Last Updated: April 25, 22:42
Friday, April 26, 2024
ދުނިޔެ

އިންތިހާބުގެ ކާމިޔާބީ ގޯޓާބަޔަ އިއުލާން ކުރައްވައިފި

ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ކާމިޔާބީ އެ ގައުމުގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސަ އިއުލާން ކުރައްވައިފިއެވެ.

މި އިންތިހާބުގެ ވޯޓު ގުނުން އަދިވެސް ކުރިއަށްދާއިރު ގޯޓާބަޔަ ނިސްބަތްވެ ވަޑައިގަންނަވާ އެސްއެލްޕީޕީން ނެރުނު ބަޔާނެއްގައި ވަނީ ގޯޓާބަޔަ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށާއި ސުލްހަވެރިކަމާ އެކު އުފާ ފާޅު ކުރުން ކުރިއަށް ގެންދިޔުމަށް އެދިފައެވެ.

މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ވޯޓު ގުނާ ނިމިފައިވާއިރު، ގޯޓާބަޔަ ވަނީ 48.2 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވާފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖިތު ޕްރަމަދާސާއަށް ލިބިވަޑައިގެންފައި 45.3 ޕަސެންޓު ވޯޓެވެ.

"މިއީ ވަރަށް ފުރިހަމަ މޮޅެއް. ލަންކާގެ ރައީސް ކަމަށް ގޯޓާބަޔަ ވަޑައިގަންނަވާތީ އެކަމާ އުފާކުރަން. މާދަމާ ނޫނީ އަނެއް ދުވަހު އޭނާ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ" ގޯޓާބަޔާގެ ތަރުޖަމާނު ކެހެލިޔާ ރަމްބަކްވެލާ ވިދާޅުވިއެވެ.

ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި 15.9 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު އޭގެ ތެރެއިން 80 ޕަސަންޓެއްހާ މީހުން ވޯޓުލާފައިވާ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.