Last Updated: May 11, 06:48
Saturday, May 11, 2024
ކުޅިވަރު

ރަން ސްވިމް އިވެންޓު މާދަމާ ހެނދުނު ފަށަނީ

މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން(އެމްއެލްއޭ) އިން އިންތިޒާމް ކޮށްގެން ބާއްވާ ރަންސްވިމް އިވެންޓު މާދަމާ ހެނދުނު ފެށުމަށް ހަމަޖެހިއްޖެއެވެ.

ރަން ސްވިމްއަކީ ހިތަދޫ ފަތާ ޓްރެކުން ފެށިގެން ލިންކު ރޯޑުގައި ވަކި މިންވަރަކަށް ދުވުމަށް ފަހު އެނބުރި ފަތާ ޓްރެކާ ހަމައަށް އައިސް، މޫދުގައި ވަކި މިންވަރަކަށް ފެތުމަށް ފަހު ނިންމާލާ ރޭހެކެވެ.

މާދަމާ ހެނދުނު 7:30 ގައި އޮންނާނީ 6 އަހަރުން ދަށާއި، 8 އަހަރުން ދަށާއި 10 އަހަރުން ދަށުގެ ކުދިންގެ އިވެންޓެވެ. އަދި 12، 14 އަދި 16 އަހަރުން ދަށުގެ ކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ހާއްސަ މާސްޓާ ލެވެލްގެ އިވެންޓު ފަށާނީ މާދަމާ މެންދުރު 14:30 ގައެވެ.

އިވެންޓުތައް ކުރިއަށްދާ ގޮތަށް ބަލާއިރު 6 އަހަރުން ދަށާއި، 8 އަހަރުން ދަށާއި 10 އަހަރުން ދަށުގެ ކުދިންނަށް ޕާޓްނަރެއް ގެނެވޭނެއެވެ. މީގައި، އެއް ކުއްޖަކު 1 ކިލޯ މީޓަރު ދުވުމަށް ފަހު ދެވަނަ ކުއްޖާ 500 މީޓަރަށް ފަތާނީއެވެ. ނަމަވެސް ފަތާ ކުއްޖާއަށް ފެތޭނީ ދުވާ ކުއްޖާ ރޭސް ނިންމާލުމުންނެވެ.

އަދި 12، 14 އަދި 16 އަހަރުން ދަށުގެ ކުދިންނަށް ޕާޓްނަރަކު ބައިވެރިނުކުރެވޭނެއެވެ. މިއުމުރުފުރާގައި ދުވަން ޖެހެނީ 3 ކިލޯމީޓަރުގެ ދުވުމެކެވެ. އެއަށްފަހު 1.5 ކިލޯ މީޓަރަށް ފެތުމުން ރޭސް ނިމުނީއެވެ. ނުވަތަ 2 ކިލޯމީޓަރުގެ ދުވުން ނިންމާލުމަށް ފަހު 4 ކިލޯމީޓަރަށް ފެތުމުން ވެސް ރޭސް ނިމޭނެއެވެ.

ބޮޑެތި މީހުންނަށް ހާއްސަ މާސްޓާ ލެވެލް އެކެއްގައި 5 ކިލޯމީޓަރުގެ ދުވުމަކަށް ފަހު 1 ކިލޯ މީޓަރަށް ފަތަން ޖެހެއެވެ. މާސްޓާ ލެވެލް ދޭއްގައި ތިން ކިލޯމީޓަރު ދުވުމަށް ފަހު ތިން ކިލޯމީޓަރު ފަތަން ވެސް ޖެހެއެވެ. މާސްޓާ ލެވެލްގައި ވެސް ޕާޓްނަރަކާ އެކު ދުވުމުގެ ފުރުސަތު އޮންނާނެއެވެ. މިލެވެލްގައި ވެސް ފެތުންތެރިޔާއަށް ފެތޭނީ ދުވުންތެރިޔާ ރޭސް ނިންމާލުމުންނެވެ.

މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަރަށް ފޯރިގަދަކަމާއެކު ބާއްވާ ހަރަކާތަކަށްވާއިރު މިއީ އައްޑޫގައި މިފަދަ ހަރަކާތެއް ބޭއްވޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.