ. ނިދެމުން ނިދެމުން ގޮސް ސިހިފައި ކުއްލިއަކަށް ހޭލެވެއެވެ. އެހާލެއްގައި އުޅެނިކޮށް އޭނާއަށް ނިދުނީ ފަތިސްވުމާއި ގާތްވެފައި ވަނިކޮށެވެ.

ޒީޝާންއަށް ހޭލެވުނީ ދަމަކަށް އިރުއެރިފަހުންނެވެ. އޭނާ ފުރޮޅިލަމުން ފޯނުހޯދާލީ ގަޑިބަލާލުމުގެ ބޭނުމުގައެވެ. ރަނގަޅަށް ދެލޯވެސް ނުހުޅުވާއޮވެ، ފޯނުގައި އަތްޖެހޭތޯ އޭނާ އެނދުގައި އަތްކާއްތަމުން ދިޔައެވެ. އެންމެފަހުން އަތްނުޖެހުމުން އޭނާ ތެދުވެ ބާލީސްތައް ހިއްލައިގެން ފޯނު ހޯދަން ފެށިއެވެ. އެނދުމަތިން ނުފެނުމުން، ވެއްޓިފައި އޮތްތޯވެސް އޭނާ ބެލިއެވެ.

" މިހާރު އެފޯނުގަނޑު ކޮބާތަ؟…" ޒީޝާން ހޯދާ ހޯދާވެސް ފޯނެއް ނުފެނުނެވެ. އޭނާ ބެޑްސީޓް ނަގައިގެންވެސް ބަލައިފިއެވެ. އެނދާއި ގޮދަޑިއާ ދޭތެރެއަށް ވެއްޓިފައި އޮތްތޯވެސް ބެލިއްޖެއެވެ. ނަމަވެސް ފޯނެއްނެތެވެ.

" ޒައިކް ގެންދިޔައީބާ؟…" ކުއްލިއަކަށް އޭނާގެ ހިތަށްއެރިއެވެ. އެއާއެކު އޭނާ އަވަސް އަވަހަށް ކޮޓަރިން ނުކުތެވެ.

ސިޓިންރޫމަށް ނުކުމެ ބެލިއިރު ޒައިކްއެއް ނެތެވެ. އޭނާ ޖެހިލުންވެހުރެ ގޭގެ މައިދޮރު ހުޅުވާލީ ގޯތިތެރޭގައި ޒައިކްހުރިތޯ ބަލާލުމަށެވެ. އޭނާ ވަށައިގެން ގޯތިތެރެއަށް ނަޒަރު ހިންގާލިއެވެ.

ގޯތިތެރޭގައިވާ ޖަބްރޯލް ގަހާއި އަނބުގަހާއި ފޭރުގަހުން ފައިބާފައިވާ ފަތްތަކުން ގޯތިތެރެވަނީ ފުރިފައެވެ. ދޮރާށިން ފެށިގެން ގެޔާއި ދެމެދުގައި ހިނގަން އޮތް މަގުފިޔަވައި ހުރިތާތަނެއްގައިވަނީ ވިނަފަޅާ ބޯވެފައެވެ. ދޮރާށްޓާއި ތަންކޮޅެއްދުރުގައި ލަކުޑިފަތިތަކާއި ބޯކަރުދާހުގެ ފުނިވަރެއް ހުއްޓެވެ. ފަޅައިގެން ގޮސްފައިވާ ހިލަވެލި ބަސްތާތަކެއްވެސް މާދުރުނޫން ހިސާބެއްގައި ހުއްޓެވެ. އަދި ގޯތިތެރޭގެ އެކިހިސާބުގައި ސިމެންތި ހުސްކުރި ގޯނިތަކާއި ފުނޑުވެފައިވާ ގާކުނޑިތައްވެސް ހުއްޓެވެ. ރޭގަނޑު ގަނޑީގައި އެހާ ރަނގަޅަށް ގޯތިތެރެ ނުފެނުނު ނަމަވެސް ދުވާލުގެ އަލިކަމުގައި އެތަނުގެ ހާލަތު އޭނާއަށް ތަސައްވަރު ކުރެވުނެވެ.

އެގެއަށް ބަދަލުވާން ޒައިކް އެހާބޭނުންވިއިރު، ކުޑަމިނުން ގޯތިތެރެ ވިނަނޮޅާ ސާފުކޮށްލިނަމަ ވާނީ ކީއްހެއްޔެވެ؟ ގައިމު ޖަންގަލިކަން ތަންކޮޅެއް ކުޑަވީސް ނޫންހެއްޔެވެ؟ އެހައި ލައިނުގަނެގެން ޒައިކް އެގެއަށް ބަދަލުވީ ފަހެ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ ގޭގެ ބިއްދޮށުފަރާތް އޮތް ހާލަތެއް އަދި ނޭނގެއެވެ.

ގޯތިތެރެއަށް އިރުކޮޅަކު ބަލަންހުރެފައި އެތަނުގެ ޖަންގަލިކަމާއި ފަޅުކަމުން ހުންނަން ނުކެރިގެން ޒީޝާން އަވަސް އަވަހަށް އެތެރެއަށް ވަނެވެ. އޭނާ ކޮޓަރިއަށް ގޮސް އަނެއްކާވެސް ފޯނު ހޯދަން ފެށިއެވެ.

" ހަމަ ރަނގަޅަށްވެސް ޒައިކް ނެގީތަ؟…" ޒީޝާން ހިތާހިތާ ކިޔާލަމުން ކޮޓަރިން ނުކުމެ ސިޓިންރޫމު ސޯފާމައްޗާއި ސޯފާގެ ދަށްވެސް ބެލިއެވެ. ނަމަވެސް އެތާކުވެސް ފޯނެއްނެތެވެ. ދެން އޭނާ ގަސްތުކުރީ އެހެން ކޮޓަރިތައްވެސް ބެލުމަށެވެ. އޭނާ ފަހަރަކު ކޮޓަރިއެއް ބެލިއެވެ. އޭނާ ނިދި ކޮޓަރި ފިޔަވައި އިތުރު އެއްވެސް ކޮޓަރިއެއްގައި ފަރުނީޗަރެއްނެތެވެ. އެންމެފަހުން އޭނާ ބަދިގެބައިވެސް ބެލިއެވެ. އެތާނގައިވެސް ސިންކްފިޔަވައި އެއްވެސް ކަބަޑެއްވެސް ނެތެވެ. ބަދިގެޔަށް ބޭނުންވާ އެއްވެސް ސާމާނެއްވެސް ނެތެވެ.

" މިގޭގަ ކޮންތަނެއްތަ ނިމިފަހުރީ؟…ގެ ނުވެސް ނިމެނީސް ގެނެސް، ދެން އުޅޭނީ މިގޭގައޭ ބުނެފިއެއްނު…." ޒީޝާން ރުޅިއައިސްގެން އައިސް ސޯފާއަށް ވެއްޓިގަތެވެ. ޒައިކް ގޭގައި ނެތްކަން ޔަޤީންވުމުން، ޒައިކް އަންނާނެ އިރަކަށް އޭނާ އިންތިޒާރުކުރަން ފެށިއެވެ. ވަގުތުތައް ފާއިތުވަމުން ދިޔަ ވަރަކަށް ޒީޝާންއަށް ބަނޑުހައިކަން އިހުސާސް ކުރެވެމުން ދިޔައެވެ. ގަޑިއެއްވެސް ނެތުމުން ގަޑިންވީއިރެއްވެސް އެނގެނީއެއްނޫނެވެ. އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ކުޑަދޮރުން ބޭރުބަލާލިއެވެ.

" މިހާރު މެންދުރުވަނީ…އަދިވެސް އަންނާކަށް ނޫޅޭ…" އިރު ހިނގާފައިހުރިވަރު އަންދާޒާ ކޮށްލަމުން ޒީޝާން ބުނެލިއެވެ.
އޭނާ އަނެއްކާވެސް ގޮސް ސޯފާގައި އޮށޯތެވެ. ކާނޭ އެއްޗެއް ގޭގައި ނެތްއިރު ބޯނޭ ފެންފޮދެއްވެސް ހުރީކީ ނޫނެވެ. މިހާރު އޭނާ ކަރުހިއްކައި ގަނެގެވެސް ހަލާކުވާ ވަރުވެއްޖެއެވެ.

" އަހަރެން ބަނޑަށް މަރާލަން އުޅޭ ފިރިހެނެއް…އަދިވެސް އަންނަން އުޅެނީކީ ނޫނޭ.." ބަނޑުގައި ފިރުމާލަމުން ޒީޝާންއަށް ބުނެވުނެވެ. މިހާރު އޭނާއަށް ކެތްވަނީއެއް ނޫނެވެ. އޭނާ ސޯފާއިން ދެތުވެގެން ގޮސް ދޮރުހުޅުވާފައި ދެތިންފަހަރަކު ގޯތިތެރެއަށްވެސް ނުކުމެއްޖެއެވެ. ބޭރުތެރޭންވެސް އިންސާނެއްގެ ހިލަމެއްވެސް ވަނީއެއްނޫނެވެ. އޭނާ އެއްފަހަރު މަގުމަތި ބަލާލުމަށްޓައި ދޮރާށި ކައިރިއަށް ދިޔައެވެ. ނަމަވެސް ދޮށާރިހުރީ ތަޅުލާފައެވެ. އެހެންކަމުން ބޭރަށް ނުކުމެވޭ ގޮތެއްނުވިއެވެ. ދޮރާށި ހުޅުވާފައިހުރިނަމަ އޭނާ ކޮންމެވެސް ހާލެއްގައި އަމިއްލަ ގެޔަށްވެސް ދެވޭތޯ ބެލުނީހެވެ. އޭނާގެ އަތުގައި ފޯނެއްވެސް އޮތީއެއް ނޫނެވެ. މީހަކަށް ގުޅައިގެން އެހީތެރިކަން ހޯދޭނީވެސް އެހެންނަމަތާއެވެ. އޭނާ މިގައިދުވީ ކޮންފަދަ ތަނެއްގައި ހެއްޔެވެ؟
މިހާރު އޭނާއަށް ބަނޑުހައިވެގެންނާއި ކަރުހިއްކައި ގަނެގެންވެސް ކެތްވަނީއެއްނޫނެވެ. ޒީޝާން ކެތްތެރިކަމެއްނެތި ވަގުތުތައް ގުނަމުންދިޔައެވެ. ޒައިކްގެ ޚަބަރެއްނުވެއެވެ. މިހާރު އޭނާގެ ހަކަތަ ހުސްވެއްޖެއެވެ. ލޮޑުވެގެން އޭނާއަށް އެންމެފަހުން އޭނާއަށް ނިދުނީއެވެ.

ޒީޝާންއަށް ލޯހުޅުވާލެވުނީ ޒައިކް ދޮރުހުޅުވާލި އަޑަށެވެ. ހަށިގަނޑުގައި ވަރުނެތުމާއެކުވެސް އޭނާ ތެދުވެ ސޯފާގައި އިށީނެވެ. ދެއަތުން ކޮތަޅުތަކެއް ހިފައިގެން އެތެރެއަށް ވަދެގެން އައި ޒައިކްއަށް ޒީޝާން ފެނިފައި ހުއްޓެވުނެވެ. ޒައިކް ބަލާލިގޮތުން ޒީޝާން އޭނާ އަމިއްލަ ހާލަތާއިމެދު ވިސްނާލެވުނެވެ. އޭނާއިނީ ހޭލެވުނުގޮތަށް މޫނުނުދޮވެ، ދަތްވެސް ނޫގުޅައެވެ. އަދި އެވަގުތު އޭނާއަށް އިނދެވުނީ ބުރުގާވެސް ނާޅާކަން އެނގުމުން އޭނާ އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ބަނޑުހައިކަމާއި ލޮޑުކަންވެސް އެވަގުތު އޭނާއަށް އިހުސާސް ނުވާފަދައެވެ. ޒީޝާންއަށް ވީގޮތުން ޒައިކްގެ ގާތަށް ހިނިއައެވެ.

އޭނާ ކޮޓަރިއަށްވަދެ، އެދިޔަގޮތަށް ރީތިވާމޭޒުގެ ލޯގަނޑުކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރައަށް ބަލާލިއެވެ.

" އައްޗީޑި! ހުރިވައްތަރެއް…" ތެޔޮވެފައިވާ މޫނާއި ހޭވިފައިވާ އިސްތަށިގަނޑު ފެނިފައި ޒީޝާންއަށް މޫނުގައި ދެއަތްއަޅާލެވުނެވެ. އޭނާ އެސިފައިގައި ހުއްޓައި ޒައިކްއަށް ފެނުމުން އޭނާ ލަދުގަތެވެ. އޭނާ އަވަސް އަވަހަށް ފޮށިތެރޭގައި ހުރި އޭނާގެ ސާމާނުތައް ހާވަންފެށިއެވެ.

" ދަތް އުނގުޅާ ބުރުސްގަނޑެއް ހައި ހިސާބުވެސް ނުގެނޭތަ؟…" ދެފޮށި ހޯދިއިރުވެސް ބުރުހެއް، އަދި ފެންވަރާ ސާމާނެއްވެސް އޭނާއަކަށް ނުފެނުނެވެ.

އެންމެފަހުން ހުސްފެންފޮދަކުން ނަމަވެސް މޫނުދޮވުމުގެ ނިޔަތުގައި އޭނާ ފާޚާނާއަށްވަނެވެ. އޭރު ފާޚާނާ ތެރޭގައި ބުރުސްޖަހާ އެއްޗެއްގައި ބުރުހާއި ބޭވެސް ހުއްޓެވެ. އަދި ކުޑަކެބިނެޓެއްގައި އެހެނިހެން ސާމާނުވެސް ހުއްޓެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒީޝާން، ދަތްއުނގުޅާ ބުރުސްނަގައި ބޭސްޖަހައިގެން ދަތްއުނގުޅަން ފެށިއެވެ. ކިތަންމެ ބަނޑުހައިވެފައިހުރި ނަމަވެސް އޭނާ ބޭނުންވީ ފުރަތަމަ ފެންވަރައި ތާޒާވެލުމަށެވެ. އެހެންކަމުން އޭނާ ފެންވަރައިގެން ނުކުމެ އިސްތިރިނުކޮށް ލެވޭނެފަދަ ހެދުމެއް ހޯދަންފެށިއެވެ.

" ޒީޝާން…ކާން ނުކުމޭ!…" ޒައިކް އަޑުއިވިގެން ސިހިފައި އޭނާ އަވަސް ހެދުން ހިފައިގެން ގޮސް ފާޚާނާއަށް ވަނެވެ.

" އަހަރެންގެ މޮޔަކަން….މިތާހުއްޓަސް އޭނަ ވަންނަން ބޭނުމިއްޔާ ވަދެވޭނެ…" ވިސްނާލަމުން އޭނާގެ އަމިއްލަ ނަފްސަށް އަޑުލިއެވެ. އޭނާ ހެދުންލައި ބުރުގާ އަޅައިގެން ނުކުތްއިރު، ޒައިކް ސޯފާގައި އިނެވެ. މިހާރު ޒައިކްއިނީ ސޯޓަކާއި ޓީޝާޓެއް ލައިގެންނެވެ.

" މިހުރީ ޒީޝާންއަށްހުރި ކާއެއްޗެހި…ލަސްނުކޮށް އާދޭކާން…." ޒީޝާން ފެނުމާއެކީ ކޮތަޅެއް ދިއްކޮލަމުން ވަރަށް އާދައިގެ ގޮތަކަށް ބުނެލިއެވެ.

" ލަސްނުކުރާށޭ!…ލަސްވިކަމެއްނޭގޭތަ؟…މިމިއޮއް މަރުވަނީ ވިއްޔަ…" ދަތްކުނޑިވިކާލަމުން ޒީޝާން ހިތާހިތުން ޒައިކްއަށް އެތިވަރު ގޮވައިވަމުން ގޮސް ޒައިކްދިން ކޮތަޅުގައި ހިފިއެވެ. އަދި އޭގައިވާ ޕާރސަލްގެ މަތިނެތިއެވެ. އޭގައިވަނީ ފްރައިޑް ރައިސްއެކެވެ. ބަނޑުހައިވެފައި ހުރިވަރުން އޭނާ އަވަސް އަވަހަށް ކާންފެށިއެވެ.

މާބޮޑަށް އަރުތެރެހިކިފައި ހުއްޓައި ކާންފެށުމުން ކަރުގައި އަޅައިގަންނަގޮތް ވެއްޖެއެވެ.

" ބަދިގެބައިގަ ހުންނާނެ ފެންވެސް..އެކަމު ތަށިގެންނާކަށް ހަނދާނެއްނުވި….އެހެންވީމަ ފުޅީގަ ތުންޖަހައިގެން ބޯލާ…" ޒީޝާން ދެކޮޅު ހޯދަން ފެށުމުން ޒައިކް ބުނެލިއެވެ. ޒީޝާން ތެދުވެގެން ބަދިގެއަށް ގޮސް ފެންކޭހުން ފެންފުޅިއެއް ނަގައިގެން ބޯންފެށިއެވެ. ދެތިން ކޯވަރު ބޮވުމާއެކީގައި ކޮށިއަރައިފިއެވެ. އަނގައިގައިހުރި ފެންތަންވެސް މުޅިތަނަށް ބުރައިގެން ދިޔައެވެ.
" އަހަރެން ހީކުރީ ފުޅީގަ ތުންޖަހައިގެން ފެންބޮއެ ބޮއެ ހުންނާނީ އާދަވެފައި ކަމަށް…." ޒީޝާން ކެއްސާއަޑަށް ޒައިކް އައިސް ބުނެލިއެވެ. އޭރުވެސް ޒީޝާންގެ ނޭވާ ހަމައަކަށް ނޭޅެއެވެ. ޒައިކް އައިސް ޒީޝާންގެ ބުރަކަށީގައި މަޑުމަޑުން ތަޅާލުމުން ކުޑަކޮށް ނޭވާ ހަމައަކަށް އެޅުނެވެ. އޭރު އޭނާގެ ލޮލުންހުރީ ފެންވެސް އައިސްފައެވެ. މިއީ މުޅިންވެސް މިޒައިކްގެ ސަބަބުންވާ ކަންތަކޭ ހިތަށްއެރުމުން އޭނާއަށް ރުޅިއާދެވުނީ ޒައިކް ދެކެއެވެ.

" މިހާރު އޯކޭތަ؟…" ޒީޝާންގެ މޫނަށް ބަލާލަމުން ޒައިކް މަޑުމަޑުން އެހިއެވެ.

" ހޫމް…" ޒައިކްގެ ގާތްކަން ފެނިފައި ޒީޝާންގެ ރުޅިވެސް ފިލާގޮސް ލަދުގަންނަގޮތްވިއެވެ. އަދި ޒައިކް އެހާގާތުގައި ހުރުމުން ޖެހިލުންވެސް ވިއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް އެތަނުން ނުކުމެގެން ގޮސް އަނެއްކާވެސް ކާންފެށިއެވެ.

ކައިނިމޭންދެންވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކަށެވެ. ބަނޑުހައިވެފައި އިންލެއް ބޮޑުކަމުން ޒީޝާންއަށް މާގިނަ ކަންކަމާމެދު ނުވެސް ވިސްނެއެވެ. ފޯނުމަތިން އޭނާ ހަނދާންވީވެސް ޒައިކްގެ ފޯނުރިންގްވުމުންނެވެ. ޒައިކް ފޯނު ކަންފަތުގައި ޖަހައިގެން ބޭރަށް ނުކުތުމުން ޒީޝާން އަވަސް އަވަހަށްކޮށްލައިގެން ކައި ނިންމާލީ، ޒައިކް އަނެއްކާވެސް އޭނާ އެކަނި ބަހައްޓާފައި ގޮސްފާނެތީއެވެ. ޒީޝާން ބޭރަށް ނުކުތްއިރު ޒައިކް ޖަބްރޯލް ގަހުގެ ފަތްތަކާއިކުޅެމުން ފޯނުން ވާހަކަދައްކަމުން ދިޔައެވެ. އޭނާއާ ސިއްރުން ޒައިކް ފޯނުން ވާހަކަ ދައްކަނީ ކާކާބާއޭ ހިތަށްއެރިއެވެ.

" ކިހިނެއްވީ؟…ކައިނިމުނީތަ؟…" ފޯނު ނިންމާލާފައި ޒައިކް ބަލާލިއިރު ޒީޝާން ބަލަން ހުރުމުން ޒައިކް އެހިއެވެ.

" އަހަރެންގެ ފޯނުދުށިންތަ؟…" ޒީޝާން އަވަސް އަވަހަށް އަހާލިއެވެ.

" ކިހިނެއްވީ؟…ފޯނު ގެއްލުނީތަ؟…" ސީރިއަސްކަން މޫނަށް ވެރިކުރަމުން ޒައިކް އަހާލިއެވެ.

" އާނ…ނުފެނުން….ޒައިކް ނެގިންތަ؟…" ޖެހިލުންވެހުރެ ޒީޝާން އެހިއެވެ.

" އަހަރެންގެ މިހާ ސަޅިފޯނެއް އޮއްވާ ކީއްކުރަން ޒީޝާންގެ ފޯނުނަގަންވީ؟…." ޒައިކް އޭނާގެ އައިފޯން އެކްސް މެކްސް ދައްކާލަމުން ހީލާފައި ބުންޏެވެ.

" އެކަމުވެސް އަހަރެންގެ ފޯނެއް ނުފެނުން….އަހަރެން ރޭގަ ނިދަމުން ފޯނުބޭއްވީ އެނދުމަތީގަ، އެކަމު ހޭލައިގެން ހޯދާ ހޯދާ ނުފެނުން…" ޒީޝާން އޮޅުންފިލުވައި ދިނެވެ.

" އެހެންތަ؟..ފޯނު ގެއްލުނީމަތަ ތިހާ ހާސްވެފަ ތިހުރީ؟…..އެކަމު ތިމާއަށް ލިބިގެންވާ އެންމެ އަގުބޮޑުއެތި ގެއްލުނުއިރު އެކަން އިހުސާސެއް ނުވޭދޯ؟…" ސީރިއަސް ރާގެއްގައި ޒައިކް ކޮށްލި ސުވާލުގެ މާނަ ދޭހަނުވެފައި ޒީޝާންއަށް ބަލަންހުރެވުނެވެ. އޭނާގެ ފޯނަށްވުރެ އަގުބޮޑު އެއްޗެއް އޭނާ ނުގެންގުޅެއެވެ. ލެޕްޓޮޕްވެސް އެއަށްވުރެ އަގުހެވެ. ވީއިރު ޒައިކް އެބުނީ ކޮންއެއްޗެއްގެ ވާހަކަ ހެއްޔެވެ؟

" ހާސްނުވޭ…އަހަރެން ބަލާނަން ވީހާވެސް އަވަހަކަށް ފޯނެއް ހޯދަދެވޭތޯ…" ޒައިކް އެތެރެއަށް ވަންނަމުން ބުނެލިއެވެ.

ޒީޝާން ވިސްނުމެއްގައި ހުރެގެން ކޮޓަރިއަށް އައިސް އަނެއްކާވެސް ފޯނުފެނޭތޯ މަސައްކަތްކުރިއެވެ. އޭނާ އެނދުގެ ގޮދަޑި ހިއްލައިގެންވެސް ބެލިއެވެ. ނަމަވެސް ފޯނެއް ނުފެނުނެވެ. ކުއްލިއަކަށް އޭނާ ދުވެފައި ކޮޓަރިން ނުކުތެވެ.

" އަހަރެންގެ ފޯނަށް ގުޅާބަލަ ޕްލީޒް…" ޒައިކް ފެނުމާއެކީ ޒީޝާން އެދުނެވެ.

" އަން…އަމިއްލައަށް ގުޅާ…" ޒައިކް އޭނާގެ ފޯނު ޒީޝާންގެ އަތަށްދެމުން ބުނެލިއެވެ.

ޒީޝާން އޭނާގެ ނަމްބަރަށް ޑައަލްކޮށްލުމާއެކު ސްކްރީންއަށް "ވައިފް" އަރާފައި އިންތަން ފެނުމުން އިރުކޮޅަކު ބަލަންހުރުމަށްފަހު، މަޑުމަޑުން ފޯނު ކަންފަތު ޖައްސާލިއެވެ.

" ފޯނު ނިވާލާފައޭ ބުނަނީ…" ދެތިންފަހަރު ޑައަލްކޮށްލުމުންވެސް ފޯނު ނިވާފައި ކަމަކަށް ބުނުމުން ކަންބޮޑުވެފައި ޒީޝާންއަށް ބުނެވުނެވެ.

" ތިވާނީ ހަމަ ގެއްލުނީކަމަށް….އައިފޯނަކީ ވަރަށް ގެއްލޭ އެއްޗެއްކޭ….އެހެންވީމަ ސަމާލުކަން ދޭންވީވަރަށް ނުދެވުނީމަ އެހެންވެސް ވާނެދޯ…" ޒައިކް ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

" އެކަމު ރޭގަވެސް އޮތޭ….ޒައިކް ހަމަ ނުނަގަންތަ؟…" ޝައްކުގެ ނަޒަރަކުން ޒައިކްއަށް ބަލާލަމުން ޒީޝާން އެހިއެވެ.

" އަހަރެން ޒީޝާންގެ ފޯނު ނަގާފާނެހެން ޒީޝާންއަށް ހީވޭތަ؟…ޒީޝާންގެ ފޯނަށްވުރެ އަގުބޮޑު އަދި މޮޅުފޯނެއް އޮއްވާ އަހަރެން ޒީޝާންގެ ފޯނު ނަގަންޖެހޭ ސަބަބެއްވެސް އޮންނާނެހެން ޒީޝާންއަށް ހީވޭތަ؟…" ޒީޝާންއާ ހަތަރުކަޅި ހަމަކޮށްލަމުން ޒައިކް ސުވާލުކޮށްލިއެވެ.

" އަހަރެންނަށް ޖެއްސުންކުރަންވެސް ނެގިދާނެއެއްނު…." ޒީޝާން ހިތާހިތާ ކިޔާލިއެވެ.

" އަޅެ ބުނެބަލަ! ޒީޝާންއަށް ހީވޭތަ އަހަރެން ނަގާނެހެން؟…" ކުރިއަށްވުރެ ބޮޑަށް ޒީޝާންއާ ގާތްވެލަމުން ޒައިކް އެހިއެވެ. ޒައިކްގެ އެ އަމަލުން ޒީޝާން ޖެހިލުންވީ ވަރުން އަވަސް އަވަހަށް ނޫނެކޭ ބުނެފައި ޒައިކް ފޯނު ދީފައި އެނބުރި ކޮޓަރިއަށް އައެވެ.

" ޒައިކް ނުނަގާނަމަ ދެން އޮންނަން ވާނެއްނު!….ނުނަގަމޭވެސް ބުނާކަށް ނުކެރުނެއްނު…އެހެންވީމަ ހަމަ އޭނަ އެ ނަގާނީ….މިދެން ކިހާބޮޑު ކަމެއްތަ އަޅެ…" ރުޅިގަދަވެގެން ބާލީސްތައް އެތަންމިތަނަށް އުކާލާފައި ޒީޝާން އެނދުމައްޗަށް ވެއްޓިގަތެވެ. އެހެން އޮއްވައި އޭނާ ސިހުނީ ކުއްލިއަކަށް ޒައިކް ދޮރު ހުޅުވާލުމުންނެވެ. އޭނާ ތެދުވެ އެނދުގައި އިށީނުމާއެކު ޒައިކް އައިގޮތަށް އައިސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ.

" އޭސީ ޖައްސާލަދީބަލަ! ވަރަށް ހޫނުވެއްޖެ…" އެއޮތްގޮތަށް އޮވެފައި ޒައިކް ބުނެލިއެވެ. ޒައިކްގެ މި އާދަޔާ ޚިލާފު މިޒާޖުގެ ސަބަބުން ހައިރާންވެފައި ޒީޝާންއަށް އިނދެވުނެވެ.

" ކިހިނެއްވެފަތަ ތިއިނީ އޭސީ އޮންކުރާށޭ ބުނީމަ؟…މީހަކު އަޖާއިބުވެދާނެ ހަމަ…" ޒީޝާން ހަރަކާތެއްވެސް ނުކޮށް އިންނަން ފެށުމުން ޒައިކް ތެދުވެ އޭސީ އޮންކޮށްލިއެވެ. އަދި އޭނާ ލައިގެންހުރި ޓީޝާޓް ބޭލުމަށްފަހު އަލަމާރިން ކޮނޑެއްނަގައި އަޅުވާލިއެވެ. ޒައިކްގެ އަންނައުނުތައް އަލަމާރީގައި އަޅުވާފައި ހުރިކަން ޒީޝާންއަށް އެނގުނީވެސް އަދިކިރިޔާއެވެ.

" އަހަރެން ނިދާލަން ވެއްޖެ….ޒީޝާންވެސް ބޭނުމިއްޔާ ޖައްސާލާ…." ޒީޝާންއާއި ދާދިގާތުގައި އޮށޯއްނަމުން ޒައިކް ބުނެލިއެވެ.

ޒައިކްގެ ހަށިގަނޑުގެ ހޫނުކަން އިހުސާސްކުރެވުމުން ޒީޝާން އަވަސް އަވަހަށް ތެދުވިއެވެ. ޒައިކް އަޅާވެސް ނުލައި އެއޮތްގޮތަށް އޮތެވެ. ޒީޝާން ކޮޓަރިތެރޭގައި މަޑުކުރަންވެސް ބޭނުން ނުވެގެން އަވަހަށް ބޭރަށް ނުކުތެވެ.

" ހަމަޖެހިލައިގެން ކޮޓަރީގަވެސް އޮތަކަ ނުދޭނެ…..ކިހިނެއްވެގެން އުޅޭ ފިރިހެނެއްތަ އެއީ….ރުޅިއައިސްގެން ހަލާކުވާ ވަރުވޭ…." ޒީޝާން ގޮސް ސޯފާއަށް ވެއްޓިގަނެ ދެލޯމަރާލިއެވެ.

ސޯފާގައި އޮވެގެން ޒީޝާން ވިސްނަމުން ދިޔައެވެ. އެކަނިވެރި މާހައުލަކަށް އޭނާ ގެނައުމަށްފަހު ޒައިކް މަޑުމަޑުން އެމަސައްކަތްކުރަނީ އޭނާއާއި ގާތްވުމަށެވެ. ޒައިކް އެއުޅެނީ މަކަރުން އޭނާގެ ފަރާތުން އުފަލެއް ހޯދުމަށްކަން ޔަޤީނެވެ. އެހެންނޫންނަމަ ހަމަ ކުއްލިއަކަށް އޭނާ މިކަހަލަ ތާކަށް ގެންނަންވީ ކީއްކުރަން ހެއްޔެވެ؟ ހަމަ އެންމެ ކޮޓަރިއެއްގައި ނިދޭގޮތަށް ހަދަންވީ ކީއްކުރަން ހެއްޔެވެ؟ އޭނާއަށް ބޭރަށް ނުނުކުމެވޭގޮތަށް ދޮރާށި ތަޅުލާފައި ދާންވީ ކީއްކުރަން ހެއްޔެވެ؟ ނުވިތާކަށް އޭނާގެ ފޯނު ފޮރުވަންވީވެސް ކޮން ބޭނުމަކު ހެއްޔެވެ؟ ޒައިކް އެއުޅެނީ ފިސާރު ބޮޑު " މިޝަން" އެއްގައެވެ. މިހާރު އޭނާއަށް ވިސްނިއްޖެއެވެ. ނަމަވެސް އޭނާ ޒައިކްގެ އެ " މިޝަން" ކާމިޔާބު ކުރިޔަކަ ނުދޭނެއެވެ. ޒައިކްއާ ޖަދަލުކޮށް ހަނގުރާމަކޮށްގެން ވިޔަސް އޭނާ ޒައިކްގެ މަޅިން ސަލާމަތްވާނެއެވެ.

" ޒައިކް….ކަލޭ ހީކުރާފާ ފަސޭހައިން އެއްކަމެއްވެސް ނުވާނެ…އަހަރެން ނޫޅޭނަން މިތާކު….އަހަރެން ގައިދުކޮށްގެން ނުގެންގުޅެވޭނެ…" ޒީޝާން ހިތާހިތުން ބުނެލިއެވެ.

ޒީޝާން ސޯފާގައި އޮވެ އޮވެ ފޫހިވެގެން ތެދުވިއެވެ. ހަދާނެ ގޮތަކާއިމެދު ވިސްނަމުން ގޮސް ގޯތިތެރެއަށް ނުކުތެވެ. މެންދުރު ފަސްވެގެން ގަސްތަކުގެ ހިޔަނިތައް ދިގުވާންފެށިއެވެ. އޭނާ ގޯތިތެރޭގައި ދެކޮޅަށް ހިނގަންފެށިއެވެ. އެދޮރާށިން ބޭރު ވެވިއްޖެނަމަ ކޮންމެވެސް ގޮތަކުން ގެޔަށްވެސް ދެވިދާނެއެވެ. އޭރުން މަންމަގާތު ރޮއެއާދޭސްކޮށްގެން ޒައިކްގެ ކިބައިން ސަލާމަތްވެވިދާނެއެވެ. ޒައިކް އޭނާ ގައިދުކޮށްގެން ކާންނުދީ ބެހެއްޓި ވާހަކައާއި އޭނާގެ ފޯނު އަތުލި ވާހަކަ ބުނެ ޝަކުވާކުރެވިދާނެއެވެ. މަންމަމެންވެސް އޭނާގެ ބަސް ގަބޫލުކުރާނެއެވެ. ޒައިކްއަށް އޭނާ ދޫކޮށްލަން މަޖުބޫރު ވާނެއެވެ. ޒީޝާން އެކިގޮތްގޮތަށް ވިސްނިއެވެ. އެންމެފަހުން އޭނާގެ ވިސްނުމަށް އައީ ތަޅުދަނޑި ވަގަން ނެގުމަށެވެ. އެހެންކަމުން އޭނާ އަވަހަށް ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ވަރަށް މަޑުމަޑުން ދޮރުހުޅުވާލުމަށްފަހު ސިއްރު ސިއްރުން ކޮޓަރިތެރެއަށް ވަނެވެ. ޒައިކް ހަމަހިމޭންކަމާއެކު ނިދާފައި އޮތެވެ. އޭނާ ވަށައިގެން ހޯދާލިއިރު، ޒައިކްގެ ފޯނާއި ތަޅުދަނޑިފަތި އެނދުގެ ހެޑްބޯޑުގައި ތަކެއި ބަހައްޓަން ހަދާފައިވާ ގޮޅިއެއްގައި އޮތެވެ. ޒައިކްއޮތީ އެނދުގެ ސީދާ މެދަށްވާގޮތަށެވެ. ތަކެތިހުރީ ޒައިކް ބޮލާދިމާލުގައެވެ.

" އަދި ފަސޭހައިން ނެގޭގޮތަކަށްވެސް ނޫނޭ އޮތީކީ…." އެތަކެތި ފަސޭހައިން ނުނެގޭނެކަން އެނގޭތީ ޒީޝާންއަށް މާޔޫސްވެފައި ބުނެވުނެވެ. އެހެންނަމަވެސް އޭނާ ދެއަތްއުރާލައިގެން ހުންނާކަށް ބޭނުމެއްނުވިއެވެ. އޭނާ މަޑުމަޑުން އެނދުގައި އިށީނެވެ. އަދި ހެޑުބޯޑާދިމާއަށް ގުދުވެ ތަޅުދަނޑިފަތީގައި އަތްޖެހޭތޯ އުޅުނެވެ. އެއްފަހަރުން އެކަން ކާމިޔާބު ވާގޮތެއްނުވިއެވެ. އޭނާ ދެވަނަފަހަރަށްވެސް މަސައްކަތްކުރިއެވެ. ތަންކޮޅެއްބޮޑަށް ގުދުވެއްޖެނަމަ ޒައިކްގެ ގައިގާ ޖެހިދާނެތީ ބޮޑަށް ގުދުވާކަށްވެސް ނުކެރުނެވެ.

" މިވަގުތު ވީކަމެއްވާނީ….އޭނަ ހޭލައިފިއްޔާ ނުވާނެ…" ޒީޝާން ހިތާހިތާ ބުނެލިއެވެ.

ޒީޝާން ވީހާވެސް ބޮޑަށް ގުދުވެ ތަޅުދަނޑިފަތި ނެތިއެވެ. އެވަގުތު އޭނާގެ ބުރުގާގެ ކަންގަނޑު ޒައިކްގެ މޫނުގައި ކޭއްތުމުން ޒައިކްއަށް ލޯހުޅުވާލެވުނެވެ. ތަޅުދަނޑިފަތި ހިފައިގެން ޒީޝާންއަށް ތެދުވެވުމުގެ ކުރިން ޒައިކް ޒީޝާންގެ އަތުގައި ހިފިއެވެ. އެވަގުތު ލިބުނު ސިހުމުން ވަގުތުން ތަޅުދަނޑިފަތިވެސް އަތުން ދޫވިއެވެ.

" ކީއްތިކުރަނީ މާ ސިއްރު ސިއްރުން…" ޒީޝާންގެ އަތުން ދޫނުކޮށްއިވެ، ޒީޝާންގެ މޫނަށް ބަލާލަމުން ނިދިއަޑަކުން ޒައިކް އަހާލިއެވެ. އެވަގުތު ޒީޝާންއަށް ހިންދިރުވާލެވުނެވެ. ޒައިކް ބަލަންއޮތްގޮތުން މުޅިގައިން ހީބިހިވެސް ނަގައިފިއެވެ. ޒައިކް ލާނެއްގޮތަކަށް ހީލަމުން ޒީޝާންގެ އުނަގަނޑުގައި އަތްއަޅުވާފައި އޭނާގެ ގާތަށް ދަމާލިއެވެ. އެއާއެކު ޒީޝާންއޮތީ ޒައިކްގެ ގައިމަތީގައެވެ.

" އަހަރެންނާއެކު ތިހާނިދާހިތްވާއިރު، ކީއްވެ ދުރުދުރުން ތިއުޅެނީ؟…" ޒީޝާންގެ ދެލޮލަށް ބަލަންއޮވެ ޒައިކް އަހާލިގޮތުން ޒީޝާންގެ މެޔަށް ފިނިވެގެން ދިޔައެވެ. ޒައިކްގެ އަތްދަށުގައި ހައްޔަރުވުމުން، ބިރުންގޮސް މުޅިހަށިގަނޑުގައި ތުރުތުރެއް އުފެދިއްޖެއެވެ. ޒައިކް މަޑުމަޑުން ޒީޝާންގެ މޫނާއި މޫނު ކައިރިކޮށްލުމުން ޒީޝާންއަށް ދެލޯމަރާލެވުނެވެ. އޭނާ ގަދަހަދާލާފައި ޒައިކްގެ އަތްދަށުން ދެމިގަންނަން މަސައްކަތްކުރިއެވެ. ނަމަވެސް ޒައިކް ހިފަހައްޓާފައިހުރިލެއް ބާރުކަމުން، އޭނާގެ ހަށިގަނޑު ތަންފުކަކަށްވެސް ހިއްލައެއްނުލެވުނެވެ.

" ވަރަށް ބާރުގަދަކަމަށް ހީކޮށްގެންތަ ތިއުޅެނީ؟…" ޒީޝާން ގަދަހަދަން ފެށުމުން މަލާމާތުގެ ގޮތަކަށް ހީލަމުން ޒައިކް ބުނެލިއެވެ.

" އަހަރެން ދޫކޮށްލާ! ޕްލީޒް….އަހަރެން ބޭނުމީ ގެޔަށްދާން…" ޒައިކްގެ އެއަމަލުން ރުޅިއައި ނަމަވެސް އަމިއްލަ ބާރެއްނެތްކަން ވިސްނިފައި ޒީޝާންއަށް ރޮވޭގޮތްވިއެވެ.

" އަހަރެން ބުނީމެއްނު މިއޭ މިހާރު އަހަރެމެންގެ ގެޔަކީ…." ޒީޝާންގެ މޫނުގައި ފިރުމާލަމުން ޒައިކް ބުނެލިއެވެ.

" އަހަރެން ބޭނުމެއްނޫން މިގޭގަ އުޅޭކަށް…." ލޮލުން ކަރުނަ ފުހެލަމުން ޒީޝާން ބުންޏެވެ.

" ކީއްވެ؟…މިގޭގަ އުޅެން ބޭނުންނުވަނީތަ ނޫނީ އަހަރެންނާއެކު އުޅެން ބޭނުން ނުވަނީތަ؟…" ހަރުކަށިކަން އަޑަށް ގެންނަމުން ކުއްލިއަކަށް ޒައިކް އެހިއެވެ. ޒީޝާން އެއްވެސް އެއްޗެއް ނުބުނެ ޒައިކްގެ އަތްދަށުން ސަލާމަތްވުމަށް ޒީޝާން މަސައްކަތްކުރަމުން ދިޔައެވެ.

" ކީއްވެތަ އުޅެން ބޭނުން ނުވަނީ؟….ސަބަބަކީ ކޮބާތަ؟….ބުނެބަލަ!.." ސަބަބު އެނގިހުރެވެސް ޒައިކް އެހިއެވެ.

" އަހަރެން ބޭނުމެއްނޫން މިގޭގަ އުޅޭކަން….ބޭނުމެއްނޫން ޒައިކްއާއެކީ އުޅޭކަށްވެސް….އަހަރެން ދޫކޮށްލާ!" ރޮމުން ރޮމުން ޒީޝާން ޖަވާބުދިނެވެ. ޒީޝާންގެ ޖަވާބު އިވިފައި ކުއްލިއަކަށް ޒައިކް ޒީޝާންގެ އަތުން ދޫކޮށްލިއެވެ. ޒީޝާން އަވަސް އަވަހަށް ޒައިކްގެ ގައިމަތިން ފުންމާލައިގެން ދުވެފައި ކޮޓަރިން ނުކުތެވެ. އަދި އެދިޔަ ގޮތަށް ގޮސް ސޯފާއަށް ވެއްޓިގަނެފައި އަޑުން އަޑުނަގާ ރޯންފެށިއެވެ. ޒައިކްގެ ގައިދުގައި ހުރެގެން ޒައިކްގެ ޕަޕެޓަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ހަމަ މިވަގުތު އެގެއިން ދާށެވެ.

ޒީޝާން ރޮއެ ރޮއެ ވަރުބަލިވީފަހުން ޒައިކް ކޮޓަރިން ނުކުތެވެ. އަދި އައިސް ސޯފާގެ އެއްކޮޅުގައި އިށީނެވެ. ޒައިކް އައިކަން އެނގުމުން ޒީޝާން ތެދުވިއެވެ.

" ޕްލީޒް..އަހަރެން ގެޔަށް ފޮނުވާ…އަހަރެން ބޭނުމީ މަންމަ ކައިރިއަށްދާން…." ކުޑަކުއްޖަކު ފަދައިން ގިސްލަ ގިސްލާފައި ޒީޝާން އާދޭސްކުރިއެވެ.

" ހޫމް…އެންމެ ރަނގަޅު….ޝަރުތެއްގެމަތިން އަހަރެން ގެޔަށް ފޮނުވާނަން…." އެހިސާބަށް ބުނެފައި ޒައިކް ހުއްޓާލިއެވެ.
" ކޮން ޝަރުތެއް؟…" ލޯފުހެލަމުން ޒީޝާން އެހިއެވެ.

" ޒީޝާން ބޭނުންވަނީ މަންމަ ގާތަށް ދާކަށްނު….އަހަރެން މިބުނާ ޝަރުތު ފުރިހަމަ ކުރަނިކޮށް މުޅިއުމުރަށްވެސް ޒީޝާން މަންމަގާތަށް ފޮނުވަ ދީފާނަން…." ޒައިކް ބުނެލިއެވެ.

" ކޮބާތަ ޝަރުތަކީ؟…" ކެތްތެރިކަމެއް ނެތްގޮތެއްގައި ޒީޝާން އެހިއެވެ.
ނުނިމޭ