Last Updated: April 25, 09:40
Thursday, April 25, 2024
ރިޕޯޓް

ކޯލިޝަނުން ވަކިވާން ޖެހޭވަރު "ޑިޒިޝަނެއް" ރައީސް ނުނަގާނެ: އިމްރާން

އަދާލަތު ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހޭ ފަދަ ނިންމުމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން ހިފަހައްޓާނެ ހަމަތަކާއި އުސޫލުތަކަކީ އިސްލާމްދީނާއި ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުން ކަމަށެވެ. އަދި އެ އުސޫލުތަކުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރިއަށް ވަޑައިގަންނަވާހާ ހިނދަކު ސަރުކާރުގައި އަދާލަތު ޕާޓީ އޮންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ސަރުކާރަށް އެއް އަހަރުވެގެން ދިޔައިރު ހިޔާލު ތަފާތުވާ ފަހަރުތައް އައިސްފައިވާކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް ކޯލިޝަންތެރޭ ނުތަނަވަސްކަން އުފެދޭ ފަދަ ނިންނުމެއް މިހާތަނަށް ރައީސް ނިންމަވާފައި ނުވާ ކަމަށެވެ.

އިމްރާން މިފަދައިން ވިދާޅުވި ނަމަވެސް އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓަކާއި ގުޅިގެން އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން މިހާރުވެސް ކަމާ ގުޅުންހުރި މުއައްސަސާތަކަށް އަންނަނީ ފާޑު ކިޔަމުންނެވެ. މިކަން މިހެން އޮތްނަމަވެސް ރައީސް ސޯލިހު ވެވަޑައިގެންފައި މިވަނީ އަހަރު ދުވަހަށްވެސް ކޯލިޝަން ސަރުކާރެއް ހިފަހައްޓާލެއްވި ފުރަތަމަ ރައީސަށެވެ.