Last Updated: March 28, 13:49
Thursday, March 28, 2024
ދުނިޔެ

ލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި

އަވަށްޓެރި ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

ލަންކާ ގަޑިން މިއަދު ހެނދުނު 7 ޖެހިއިރު ވޯޓުލުން ފެށިއިރު، ވޯޓުލުން މިއަދު ހަވީރު 5 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 15,992,092 މީހުންނަށް ލިބިފައިވެއެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި 35 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެތެރޭގައި އެގައުމުގެ މިހާރުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަ ނުހިމެނެއެވެ.

އޭގެ ބަދަލުގައި މި އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑުވެފައިވަނީ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސަ އާއި ލަންކާގެ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްކޮށް ހުންނަވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސަގެ ދެމެދުގައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން މި އިންތިހާބަކީ ރާޖަޕަކްސަ އާއިލާގެ ސިޔާސީ ކުރިމަގު ބައްޓަން ވެގެންދާނެ ގޮތް އެނގިގެންދާނެ އިންތިހާބެކެވެ.

މިއީ ލަންކާގައި ބާއްވާ އަށްވަނަ ރިޔާސީ އިންތިހާބެވެ. އެންމެފަހުން އެގައުމުގެ ރިޔާސީ އިންތިހާބު ބޭއްވީ 2015 ވަނަ އަހަރުއެވެ.