Last Updated: July 5, 20:34
Saturday, July 5, 2025
ދުނިޔެ

ގޯޓާބަޔަ ލަންކާގެ ރައީސްކަމުގެ ހުވާ ކުރައްވައިފި

ސްރީލަންކާގެ އާ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ލަންކާގެ ގަދީމީ ރަށެއް ކަމަށްވާ އަނޫރާދަޕޫރާގައި ހުންނަ ބުޑިސްޓު ފައްޅިއެއްގައެވެ.

މި ރަސްމިއްޔާތުގައި ގޯޓާބަޔަގެ ބޭބޭފުޅު އަދި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި އާއިލީ ބޭފުޅުންގެ އިތުރުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ލަންކާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ގޯޓާބަޔަ ކާމިޔާބު ކުރެއްވީ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖިތު ޕްރަމަދާސާއާ ވާދަކޮށްގެންނެވެ. އެގޮތުން ސަޖިތުގެ މައްޗަށް ގޯޓާބަޔަ ކުރި ހޯއްދެވީ 13 ލައްކައަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

ރިޔާސީ އިންތިހާބުގައި 15.9 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު އޭގެ ތެރެއިން 80 ޕަސަންޓެއްހާ މީހުން ވޯޓުލާފައިވާ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އުމުރުފުޅުން 70 އަހަރު ގޯޓާބަޔަ އަކީ ލަންކާގެ ހަތްވަނަ ރައީސެވެ.