Last Updated: April 19, 17:23
Friday, April 19, 2024
ރިޕޯޓް

ސަރުކާރަށް އެއް އަހަރު: އެންމެ ބޮޑު އިންވެސްޓުމަންޓު، އިންސާނީ ވަސީލަތް ތަރައްޤީކުރުން!

ހުރަވީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން : ފޮޓޯ / ރައީސް އޮފީސް

ކޮންމެ ސަރުކާރެއްގައި ވެސް ރަނގަޅު ކަންކަމާއި ގޯސް ކަންކަންވެސް ހުންނާނެއެވެ. ފާޑު ކިޔާއިރު ހުސް ގޯސް ވާހަކަ ދެއްކުމަކީ އެއީ "ފެކްޓު ބޭސް" ވާހަކަ ދެއްކުން ކަމަކަށް ނުވާނެ ކަމަށް އިލްމީ މާހިރުން ވިދާޅުވެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަތި މައްޗަށް އަރާ އެއްވެސް އިމާރާތެއް ނުފެނެއެވެ. ރައީސް ސޯލިހުގެ ސަރުކާރުން ކަނޑުން މަތިން ހިއްލާލާ ބްރިޖެއްގެ މަސައްކަތެއް އަދިއެއް ނުފެނެއެވެ. ކުރު ގޮތަކަށް ދަންނަވާ ނަމަ އުމްރާނީ މަސައްކަތް އުޅެނީ ވަރަށްވެސް މަޑު ދުވެއްޔެއްގައެވެ. އެހެންނަމަވެސް އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި މި ސަރުކާރުގެ ދުވެލި އުޅެނީ ފިނިހަކަ ދުވެލީގައޭ ބުނުމުގެ ކުރިން ވިސްނާލުން ރަނގަޅެވެ. އެފަދަ މީހެއް ރަނގަޅަށް ނޫސްތަކުގެ ގަނޑުތަކާއި އެހެނިހެން ފޮތްތަކުގެ ގަނޑުތައް އުކާލާ ރަނގަޅަށް ހިސާބު ޖަހާށެވެ.

މިދަންނަވާ އިންސާނީ ވަސީލަތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއް އަހަރު ފުރިގެންދިޔައިރު ތައުލީމީ ދާއިރާއަށް ގެނައި ކުރިއެރުންތަކެވެ. މި ސަރުކާރުން އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށްޓަކައި ބޭންދި ފުރަތަމަ ގަލަކީ ރައީސް ސޯލިހުގެ ވައުދާއި އެއްގޮތަށް "ހިލޭ ޑިގްރީއަށް ކިޔެވުމުގެ" ފުރުސަތެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 14ވަނަ ދުވަހު ސަރުކާރުން މި ވައުދު ފުއްދީ ކުރިއަށް އޮތް މުސްތަގުބަލަށް އެޅި މުހިއްމު ފިޔަވަޅެއްގެ ގޮތުގައެވެ.

"އަޅުގަނޑުމެން އަބަދުވެސް ބުނަމުން އަންނަ ވާހަކައެއް. ތަރައްގީއަކީ ހަމައެކަނި އުމްރާނީގޮތުން އެ މުޖުތަމައެއް ކުރިއަރައި ދިޔުމެއް ނޫނޭ. ތަރައްގީއަކީ އިންސާނާގެ ވިސްނުމާ ގުޅިފައިވާ އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެކޭ،" ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމަށްޓަކައި ބޭއްވި ހަފްލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

މިކަމުގެ ރަނގަޅު ކަމާއި ވަމުންދާ ފައިދާ ފަހަރުގައި ރައީސް ސޯލިހުގެ ސަރުކާރުގެ ތެރޭގައި ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ޔަގީންވާ އެއް ކަމަކީ މީގެ ހެޔޮ ނަތީޖާ ދިރިތިބީންނަށް ފެންނާނެ ދުވަހެއް އަންނާނެ ކަމެވެ. ގައުމުގެ ހުންގާނުގައި މިއަދު ކިޔަވާ ދަރިވަރުން ހިފާ ދުވަހަކީ މިއަދު ސަރުކާރުން އަޅައިދިން ބިންގަލުގެ ވަރުގަދަކަން ފެންނާނެ ދުވަހެކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހިލޭ ޑިގްރީއަށް މިއަހަރުގެ މިހާތަނަށް 24 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު 5000 ކުދިންނަށް ވަނީ އެ ފުރުސަތު ފަހި ކޮށްދީފައެވެ.

ހިނގަމުން މިދާ 2019ވަނަ އަހަރާއި އަންނަ އަހަރުގެ ބަޖެޓަށް އެކަނި ބަލާލި ނަމަވެސް ތައުލީމީ ދާއިރާއިން މީހުން ބިނާ ކުރުމަށްޓަކައި ސަރުކާރުގެ އަމާޒު ހުރި މިންވަރު އެނގިގެންދާނެއެވެ. މިއަހަރުގެ ބަޖެޓުގައި 3.4 ބިލިއަން ރުފިޔާ ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާއިރު މިއީ ރާއްޖޭގެ ތާރީހުގައިވެސް ތައުލީމަށް މިހާ ބޮޑު މިންވަރެއް ހާއްސަ ކުރި ފަހަރެވެ. އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ސްކޮލާޝިޕުތަކަށް އެކަނިވެސް 750 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މުޅި ތައުލީމީ ނިޒާމަށް 4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މީގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 3794 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ފާހަގަވެގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ފަދަ ވައުދެއް ރައީސް ސޯލިހު ރައްޔިތުން ގާތުގައި ވެވަޑައިގަތުމުންނެވެ. އެއީ ކޮންމެ ދަރިވަރަކަށް ހިލޭ ނާސްތާ ދެއްވާނެ ކަމަށް ވިދާޅުވުމުންނެވެ. ރައީސް ނަޝީދު އޭރު ވިދާޅުވީ ކޮންމެ ދަރިވަރަކަށް ދޮންކެޔޮ ވަކަކާއި ކިރުތަށްޓެއް ދެއްވާނެ ކަމެވެ. އެކަމަށް ގިނަބަޔަކު ފާޑުކިޔެއެވެ. ހާއްސަކޮށް އިދިކޮޅު ފަރާތްތަކުން އެކަން މި ސަރުކާރުން ކުރާނީ ކިހިނެއްތޯ ސުވާލު އުފެދިއެވެ. ނަމަވެސް ދިރާސާ އައު އަހަރުގެ ކިޔެވުން ފެށި އަހަރުގެ މެދު ތެރޭގައި އެ ވައުދު ސަރުކާރުން ފުއްދިއެވެ. ޖޫން މަހުގެ 10ވަނަ ދުވަހު ފެށި އެ ޕްރޮގްރާމަށް އެކަނިވެސް 184 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ.

އއ. ތޮއްޑޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، ހެނދުނުގެ ނާސްތާ ނުނަގައިި ކްލާހަށް އަންނަ ކުއްޖާއަށް އެންމެ އެކަށީގެންވާ ވަރަށް ފިލާވަޅަށް ސަމާލުކަން ނުދެވޭނެ ކަަމަށެވެ. އަދި މަޑު މަޑުން ކުއްޖާގެ ފެންވަރު ދަށްވާ ކަމަށް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ، ހެނދުނުގެ ނާސްތާގެ ހެޔޮ ނަތީޖާ 10 ނުވަތަ 15 ވަރަކަށް އަހަރު ފަހުން ފެންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވާ ގޮތުގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމާއެކު ސްކޫލްތަކުގެ ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމާއެކު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

"އެ ޕްރޮގްރާމްގެ ނަތިޖާ ދައްކާ ގޮތުން ދަރިވަރުން ފިލާވަޅަށް ދޭ ސަމާލުކަން ވަނީ އިތުރުވެފަ. ސްކޫލަށް ގަޑިޖެހިގެން އަންނަ ކުދިން ވަނީ މަދުވެފަ. އެސެމްބްލީގައި އަނބުރާ ގަނެގެން ވެއްޓޭ ކުދިން ވަނީ ދަށްވެފަ. އަދި ބަނޑުގައާއި ބޮލުގައި ރިއްސައިގެން ހެލްތު ރޫމަށް ދާ ކުދިން ވެސް ވަނީ މަދުވެފަ." މިނިސްޓަރު ވިދާޅުވިއެވެ.

ކޮންމެއަކަސް ނާސްތާ ޕްރޮގްރާމާއި އެކުގައި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދަށް ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް މިވަނީ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ގައުމެއް ތަރައްގީވެ ކުރިއަރައިގެން ދާނީ އެގައުމެއްގައި އިންސާނީ ވަސީލަތް ކުރިއަރުވައިގެންނެވެ. އަބަދުވެސް އަޑު އިވޭ ވާހަކައަކީ ބިދޭސީން ވަޒީފާތަކުގައި އުޅޭ ކަމުގެ ޝަކުވާގެ ވާހަކަތަކެވެ. އެކަމަށް ދާއިމީ ހައްލެއް ހަމަގައިމުވެސް ނާންނާއެވެ. އެއީ ބިދޭސީ މަސައްކަތްތެރިންނަކީ ވެސް ކޮންމެވެސް ދާއިރާތަކެއްގައި އުޅެންޖެހޭ ބަޔަކަށް ވާތީއެވެ. ނަމަވެސް ޖުމްލަ ހައްލެއް އެކަމަށް އަންނާނީވެސް އިންސާނީ ވަސީލަތް ތަރައްގީ ކޮށްގެންނެވެ. މިއީ މި ސަރުކާރުގެ ފުރަތަމަ އަހަރު ފާހަގަކުރާއިރު ހަަގައިމުވެސް ކާމިޔާބު ހައްގު ދާއިރާއެކެވެ.