Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ފުރާޅުން ޓިނު ނަގައިގެން ވެސް އުއްތަމަ ފަނޑިޔާރު ވަކިކޮށްފައިވޭ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ފުރާޅުން ޓިނު ނަގައިގެން ހައްޔަރުކުރުމަށްފަހު ވެސް އުއްތަމަ ފަނޑިޔާރު މީގެކުރިން ރާއްޖޭގައި ވަކިކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާތީ އެކަމަށް އިޝާރާތްކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ރާއްޖޭގައި މީގެކުރިން އުއްތަމަ ފަނޑިޔާރު ވަކިކޮށްފައި ހުރީ ވަރަށް ނާތަހުޒީބީ ގޮތްގޮތަށް ކަމަށާއި ރާއްޖެއަކީ ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ ލިސްޓަށްވުރެ ދިގުކޮށް ފަނޑިޔާރުންގެ ލިސްޓު އޮތް ހަލޯރަތެއް އޮތް ގައުމެއް ކަމަށެވެ.

"1000 އަހަރު މެދު ނުކެނޑި އެކި އެކި ފަނޑިޔާރުން ފަނޑިޔާރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ލިސްޓު އެބައޮތް. އޭގެ ތެރެއިން ފަނޑިޔާރުން ފަނޑިޔާރުކަމުން ވަކި ކުރައްވާފައި އެބަހުރި ރަދުން ބާލާ އޮޑީގެ ބަނޑުފިލާ ދަށުލައިގެން. އަނެއްބައި ފަނޑިޔާރު ބޭކަލުން ކަފަ ބަދެފައި އަންދާފައި އެބަހުރި. ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނު އެ މަނިކުފާނަށް ކޮށްފައިވާ އަނިޔާ ފަހުން ލިޔުވާފައި އޮތްއިރު ތެޅި އަދަދާއި ލަކުނުގެ އަދަދު ކިޔުއްވާފައި އެބަހުރި" ނަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން ރަދުން އައްޔަން ކުރައްވާފައި ހުންނެވި ފަނޑިޔާރަކު ވަކި ކުރިތަން ފެނިފައިވަނީ ދަރަވަންދޫގޭ މުހައްމަދު ޖަމީލު ދިދީ ކަމަށާއި އެއަށްފަހު އުއްތަމަ ފަނޑިޔާރުގެ ބާރު ކުޑަވެފައި އޮއްވާ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު އާ ގާނޫނު އަސާސީ އަށްފަހު އުއްތަމަ ފަނޑިޔާރަކީ ބާރުވެރި އަދި މުސްތަގިއްލު ފަރާތެއް ކަމަށް ނިންމުނު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އާ ގާނޫނު އަސާސީ އައިފަހުން އުއްތަމަ ފަނޑިޔާރު ވަކިކޮށްފައި ހުރީ ގާނޫނަށް ގެނައި ބަދަލަކުން އޮޅިގެންނާއި ނުވަތަ ފަނޑިޔާރު ގޭގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރު ހިފައި ހައްޔަރުކޮށްގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މަސައްކަތް މިކުރަނީ މި ގާނޫނު އަސާސީގައިވާ އިޖުރާތުތަކުގެ ތެރެއިން، އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ފަނޑިޔާރު މަނިކުފާނާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް" ނަޝީދު ވިދާޅުވިއެވެ،

އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހުގައި ވޯޓަށް އަހާނީ މިއަދު މެންދުރު 1:30 ގައެވެ.