Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

ސަރުކާރަށް އަހަރެއް: ޝަރުއީ ދާއިރާ އަދިވެސް ގޯސް!

"އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ އެންމެ މުހިންމު އެއް ވާޖިބަކީ ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި އަދުލު އިންސާފު ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް އަޅުގަނޑުމެންގެ ޕްރޮގްރާމުގެ އެންމެ ކުރީގައި އޮންނާނެ،" މީގެ އެއްއަހަރު ކުރިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ސުވާލަކީ ސަރުކާރަށް އެއް އަހަރު މިއަދު ފުރުނުއިރު އެމަނިކުފާނު އެ ވިދާޅުވާ ވައުދު ފުއްދިއްޖެތޯއެވެ. އެކަމުގައި ދިވެހި ރައްޔިތުންނަށް ފެންނަމުން ދަނީ ކޮން މަންޒަރެއްތޯއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުން ވެރިކަމަށް ގެންނެވީ ވަރަށް ފޮނި އުއްމީދާއި އެކުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިވެހި ރައްޔިތުންނާއި މެދު އަމަލު ކުރާ އިހާނެތި ގޮތުން ކަމަށް ބުނެއެވެ. ސިޔާސީ ފަރާތްތަކަށް ދެމުން ގެންދާ ނުހައްގު އަނިޔާތައް ދެކެން ރައްޔިތުން ދެކެން ބޭނުން ނުވާ ކަމަށް ބުނެއެވެ. ފަނޑިޔާރުގެއަށް ބާނަމުން ގެންދާ އަތް ބޭނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ބުނެއެވެ.

ވެރިކަމަށް ކުރިމަތިލެއްވިއިރު ބުނަމުން ރައީސް ސޯލިހު ވިދާޅުވަމުން ގެންދެވީ އޭރުގެ ސަރުކާރުން ގާނޫނުތަކަށް ގެނެސްފައިވާ ބޮޑެތި އިސްލާހުތައް އުވާލާ ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ކަމަށެވެ. ވެރިކަން ލިބިވަޑައިގަތުމުން އެ މަސައްކަތް ހަމަގައިމުވެސް ފެއްޓެވިއެވެ. ހާއްސަކޮށް ފަނޑިޔާރުގެ އިސްލާހު ކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށްޓަކައި ސަރުކާރުން އެ މަސައްކަތް ފެށީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިގެންނެވެ. ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށް ބުނެ އަޑަށް ބާރުލާފައި އެންމެ ފުރަތަމަވެސް މަސައްކަތް ފެށީ ނިދާފައި އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސ)ގެ މޫނު މައްޗަށް ފެން އެއްޗެއް އޮއްސާލީ ނިދިން ހޭލައްވާލާށެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި ބޮޑު ބަދަލާއި އެކުގައި އެ ކޮމިޝަން ނިދިން ހޭލައިފިއެވެ. ފަނޑިޔާރުގެތަކުން ހިންގާފައިވާ ޖަރީމާތައް ފަޅާ އަރުވާލާ ބައެއް ފަނޑިޔާރުން "ބަރަހަނާ" ކޮށްލީ ދެން ދުވަހަކުވެސް ދިވެހި ގައުމަށް ނާންނާނަމޭ ބުނާ ފަދަ ބީދައިންނެވެ. އޭގެތެރެއިން ބައެއް ފަނޑޔާރުން ވަކިކުރުމުން ގައުމު ދޫކޮށް ވަޑައިގެންފިއެވެ. ނަމަވެސް ހިތާމައަކީ ބައެއް ކަންކަމުގައި ބަދަލު ހިފުމުގެ ރޫހު ސަރުކާރުން ގެންގުޅެމުން އަންނަ ތަނެވެ.

ކުރީގެ ސަރުކާރުން ފަނޑިޔާރުގެއަށް އަތްބާނާ ކަމަށްބުނި މީހުން މިއަދު ފެންނަމުން ދަނީ ބޭނުންވާ ގޮތަކަސް ގާޒީއަކު ހުކުމް ނުކުރާނެ ކަމުގެ "ބިރު" ހީވިއަސް އެ ފަނޑިޔާރެއް ކަތިލާ އެއްލާލަން މަސައްކަތް ކުރާ ތަނެވެ. ޖޭއެސްސީން އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ފަނޑިޔާރުން އަންނަނީ ބުނަމުންނެވެ. ހާއްސަކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއާ ގުޅޭ ގޮތުން ކަން ކުރެއްވި ގޮތަކީ ގިނަ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މީހުން ބަލައިގަންނަ ކަމެއް ނޫނެެވެ.

"ރައީސް ޔާމީން ސަރުކާރުގައި ރަނގަޅު ވާހަކައެއް ޝަރުއީ ދާއިރާ އޮތީ ބާރުގެ ބޭނުން ކޮށްގެން ހިފަހައްޓާފައި. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުން މިއަދު ދިވެހި ރައްޔިތުންގެ އަރިހުން. މިއަދު މި ބޭފުޅުން ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނިޔަތުގައި މި ކުރާ މަސައްކަތް ހަމަ ރަނގަޅުތޯއޭ. މިއީތޯއޭ މީހުން ފަނޑިޔާރުގެ އިސްލާހު ކުރާ ގޮތަކީ. ރައީސް ޔާމީން ކުށެއް ކޮށްފިއްޔާ ޖަލަށް ލާންވީ. އެކަމަކު ޝަރީއަތަށް މިސާލަކަސް އެވަރަށް ހެކި ހުށަނޭޅިގެން ރައީސް ޔާމީން ސަލާމަތްވީ. ދެން އެކަމުގެ ބިރުގައި ހައިލަމް ކަތިލާކަށް ނުޖެހޭ. ކީއްވެތޯ ޖޭއެސްސީއަށް މާކުރިން ހުށަހެޅުނު އިސް ގާޒީ ހައިލަމްގެ މައްސަލަ ނުބަލާ މާ ފަހުން އައި މައްސަލައެއް މި ބެލީ. އަޅުގަނޑުމެން ދިވެހިން ވެސް ވެއްޖެ ދެއްތޯ ފެކްޓަށް ވާހަކަ ދައްކަން. އޭގެއިން އެބަ އިނގޭ ދެއްތޯ މިއީ ނުބައެއްކަން. އަޅުގަނޑު ބޭނުމެއް ނޫން މިގޮތަށް ފަނޑިޔާރުގެ އިސްލާހު ކުރާތަށް ބަލާކަށް،" ކުރީގެ ހައިކޯޓުގެ ފަނޑިޔާރެއް "އައްޑޫލައިވް"އަށް ވިދާޅުވިއެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި ގާޒީއަކު ވިދާޅުވީ މިއަދު ކަންކަން މިވާ ގޮތުން ހިތާމަ ކުރާ ކަމަށެވެ. ހާއްސަކޮށް މިއަދު ރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑިގެން ގޮސްފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރައސް ސޯލިހު ފަނޑިޔާރުގެ އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވުމުން ވަރަށް ގިނަ ފަރާތްތަކެއް އެމަނިކުފާނަށް ވޯޓު ދެއްވި ކަމަށެވެ.
"އެންމެން ވޯޓު ދިނީ ޔާމީން ވެރިކަމުން ބާލުވާކަށް ނޫން. ބައެއް މީހުން ވޯޓު ދިނީ ފަނޑިޔާރުގެ އިސްލާހު ކުރަން. އިތުރަށް ފަނޑިޔާރުގެއަށް އަތް ނުބޭނުމަށް. އެކަމަކު ހިތާމަކުރަން މިއަދު ކަން މިވާ ގޮތުން. މިއެއް ނޫން މީހުން ފަނޑިޔާރުގެ އިސްލާހު ކުރާނެ ގޮތަކީ. މިއަދު ކަން މިވާ ގޮތުން ދުވަހަކުވެސް މިގައުމު އިސްލާހެއް ނުވާނެ ހަމައަކަށް ނޭޅޭނެ. އަބަދުވެސް އުޅޭނީ ބަދަލު ހިފުމުގެ ރޫހާއިގެން،" ކުރީގެ ގާޒީ ވިދާޅުވިއެވެ.

މިއަދި ފެންނަމުން ދަނީ ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީއާ ދެމެދު "ބަޔާނުން ތަޅާ ބާލާ" ތަނެވެ. އިސްލާހު ކުރުމުގެ ނިޔަތުގައި ތިބި ބައެއް ނަމަ ފަނޑިޔާރުގެ އިސްލާހު ކުރާނީ އަތް ބާނައިގެން ހެއްޔެވެ. ނުވަތަ ތިމާމެން ރުޅި އަންނަ މީހަކަށް ހުކުމް ނުކޮށްފާނެ ކަމަށް ހީވުމުން އެ ފަނޑިޔާރެއްގެ މައްސަލަ ބަލާ އެއްލާލައިގެން ހެއްޔެވެ. ރައީސް ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރުނުއިރު އެންމެ ބޮޑަށް ފެއިލްވެގެން ގޮސްފައި މިވަނީ އަދުލު އިންސާފު ނުވަތަ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތެވެ.