Last Updated: March 29, 16:45
Friday, March 29, 2024
ރިޕޯޓް

ކޯލިޝަން ވެރިކަމަށް ނަމޫނާ ދެއްކެވި ރައީސް!

ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެ ފުރަތަމަވެސް ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު ކޯލިޝަންގެ ތެރެއިންނެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތެއް ރައީސް މުހައްމަދު ނަޝީދާއި އެކުގައި އެއް އޮޑިއަކަށް އެރީ ގައުމުގެ މިސްރާބު ހުދުމުހުތާރު ވެރިކަމަކުން ސަލާމަތް ކުރުމުގެ ނިޔަތުގައެވެ. ރައްޔިތުންގެ ސަރުކާރެއް އެއްބަޔަކު ބުނަމުން ދިޔައިރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި ކޯލިޝަންގެ ލީޑަރުން ވިދާޅުވަމުން ދިޔައީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަކީ ވަތަން އެދޭ ގޮތަށް އިޖާބަ ދީފައިވާ ވެރިކަމެއް ކަމަށެވެ.

ކޮންމެއަކަސް ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެ ހުވާ ކުރެއްވިތާ 23 ދުވަސް ނުވަނީ ކޯލިޝަންގެ އެއް ޕާޓްނަރު އަދި އޭރުގެ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސަރުކާރަށް ފާޑު ވިދާޅުވެ ސަރުކާރުން އިސްތިއުފާ ދެއްވިއެވެ. ޑިމޮކްރަސީއަށް ކުރި ދަތުރުގެ އޮޑިން ގާސިމް ފުންމާލީ "މަށަށް މިވެރިކަން ދިފާއު ނުކުރެވޭނޭ" ބުނާ ފަދަ ބީދައިންނެވެ. ރައީސް ނަޝީދުގެ ސަރުކާރަށް އަހަރެއްވެގެން ދިޔައިރު އެމަނިކުފާނާއި އެކުގައި ކޯލިޝަން ހެއްދެވި ހުރިހާ ޕާޓީއެއް އޮޑިން ފުއްމާލާ އަމިއްލަ އޮޑިއަށް އަރާ ނަޝީދުގެ އޮޑިއާ ދިމާލަށް އެއީ ފީވެފައިވާ އޮޑިއެއް ކަމަށްބުނެ ފާޑު ކިޔަން ފެށިއެވެ. ކަން ވީވެސް އެ ޕާޓީތަކުގެ ލީޑަރުން ބުނަމުން ދިޔަ ގޮތަށެވެ. ފީވެފައިވާ އޮޑިއެއް ކަނޑަށް ނިކުމެ ދުއްވާނީ ކިހިނެއް ހެއްޔެވެ. ކިތަންމެ ވަރަކަށް ދުއްވަން މަސައްކަތް ކުރިއަސް އޮޑީގެ ވަށްތަކުން އަޑު އަޑު ކިޔާ އޮޑީގައި އިތުރު ރެނދުތައްލާ އިސާހިތަކު އޮޑި ދެބައިވެ ހަލާކުވެދާނެއެވެ. ރައީސް ނަޝީދުގެ ސަރުކާރަށް ތިން އަހަރު ނުވަނީ ވެރިކަން ހަތިމް ވެއްޖެއެވެ. ވެރިކަން ބަދަލު ކުރުމުގެ އަޑީގައި ތިބީ އެމަނިކުފާނާއި އެކުގައި "ވަތަށް އެދޭ ގޮތަށް" ކޯލިޝަން ހެއްދެވި ފަރާތްތަކެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމި ޖެހިގެން އައީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އަނެއްކާވެސް ނުފިލާނެ ވަރުގެ ބޮޑު ލައްގަނޑެއް ޖެހުނު ދެ އަހަރެވެ. ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމެވެ. ސިޔާސީ އެތައް ހަމަނުޖެހުންތަކަކާއި އެކުވެސް އެމަނިކުފާނު ކެތްތެރިކަމާއި އެކުގައި ރިޔާސީ އިންތިހާބަކާއި ހަމައަށް ވެރިކަން ގެންގޮސް ދެއްވިއެވެ. އަދި 2013ވަނަ އަހަރު ބަދަލު ހިފުމުގެ ރޫހާއި އެކު އެމްޑީޕީގެ ލަޝްކަރު ނިކުތެވެ. އަނެއް ކޮޅުން ގާސިމް އިބްރާހީމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދި އޭރު ވެރިކަމުގައި ހުންނެވި ރައީސް ވަހީދުވެސް ވެރިކަމަށް ކުރިމަތިލެއްވިއެވެ. ނަމަވެސް އެފަހަރުވެސް ގާސިމަށް ޖެހިވަޑައިގަތީ ކުރިންވެސް ޖެހިވަޑައިގެންނެވި ހާލެވެ. އެމަނިކުފާނު 2013ވަނަ އަހަރުވެސް ޖެހިވަޑައިގަތީ ދެން ހުންނެވި ބޭފުޅާއަށް ވެރިކަން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި ބޭފުޅަކަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރަން ޖެހުނީ ރައީސް ޔާމީނާއި އެމްޑީޕީގެ ވަރުގަދަ ލަޝްކަރާއެވެ. ރައީސް ޔާމީނު ނިކުންނެވީ ޖޭޕީގެ ރަތް ލަޝްކަރާއި އަދާލަތު ޕާޓީއާ އެކުގައި ވަރަށް ފުރިހަމަ ވަރުގަދަ ކޯލިޝަނެއްގެ ތެރެއިންނެވެ. އަރިހުގައި މަޝްހޫރު ވިޔަފާރިވެރިޔާ ސަންޓްރެވަލް ސިޔާމްގެ އެމްޑީއޭ ވެސް ރައީސް ޔާމީނުގެ ކޯލިޝަން ވަރާގައި އެލިފައި އޮތެވެ. 2008ގެ ހަނދާންތަކާއި މަންޒަރުތައް 2013ގައި އައުކޮށް ވެރިކަމުގެ ތަހުތުގައި ރައީސް ޔާމީން އިށީނދެވަޑައިގަތީ ކޯލިޝަން ވެރިކަމެއް ކުރެއްވުމަށް އަތުކުރި އޮޅާލައިގެންނެވެ.

ނަމަވެސް ކޯލިޝަން އޮތީ 2014ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ހަމައަށެވެ. ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ ބަހުސްގައި ގާސިމް އަނެއްކާވެސް އޮޑިން ފުއްމާލެއްވިއެވެ. ދުވަސްކޮޅެއް ފަހުން އަދާލަތު ޕާޓީވެސް ފުއްމާލާ ޖުމްހޫރީ ޕާޓީއާ އެކުގައި ކަނޑަށް ނިކުތެވެ. ކައިރީގައި ތިބެމެ ގޮވަމުން ދިޔައީ އިސާހިތަކުން ރައީސް ޔާމީނުގެ އޮޑިވެސް ފީވެގެން ވެއްޓިދާނެ ކަމަށެވެ. ނަމަވެސް އެ އޮޑި ފީކޮށްލީ ރައްޔިތުން ނިކުމެ 2018ވަނަ އަހަރު ނެގި ރިޔާސީ އިންތިހާބުގެ ވޯޓުންނެވެ.

ވެރިކަމުގައި މިހާރު ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ކުރިމަވި ކަންކަމާއި ގުޅިގެން އޭރު އުފެދުނު ވަރުގަދަ ކޯލިޝަނާއި އެކުގައި ވެރިކަމުގެ ތަހުތަށް އެމަނިކުފާނު ކުރިމަތިލެއްވިއެވެ. އަދި އަބަދުވެސް ރައްޔިތުންގާތު ވިދާޅުވެއެވެ. "އަޅުގަނޑު މި މަގާމަށް [ރައީސުލްޖުމްހޫރިއްޔާ ކަމަށް] އިންތިހާބުވީ ނަމަވެސް އިންތިހާބުވި ގޮތް ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން،" މިހެނެވެ.

މިއަދު މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރު ނިމި ދެވަނަ އަހަރު ފެށުމަށް ތައްޔާރުވާ އަހަރެވެ. މީގެ އެއް އަހަރު ކުރިން ގައުމުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތް ރައްޔިތުންނާއި މުހާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ "ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު އެންމެ ހިނދުކޮޅަކަށް ވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް މިކަން އަބަދު ވެސް އަޅުގަނޑު ހަނދާނުގައި ބަހައްޓާނަން،" ކަމަށެވެ.

އެއް އަހަރު ފުރިއްޖެއެވެ. އެތައް ބިޔަ ރާޅުތަކެއް ނަގައިފިއެވެ. ދެންމެ ދެންމެ ކޯލިޝަން ނިމުމަކަށް އައިސްދާނެ ހެން ހީވާ ކަހަލަ ބޮޑެތި ރާޅުތައް ނަގައިފިއެވެ. ހާއްސަކޮށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ތެރޭގައެވެ. އެހެންނަމަވެސް ރައީސް އަބަދުވެސް ވިދާޅުވި ފަދައިން އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ގޮތް ހަނދުމަ އެބަހުއްޓެވެ. ބިޔަ ރާޅުތަކާއި އެކުގައިވެސް ހިޔާލު ތަފާތުވުންތަކާއި އެކުގައިވެސް ރައީސް ސޯލިހު މިވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ. ހަސަދަވެރިވާނެ ބަޔަކު ހަސަދަވެރިވާން ވީއެވެ. މި ރައީސް ތާރީހުގެ ތެރެއަށް ވަދެގެން ދިޔައީ ހިޔާލު ތަފާތުވުންތަކަށް ޖާގަ ދެއްވައިގެންނެވެ. ކޯލިޝަން ސަރުކާރެއް އެއް އަހަރުވެގެން ދިޔައިރު ދެމެެއްޓެވި ފުރަތަމަ ރައީސަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގަތީ ކެތްތެރިކަމާއި އެކުގައި އެންމެންގެ ވާހަކަތައް އަޑުއަހައިގެންނެވެ.