Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މުޅި އޮޑީގައި އޮތީ ރައީސް ނަޝީދުގެ ދެ ފައި: ޖަމީލު

އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ފާޑު ވިދާޅުވެއްޖެއެވެ.

މި ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހުގައި މިއަދު ނެގި މި ވޯޓުގައި ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް 69 މެންބަރުންގެ ވޯޓު ދެއްވިއެވެ.

މަޖިލީހުގެ ނިންމުމަށް ފާޑު ވިދާޅުވެ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ފަނޑިޔާރުން ވަކިކުރީ ފަނޑިޔާރުގޭގެ ފާރުވެސް ތަޅާލާފައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ފެންނަ ކޮންމެ ކަމަކީ ސުލޫކީ މައްސަލައެއް ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

"މުޅި އޮޑީގައި ރައީސް ނަޝީދުގެ ދެ ފައި. ތިޔަ ކަންތައްތައް އަލުން ބެލޭނެ ދުވަހެއް އިރާދަކުރެއްވިއްޔާ އަންނާނެ" ޖަމީލު ވިދާޅުވިއެވެ.

މި ދެ ފަނޑިޔާރުން ސަސްޕެންޑުކޮށް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ.

ޖޭއެސްސީން ބުނީ މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ، އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އެ ދެ ބޭފުޅުން ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ފެންނާތީ ކަމަށެވެ.

އަދި އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ކަންކަމަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކަމަށް ވާތީ މި ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމަށް ނިންމުމުން އެ ކޯޓުގެ ހިންގުން މިހާރު ހަވާލު ކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ އަރީފްއާއެވެ.